އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 މޭ 2026
މުދާ ރައްކައުތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ މަގުސަދެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ފޮތުންނާއި އެކަލާނގެ ރަސޫލާ ﷺގެ ސުންނަތުގައި މި ކަމާ ބެހޭ ވަރަށް ގިނަ ބަސްފުޅުތައް އައިސްފައި ވެއެވެ. މި ނައްޞުތަކުން، މުދާ ރައްކައުތެރިކުރުމަކީ ވާޖިބު ކަމެއްކަން އެނގެއެވެ. އަދި މުދާ އިސްރާފުކުރުމާއި ހަލާކުކުރުމާއި ނައްތައިލުމާއި ބޭނުން ނެތް ގޮތްގޮތަށް ހޭދަކުރުން ނަހީކުރައްވައިފައިވެއެވެ. ވީމާ ކާތަކެތި ހަލާކުކުރުމަކީ އެ ކަމަށް އެއްވެސް ބަހަނާއެއް ލިބިގެންވާ ކަމެއްނޫނެވެ. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ވެސް އަދި އެއްވެސް ޢުޒުރަކަށް ޓަކައި ވެސް މި ކަން ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އެ ފަދަ ތަކެތި ބޭރުކުރުމުގެ މަގު ބަންދުވެއްޖެ ނަމަ އެ ތަކެތި ގައުމުގެ ބާޒާރުގައި ރަމުޒީ އަގަކަށް ވިޔަސް ވިއްކިދާނެއެވެ. އެ ތަކެއްޗަށް ބޭނުންޖެހިފައިވާ މީހުންނަށް ޞަދަޤާތް ކުރެވިދާނެއެވެ. އީމާންކަމުގެ އެންމެ ދަށު ދަރަޖައަށް ބަލާ ނަމަ އެ ތަކެތި ދޫނިސޫފާސޫފި ކެއުމަށް ނުވަތަ ޖަނަވާރުން ކެއުމަށް ދޫކޮށްލެވިދާނެއެވެ. އެހެން ވީމާ ކާތަކެތި ނައްތައިލުމަކީ އެ ކަމަށް ޢުޒުރެއް އޮތް ކަމެއްނޫނެވެ.
މާތް ﷲ އެކަލޭގެފާނަށް ރަޙުމަތްލެއްވި އަބޫ ޙާމިދުލްޣަޒާލީ ވިދާޅުވިއެވެ. "ޚަލްޤުތަކުންގެ މައްޗަށް ބާވައިލެއްވި ޝަރީޢަތުގެ މަގުސަދުތައް ފަހެކެވެ. އެއީ އެބައިމީހުންގެ ދީނާއި އެބައިމީހުންގެ ނަފުސާއި އެބައިމީހުންގެ ބުއްދިއާއި އެބައިމީހުންގެ ނަސްލާއި އެބައިމީހުންގެ މުދާ ރައްކައުތެރިކުރުމެވެ. މި ފަސް އުޞޫލުގެ ތެރެއިން ކަމެއް ރައްކައުތެރިކޮށްދޭ ކޮންމެ ކަމަކީ މަޞްލަޙަތެކެވެ. މި އުޞޫލުތަކަށް ހުރަސްއަޅާ ކޮންމެ ކަމަކީ މަފުސަދަތެކެވެ. (ފަސާދައެކެވެ.) މި ފަސް އުޞޫލު ރައްކައުތެރިކުރުމަކީ ޟަރޫރަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ މަޞްލަޙަތުގެ އެންމެ މަތީ ދަރަޖައެވެ."[1]
އައްޝާޠުބީ ވިދާޅުވިއެވެ. "ޝަރީޢަތުގައި އައިސްފައިވާ ތަކުލީފުތަކުގެ ބޭނުމަކީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ މި މަގުސަދުތައް ރައްކައުތެރިކުރުމެވެ. މި މަގުސަދުތައް ބެހެނީ ތިން ބަޔަކަށެވެ. އެއީ: ޟަރޫރިއްޔާތާއި ޙާޖިއްޔާތާއި ތަޙުސީނިއްޔާތެވެ.
