އައްޝައިޚު އިބްރާހީމް އަޙުމަދު
30 މޭ 2026
(2026 މޭ 15ގެ ޢަދަދާ ގުޅޭ)
އަލްއިމާމު އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. އިންސާނާއަށް އޮތީ އޭނާގެމައްޗަށް ދޮގު ހަދާ މީހާއަށް ދޮގު ހެދުމެއްނޫނެވެ. އަދި ތިމާގެ ޢާއިލާގެ މީހަކާއެކު ފާޙިޝް ޢަމަލެއް ކުރި މީހަކާއެކު ފާޙިޝް ޢަމަލެއް ކުރުމެއް ނޫނެވެ. މީހަކު ލިވާޠުކުރުމަށް ނުރުހުންވީތީ އޭނާ އެ ކަމަށް ނުރުހުނީތީ އޭނާއާ ދެކޮޅު ވުމެއް ނޫނެވެ. މަސީޙީންގެ މީހަކު އަހަރެމެންގެ ނަބިއްޔާއަށް ހުތުރުބަސް ބުނެ ވިޔާނުދާކޮށް ކަންތައް ކުރުމުން މަސީޙަށް ހުތުރުބަސް ބުނެ ހެދުމެއް ނޫނެވެ. ރާފިޟީން އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ކާފިރުކުރާތީ އަހަރެމެން ޢަލީގެފާނު ކާފިރުކުރާކަށް ނުޖެހެއެވެ. ހަމަ އެފަދައިން ޙާކިމުން އަހަރެމެންނަށް އަނިޔާވެރިވެ ޙައްޤު މަނާކުރިޔަސް އަހަރެމެން އެ މީހުންނަށް ކިޔަމަންތެރިވުން ދޫކޮށްލުމެއް ނުވެއެވެ.
عَنْ عَلْقَمَةَ بْنِ وَائِلٍ الْحَضْرَمِيِّ ، عَنْ أَبِيهِ ، قَالَ : " سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا نَبِيَّ اللَّهِ ، أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا ، فَأَعْرَضَ عَنْهُ ؟ ، ثُمَّ سَأَلَهُ ، فَأَعْرَضَ عَنْهُ ؟ ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ، وَقَالَ : اسْمَعُوا وَأَطِيعُوا فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ[1] "ޢަލްޤަމާ ބުނު ވާއިލުލް ޙަޟުރަމީ އޭނާގެ ބައްޕަގެ އަރިހުން ރިވާކުރައްވާ ވިދާޅުވިއެވެ. ސަލަމާ ބުނު ޔަޒީދުލްޖުޢަފީއޭ ކިޔުނު ބޭކަލަކު ރަސޫލުﷲގެއަރިހުން ސުވާލު ކުރެއްވިއެވެ. ތިމަންމެނާ ދެކޮޅަށް ތިމަންމެންގެ ވެރީން ތެދުވެ އެމީހުންގެ ޙައްޤާމެދު ސުވާލުކޮށް އަހަރެމެންގެ ޙައްޤުތައް ހިފަހައްޓައި މަނާކޮށްފިނަމަ އަހަރެމެން ކަންތައް ކުރަންވީ ފަހެ ކިހިނަކުންތޯއެވެ؟ އެހިނދު އެކަލޭގެފާނު ސަލަމާގެ އެސުވާލަށް ޖަވާބު ދެއްވުމެއް ނެތި މޫނުފުޅު އަބުރާލެއްވިއެވެ. ދެން އެސުވާލު ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށް އެކަލޭގެފާނާ ކުރެވުނެވެ. ދެން އެހިނދު އަލްއަޝްޢަޘް ބިން ޤައިސު ރަސޫލާގެ އަރިއަހަށް ގެންނަވާފާ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބަސްއަހާ ކިޔަމަންތެރި ވާށެވެ.ފަހެ ހަމަކަށަވަރުން އެބައިމީހުން ކުރިކަންތަކުގެ މަސްއޫލިއްޔަތު އުފުލާނީ އެބައިމީހުންނެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތަކުގެ މަސްއޫލިއްޔަތު އުފުލާނީ ތިޔަބައިމީހުންނެވެ.
