ad_banner
އުޞޫލުތަކާއި މުޖުތަމަޢުގެ ބާރު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

25 އޯގަސްޓް 2025

މުޖުތަމަޢުގެ ބާރު

ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ގައުމަކަށް މުޖުތަމަޢަކަށް އަދި ކިއެއްތޯ ފަރުދަކަށް ވެސް ސާބިތުކަމާ އެކު ދެމިއޮވެވޭނީ ދީނުގެ އުޞޫލުތަކާއި ތަޢުލީމުތަކާއި އަޚުލާޤާއި އަޞާލަތްތެރި ޢުރުފުގައި ހިފެހެއްޓުނު މިންވަރަކުންނެވެ. އިންސާނާއަށް އޭނާގެ ކަރާމަތް ރައްކައުތެރިކޮށްދީ އޭނާގެ ޒާތަށާއި ރޫޙަށާއި މުޢާމަލާތުތަކަށް ތަވާޒުނު ގެނެސްދޭ ބަހާއަކީ އޭނާ އޭގެ މަތީގައި ޤާއިމުވެ ހުރި ހަރުދަނާ އަޚުލާޤެވެ. އަޚުލާޤަކީ މަގު ހުރަސްކޮށްދޭ ދާލަމެއްނޫނެވެ. އަދި އެއީ ވަގުތީ އަދާތެއް ވެސް ނޫނެވެ. އެހެނަސް އެއީ ޢިލްމުވެރީންނާއި މުފައްކިރުން ވިދާޅުވާގޮތުގައި ޝަޚުޞިއްޔަތުގެ ޖައުހަރެވެ. ފަރުދުންނާއެކު މުޢާމަލާތުކުރުމުގެ ރޫޙެވެ. ގައުމުތަކުގެ ތަރައްޤީއާއި ކުރިއެރުމާއި ރަށްވެހިކަމާއި ޙަޟާރަތާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙުތިރާމާއި ޤަދަރުގެ ޙަޤީޤީ މީޔާރަކީ އަޚުލާޤެވެ. 

އިންސާނާ ރިވެތި އަޚުލާޤުން ގަހަނާއެޅިގެންވާނަމަ އެކަން އޭނާގެ ބަހުންނާއި ޢަމަލުންނާޢި އޭނާގެ ހެދުމުންނާއި ބެލުންތަކުންނާއި އޭނާ ކަށަވެތިވާ ކަންތައްތަކުން އެކަން ރިވެލިވެގެން ފެންނާނެއެވެ.

އިސްލާމްދީނާއި ރިވެތި އަޚުލާޤަކީ އެ ދެމެދުގައި އިންފާރެއްނެތް ދޭއްޗެވެ. އެއީ އެކުއެކުގައިވާ ދެ ކަމެކެވެ. ރަސޫލާ e ޙަދީސް ކުރެއްވިއެވެ. ((إنَّما بعثتُ لأتمِّمَ مَكارِمَ الأخلاقِ [1]- ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ މަތިވެރި އަޚުލާޤުތައް ފުރިހަމަކުރެއްވުމަށް ޓަކައެވެ.))  އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((إنَّ أحبَّكم إليَّ وأقربَكم منِّي يومَ القيامةِ أحاسنُكم أخلاقًا [2]-ހަމަކަށަވަރުން ތިމަންކަލޭގެފާނު އެމީހަކު ދެކެ އެންމެ ލޯބިފުޅުވާ މީހަކީ އަދި ޤިޔާމަތްދުވަހުން  ތިމަންކަލޭގެފާނާ އެންމެ އަރިސް މީހާ ކަމުގައި  ވާނީ  އަޚުލާޤު އެންމެ ރިވެތި މީހާއެވެ. ))

އިސްލާމީ ޝަރީޢަތަށް ބަލާއިރު އިސްލާމްދީނުގެ އަމުރުތަކާއި ނަހީތަކަކީ އަޚުލާޤީ ކަންތައްތަކެކެވެ. މިސާލަކަށް ވައްކަންކުރުމަކީ ޤާނޫނާ ޚިލާފު ޖަރީމާއަކަށް ވިޔަސް ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް އެއީ އަޚުލާޤާ އަރާރުންވާ ލާއަޚުލާޤީ ކަމެކެވެ.

