ޝާއިޢުކުރީ: ފަރަގު މީޑިއާ
21 އޮކްޓޯބަރު 2023
1967ގެ ހަ ދުވަހުގެ ހަނގުރާމައާ ހަމައަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށްފައިވާ ސަރަހައްދުގައި ފަލަސްޠީނުގެ ދައުލަތެއް ބިނާކުރާން ސުޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު އަދި ބޮޑުވަޒީރު ގޮވައިލެއްވި ގޮވައިލެއްވުމަކީ އިސްލާމީ އުންމަތަށް ލިބުނު ކުޑަވަރެއްގެ ހިތްހަމަޖެހުމެކެވެ. އެހެނީ ސުޢޫދީ ޢަރަބިއްޔާއަކީ އެ ގައުމުގެ ތެލުގެ މުއްސަނދިކަމަށް ޓަކައި ގުޅުން ދަމަހައްޓާން އެމެރިކާއިން ވެސް ބޭނުންވާ ގައުމެކެވެ.
ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި އިއްޔެ (20.10.2023) ނިމުނު "ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އާއި އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭސިއަން ނޭޝަންސް (އާސިއާން)ގެ ގުޅިފައިވާ ސަމިޓްގައި ވާހަކަފުޅުދައްކަވަމުން އަމީރު މުޙަންމަދު ބިން ސަލްމާން ވަނީ މި ކަމަށް ގޮވައިލައްވައިފައެވެ. މިހާރު ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާނަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވެފައިވެއެވެ.
"މި ބައްދަލުވުން ހިނގަމުންދާ އިރު ވެސް ޣައްޒާގެ ރައްޔިތުން ތަޖުރިބާކުރަމުން ގެންދާ، ގަދަކަމުން ތަން ހުސްކުރުމުގެ އަނިޔާވެރި ޢަމަލުގެ ސަބަބުން އަޅުގަނޑުމެންނަށް ވެސް ތަދު އިޙުސާސްކުރެވެއެވެ." އޭނާ ވިދާޅުވެފައި ވަނީ މަދަނީންނަށް އަމާޒުކޮށް ދޭ ޙަމަލާތަކާ ސުޢޫދީ ޢަރަބިއްޔާއިން ދެކޮޅުހަދާކަމަށެވެ. އޭނާ އިތުރަށް ބާރުލައްވައި ވިދާޅުވީ އިންސާނީ ޙައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫތަކަށް ފުރިހަމައަށް އިޙުތިރާމްކުރުމަކީ މުހިންމު ކަމެއްކަމަށެވެ. "އަދި މަޢުޞޫމު ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް އަސަރު ފޯރާނޭހެން ބިނާރު ހަލާކުކުރުމާއި މަދަނީންނާ ދެކޮޅަށް ހިންގާ ޢުވާން މިހާރުން މިހާރަށް ހުއްޓާންޖެހޭ"ކަމަށް ވެސް ހުކުރު ދުވަހު ދެއްވި ތަޤުރީރުގައި އޭނާ ވިދާޅުވިއެވެ.
"ސަރަހައްދުގެ ހަމަޖެހުން އަނބުރައި އިޢާދަކުރާން ޖެހެއެވެ. އަދި ދާއިމީ އަމާންކަމާއި ސުލްޙަ ކަށަވަރުކުރުމަށް ޓަކައި 1967އާ ހަމައަށް ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެވި ކަނޑައެޅުނު އިމުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމުގެ އިންސާފުވެރި ޙައްލު ހޯދާން އެބަ ޖެހެއެވެ." އަމީރު މުޙަންމަދު އިތުރަށް ވިދާޅުވެފައިވެއެވެ.
ފާހަގަކޮށްލާންޖެހޭ ކަމަކީ 2017ގައި ސުލްޙައަށް ޓަކައި ހަމާސުން ހުށަހެޅި ފުރޭފަކީ 1967ގައި ހިނގި ހަ ދުވަހުގެ ހަނގުރާމައާ ހަމައަށް ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެވިފައިވާ އިންސަރަހައްދުގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މި ހުށަހެޅުން އިސްރާއީލުން ވަނީ ތަކުރާރުކޮށް ރައްދުކޮށްފައެވެ. ހަރުކަށި ބޮޑުވަޒީރު ތަކުރާރުކޮށް ބުނަމުން ގެންދަނީ 1967ގެ ކުރީން އޮތް އިންސަރަހައްދަށް އެ މީހުން ހަމަ ހިލާ ފަހަތަށް ނުޖެހޭނެކަމަށެވެ.
ރިޔާޟްގައި އިއްޔެ ނިމުނު ސަމިޓުގައި އިޢުލާމުކުރެވުނު ގުޅިފައިވާ ބަޔާން ބުނާ ގޮތުގައި ދެ އަހަރުން އެއް އަހަރު ބާއްވާ އެ ސަމިޓްގެ 2025ގައި ބާއްވާނީ މެލޭޝިއާގައެވެ. މި ސަމިޓްގެ މެހުމާނުދާރީ އަދާކޮށްދިންކަމަށް ޓަކައި ސަމިޓުގައި ބައިވެރިވި ހުރިހާ ގައުމަކުން ވެސް ވަނީ ސުޢޫދީ ޢަރަބިއްޔާއަށް ޝުކުރުއަދާކޮށްފައެވެ.
_________________________________________
ޙަވާލާ: