Advertisement

އާޚިރަތް ދުވަހަށް އީމާންވުން

30 Jun 2024 | 05:52
އާޚިރަތް ދުވަހަކީ ސަވާބާއި ޢަޒާބުގެ ގޮވައްޗެވެ.

ޑރ. މޫސާ އަންވަރު ޙަސަން

މަރުވުމަކީ ދަތުރުގެ ނިމުންކަމުގައި އީމާންވަމުއެވެ. އިންސާނާ ޚަލްޤު ކުރެއްވުނީ ތާއަބަދަށް ދެމިހުރުމަށް ޓަކައެވެ. މަރުވުމުގެ ސަބަބުން އިންސާނާ، އެއް ގޯތީން އަނެއް ގޯއްޗަށް ނަޤުލުވެއެވެ. މުޞީބާތުގެ ގެއިން ޖަޒާގެ ގެޔަށެވެ. މިއަދަކީ ޢަމަލުކުރުމުގެ ދުވަހަވެ. ޙިސާބުގެ ދުވަހެއް ނޫނެވެ. އެހެން ނަމަވެސް މާދަމާއަކީ ޙިސާބުގެ ދުވަހެވެ. ޢަމަލުގެ ދުވަހެއް ނޫނެވެ. އާޚިރަތް ދުވަހު ކޮންމެ ނަފުސަކަށް އެ ނަފުސެއް ކުޅަ ކަމެއްގެ ޖަޒާ ލިބިގެންދާނެއެވެ. ދެމި ހުންނާނީ ކޮށްފައިވާ ޢަމަލުތަކެވެ. {يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ{ (سورة الزلزلة: ٦ – ٨) މާނައީ:" އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ. ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ."

ސަމާވީ ހުރިހާ ދީނަކުން އާޚިރަތުގައި ހިމެނޭ ޘަވާބައި ޢަޒާބާއި ސުވަރުގެ އާއި ނަރައިގެ ވާހަކައަށް އީމާންވުމަށް ގޮވާލައެވެ. އަދި ޚާއްޞަ ގޮތެއްގައި އިސްލާމް ދީނުގައި އަލުން ދިރުއްވުމަކީ ކީރިތި ޤުރްއާނުގައި އެ ކަމުގެ ވާހަކަ ބަޔާންކުރައްވައިފައިވާ ދާއިރާއެކެވެ. މަރުވުމަށްފަހު އަލުން ދިރުއްވުމާ ދެކޮޅުހަދައި ޖަދަލުކުރަމުން ދިޔަ މުޝްރިކުންނަށް ކީރިތި ޤުރްއާނުގައި ވަނީ ރައްދުދެއްވައިފައެވެ. އަދި އެކަން އެގޮތަށް މެދުވެރި ކުރައްވަނީ އެކަލާނގެ ކަން ބަޔާންކުރެއްވިއެވެ. {وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ{ (سورة الروم: ٢٧) މާނައީ:" އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) خلقތަކުން އަލަށް އުފައްދަވައި ދެން އަލުން އެ إعادةކުރައްވާ ރަސްކަލާނގެއެވެ. އެކަމަކީ، އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ.")) {أَوَلَمْ يَرَوْاْ أَنَّ اللّهَ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ قَادِرٌ عَلَى أَن يَخْلُقَ مِثْلَهُمْ{ (سورة الإسراء: ٩٩) މާނައީ:"އުޑުތަކާއި، ބިން ހެއްދެވި اللَّه، އެއުރެންފަދަ ބަޔަކު ހެއްދެވުމަށް ކުޅަދުންވަންތަކަން، އެއުރެންނަކަށް ނޭނގޭހެއްޔެވެ؟"))