ފަހެ، ޟަރޫރިއްޔަތަކީ: ދީނާއި ދުނިޔޭގެ މަޞްލަޙަތުތައް ޤާއިމުކުރުމަށް ޓަކައި ލާޒިމު ކަންތައްތަކެވެ. ޟަރޫރިއްޔަތެއް ނެތިގެން ހިނގައްޖެ ނަމަ، ދުނިޔަވީ މަޞްލަޙަތުތައް ހަމަމަގަކަށް ނާރާނެތެވެ. ޙަޔާތް ފާސިދުވެ ގަޑުބަޑުވެދާނެއެވެ. ޟަރޫރިއްޔާތުތައް ފަހެކެވެ. އެއީ ދީނާއި ނަފުސާއި ނަސްލާއި ބުއްދިއާއި މުދާ ރައްކައުތެރިކުރުމެވެ. އެބޭކަލުން ވިދާޅުވެފައިވާ ގޮތުގައި މިއީ ހުރިހާ މިއްލަތްތަކެއްގައި ވެސް ރިޢާޔަތުކުރެވިފައިވާ ކަންތައްތަކެކެވެ." [2]
މުދާ ރައްކައުތެރިކުރުން
ފަލަސްޠީނުގެ އަލްޤުދުސް ޔުނިވަރިސިޓީގެ ފިޤްހާއި އުޞުލުލްފިޤްހުގެ އުސްތާޒެއްކަމުގައިވާ ހުސާމު އައްފާނާ ވިދާޅުވާ ގޮތުގައި މުދާ ރައްކައުތެރިކުރުމަކީ ވާޖިބު ކަމެއްކަން ﷲ ތަޢާލާގެ ފޮތާއި އެކަލާނގެ މުޞްޠަފާ ކައު ރަސޫލާ ﷺގެ ސުންނަތުން ބަޔާންކޮށްދޭ އެތައް ނައްޞުތަކެއް ވެއެވެ. އޭގެ ތެރޭގައި މި އަންނަ ނައްޞުތައް ވެއެވެ.
1- ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴿٢٦﴾ إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا ﴿٢٧﴾[3] - ގާތްތިމާގެ މީހާއަށް، އޭނާގެ حق ދޭށެވެ! އަދި مسكين އަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، إسرافކުރާ މީހުންނީ، شيطانންގެ أخން ކަމުގައިވޫއެވެ. އަދި شيطانއާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافرވާކަމުގައިވިއެވެ.))
2- ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (( وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا [4]- އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسرافނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.))
3- އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ[5] - ރަނގަޅު ގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެ ކުދީން ބޮޑުވެ تصرف ފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން إنصافވެރި ގޮތުން ފުރިހަމަ ކުރާށެވެ!))
4- ﷲ Y ވަޙީކުރެއްވިއެވެ. (( يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ [6]- އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسرافނުކުރާށެވެ! ހަމަކަށަވަރުން، إسرافކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.))
5- ﷲ U ވަޙީކުރެއްވިއެވެ. ((وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا [7] - ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތް ލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނާންޖެހިދާނެއެވެ.))
6- ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَٰمًا وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا [8] - އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسرافކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވައިފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!))