ކީރިތި ޤުރްއާން ބުނާ ގޮތުގައި ޢިބާދާތާއި އަޅުކަންތަކުގެ ލަނޑުދަނޑިއަކީ ރިވެތި އަޚުލާޤު އަށަގެންނެވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ [3]- އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ.))

ހުތުރުކަން ބޮޑު ފާފަތަކާއި މުންކަރާތްތަކަށް އަރައިގަތްކަން ޤާނޫނީ ގޮތުން ސާބިތުވެއްޖެނަމަ  އޭނާއަށް ޤާނޫނީ އަދަބުދެވޭނެއެވެ. އޭނާގެ މައްޗަށް  މި ކުށް ސާބިތުނުވެއްޖެނަމަ އޭނާއަށް އެއްވެސް އަދަބެއް ނުދެވޭނެއެވެ. އެހެނަސް އިސްލާމްދީން ދެކޭގޮތުގައި އެއީ އަޚުލާޤީ ކުށެކެވެ.އިސްލާމްދީން ދެކޭގޮތުގައި ހުތުރުކަން ބޮޑު  ފާފަތަކާއި މުންކަރާތްތަކަށް އަރައިގަންނަ މީހަކީ ޤާނޫނީ ގޮތުންނާއި އަޚުލާޤީ ގޮތުން ކުށްވެރިއެކެވެ. އޭނާ ޤާނޫނަށް މަކަރު ހެދިޔަސް އަޚުލާޤަށް މަކަރެއް ނުހެދޭނެއެވެ. އަޚުލާޤީ މަސްއޫލިއްޔަތުން އޭނާއަށް ރެކެވޭކަށް ނޯންނާނެއެވެ.

މީގެ އިތުރަށް  އަޚުލާޤަކީ  އިންސާނީ އެތައް  ގިޔަމުތަކެއް ރައްކައުތެރިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ބާރެކެވެ. މިސާލަކަށް ވަޢުދާ ޚިލާފުވުމާއި އަމާނަތަށް ޣައްދާރުވުން ފަދަ ޖަރީމާތަކަކީ ޤާނޫނުން ކުށްވެރިކުރެވޭނެ ކުށްތަކެއްނޫނެވެ.ކީރިތި ޤުރްއާން އިންސާނާގެ ނަފްސު ތަޢާރުފުކޮށްދޭ އިރު މި ނަފްސުގައި ދެ ބައެއް ހިމެނޭކަން ބަޔާންކުރެއެވެ. އެއީ ހަވާނަފްސުގެ ބަޔާއި  ލައްވާމާ ނަފްސުގެ ބައެވެ.ހަވާނަފްސުގެ ސަބަބުން އޭނާ ފާޙިޝް ޢަމަލުތަކަށް އަރައިގަނެއެވެ. އެހެނަސް ލައްވާމާ ނަފްސުގެ ސަބަބުން ތަޤްވާވެރިކަން ގަދަވެ  މި ފަދަ ފާޙިޝް ޢަމަލުތަކާ ދުރުހެލިކުރުވައެވެ. އިސްލާމީ މުފައްކިރެއް ކަމުގައިވާ މުޞްޠަފާ ޞާދިޤުއް ރާފިޢީ ވިދާޅުވާ ގޮތުގައި (ނީހައާއި ޙަސަދަވެރިކަމާއި ނުނިޔަތްލުމާއި ނެތިމޮށުމާއި، ޤަޛްފުކުރުން ފަދަ) އިންސާނީ ސުލޫކިއްޔާތުގައި ހިމެނޭ ނުބައި ސިފަތައް މާތް އަޚުލާޤުން މެނުވީ ނައްތައެއް  ނުލެވޭނެއެވެ.އަޚުލާޤު ނެތިއްޖެނަމަ މި ފަދަ ސިފަތަކުގެ ސަބަބުން މުޅި މުޖުތަމަޢު ޚަރާބުވެދާނެއެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّ ٱلنَّفْسَ لَأَمَّارَةُۢ بِٱلسُّوٓءِ [4]- ހަމަކަށަވަރުން، نفس އަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. )) އެހެން ބަސްފުޅެއްގައި ވެއެވެ. (( وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ[5]  - އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)) އެހެންކަމުން ރޫޙާނީ ، ދީނީ އަޚުލާޤީ ގިޔަމުތަކަށް ހިތްވަރުދިނުމަކ ވާޖިބު ކަމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((  قَدْ أَفْلَحَ مَن زَكَّىٰهَا ‏ وَقَدْ خَابَ مَن دَسَّىٰهَا[6] -އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.އަދި އެ نفس އަށް އުނިކަން ދީފި މީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. ))

ހުޅުވިފައިވާ ދުނިޔެއެއްގައި އަދި ސަޤާފަތްތައް ސިންދަފާތުވެފައިވާ ޢާލަމެއްގައި މިއަދު އުޅެމުންދާއިރު ބައެއް ގިޔަމުތަކުގެ ބާރު ކަންފަތިވެ އަނެއް ބައި ގިޔަމުތައް އޮއްސިގެންގޮސްފައިވާ ތަން ފެނެއެވެ. އަދި ބައެއް ގިޔަމުތަކުގެ މަފްހޫމަށް ބަދަލުއައިސް ފީވެގެންދާތަން ވެސް ފެނެއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތާ ތަޢާރުޟުނުވާ އާދަކާދަތަކާއި ޢުރުފުތަކުގައި ހިފެހެއްޓުމަކީ ވަރަށް މުހިއްމު ޟަރޫރަތެކެވެ. ޢުރުފަކީ މުޖުތަމަޢުގެ އައިޑީއެވެ. އެއީ މުޖުތަމަޢުގެ ހަނދަނާއި އަޞާލަތްތެރި ތާރީޚުގެ ދެމިގެން އަންނަ އޮއިވަރެވެ. އޭގެ ހަށިގަނޑުގައި ކާބަފައިންގެ ދޮށި ވިސްނުމާއި އެމީހުންގެ ހަރުދަނާކަމާއި ޙިކްމަތްތެރިކަން ވެއެވެ. އެމީހުންގެ ތަޖުރިބާތަކާއި މަޢީޝަތުގެ ވައްޓަފާޅިތައް އެއިން ރިވެލިވެއެވެ.

މުޢާމަލާތުތަކަށް ބަލާއިރު އިޙުތިރާމުކުރުމާއި އަދަބު ތަޢުޡީމާއި ދީލަތިކަމާއި މެހުމާނުންނަށް ކަމޭހިތުމާއި ގާތްތިމާގެ މީހުންނަށް އިޙުސާންތެރިވުމަކީ ކާބަފައިންގެ ކިބައިގައި އަށަގެންފައިވާ ރިވެތި މާތް ޚުލުޤުތަކެކެވެ. ކާބަފައިން މި ސިފަތަކުގެ މަތީގައި ދަރީން ބޮޑުކުރުމަށް އިސްކަންދީފައިވެއެވެ. މެހުމާންސަރާތައް ނެތް ޒަމާނުގައި ރާއްޖެ އަންނަ ބޭރު މީހުންނަށާއި ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ލިބެނީ މި މާތް ސިފަތަކުގެ ސަބަބުން އެމީހުންގެ ކިބައިގައި ހުރި މެހުމާނުންނަށް ކަމޭހިތުމުގެ އާދަކާދައިގެ މަތިންނެވެ.

މިއަދު މީސްމީޑިޔާއާއި މާސްމީޑިޔާއާއި ވިސްނުންތޫނު ފޯނުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދީނާއި އަޚުލާޤާ ނުގުޅޭ ކަންތައްތައް އަޅުގަނޑުމެންގެ ގޭގެއަށް ވަންނަމުންދަނީ އެއްވެސް މީވާދަކާ ނުލައެވެ. އެއްވެސް ހުއްދަ ހޯދުމަކާނުލައެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ އަތުގައި އޮންނަ ފޯނުން މި ޕްރޮގްރާމުތައް ބަލަމުންދަނީ މައިންބަފައިންނަށް އެނގުމަކާ ނުލައެވެ. މި ކަމުގެ ސަބަބުން ޢާއިލާގެ ފަރްދުންގެ އެކުވެރިކަމަށް ދަނީ ބުރޫއަރަމުންނެވެ. ޢާއިލާގެ ބަސްތެރިކަމަށާއި ވާހަކަދައްކާ އުޅޭ އާދަކާދަ ދަނީ ގެއްލެމުންނެވެ.

އެތައް ގަނޑިއިރެއް ވަންދެން މި އިސްކިރީންތަކުގެ ކުރިމަތީގައި އޭނާގެ ވަގުތުތައް ހޭދަކުރާ ކުޑަކުއްޖާ މި ޕްރޮގްރާމުތަކުގެ މަންޒަރުތަކުގެ ތެރެއަށް ގެނބިގެން ދަނީ އެއްވެސް ފުންމިނެއް ނޭނގޭ ކަނޑަކަށެވެ. އޭނާއަށް އޭނާގެ އަމިއްލަ ޢާއިލާއެއް ލިބިގެންވާ ކަހަލައެވެ. އޭނާގެ އަޞްލު ޢާއިލާގެ މާޙައުލަށް ވަންނާނެ ވަގުތުކޮޅެއް އޭނާއަކަށް ނުލިބެއެވެ. އެ ކުއްޖާއަށް ރިވެތި ބަސްތަކެއް ދަހެއްނުވެއެވެ. އެ ކުއްޖާއަށް މައިންބަފައިންނަށް އަދަބުވެރިވާކަށް ނޭނގެއެވެ.

ރިވެތި މާތް އަޚުލާޤުގައި ހިފެހެއްޓުމަކީ އެކަހެރިވުމެއްނޫނެވެ. އަމިއްލަ ނަފްސު ތަޅުލުމެއްވެސް ހަމަނޫންމެއެވެ. އަދި އެއީ ތަރައްޤީއާއި ފަންނިއްޔާތާ ދެކޮޅުހެދުމެއްވެސް ނޫނެވެ.އަޚުލާޤަކީ ކޮންމެ ކުރިއެރުމެއް އޭގެ މަތީގައި ބިނާކުރަން ޖެހޭ ތަނބެވެ. އެތެރެ ކުނިވެ ހަލާކުވެފައިވާ އިރު ރީތި ތޮށިގަނޑެއްގެ  ބޭނުމަކީ ކޮބައިތޯއެވެ؟ ގިޔަމުތައް ކުނިގޮނޑަށް އުކައިލައިފައި  ކާމިޔާބީތައް ހޯދުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ! އިންސާނާގެ ނަލަކަން އޮންނަނީ އޭނާ ލާ ލިބާހެއްގައެއްނޫނެވެ. އޭނާގެ ހިތުގެ މާތް ޝުޢޫރުތަކާއި މީސްތަކުންނާއެކު ކުރާ މުޢާމަލާތުތަކުގައްޔާއި އެހެންމީހުންނަށް ކުރާ އިޙުތިރާމުގައެވެ.  

ބާރުގަދަ މުޖުތަމަޢުތަކާއި ގައުމުތައް އެ ގައުމުތަކުގެ އުޞޫލުތައް ދޫކޮށެއްނުލައެވެ. ލޯމަރައިގެން އޮވެ އެހެން ގައުމުތަކާއި މުޖުތަމަޢުތައް ކޮޕީއެއް  ނުކުރެއެވެ. މި ގައުމުތައް ދުނިޔެއަށް ހުޅުވިގަންނަނީ އަމިއްލަ މިނިވަން އައިޑީއާއެކުގައެވެ. އަމިއްލަ ޢަޤީދާއާއި ސަޤާފަތާއެކުގައެވެ.