ހުރިހައި ކަމެއް ދެނެވޮޑިގެންވާ އެންމެ މަތިވެރިވަންތަ ފަރާތުގެ ޙިކުމަތުގައި ލައްވައިފައި ވަނީ، އަޅުތަކުންގެ އުންމީދުތައް ގެއްލިގެން ނުދިޔުމަށެވެ. ޤަތުލުވެގެން ދިޔަ ބަޔަކު ޤަތުލުވެގެން ދިޔައީއެވެ. އަނިޔާވެރި ވެރިން އަނިޔާވެރިވީއެވެ. އަނިޔާވެރީންނަށް ޙައްޤުވެގެންވާ ޖަޒާ އެމީހުންނަށް ލިބިފައެއް ނުވެއެވެ. އަދި އަނިޔާ ލިބުނު މީހާއަށް އެމީހާގެ ޙައްޤެއް ނުލިބެއެވެ. އެކަލާނގެ ވަޙީ ކުރައްވައިފައިވަނި މިފަދައިންނެވެ. }وَمَا خَلَقْنَا السَّمَاء وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ذَلِكَ ظَنُّ الَّذِينَ كَفَرُوا فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ . أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ{ (سورة ص: ٢٧ – ٢٨) މާނައީ:" ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި باطل ގޮތެއްގައި ނަހައްދަވަމެވެ. އެއީ كافر ވި މީހުން ހީކުރާގޮތެވެ. ފަހެ، كافر ވި މީހުންނަށް، ނަރަކައިގެ عذاب ން ހަލާކުހުށްޓެވެ. ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟)) }أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ. فَتَعَالَى اللَّهُ الْمَلِكُ الْحَقُّ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ{  (المؤمنون: ١١٥ - ١١٦) މާނައީ:" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرة އަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟ ފަހެ، ރަސްވަންތަ، حق ވަންތަ اللَّه، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެ މެނުވީ، إله އަކު ނެތެވެ. އެއީ މާތްވެގެންވާ عرشގެ ވެރިރަސްކަލާނގެއެވެ."))

މާއްދީ މީހުންނާއި ދަހުރީން ޤަބޫލު ކުރާ ގޮތުގައި ކީރިތި ޤުރްއާނުގައި އިންސާނާ ޚަލްޤު ކުރެއްވުމުގެ ވާހަކަ ބަޔާން ކޮށްފައިވަނި ކުޅޭކުޅިވަރެއްގެ ގޮތުގައެވެ. އެކަމުގައި އެއްވެސް ޙިކުމަތެއް ނެތިއެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި ޖަޒާ ދެއްވުމަށްޓަކައި އަލުން ދިރުއްވުމެއް ނުވެއެވެ. ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. އޮތީ ދިރިތިބުމާއި މަރުވުމެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. ރަޙިމުތަކުން ހަމައެކަނި ދުނިޔެއަށް އުފަންވަނީއެވެ. އަދި ބިންގަނޑު ދިރުވާލަނިއެވެ. މިނޫން އިތުރު ގޮތެއް ނެތެވެ. މިއީ ދިރިއުޅުމުގެ ނިމުން ކަމުގައިވާނަމަ، މިދިރިއުޅުމުގެ ނަފުރަތުކަމާއި ތާކުންތާކު ނުޖޭ ކަމުގެ ބޮޑުކަމާއެވެ.

މުޝްރިކުންގެ ތެރެއިން އަލުން ދިރުއްވުމާއި މެދު އިންކާރުކޮށް ކަށިތައް ފީވެ ހަލާކުވެފައިވަނިކޮށް، އަލުން މީސްތަކުން ދިރުއްވުމުގެ ވާހަކަތަކަށް އިންކާރު ކުރި މުޝްރިކުންނަށް ކީރިތި ޤުރްއާނުގައި ރައްދު ދެއްވާފައިވެއެވެ. އަދި ހަމައެފަދައިން އެކަލާނގެ ޢަދުލުވަންތަކަމާއި ޙިކުމަތްވަންތަކަމަށް އިންކާރު ކުރި މީހުންނަށް ވެސް ކީރިތި ޤުރްއާނުގައި ރައްދު ދެއްވާފައިވެއެވެ. އެމީހުން ހީކުރާ ގޮތުގައި މި ދިރިއުޅުމުގެ ޞަފުޙާ އޮޅި ނިމިގެން ދިއުމުން އެ ހިސާބުން އެނިމުނީއެވެ. އިޙްސާންތެރިންނަށް އެމީހުންގެ އިޙްސާންތެރިކަމުގެ ޖަޒާ އެއް، އަދި ނުބައި ނުލަފާ މީހުންނަށް އެމީހުންގެ ނުބައިކަމުގެ ޖަޒާއެއް ނުލިބޭނެއެވެ. އަދި މިކައުނުގެ ކަންކަން ތަދުބީރު ކުރައްވާ ފަރާތެއް ނެތް ކަހަލައެވެ.