ކީރިތި ރަސޫލާ ﷺގެ ސުންނަތަށް ބަލާ އިރު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((ހަމަކަށަވަރުން މާތް ﷲ ތިންކަމަކަށް ރުހިވޮޑިގަންނަވަތެވެ. އަދި ތިން ކަމަކަށް ރުހިވޮޑިނުގަންނަވަތެވެ. އެކަލާނގެ ތިޔަބައިމީހުން ދެކެ ރުހިވޮޑިގަންނަވާ ތިން ކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކުރުމާއި އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކުނުކުރުމާއި އެކަލާނގެ ދީނުގައި ތިޔަބައިމީހުން އެންމެން ހިފެހެއްޓުމާއި ތިޔަބައިމީހުންގެ ވަލީއަމުރަށް (ނުވަތަ ޙާކިމާއަށް – ތިޔަބައިމީހުން ނަސޭހަތްތެރިވުމަށެވެ. އެކަލާނގެ ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ރުހިވޮޑިނުގަންނަވާ ތިން ކަމަކީ ޔޯލަ ވާހަކަދެއްކުމާއި ސުވާލުކުރުން ގިނަކުރުމާއި މުދާ ނަގައިލުމެވެ.))[9]
މާތް ﷲ ރަޙުމަތްލެއްވި ނަވަވީގެފާނު ވިދާޅުވާ ގޮތުގައި ﷲ ތަޢާލާ ރުހިވޮޑިގަތުމާއި ރުހިވޮޑިނުގަތުމުގެ ތެރޭގައި އެކަލާނގެ އަމުރުފުޅުތަކާއި ނަހީކުރެއްވުންތައް ހިމެނެއެވެ. ﷲގެ ސަވާބާއި ޢިޤާބު ވެސް ހިމެނެއެވެ. ﷲގެ ދީނުގައި ހިފެހެއްޓުމަކީ ﷲގެ ޢަހުދަށް ވަފާތެރިވުމެވެ. އެ ކަމަށް ކަށަވެތިވުމެވެ. ﷲގެ ފޮތުގައި ހިފެހެއްޓުމާއި ﷲގެ ޙައްދުތަކަށް ރައްކައުތެރިވުމެވެ. މުދާ ނަގައިލުމުގެ މާނައަކީ ﷲ ޝަރްޢުކުރައްވައިފައިނުވާ ގޮތަށް އެ މުދާ ހޭދަކުރުމެވެ. އެ މުދާ ހަލާކަށް ހުށަހޮޅުމެވެ. އެ ކަން މަނާކުރެއްވީ އެ ކަމުގައި ފަސާދަ ހިމެނޭތީއެވެ. މާތް ﷲ ފަސާދަކުރާ މީހުން ދެކެ ލޯބިވެވޮޑިގެންނުވެތެވެ. މުދާ ނަގައިލުމުގެ ތެރޭގައި އިސްރާފުކުރުން ވެއެވެ. މުދާ ނަގައިލައިފި ނަމަ އެހެން މީހުންގެ ގާތަށް މުދާ ހޯދާން ދާން ޖެހިދާނެއެވެ."[10]
މާތް ﷲ ރަޙްމަތްލެއްވި އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި މުދާ ނަގައިލުމުގެ މާނައަކީ ދީނީ ކަމަކަށް ވިޔަސް ދުނިޔަވީ ކަމަކަށް ވިޔަސް ޝަރުޢު ހުއްދަނުކުރާ ކަމަކަށް މުދާ ހޭދަކުރުމެވެ. އެހެނީ މާތް ﷲ މުދާ ލެއްވެވީ މީސްތަކުންގެ މަޞްލަޙަތުތަކަށް ޓަކައެވެ. މުދާ ނަގައިލުމަކީ އިސްރާފުކުރުމެކެވެ. އެއީ ޙައްޤެއް ނަގައިލުމެވެ. "[11]
އެހެންކަމުން ދަނޑުވެރިކަމުގެ އުފެއްދުންތައް ނައްތައިލުމަކީ ނުވަތަ ގޮނޑަށް އުކައިލުމަކީ މުދާ ރައްކައުތެރިކުރުމަށް މާތްﷲ އަންގަވައިފައިވާ އެންގެވުމާ ޚިލާފު ކަމެކެވެ. އެއީ ޝަރީޢަތުގެ މަގުސަދުތަކާ އަރައިރުންވާ ކަމެކެވެ. ޑރ. ޙުސާމު ޢައްފާނާ ވިދާޅުވާ ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ނައްތައިލުމުގެ ބަދަލުގައި ވާޖިބުވެގެންވަނީ:-
- މި އުފެއްދުންތަކުން ފައިދާ ލިބިގަތުމެވެ.
- މި އުފެއްދުންތައް ބޭރަށް ނުވިއްކިއްޖެ ނަމަ، އެތެރޭގެ ބާޒާރަށް ވިއްކުމެވެ. ތަންކޮޅެއް ކުޑަ އަގަކަށް ވިޔަސްމެއެވެ.
- ވިއްކުމަށް ނުކުޅެދިއްޖެ ނަމަ އެ ތަކެތި ފަޤީރުންނަށާއި މިސްކީނުންނަށް ޞަދަޤާތްކުރުމެވެ. ނުވަތަ ޔަތީމުޚާނާތަކަށާއި ނުކުޅެދޭ މީހުން ބަލަހައްޓާ މަރުކަޒުތަކަށް ދަރުމައަށް ދިނުމެވެ.
- އެއިން އެއްވެސް ކަމެއް ނުކުރެވިއްޖެ ނަމަ، ޙައިވާނުންނަށާއި ދޫނިތަކަށް އެ ތަކެތި ކާން ދޫކޮށްލާނީއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ވާރިދުވެފައިވާ ގޮތުގައި ((އެއް ދުވަހަކު މީހަކު ހިނގައިފައި ދަނިކޮށް އަވިގަދަކަމުން ކަރުހިއްކައިގަނެގެން ފެންބުއިމަށް ޓަކައި ވަޅަކަށް ފޭބިއެވެ. އޭނާ ފެން ބޮއިގެން ވަޅުން އެރި އިރު ކަރުހިއްކައިގެންފައިވާ ކުއްތާއެއް ވެލިގަނޑުގައި ދޫ ކާތަމުން ދިޔަ ތަން ފެނުނެވެ. އެ ހިނދު އޭނާގެ ހިތަށް އެރިއެވެ. މީތި މި އޮތީ އަހުރެން ފަދައިން ކަރުހިއްކައިގަނެގެން ފެންފޮދަކަށް ބޭނުންވެފައެވެ. އޭނާ އޭނާގެ ޚުއްފަށް ފެން އަޅައިގެން ކުއްތާ ކައިރިއަށް ގޮސް، އޭތީގެ އަނގަ ހުޅުވައިފައި އެއަށް ފެންދިނެވެ. ފަހެ އެކަމަށް ޓަކައި މާތް ﷲ އޭނާއަށް ޝުކުރުވެރިވެ ވޮޑިގަތެވެ. އަދި އޭނާގެ ފާފަފުއްސަވައިދެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! ޖަނާވަރުގެ ކިބައިން ވެސް އަޅުގަނޑުމެންނަށް ސަވާބުދެއްވުންވޭ ތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. في كل كبدٍ رطبةٍ أجرٌ – ކޮންމެ ރޯ މޭގަނޑަކަށް ކޮށްދެވޭ ކޮންމެ ހެޔޮ ކަމަކަށް ދަރުމައެއް ވެއެވެ.))[12] ނަވަވީގެފާނު ވިދާޅުވާ ގޮތުގައި "(في كل كبد رطبة أجر)ގެ މާނައަކީ ދިރޭ ޙައިވާނުންނަށް ފެންދިނުމާއި ކާންދިނުން ފަދަ ކަންކަމުން އިޙުސާންތެރިވުމެވެ. ދިރޭ އެއްޗެއްސަށް ރޯ މޭގަނޑެކޭ ކިޔުނީ މަރުވުމުން ހަށިގަނޑާއި މޭގަނޑު ހިކިގެންދާތީއެވެ. [13]"
ލަފުޒެއްގެ މާނަ:
ކަށަވެތިވުން މ. ކަމެއް ކުރާނެކަމަށް ކަށަވަރުކަން ދިނުން ނުވަތަ ވައުދުވުން.
މަރުޖާ:
[1] - المستصفى من علم الأصول 1/417
[2] - الموافقات 2/8-10
[3] - سورة الإسراء : 26-27
[4] - سورة الفرقان : 67
[5] - سورة الأنعام : 152
[6] - سورة الأعراف : 31
[7] - سورة الإسراء :29
[8] - سورة النساء : 5
[9] - أخرجه مسلم (١٧١٥)، وأحمد (٨٧٩٩)، والبخاري في ((الأدب المفرد)) (٤٤٢) و الطبراني في ((الكبير)) (٩/ ١٥)، وأبو نعيم في ((المعرفة)) (٤/ ١٩٤٦).
[10] - شرح النووي على صحيح مسلم 4/375-377.
[11] - فتح الباري 10/501
[12] - أخرجه البخاري (٢٣٦٣)، ومسلم (٢٢٤٤)، وأبو داود (٢٥٥٠) وأحمد (١٠٦٩٩) و البيهقي في ((الآداب)) (٣٤)
[13] - شرح النووي على صحيح مسلم 5/401.