عَنْ أَبِي سَلَّامٍ قَالَ قَالَ حُذَيْفَةُ بْنُ الْيَمَانِ قُلْتُ يَا رَسُولَ اللَّهِ إِنَّا كُنَّا بِشَرٍّ فَجَاءَ اللَّهُ بِخَيْرٍ فَنَحْنُ فِيهِ فَهَلْ مِنْ وَرَاءِ هَذَا الْخَيْرِ شَرٌّ قَالَ نَعَمْ قُلْتُ هَلْ وَرَاءَ ذَلِكَ الشَّرِّ خَيْرٌ قَالَ نَعَمْ قُلْتُ فَهَلْ وَرَاءَ ذَلِكَ الْخَيْرِ شَرٌّ قَالَ نَعَمْ قُلْتُ كَيْفَ قَالَ يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ وَلَا يَسْتَنُّونَ بِسُنَّتِي وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ قَالَ قُلْتُ كَيْفَ أَصْنَعُ يَا رَسُولَ اللَّهِ إِنْ أَدْرَكْتُ ذَلِكَ قَالَ تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ [2] މާތްﷲ އެދެބަފައިކަލުންނަށް ރުއްސުން ލެއްވި ޙުޛައިފަތު ބުނުލްޔަމާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންމެންނަކީ ނުބައި ބަޔަކު ކަމުގައި ވީމުއެވެ. ފަހެ ﷲ ތަޢާލާ ތިމަންމެން އެގޮތެއްގެ މަތީގައި މިތިބި ހެއުގޮތްތައް މިންވަރު ކޮށް ދެއްވިއެވެ. ފަހެ މިހެއުގޮތުގެ ފަހަތުގައި ނުބައި ގޮތެއްވޭހެއްޔެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. ތިމަން ދެންނެވީމެވެ. އެނުބައިކަމުގެ ފަހަތުގައި ހެއުކަމެއް ވޭތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. ތިމަން ދެންނެވީމެވެ. ނުބައިކަމެއްގެ ފަހަތުގައި ހެއުކަމެއް އޮތް ތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިމަން ދެންނެވީމެވެ. އެއީ ކިހެނަކުން ތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށްފަހު ތިމަންކަލޭގެފާނު ދެއްކެވި ހިދާޔަތުގެ މަގަށް ނުއުޅޭ ވެރީން ވާނެއެވެ. އަދި ތިމަންކަލޭގެފާނު އުޅުއްވި ގޮތަށް ( ސުންނަތާ އެއްގޮތަށް) ނުއުޅުއްވާ ވެރީންވާނެއެވެ. އަދި އިންސީންގެ ހަށިގަޑުގައިވާ ޖިންނީންގެ ހިތްތަކެއް ލިބިފައިވާ ބަޔަކު އެބައިމީހުންގެ ތެރެއިން ވާނެއެވެ. ދެން ތިމަން ދެންނެވީމެވެ. އެފަދަ ވެރިޔަކާ ބައްދަލުވެއްޖެނަމަ ތިމަން ކަންތައް ކުރަންވީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ވެރިޔާގެ ބަސްއަހައި ކިޔަމަންތެރިވާށެވެ! ތިބާގެ ބުރަކަށީގައި ޖަހައި ތިބާގެ މުދާ އަތުލި ކަމުގައި ވިނަމަވެސް ފަހެ އެވެރިމީހާއަށް ކިޔަމަންވާހުށި ކަމެވެ.