ޤިޔާމަތް ދުވަހު ކަންކަމުގައި ޝަފާޢަތްތެރިވާ ޝާފިޢީންގެ ޝަފާޢަތުން ފައިދާ ވާނެކަމަށް ހީކުރާ މީހުންނަށް ކީރިތި ޤުރްއާނުގައި ރައްދު ދެއްވާފައިވެއެވެ. އެމީހުންގެ ނުފޫޒުން ޢަދުލުވެރިކަމުގެ ޤާނޫނެއް ބަދަލެއް ނުކުރެވޭނެއެވެ. އަދި މީސްތަކުންގެ ތެރެއިން ބައެއް މީހުން ކޮށްފައިވާ ފާފަތަކުން ރައްކާތެރިކޮށެއް ނުދެވޭނެއެވެ. އަދި މާތް الله ފިޔަވައި އަޅުކަން ކުރާ އިލާހުންތަކަށް ވެސް މިކަމެއް ކޮށެއް ނުދެވޭނެއެވެ. ނުވަތަ މެދުވެރިންގެ ގޮތުގައި އަޅުކަންކުރާ ކަލާނގެ ތަކަށް ވެސް މިކަމެއް ކޮށެއް ނުދެވޭނެއެވެ. މިއީ މުޝްރިކުންނާއި އަހުލުކިތާބީން ހީކުރާ ހީކުރުންތަކެވެ. ކީރިތި ޤުރްއާނުގައިވަނީ ކަނޑައެޅިގެން މި ދަޢުވާ ދޮގުކޮށްފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. }مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاء فَعَلَيْهَا وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ { (سورة  فصلت: ٤٦)  މާނައީ: "صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ." އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. }مَّنِ اهْتَدَى فَإِنَّمَا يَهْتَدي لِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى{ (سورة الإسراء: ١٥)  މާނައީ: " ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ نفس ގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ نفس ގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ." އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. }مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ  (سورة البقرة: ٢٥٥) މާނައީ: "އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟" އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.    {وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاء وَيَرْضَى { (سورة النجم: ٢٦)  މާނައީ: "އަދި اللَّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذن ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ شفاعة ން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكة ން އުޑުތަކުގައި ވޭހެއްޔެވެ؟" އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. }يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَى وَهُم مِّنْ خَشْيَتِهِ مُشْفِقُونَ{  (سورة الأنبياء: ٢٨) މާނައީ: "އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން شفاعة ތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުންތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ." މުޝްރިކުންނާއި މުޖުރިމުންނާއި ބެހޭ ގޮތުން ވަޙީ ކުރައްވާފައިވެއެވެ. {فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ}  (سورة المدثر: ٤٨) މާނައީ: "ފަހެ، شفاعة ތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ."

ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވަނީ،ޝަފާޢަތްތެރިވުން އޮތީ އެކަލާނގެ އެކަމަށް އިޒުނަ ދެއްވުމުން ކަމުގައެވެ. ރަސޫލަކަށް ނުވަތަ މަލާއިކަތަކަށް އެކަން ފަރުޟު ކުރުމެއް ނުވެއެވެ.

ހަމައެފަދައިން ޝަފާޢަތަކީ އެންމެންގެ މައްޗަށް އޮތްކަމެއް ނޫނެވެ. ކާފިރުކަންމަތީގައި ދެމިހުރެ މަރުވާ މީހަކަށް ޝަފާޢަތެއް ނުވެއެވެ. އަދި އެ ފަދަ މީހަކަށް ޝަފާޢަތްތެރިވުމުގެ އިޒުނަ އެކަލާނގެ އެއްވެސް މީހަކަށް ނުދެއްވާނެއެވެ. އަދި ޝަފާޢަތްތެރިވި ކަމުގައި ވިޔަސް އެ ކަން ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. ސަބަބަކީ ޝަފާޢަތުން ފައިދާކުރާނީ އީމާނާއި ތައުޙީދުގައި ފަރުވާ ކުޑަނުކުރި މީހުންނަށެވެ.

އާޚިރަތް ދުވަހު ފަތްފުއްތައް ފަތުރާލެވޭނެއެވެ. ތިލަފަތް ބެހެއްޓޭނެއެވެ. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ފަތެވެ. }اقْرَأْ كَتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا{ (سورة الإسراء: ١٤) މާނައީ: " (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ." }وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا{ (سورة الكهف: ٤٩) މާނައީ: " އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." {يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوَءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا{ (سورة آل عمران: ٣٠) މާނައީ: "ކޮންމެ نفس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމެއް حاضر ކުރައްވައިފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفس އެއް ކުޅަ ނުބައިކަމަކާއި، އެ نفس އަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެ ކަމަށް އެދޭނެތެވެ." މިތަނުގައި އިންސާނާއަށް އޭނާ ކޮށްފައިވާ ޢަމަލުތަކުގެ ފަތް ކުރިމަތީގައިވާތީ ފެންނާނެއެވެ. {هَٰذَا كِتَٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ (سورة الجاثية: ٢٩) މާނައީ: "މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް حق ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް (ملائكة ން މެދުވެރިކުރައްވައި) ލިޔުއްވީމެވެ.

މި ގޮތަށް މީސްތަކުންނާއި މެދު އެ ފަތް ޙައްޤު ގޮތުގައި ހެކިދޭނެއެވެ. ޢަދުލުވެރި ގޮތުގައި ޙުކުމް ކުރުމަށްޓަކައި މީޒާން ގެނެވޭނެއެވެ. {وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍۢ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَٰسِبِينَ{  (سورة الأنبياء: ٤٧) މާނައީ: "ތިމަންރަސްކަލާނގެ قيامة ދުވަހުން عدل ވެރިކަމުގެ ތިލަފަތްތައް قائم ކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفس އަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ."

އެއަށްފަހު މި މައުޤިފު ނިމިގެންދާނެއެވެ. މީސްތަކުން ތިންބަޔަކަށް ބައިކުރެވިގެންދާނެއެވެ. އެއީ:-

&ކުރިއަރައި ގާތްވި މީހުން.

&ކަނާތް ފަރާތުގެ އަހުލުވެރީން.

&ވައަތްފަރާތުގެ އަހުލުވެރީން.

މިބައި މީހުންނަކީ سورة الواقعة ގައި އެކަލާނގެ ބަޔާން ކުރައްވައިފައިވާ މީހުންނެވެ. {فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ، فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ،  وَأَمَّا إِن كَانَ مِنَ أَصْحَابِ الْيَمِينِ،  فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ، وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ،  فَنُزُلٌ مِّنْ حَمِيمٍ،  وَتَصْلِيَةُ جَحِيمٍ،  إِنَّ هَذَا لَهُوَ حَقُّ الْيَقِينِ{  (سورة الواقعة: ٨٨ – ٩٥) މާނައީ: "ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ. އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ. އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ. އަދި ނަރަކަޔަށް ވެއްދެވުމެކެވެ. ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ."

ސުވަރުގޭގައި މާއްދާ އަދި މަޢްނަވީ އެތައް ވައްތަރެއްގެ ނިޢުމަތްތައް ހުންނާނެއެވެ. އެއީ ލޮލަށް ފެނި ކަންފަތުން އަޑުއިވިފައިވާ ކަންކަމެއް ނޫނެވެ. އަދި އިންސާނާގެ ހިތަށް އެކަންކަން ތަޞައްވަރު ކުރުމަކީ ވެސް ވާނެކަމެއް ނޫނެވެ. }فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ{ (سورة السجدة: ١٧) މާނައީ: "ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ." }وَعَدَ اللّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ وَرِضْوَانٌ مِّنَ اللّهِ أَكْبَرُ ذَلِكَ هُوَ الْفَوْزُ الْعَظِيمُ{ (سورة التوبة: ٧٢)  މާނައީ: "مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް، اللَّه وعد ކުރައްވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި اللَّه ގެ حضرة ން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ."

ނަރަކައިގައި މާއްދީ އަދި މަޢުނަވީ އެތައް ޢަޒާބެއް ވެއެވެ. ކީރިތި ޤުރްއާނުގައިވަނީ އެ ވާހަކަ ބަޔާންކުރައްވައިފައެވެ. އެއީ މުއުމިނުން ބިރުވެރި ކުރެއްވުމަށެވެ. }يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ{  (سورة التحريم: ٦) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." }إِنَّ الَّذِينَ كَفَرُواْ بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُواْ الْعَذَابَ{ (سورة النساء: ٥٦) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކަށް كافر ވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذابގެ ރަހަ ލިބިގަތުމަށްޓަކައެވެ."

____________________________________

އެޑިޓަރުގެ ނޯޓް
ޑރ. މޫސާ އަންވަރު ޙަސަނަނީ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވައިފައިވާ މަޝްހޫރު ދީނީ ޢީލްމުވެރިއެކެވެ. ދާޢީއެކެވެ. ވާޢިޡެކެވެ. އޭނާވަނީ ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސްމަޖައްލާގައި ލިޔުއްވުމުގެ އިތުރަށް ދީނީ ރޮނގުން މީސްތަކުން ހޭލުންތެރިކުރެއްވުމަށް ޓަކައި މީސްމީޑިއާގައި ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް