ad_banner
ވޭނާއި ކެކުޅުން ނޫން ޙާލަތެއް ޣައްޒާއާއި ހުޅަނގު އައްސޭރިއަކުން ނުފެނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

25 މޭ 2026

ފަހަކަށް އައިސް ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ކަން ހިނގާ ގޮތުގެ އެއްވެސް މަޢުލޫމާތެއް [ފަރަގު]ން ނުގެނެސްދެނީ އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ ނަސްލުހޭދުގެ އަނިޔާވެރިކަން ހުއްޓިގެންނެއް ނޫނެވެ. އެއީ އާންމުކަމަށްވީމާ، އާ މަޢުލޫމާތަކަށް ނުވާތީއެވެ. ޚަބަރަކަށް ނުވާތީއެވެ.

އާދޭހެވެ! ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ބަދަލެއް ނައިސް، ޣައްޒާއާއި ހުޅަނގު އައްސޭރީގެ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އިންސާނީ މުޖުތަމަޢެއްގައި މި ޙަލަތު ގޯސްވާނޭ އެންމެ މަތީ ދަރަޖައަކަށް އޮތީ ގޯސްވެފައެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ޞުލްޙައިގެ ވާހަކަތަކާއި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންތަކުގެ ވާހަކަދެކެވުނުކަމުގައި ވިޔަސް، ބިމުގެ ޙަޤީޤަތް ބަދަލެއް ނުވެއެވެ. އެހެންކަމުން ޚުލާޞާ ގޮތެއްގައި ފަލަސްޠީނުކަމަށް މިހާރު ބަލައި އުޅޭ ޣައްޒާއާއި ހުޅަނގު އައްސޭރީގެ ޙާލަތު ޙުލާޞާ ގޮތެއްގައި ބަޔާންކޮށްލާނަމެވެ.

ޣައްޒާ: ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ނުރައްކާ

ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުންދަނީ އިންސާނީ ތާރީޚު މިހައި ތަނަށް ދެކެފައިވާ އެންމެ ހިތްދަތި އެއް ކާރިސާއެވެ. އދ.ގެ ރިޕޯޓްތަކުން ހާމަވާ ގޮތުގައި، ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ.

ކާބޯތަކެއްޗާއި އެހީގެ ދަތިކަން: ފަލަސްޠީނުގެ ބިންތަކަށް ވަންނާނޭ ހުރިހައި މަގުތަކެއް އިސްރާއީލުން ބަންދުކޮށް، އެހީގެ ސާމާނު ވައްދާ މިންވަރު ވަނީ އިންތިހާއަށް މަދުކޮށްފައެވެ. ނުވަތަ މުޅިންހެން ވަނީ އެ ކަން ހުއްޓުވައިފައެވެ. މީގެ ސަބަބުން ކުޑަކުދީންނާއި މާބަނޑު އަންހެނުން ހިމެނޭހެން އެތައް ހާސް ބަޔަކު ދަނީ ބަނޑުހައިހޫނުކަން ތަޙައްމަލުކުރަމުންނެވެ.

ޞިއްޙީ ނިޒާމު ހަލާކުވުން: [ހިއުމަން ރައިޓްސް ވޮޗު]ން ފާހަގަކުރާ ގޮތުގައި، ރަފަޙާއި ޣައްޒާގެ އެހެން ސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކަށް ސީދާ ހަމަލާދިނުމުގެ ސަބަބުން ޞިއްޙީ ފަރުވާ ދެވޭނެ މަގުތައް ވަނީ މުޅީން ބަންދުވެފައެވެ.

ބަލިމަޑުކަން ފެތުރުން: ފޭލިގެތަކުގައި މީހުން ތޮއްޖެހުމާއި، ނަޖިސް ހިންދާ ނިޒާމުތައް ހަލާކުވުމުގެ ސަބަބުން ހަމުގެ ބަލިތަކާއި، މީދަލާއި ސޫފާސޫފީގެ ސަބަބުން ފެތުރޭ ބަލިތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ޙައްޖުގެ އަޅުކަމުން މަޙުރޫމްވުން: ފަލަސްޠީނުގެ ބިމުން ވަދެނުކުމެވާ ހުރިހައި މަގުތަކެއް ބަންދުކޮށްފައި ހުރުމުގެ ސަބަބުން، ޣައްޒާގެ މުސްލިމުންނަށް ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިނުވެވޭތާ މިއީ ޖެހިޖެހިގެން ތިންވަނަ އަހަރުކަން ފާހަކަކޮށްލެވެއެވެ.