މިއީ މި ބާބުގައި އައިސްފައިވާ އެންމެ ބަލާޣާތްތެރި ޙަދީޘެވެ. މިޙަދީޘްގައި ރަސޫލާ އެފަދަ ވެރީން ސިފަކުރައްވަނީ އެކަލޭގެފާނު ދެއްކެވި ތެދުމަގާ އެކަލޭގެފާނުގެ ސުންނަތުގައި ނުހިފަހައްޓާ ބަޔެއްގެ ގޮތުގައެވެ. މިއީ މަގުފުރެދުމުގެ އެންމެމަތީ ދަރަޖައެވެ. އެބައިމީހުން އަމިއްލަ ނަފުސަށްޓަކައިވެސް ނަބިއްޔާ ދެއްކި ތެދުމަގު ޚިޔާރެއް ނުކުރިއެވެ. އަދި އެބައިމީޙުންގެ ޢާއިލާއަށްޓަކައިވެސް އެތެދުމަގު ޚިޔާރު ނުކުރިއެވެ. އަދި އެބައިމީހުންގެ ރައްޔިތުންނަށްޓަކައި ވެސް އެކަލާނގެ ލެއްވި ތެދުމަގު އެބައިމީހުން ޚިޔާރެއް ނުކުރިއެވެ. އެހެންނަމަވެސް އެޙާލަތުގައިވެސް ނަބިއްޔާ އަމުރު ކުރައްވަނީ އެބައިމީހުންނަށް ކިޔަމަންތެރި ވުމަށެވެ. އެއީ އެހެން ޙަދީޘަކުން ބަޔާން ކުރައްވާ ފައިވާ ފަދައިން އެބައިމީހުން ﷲއަށް އުރެދުމަށް އޭނާ އަމުރު ނުކުރާޙާ ހިދަކުގައެވެ. އެއީ ތިމާއަށް އަނިޔާކޮށް މުދާ އަތުލާ ހެދިކަމުގައި ވިޔަސް އެކަމަކީ ތިމާ ވެރިމީހާގެ އަމުރަށް ނުކިޔަމަންތެރިވެ އޭނާގެ ބަސް ޤަބޫލުކުރުން ހުއްޓާލަން ޖެހޭ ކަމެއްނޫނެވެ. އެޖުރުމުތަކާ ކުށްތަކަކީ އެބައިމީހުންނަށް އޮތް ކަމެކެވެ. އެމީހުންގެ އެކުށްތަކާ ޖުރުމުތަކަށް ﷲ ސުބްހާނަހޫ ވަތަޢާލާ ޢުޤޫބާތް ދެއްވާނެ ދުވަހެއްގެ ގޮތުގައި ޤިޔާމަތްދުވަސް ވެއެވެ.
ފަހެ ތިބާއަށް ތިބާގެ ހަވާނަފުސުގެ ގޮވުންތަކުން މިދެންނެވި ސީދާ ތެދުމަގާ މަތިވެރި އަމުރާ ދުރަށް ގެންދިއުމުގެ ސަބަބުން ތިބާގެ ވެރިޔާގެ ބަސްއަހައި ކިޔަމަން ނުވެވުނުނަމަ ފާފަވެރިވެ ތިބާ މަނާކަންކަމަށް އަރައިގަންނާނެއެވެ.
އިސްލާމްދީނުގައި އައިސްފައިވާ ޢަދުލުވެރިކަމުގެ ފުރިހަމަކަން ނަބަވީ މިއަމުރުން ދޭހަވެއެވެ. ސަބަބަކީ އެގޮތަށް އެޖެހުނު މީހާކީ ވެރީންގެ ބަސްނާހާ ނުކިޔަމަންތެރި މީހަކަށް ވީނަމަ ނުވަތަ އެވެނި މީހަކަށް އަނިޔާއެއް ލިބިފައި ވުމުން އޭނާ ބަސްއަހާ ކިޔަމަންތެރި ނުވީނަމަ އެކަމުގެ ސަބަބުން އެންމެހާ ރައްޔިތުންގެ ދީނީ ދުނިޔެވީ މަޞްލަޙަތު ގެއްލިގެން ހިނގައިދާނެއެވެ. ހަމައެފަދައިން ޤައުމުން ޢަދުލުވެރިކަން ގެއްލި ހިނގައި ދާނެއެވެ. ފަސާދަ އާންމުވެދާނެއެވެ. އަދި އެފަސާދައިގާ އާންމު ރައްޔިތުން އަބަދު އުޅެންޖެހިދާނެ އެވެ. ގިނަބަޔެއް ނުވަތަ މުޅި ރައްޔިތުން އެކަމުގެ ތެރޭގައި އުޅެން ޖެހިދާނެއެވެ. އެއީ އެކަމުގެ ސަބަބުން މުޅިމުޖުތަމަޢު ޢަދުލުވެރިކަމުން އެއްކިބާ ކޮށްފާނެ ކަމެކެވެ. އަދި މުޖުތަމަޢަށް ފަސާދަ އާންމުވެ އެންމެން އެ ކަމުގެ ތެރެއަށް ވައްޓައިލާނެ ކަމެކެވެ.
