އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
19 މޭ 2026
މި ދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އިޒުރޭލުގެ މެދުތެރޭ ރަށެއްކަމަށްވާ ބައިތު ޝީމިޝް (بيت شيمش) ނުވަތަ ޢައިނު ޝަމްސް (عين شمس)ގައި ބާރުގަދަ ގޮވުމެއް ގޮވައި ރަށްމައްޗަށް އަލިފާންގަނޑު އަރައިފައިވާ މަންޒަރު ވަރަށް ދުރަށް ފެނުނެވެ. މި ކަމާ ރައްޔިތުން ހާސްވެ ކަންބޮޑުވެ ތެޅިފޮޅިގަތެވެ. އެއީ ދުޝްމަނުންގެ ޙަމަލާއެއްގައި ހިނގި ހާދިސާއެއްކަމެއް ނުވަތަ ހިނގި އެކްސިޑެންޓެއްގައި ވީ ކަމެއްކަމެއް އެ މީހުންނަކަށް ސާފެން ނުވެއެވެ. އެނގެނީ އެއީ ވަރަށް އާދަޔާ ޚިލާފު ބާރުގަދަ ގޮވުމެއްކަމާއި އެ ގޮވުމާ އެކު ހުޅުފަޅައިގެން ގޮސް އަލިފާންގަނޑު ފެތުރުނުކަމެވެ. މި ކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
އެ ސަރަހައްދުގެ ރައްޔިތުން ގަބޫލުކުރީ އެއީ އެ ސަރަހައްދުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އީރާނުން ނުވަތަ ޙޫޘީން ނުވަތަ ޙިޒުބުﷲއިން ދިން މިސައިލް ހަމަލާއެއް ނުވަތަ ސިނާއީ ބޮޑު އެކްސިޑެންޓެއްގައި ގޮވި ގޮވުމެއްކަމަށެވެ.
ނަމަވެސް މި ކަން އޮޅުވައިލުމަށް ޓަކައި ދައުލަތުގެ ދިފާއީ އެރޯ މިސައިލް ޑިފެންސް ސިސްޓަމަށް ބޭނުންވާ ރޮކެޓް އިންޖީނު އުފައްދާކުންފުންޏެއް ކަމަށްވާ "ތޯމާ]އިން ވަނީ އަވަސް ބަޔާނެއް ނެރެ، އެއީ ޓެސްޓުކުރާ ސަރަހައްދެއްގައި ކުރީން ރާވައިގެން ކުރިއަށްގެންދިޔަ އަސްކަރީ ތަޖުރިބާއެއް (އެކްސްޕެރިމެންޓެއް)ކަމަށް ބުނެފައެވެ. އަދި މޫސުމީ ހާލަތު ހުރި ގޮތުން، އެ ގޮވުމުން އުފެދުނު އަލިފާނާއި ދުންގަނޑު އާދަޔާ ހިލާފަށް ބިރުވެރިކޮށް ފެނުނީކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކުންފުނީން، އިޒުރޭލުގެ ދިފާޢީ ބާރު (އައި.ޑީ.އެފް) އާއި ފުލުހުންނަށް ކުރީން، އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދީފައިވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، އާންމުންނަށް އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ.
ނަމަވެސް އެ ގޮވި ގޮވުމާއި އުފެދުނު ބޮޑު އަލިފާންގަނޑުގެ ސަބަބުން ސަރުކާރުން ދިން ބަޔާނާ މެދު ޝައްކު އުފެދުނެވެ. މި ހާދިސާ ހިނގީ ދަންވަރު ވަގުތެއްގައި ކަމަށްވެފައި، އަސްކަރީ ކުންފުނީން އެ ބުނަނީ ތެދެއްކަމަށްވާ ނަމަ، ކައިރި ގޭގެއަށް ވަރަށް ބޮޑަށް ލޮޅުން އަރައިފައިވާ އިރު މިއީ އަސްރިއްޔާއާއި ފުލުހުންގެ ދޯހަޅިކަން ހާމަކޮށްދޭ ކަމެކެވެ. ހަތިޔާރު ކުންފުނީން ބުނަނީ ތެދެއްކަމަށްވާ ނަމަ، އިޒުރޭލުގެ އަސްކަރިއްޔާއާއި ފުލުހުންނަކީ އެއްވެސް އިންތިޒާމެއް ނެތް ދޯހަޅި ބަޔެއްތާއެވެ. މި ކަމާ އާންމުންނާއި ދައުލަތުގެ މީޑިއާތަކުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔައި، އާންމުންނާއި މީޑީއާތަކުން ސުވާލުތައް އުފައްދާން ފެށިއެވެ.
[އެއީ ކުރީން ރާވައިގެން ހެދި ޓެސްޓެއްކަމަށްވާ ނަމަ، ދުރާލައި އެ ކަން ރައްޔިތުންނަށް ނޭންގީ ކީއްވެގެންހެއްޔެވެ؟] [ދަންވަރު ރައްޔިތުން އަރާމު ނިދީގައި ތިއްބައި ރައްޔިތުން ސިއްސައިގެން ގޮސް ހިތް ހުއްޓޭ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓައިލީ ކީއްވެގެންހެއްޔެވެ؟]
އާންމުންގެ މެދުގައި އުފެދުނު ހާސްކަމާ ގުޅިގެންނާއި، ކުރިމަތިވި ފާޑުކިޔުންތަކާ ހުރެ، މި ކަން ފޫބެއްދުމަށް ޓަކައި ތޯމާ ކުންފުންޏާއި ދިފާއީ ވުޒާރާއިން އާދީއްތަ ދުވަހު ބައްދަލުވުމެއް ބާއްވައި، ކުރިއަށް އޮތް ތަނުގައި މިފަދަ ޓެސްޓުތައް ކުރުމުގެ ކުރީން އާންމުންނަށް ސާފުކޮށް އިންޒާރުދޭނެ ސިޔާސަތެއް އެކުލަވައިލާނެކަމަށް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައެވެ.
އެހެންވީ އިރު، މި މީހުން މި އެއްބަސްވަނީ މީގެ ކުރީން އިޒުރޭލުގައި މި ފަދަ ކަންކަން ކުރާނެ އެއްވެސް ސިޔާސަތެއް ނެތް ވާހަކަތާއެވެ. މއީ ވެސް ތާކުންތާކު ނުޖެހޭ ހޮޅި ވާހަކައެކެވެ.
އިޒުރޭލުން މި ކަން އޮޅުވައިލާން މަސައްކަތްކުރިޔަސް މިއީ ޙިޒުބުﷲއިން ދިން މިސައިލު ޙަމަލާއެއްގައި ގޮވި ގޮވުމެއްކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. [ޕްރެސް ޓީވީ]އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަމާޒުތަކަށް 19 އޮޕަރޭޝަނެއް ހިންގައިފައިވާނެކަމަށް ޙިޒުބުﷲއިން ކުރީން ވަނީ ބުނެފައެވެ. ޙިޒުބުﷲގެ ޙަމަލާތައް ދިފާޢުކުރުމުގައި އިޒުރޭލަށް ވަނީ މި ފަހަކަށް އައިސް ގިނަ ފަހަރަށް ނާކާމިޔާބުވެފައެވެ. މިއީ އިޒުރޭލުގެ ހަތިޔާރު ހަދައި ރައްކާ ކުރާ މަރުކަޒަކަށް އަމާޒުކޮށް ޙިޒުބުﷲއިން ދީފައިވާ ވަރުގަދަ ރޮކެޓު ޙަމަލާތަކެކެވެ.
ހަގީގަތަކީ މި ދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އިޒުރޭލުގެ މެދުތެރޭ ރަށެއްކަމަށްވާ ބައިތު ޝީމިޝް (بيت شيمش) ނުވަތަ ޢައިނު ޝަމްސް (عين شمس)ގައި ބާރުގަދަ ގޮވުމެއް ގޮވީ ޙިޒުބުﷲއިން ފޮނުވައިލި ރޮކެޓުތަކުން އިޒުރޭލަށް މައިތިރި ނުކުރެވުނު ބައެއް ރޮކެޓުތައް އެ މަރުކަޒަށް އަމާޒުވެގެންކަމެވެ. މި ފަދަ އެތައް ޙަމަލާއެއްގައި އިޒުރޭލުގެ އެކި އަވަށްތަކަށް ބަޔާންކުރާން ނޭނގޭ ފަދަ ގެއްލުން މި ހަނގުރާމައިގައި ވަނީ ލިބިފައެވެ. މި ފަދަ ކޮންމެ ކަމެއް ވެސް އިޒުރޭލުން ގެންދަނީ އޮޅުވައިލަމުން ހަގީގަތް ވަންހަނާކުރަމުންނެވެ.