ހުޅަނގު އައްސޭރި: ވަޒަންވެރިންގެ އަނިޔާވެރިކަމާއި ރޭޑުތައް

ޣައްޒާއާ ޚިލާފަށް ހުޅަނގު އައްސޭރީގައި ފާޅުކަން ބޮޑު ގޮތެއްގައި ބޮމުގެ ޙާމަލާތައް މަދު ނަމަ ވެސް  އެތަނުގެ ޙާލަތު ވެސް ކުޑައެއް ނޫނެވެ. ހުޅަނގު އައްސޭރީގައި އޮތީ މުޅީން އެހެންބާވަތެއްގެ މުޞީބާތްތަކެކެވެ.

ޔަހޫދީ ވަޒަންވެރިންގެ ހަމަލާތައް: އދ.ގެ  އިންސަނީ އެހީގެ ކަންތައް ވިލަރެސްކުރުމާ ބެހޭ އޮފީސް (OCHA)ގެ ރިޕޯޓްތަކުން ދައްކާގޮތުގައި، ހުޅަނގު އައްސޭރީގައި އިޒުރޭލުން ގެދޮރު އަޅާއިދީ ވަޒަންވެރިކޮށްފައިބާ ހަރުކަށި ޔަހޫދީ ވަޒަންވެރީން ފަލަސްޠީނު މީހުންނަށްދޭ ހަމަލާތައް ވަނީ އިންސާނަކަށް ތަޞައްވުރު ވެސް ނުކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ފަލަސްޠީނުގެ އަވަށްތަކަށް ވަދެ ގެދޮރާއި ދަނޑުބިންތަކުގައި ހުޅުޖެހުން ވަނީ ޢާންމުވެފައެވެ. މި ކަން މި ކުރަނީ އިޒުރޭލުގެ ހަތިޔާރު އެޅި ރަސްމީ ބާރުތަކުން ފުރިހަމަ އެހީތެރިކަމާއި ރައްކާތެރިކަން ލިބިގެންކަމަށްވާތީ މި ކަން ހުއްޓުވާނެ ބާރެއް ނެތެވެ.

އިސްރާއީލު ސިފައިންގެ ރޭޑުތައް: ޖެނީނާއި ނާބުލުސް ފަދަ ސިޓީތަކަށް އިސްރާއީލު ސިފައިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަދެގަނެ، ރޭޑުކޮށް ޒުވާނުން ހައްޔަރުކޮށް ބަޑީގެ ހަމަލާތަކުގައި ޝަހީދުކުރަމުން ގެންދިޔުމަކީ ކޮންމެ ދުވަހެއްގެ އާދައެވެ. ޒުވާނުންނާއި ކުޑަކުދީން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ވަނީ މި ދިޔަ މަސްތަކުގައި އެކަނި ވެސް ޝަހީދުކޮށްލައިފައެވެ.

އިގުތިސާދީ ދަތިކަން: ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގެ މެދުގައި އިސްރާއީލުން ހަދައިފައިވާ ޗެކުޕޮއިންޓްތަކުގެ ސަބަބުން ދަތުރުފަތުރުކުރުން ބަންދުވެ، ވަޒީފާތައް ގެއްލި، އިގުތިސާދު ވަނީ މުޅީން ހުއްޓުމަކަށް އައިސްފައެވެ.