އިސްލާމީ ޝަރީޢަތުގެ ފުރިހަމަ ކަމުގެ ތެރޭގައި ވެރީންގެ ޢަދުލުވެރިކަން ބިނާވުން ލައްވައިފައިވަނީ އާންމުން އެބައިމީހުންނަށް ކިޔަމަންވެ ވެރީންކުރާ އަމުރުތައް ޤަބޫލުކޮށް އެކަންކަން ބަލައިގަތުމުގެ މައްޗަކަށް ނޫނެވެ. އެކަންކަން އެގޮތަށް އޮތްނަމަ މުޅިމުޖުތަމަޢުވެސް އޮންނާނީ ފާސިދުވެފައެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ ޢަމަލުތަކުގެ މައްޗަށް އޯގާތެރިވެ ވޮޑިގަތުމުގެ މައްޗަށް އަޅަމެން ޙަމްދު ކުރަމެވެ. މިކަމަށް އިޝާރާތްކޮށް ދަލީލުކުރާ އެއްބަސްފުޅަކީ ކީރިތި ރަސޫލާގެ އަރިހުން ޢައުފު ބުނު މާލިކު ރިވާކުރައްވާ ޙަދީޘް ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. سَمِعْتُ عَوْفَ بْنَ مَالِكٍ الأَشْجَعِيَّ يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " خِيَارُ أَئِمَّتِكُمُ الَّذِينَ تُحِبُّونَهُمْ وَيُحِبُّونَكُمْ ، وَتُصَلُّونَ عَلَيْهِمْ وَيُصَلُّونَ عَلَيْكُمْ ، وَشِرَارُ أَئِمَّتِكُمُ الَّذِينَ تُبْغِضُونَهُمْ وَيُبْغِضُونَكُمْ ، وَتَلْعَنُونَهُمْ وَيَلْعَنُونَكُمْ " . قَالُوا : قُلْنَا : يَا رَسُولَ اللَّهِ أَفَلا نُنَابِذُهُمْ عِنْدَ ذَلِكَ ؟ قَالَ : " لا ، مَا أَقَامُوا فِيكُمُ الصَّلاةَ ، إِلا وَمَنْ وُلِّيَ عَلَيْهِ وَالٍ ، فَرَآهُ يَأْتِي شَيْئًا مِنْ مَعْصِيَةِ اللَّهِ ، فَلْيَكْرَهْ مَا يَأْتِي مِنْ مَعْصِيَةِ اللَّهِ ، وَلا تَنْزِعَنَّ يَدًا مِنْ طَاعَةٍ [3] މާނައަކީ " ޢައުފު ބުނު މާލިކުލްއަޝްޖައީ މިފަދައިން ވިދާޅުވި އަޑު ތިމަން އެއްސެވީމެވެ. އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ރަސޫލާ މިފަދައިން ޙަދީޘް ކުރެއްވި އަޑު ތިމަން އެހީމެވެ. ތިޔަބައިމީހުންކުރެ އެންމެ ހެއު ވެރިއަކީ އެއީ ތިޔަބައިމީހުން އޭނާއަށް ލޯބިކުރާ އަދި އޭނާ ތިޔަބއިމީހުންނަށް ލޯބިކުރާ ވެރިއެކެވެ. އަދި ތިޔަބައިމީހުން އޭނާއަށް ހެއުދުޢާ ކުރާ އަދި އޭނާ ތިޔަބައިމީހުންނަށް ހެއުދުޢާ ކުރާ ވެރިއެކެވެ. އަދި ތިޔަބައިމީހުން ކުރެ އެންމެ ނުބައި ވެރިއަކީ ތިޔަބައިމީހުން އެވެރިއަކަށް އެންމެ ނުރުހޭ އަދި އެވެރިޔަކު ތިޔަބައިމީހުންނަށްވެސް ނުރުހޭ ވެރިއެކެވެ. އަދި ތިޔަބައިމީހުން އެވެރިއަކަށް ލަޢުނަތްދޭ އަދި އެވެރިޔަކު ތިޔަބައިމީހުންނަށް ލަޢުނަތްދޭ ވެރިއެކެވެ. ތިމަން ބޭކަލުން ދެންނެވީމެވެ. އެޙާލަތުގައި އެ ވެރިޔަކާ ދެކޮޅުވެރިވާންވީ ތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. އޭނާ ތިޔަބައިމީހުންގެ ތެރޭގައި ނަމާދު ޤާއިމު ކުރާހާ ހިނދަކު ދެކޮޅޫވެރި ނުވާށެވެ. އެހެންނަމަވެސް ބައެއްގެ މައްޗަށް އިސްކުރެވުނު ވެރިމީހާ ފަހެ އޭނާ ﷲ އަށް އުރެދޭ ކަމެއް ގެނެސްގަންނަ ނަމަ އެފަދަ ކަންތައް ކުރުމާމެދު ދެކޮޅު ހަދާ ނުރުހުންތެރި ވާށެވެ. ކިޔަމަންތެރިވުން ދޫކޮށް ނުލާށެވެ. "
4- އިސްލާމީ ދައުލަތުގެ ވެރީންނާ ކަންކަމުގައި އިސްކޮށް ތިއްބަވާ ފަރާތްތަކަށް ކިޔަމަންގަތުން ވާޖިބުވެގެން ވެއެވެ. އެއީ އެބައިމީހުންނަކީ ފާސިޤުން ކަމުގައި ވީނަމަވެހެވެ. އަދި އެބައިމީހުންނަކީ ފާޖިރުން ކަމަށް ވިޔަސް އެބައިމީހުންގެ ބަސްއަހައި ކިޔަމަންގަތުން ވާޖިބުވެގެން ވެއެވެ. އަދި އެބައިމީހުންނަކީ އަނިޔާވެރީން ކަމުގައި ވިޔަސް އެބައިމީހުންގެ ބަސްއަހާ ކިޔަމަންތެރިކަން އަދާކުރުން ވާޖިބުވާނެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ރަސޫލާ ޙަދީޘް ކުރައްވައިފައި ވެއެވެ. عَنْ عَدِيِّ بْنِ حَاتِمٍ ، قَالَ : قُلْنَا : يَا رَسُولَ اللَّهِ ، لَا نَسْأَلُكَ عَنْ طَاعَةِ مَنِ اتَّقَى وَأَصْلَحَ ، وَلَكِنْ مَنْ فَعَلَ وَفَعَلَ ، يَذْكُرُ الشَّرَّ فَقَالَ : " اتَّقُوا اللَّهَ وَاسْمَعُوا وَأَطِيعُوا [4] މާނައަކީ ޢަދިއްޔު ބުނު ޙާތިމުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުގެ އަރިހުގައި ތިމަންމެން މިސުވާލު ކުރަނީ ތަޤްވާވެރި ޞާލިޙު ވެރިޔެއްގެ ވާހަކައަކުން ނޫނެވެ. އަދި ކިއެއްތަ އެވެނި މިވެނި ގޮތްގޮތަށް ކަންތައްތައް ކުރާ މީހުންގެ ވާހަކައިންނެވެ. ދެން ނުބައި ކަންކަން ބަޔާން ކުރެއްވިއެވެ. ފަހެ އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ! އަދި ބަސް އަހައި ކިޔަމަން ވާށެވެ!
އިބްނު ޢިއްޒުލްޙަނަފީ ވިދާޅުވިއެވެ. އަނިޔާވެރި ވި ކަމުގައި ވިޔަސް ވެރީންނަށް ކިޔަމަންވުމަކީ ލާޒިމު ކަމެކެވެ. އެއީ އެވެރިޔަކުގެ ނުބައިކަމުން އައި ގެއްލުމަށްވުރެ އެތައްގުނަ ބޮޑު ގެއްލުންތަކެއް މިގޮތަށް ވެރިޔަކާ ދެކޮޅަށް ނުކުތުމުން ލިބޭނެއެވެ. އަދި އެބައިމީހުންގެ އަނިޔާވެރިކަމަށް ކެތްކުރުމުން އެއަނިޔާވެރިކަމަށް ކެއްތެރިވީތީ ލިބޭ އުޖޫރަ އިތުރުވާހުއްޓެވެ.
5- ހުއްދަ ކަންތައްތަކަށް އަމުރު ކުރާ ޙާލަތްތަކުގައި މުސްލިމު ވެރިޔާއަށް ކިޔަމަންގަތުން ވާޖިބުވެގެން ވެއެވެ. އެއީ އެކަމުގައި މަޞްލަޙަތު އޮތްކަމަށް ދެކޭ ކަމަށް ވާނަމައެވެ. ފަހެ ޞަޙާބީންކުރެ ކުރިޔަށް ތިއްބެވި ބޭކަލުންނަށް މަދީނާއިން ބޭރަށް ވަޑައިގަތުން ޢުމަރުގެފާނު މަނާކުރެއްވިއެވެ. އަދި ޢުޘްމާނުގެފާނު އަބޫޛައްރަށް ޝާމްކަރައިން ނުކުންނަވާ މަދީނާއަށް ދަތުރުކުރެއްވުން މަނާކުރެއްވިއެވެ. އެޔަށްފަހު އަބޫޛައްރު އެދިވަޑައިގަތީ އައްރުބުޛާއަށް ވަޑައިގަތުމަށެވެ. ދެން އެކަމަށް ހުއްދަ ދެއްވިއެވެ. އަދި ހަމަ އެފަދައިން ވެރިޔަކު ހުއްދަ ކަމަކަށް އަމުރުކުރުމުން އެކަމަށް ކިޔަމަންގަތުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އިޚުތިޔާރު ކުރެވިފައިވާ ވާޖިބު ކަމަކުން ކަމެއް ކުރުމަށް އަމުރު ކުރިނަމަ އެހިސާބުން އެކަމެއް ކުރުން ވާޖިބުވާނެއެވެ. ނުވަތަ ބައެއްފަރާތަކަށް ކިފާޔަތުގެ ފަރުޟަކަށް ވަނުމަށް އަމުރު ކުރެވުނު ނަމަ އެކަން އެގޮތަށް ކުރުންވެސް ވާޖިބުވާނެއެވެ. މިއީ ޝަރުޢީ އަމުރެކެވެ. މިއަމުރަށް ކިޔަމަންގަތުން ވާޖިބުވާނެއެވެ.
ކާފަރަކު ނުވަތަ ފާސިޤަކު ﷲއަށް ކިޔަމަންތެރިވެވޭފަދަ ކަމެއް ކުރަން އެދުނުނަމަ އޭނާއަށް ކިޔަމަންތެރިވުން މަނައެއް ނުކުރެވޭނެއެވެ. އަދި އެފާސިޤު އަމުރުކުރި ކަންތަކަށް ކިޔަމަންތެރިވުން ވާޖިބުވުން ނެތިގެނެއް ނުދާނެއެވެ. އަދި އޭނާ ޙައްޤު ބަހެއް ބުނުމުން އެބަސް ދޮގުކުރުން ހެއުވެގެން ނުވެއެވެ. ފާސިޤަކު ބުނިބުނުމަކަށް ވާތީ ޙައްޤު ބަހަށް ޙައްޤަށް ތަބަޢަވުން ދޫކޮށްގެން ނުވާނެއެވެ.[5]
6- އިސްލާމްދީނުގެ ރުކުންތައް ފުރިހަމަ ގޮތުގައި ޤާއިމު ކުރުމާއެކު އިސްލާމުންގެ ވެރީން ހެއުކަންތަކަށް ކުރާ އަމުރަށް ކިޔަމަންތެރި ވުމަކީ ސުވަރުގެ ލިބުމުގެ ސަބަބަކަށް ވެއެވެ. ފަހެ އަބޫ އުމާމާގެ އަރިހުން ރިވާވެގެން ވެއެވެ. ފަހެ އަހަރެމެންނާއިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްޖަތުލްވަދާޢުގައި އެކަލޭގެފާނުގެ އަލްޖަދުޢާއޭ ކިޔޭ ޖަމަލުކޮޅު މަތީ އިންނަވައި ޚުޠުބާ ވިދާޅުވިއިރު ޙަދީޘް ކުރެއްވި އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. فقال: " أَيُّهَا النَّاسُ فَقَالَ رَجُلٌ مِنْ آخِرِ الناس: يا رسول الله مَا يَقُولُ أَوْ مَا تُرِيدُ ، فَقَالَ : " أَلَا تَسْمَعُونَ " " إِنَّهُ لَا نَبِيَّ بَعْدِي ، وَلَا أُمَّةَ بَعْدَكُمْ أَلَا فَاعْبُدوا رَبُّكُمْ وَصَلُّوا خَمْسَكُمْ ، وَصُومُوا شَهْرَكُمْ ، وَأَدُّوا زَكَاةَ أَمْوَالَكُمْ طَيْبَةً بِهَا أَنْفُسَكُمْ ، وَأَطِيعُوا وُلَاةَ أَمْرِكُمْ تَدْخُلُوا جَنَّةَ رَبِّكُمْ " [6] . މާނައީ: "ފަހެ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އޭމީސްތަކުންނޭވެ! ފަހެ މީސްތަކުންގެ ތެރެއިން އެންމެ ފަހަތުން މީހަކު އެހިނދު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ. ނުވަތަ ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންކަމަކު ތޯއެވެ؟ ފަހެ އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ބަސްފުޅު އަޑު އިވިވަޑައި ނުގަނޭތޯއެވެ؟ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށްފަހު ނަބީބޭކަލަކު ނުވެއެވެ. އަދި ތިޔަބައިމީހުންގެ ފަހުން އުންމަތެއް ނުވެއެވެ. ދަންނާށެވެ! ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ﷲ އަށް އަޅުކަން ކުރާށެވެ! އަދި ފަސްނަމާދު ތިޔަބައިމީހުން ޤާއިމު ކުރާށެވެ! އަދި ރަމަޟާން މަހުގައި ތިޔަބައިމީހުން ރޯދަ ހިފާށެވެ! އަދި ތިޔަބައިމީހުންގެ މުދަލުން ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުންގެ ވެރީންނަށް ކިޔަމަންވާށެވެ! އޭރުން ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަބައިމީހުން ސުވަރުގެއަށް ވައްދަވާހުއްޓެވެ." (ނުނިމޭ)
[1] މުސްލިމު ބުނުލްޙައްޖާޖު، ޞަޙީޙު މުސްލިމު ، ބާބުލްއިމާރާ ( 1846)
[2] މުސްލިމު ބުނުލްޙައްޖާޖު، ޞަޙީޙު މުސްލިމު ، ބާބުލްއިމާރާ (1847)
[3] މުސްލިމު ބުނުލްޙައްޖާޖު، ޞަޙީޙު މުސްލިމު ، ބާބުލްއިމާރާ ( 1855)
[4] ރަވާހު އިބްނު ޢާޞިމް ފިއްސުންނާ/ ޞައްޙަހަހޫ އަލްބާނީ
[5] އިބްނު ތައިމިއްޔާ ، މިންހާޖުއްސުންނާ 3/ 387
[6] ރަވާހު ޢަޙްމަދު