މިއަދު އަޅުގަނޑުމެން މި ވަނީ ޢަޤީދާއާއި ދީނުގެ އުޞޫލުތަކުގެ މަތީގައި  ދެމިތިބުމަށް ޢަޒްމު  ކަނޑައަޅަންޖެހިފައެވެ. މި ދީނުގެ ގިޔަމުތަކާއި ވަޠަނީ އަގުތަކުގައި ހިފަހައްޓަންޖެހިފައެވެ. އިސްލާމްދީނުގެ ޖައުހަރަކީ ބޭރު ތޮށިގަނޑެއްނޫނެވެ. އެއީ ތެދުވެރިކަމާއި ތެދުމަގަށް ލެނބިގަތުމެވެ. އަޅުގަނޑުމެންގެ ކަރާމަތާއި ޢިއްޒަތުއްނަފްސު ދެމެހެއްޓޭނީ މި ގިޔަމުތަކުގައި ހިފެހެއްޓި ވަރަކުންނެވެ. މި ގިޔަމުތައް ރައްކައުތެރިކޮށް ޙިމާޔަތްކުރި ވަރަކުންނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަރުދަނާ      ނއ.   (1) ރަނގަޅު އުސޫލެއްގައި ސާބިތުވެހުންނަ. (1) އުޅުމުގެ ގަވާއިދުތައް ރަނގަޅު.

ނީހަ       ނ.    (1) ޣީބަ. (2) ޙަސަދަ. (3) ނެތިމޮށޭ ނެތިމޮށުން. (4) ދެބައޮޑުވާ އޮޑުވުން.

ބަހާ       ނ.    (1) އެއްޗެއް އުފައްދަން ބޭނުންވާ އަސާސީ އުންސުރުތައް. Factor   (2) ބައި part

ކަރާމަތް    ނ.   (1) ޙުރުމަތް. (2) ވަލީ ވެރިން ފަދަ ބޭބޭކަލުންގެ ކިބައިން ފެންނަ އާދަޔާ ޚިލާފު ކަންތައް.

އަދާތު     ނ.   (1) އާލަތް.tool  (2) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލަތް.tools

ޢަޤީދާ     ނ.   (1) ދީނީ ގޮތުން ހިތުން ކަށަވަރުކޮށް ޤަބޫލުކުރާ ކަންތައް. creed (2) ހިތުގައި ކުރެވޭ ކަށަވަރު.    Belief(3) އިޢުތިޤާދު.  Creed

ތަވާޒުނު    ނ.   ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. Balance

ގިޔަމު     ނ.   ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. Values

ސަގާފަތް   ނ.  އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހައި ކަމަކާ ގުޅިފައިވާ އާދަކާދަ. Culture

ޝަޚުޞިއްޔަތު ނ. އިންސާނެއްގެ ކިބައިގައި ހުންނަ އަނެކުންނާ ތަފާތު ވިސްނުމާއި ފިކުރާއި އަޚުލާގާއި ސުލޫކާއި މިޒާޖު ފަދަ ސިފަތައް. މީހެއްގައި ހުންނަ މީސްވަންތަކަން. Character

 

މަރުޖާ:

[1]  - أخرجه البيهقي (٢١٣٠١)  و أحمد (٨٩٥٢)، الحاكم (٤٢٢١) والبزار (٨٩٤٩) 

[2]  - أخرجه البيهقي (٢٠٨٣٦) و أحمد (١٧٧٣٢)، وابن حبان (٥٥٥٧)

[3]  - العنكبوت : 45

[4]  -  يوسف : 53

[5]  -  القيامة : 2

[6] -  الشمس : 9 – 10

 

ކޮމެންޓު