ބައިނަލްއަގުވާމީ މައިދާން: ނުފޫޒެއް ނެތް ޤަރާރުތައް

އދ. ގެ ސަލާމަތީ މަޖިލީހުން ޣައްޒާގެ މައްސަލައަށް ހައްލެއް ހޯދުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ އިސްނެގުމުގެ މަތީން އުފައްދައިފައިވާ [ބޯޑް އޮފް ޕީސް]ގެ ނަމުގައި އިންތިޤާލީ އިދާރާއެއް އުފައްދައި، ސިފައިން ފޭބުމުގެ މަގުޗާޓުތަކެއް އެކުލަވައިލިކަމުގައި ވިޔަސް، އިސްރާއީލުން ދަނީ މި ހުރިހާ ނިންމުންތަކަކަށް ގޮންޖަހަމުންނެވެ. ހަގީގަތުގައި މި އިދާރާ އުފެއްދީ ހެޔޮ ނިޔަތެއްގައެއް ނޫނެވެ. މިއީ އދ.ގެ ބާރު ކަނޑުވައިލައި އެމެރިކާގެ ބާރު ގަދަކުރުމުގެ ނިޔަތުގައި އުފެއްދި އިދާރާއެކެވެ. އެހެންކަމުން މި އިދާރާގެ މަސައްކަތް ތާކުންތާކުޖެހޭ ގޮތަކަށް ކުރިއަކަށް ނުދެއެވެ. ދުނިޔޭގެ އެކި ކޮޅުކޮޅުން ފޮނުވާ އެހީގެ ފްލޮޓިލާތަކަށް (އެހީގެ ބޯޓުފަހަރު) ހުރަސްއަޅައި، އޭގައި ތިބޭ އެކްޓިވިސްޓުން ހައްޔަރުކޮށް އަނިޔާކުރުން ފަދަ ލަދުވެތި އަދި އަނިޔާވެރި ޢަމަލުތައް އިސްރާއީލުން ގެންދަނީ ހިންގަމުންނެވެ.

ޖުމްލަ ގޮތެއްގައި  ދަންނަވާ ނަމަ، ފަލަސްޠީނުގެ ރައްޔިތުން މިއަދު ތިބީ ދުނިޔޭގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިނޑި ސިޔާސަތުތަކުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ކުދިބަޔަކާއި މައުސޫމު ރައްޔިތުންގެ ދިރިއުޅުން ދަނީ ފަނާވަމުންނެވެ. އިސްލާމީ ބާރުތައްކަމަށް ބަލާ ގިނަ ގައުމުތައް އަވަދިނެތި އުޅެނީ އިޒުރޭލާއި އެމެރިކާއަށް ފައިސާ ދީގެން އީރާނު ނައްތައްލެވޭތޯއެވެ. އީރާނުގެ ބާރު ކެނޑޭ ދުވަހަކީ މުޅި މެދުއިރުމާތީގެ ހުރިހައި ތެލަކާއި އިސްތިރާޖީ ބާރެއް އިޒުރޭލުގެ އަތްމައްޗަށް ދާނެ ދުވަސްކަން އެނގޭ އިރުވެސްމެއެވެ. ކޮންމެ ފަދަ ޙާލެއްގައި ވެސް މެދުއިރުމަތީގެ ގިނަ ގައުމުތައް ގަބޫލުކުރަނީ އެ މީހުންގެ ރަސްކަން ދިފަޢުކުރެވޭނީ އެމެރިކާއާއި އިޒުރޭލު ރުއްސައިގެންކަމަށެވެ. މިއީ އެ ފަދަ ފަރާތްތަކުގެ އީމާންތެރިކަން ބަލިކަށިކަމޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. ކުރު ގޮތަކަށް މި ދަންނަވައިލީ މި އަދުގެ ފަލަސްޠީނުގެ ޙާލަތެވެ. އިސްލާމީ މުޖުތަމަޢުން އެ މީހުންނާ އަޅައިލާނެ ބަޔަކު ނެތް ފަދައެވެ.

 

ލަފުޒެއްގެ މާނަ:

ރޭޑު       ނ.    (1) ސަމާލުނުވެ ތިއްބައި ބަޔެއްގެ ތެރެއަށް ކުއްލިއަކަށް ދެވޭ ޙަމަލާތަކެއް ނުވަތަ ބަޔެއްގެ ތެރެއަށް ބާރާއެކު އަރައިގަންނަ އަރައިގަތުން.  (2) ކުށްކުރާ މާޙައުލެއްގެ ތެރެއަށް، އެ ކުށްކުރާ މީހުން ނުދެނެ ތިއްބައި ކަމާބެހޭ އޮފިސަރުން ވަދެ އެ މީހުން އަތުލައިގަންނަ އަތުލައިގަތުން. raid

 

ކޮމެންޓު