ad_banner
"ފިތުނަފަސާދަ އުފެއްދުމުގެ ފާފަ، މީހަކު މެރުމުގެ ފާފައަށް ވުރެ މާ ބޮޑެވެ."

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

27 މޭ 2026

ނޫސްވެރިކަމަކީ މުޖުތަމައެއްގެ ހޭލުންތެރިކަމާއި، ދިރުންތެރިކަމާއި، އަދި ދެމިއޮތުމާ ގުޅިފައިވާ މުހިންމު ބާރެކެވެ. މިއީ ހަމައެކަނި ޚަބަރު ފެތުރުމުގެ ވަސީލަތެއް ނޫނެވެ. އެއާ ޚިލާފަށް މިއީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ، އަދުލުއިންސާފު ގާއިމުކުރުމަށް ބާރުއަޅާ ވަސީލަތެކެވެ. މުޖުތަމަޢުގެ ހަމަޖެހުން ގާއިމުކުރުމަށް އެހީވެދޭ މަސްލަހަތުވެރިއެކެވެ. މުޖުތަމަޢު ހޭލުންތެރިކޮށް މަޢުލޫމާތާއި ޢިލްމު ފަތުރާ ސަވާރީއެކެވެ. ސުމޭކުގެ މި ޒަމާނުގައި މި މުހިންމު ޚިދުމަތުގެ މުހިންމުކަން މާ ބޮޑަށް ވަނީ އިތުރުވެފައެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މުޖުތަމަޢުގެ އެންމެ މީހަކު ޢިލްމުވެރިކޮށްދިނުމަކީ ވެސް ވަރަށް ބޮޑު ހެޔޮކަމެކެވެ. ޖާހިލުކަން ނައްތައިލުމަށް ޓަކައި، ﷲގެ ސަވާބަށް އެދިގެން ޢިލްމު އުނގަންނައިދިނުމަކީ ދެމިހުންނަނިވި ޞަދަޤާއެކެވެ. ހެޔޮވެގެންވާ ޞާލިޙު ޢަމަލެކެވެ.

ނަމަވެސް، މި މުހިންމު ޚިދުމަތް، މި ބާރުގަދަ ވަސީލަތް، މުޖުތަމައުގައި ފިތުނަފަސާދަ އުފައްދާން ބޭނުންކުރާ ބާރެއްގެ ގޮތުގައި ބޭނުންކޮށް، މުޖުތަމަޢު ފަސާދަކުރާން މަސައްކަތްކުރުމަކީ މުޅި ގައުމާއި އުންމަތް ސުންނާފަތިކޮށްލާ ފަދަ ބޮޑު ޖަރީމާއެކެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެކެވެ. އެ ވާހަކަ ފުރިހަމަ ހެތްކާ އެކު، ފަހަތުން އަދި އެބަ އާދެއެވެ.

ކޮންމެ މުޖުތަމައެއްގައިވެސް ނޫސްވެރިކަމުގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. ނޫސްވެރިކަމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:

·     ތެދު މައުލޫމާތު ފޯރުކޮށްދިނުން: ރައްޔިތުންނަށް ބޭނުންވާ ސައްހަ، އަދި ނުފޫޒުތަކުން މިންޖުވެފައިވާ ތެދު މައުލޫމާތު ތާޒާކަމާ އެކު، މުޖުތަމަޢުގެ ފަރުދުންނަށް ފޯރުކޮށްދިނުން.

·     ޒިންމާދާރުކުރުވުން: ދައުލަތުގެ މުއައްސަސާތަކާއި ބާރުތައް ޒިންމާދާރުކުރުވައި، ފަސާދައާއި ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް މުޖުތަމަޢުގެ މަޞްލަޙަތަށް އިންކަންދީގެން އަޑުއުފުލުން.

·     މުޖުތަމަޢުގެ މަޞްލަޙަތަށް ޓަކައި ފާށާކުރުން: ދައުލަތާއި މުޖުތަމަޢާއި ރައްޔިތުންގެ މެދުން ފެންނަ ނުރަނގަޅު ކަންކަން އިސްލާމީ އުޞޫލުތަކާ އެއް ގޮތްވާ ގޮތުގެ މަތީން ހާމަކޮށް އެ ކަންކަން ރަނގަޅުކުރާނެ ގޮތް އިޚުލާޞްތެރިކަމާ އެކު އޮޅުންފިލުވައިދިނުން. (މި ކަން މި މަގަށް ކުރުމުގައި ކައު އިތުރުރަސޫލާ ޢަމަލުކުރެއްވި އުޞޫލަށް ތަބާވުން ލާޒިމެވެ.)

·     ހޭލުންތެރިކަން އިތުރުކުރުން: ތިމާވެއްޓާއި ތަފާތު ޢިލްމުތަކާއި ފަންނުތަކާއި އިޖުތިމާއީ، އިޖުތިމާޢީ، ޢިލްމީ، ޞިއްޙީ، އަދި މި ނޫނަސް މުޖުތަމަޢަށް ބޭނުންވާ ހުރިހައި ދާއިރާއަކުން މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކޮށްދީ، ކަންކަން ދެނެގަތުމުގެ ގާބިލުކަން އުފެއްދުން.

މިހެންކަމުން، ނޫހެއްގެ އަސާސީ މަގުސަދަކަށް ވާންޖެހޭނީ މުޖުތަމައުގެ އިސްލާހާއި، ބިނާކުރުމާއި، ސުލްޙަމަސަލަސްކަން ދަމަހައްޓައި ހެޔޮ ކަނަކަމަށް އަމުރުކޮށް، ހައްގުބަސް ބުނެ، މުންކަރާތްތައް ނަހީކުރުމެވެ. [ފަރަގު]ން މި ކުރަނީ މި މަސައްކަތެވެ.

އާދޭހެވެ! ނޫސްވެރިޔާގެ ގަލަމުން ލިޔެލާ ކޮންމެ ލަފުޒަކީ މީހުންގެ ހިތްތަކަށް އަސަރު ފޯރުވައިދޭ އެއްޗެކެވެ. އެހެންކަމުން، ހަދަހަދައިގެން ދޮގު ޚަބަރު ފެތުރުމާއި، ތަދުބީރުކޮށްގެން ކަންކަން އޮޅުވައިލުމާއި، އަދި މީހުންގެ އަބުރަށް އަރައިގަތުމުގެ ޒަރީއާއަކަށް ނޫސްވެރިކަން ހެދުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ބުރޫއަރައި ގައުމުގެ އިސްތިޤުލާލު ނެތިގެން ހިގައިދާނޭ ކަމެކެވެ. އަދި އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް މެއެވެ.

މިއަދުގެ ސުމޭކު ވަސީލަތްތައް މެދުވެރިކޮށްގެން ލިޔެލާ ފިތުނަވެރި އެންމެ ލިޔުމަކުން ނުވަތަ އަޅާއިލާ ސުރުޚީއަކުން މުޅި ގައުމު ހަލަބޮލިކޮށްލެވިދާނެއެވެ. އާއިލާތަކުގެ މެދުގައި ދެބަސްވުން އުފައްދައި ޢާއިލާތައް ރޫޅައިލެވިދާނެއެވެ. މިތުރުންނަކީ ހަތުރުންނަށް ހަދައިލެވިދާނެއެވެ. މިއީ އަމާންކަން ނަގައިލައި، ބިރުވެރިކަމާއި ނަފުރަތު ފެތުރުމަށް ކުރެވޭ ވަރަށް ނުބައި އަމަލެކެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ފިތުނަވެރިކަމުގެ ނުބައިކަން ބަޔާންކުރައްވައި، އެ ކަން ވަނީ ބޮޑެތި ފާފަތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި ކަންކަމުގެ ތެރޭގައި ހިމަނުއްވައިފައެވެ. ފިތުނަ އުފެއްދުމުގެ ނުބައިކަން މީހަކު މެރުމަށް ވުރެ ބޮޑުވެގެންވާކަން ސާފު އިބާރާތުން ކީރިތި ޤުރުއާނުގެ ދެ ތަނެއްގައި މާތް اللهُ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަޙީކުރައްވައިފައެވެ.

ބަގަރާ ސޫރަތުގެ 191ވަނަ އާޔަތުގައި މާތް اللهُ ވަހީކުރައްވައިފައިވެއެވެ: )وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ - އަދި قتلކުރުމަށްވުރެ فتنةވެރިކަމުގެ ނުބައިކަން ބޮޑެވެ.(

އަދި ހަމަ އެ ސޫރަތުގެ 217ވަނަ އާޔަތުގައި ވެސް ވަހީކުރައްވައިފައިވެއެވެ: )وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ - އަދި قتلކުރުމަށްވުރެ فتنةވެރިކަމުގެ ނުބައިކަން މާ ބޮޑެވެ.( އޭގެ މުރާދަކީ ފިތުނަވެރިކަމުގެ ފާފަ، މީހަކު މެރުމުގެ ފާފައަށް ވުރެ އެތައް ގުނައެއް ބޮޑުވެގެންވެއެވެ.

މި ކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟ މީހަކު މެރުމުން ގެއްލުން ވަނީ އެންމެ ފުރާނައަކަށެވެ. އެ ހިތާމަ ލިބެނީ އެންމެ ޢާއިލާއަކަށެވެ. ނަމަވެސް، މުޖުތަމައެއްގައި ފިތުނަ އުފެދުމުން މުޅި ގައުމުގެ އަމާންކަން ގެއްލި، އެތައް ސަތޭކަ ފުރާނައެއް ނެތިގޮސް، ގައުމުތައް ސުންނާފަތިވެ، މުޅި އުންމަތް ބައިބައިވެ ފަނާވެގެން ހިނގައިދެއެވެ. ފިތުނައިގެ ސަބަބުން އުފެދޭ ހަލަބޮލިކަމާއި ހަމަނުޖެހުމަކީ އެތައް ބަޔެއްގެ ދީނާއި، ދުނިޔެއާއި، އަދި ފުރާނަ ވެސް ސުންނާފަތިކޮށްލާނެ ކަމެކެވެ.

އާދޭހެވެ! ނޫސްވެރިކަމަކީ އަމާނާތެކެވެ. ގަލަމުގެ ބާރު ލިބިފައިވާ ކޮންމެ މީހަކީ ވެސް މާދަމާ މާތް اللهُގެ ޙަޟުރަތުގައި އެ މީހެއްގެ ގަލަމުން ލިޔުނު ކޮންމެ އަކުރަކަށް ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. އެހެންކަމުން، މުޖުތަމައުގައި ފިތުނަވެރިކަމާއި ނަފުރަތު ފެތުރުމަށް ގަލަމާއި ކީބޯޑު ބޭނުންކުރުން ހުއްޓައިލާންޖެހެއެވެ. ނޫސްވެރިކަމުގެ ހަގީގީ މަގުސަދާ އެއް ގޮތަށް، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އިންސާފުވެރިކަމާ އެކު ގައުމު ބިނާކުރުމުގެ އަޒުމުގައި މަސައްކަތްކުރުމަކީ މިއަދު ކޮންމެ ނޫސްވެރިއެއްގެ އަދި ކޮންމެ މީޑިއާއެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެކެވެ. ގެ ވާގިފުޅާ އެކު [ފަރަގު] މީޑިއާއިން މި މަސައްކަތްކުރަނީ އިޚުލާޞްތެރިކަމާ އެކު، މި ކަމަށް ފަރަގެއް ގެނެވޭތޯއެވެ!

 

ލަފުޒެއްގެ މާނަ:

ފާށާކުރުން    މ.    ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުން. wistleblow

ކޮމެންޓު