އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
22 އޯގަސްޓް 2025
(2025 އޮގަސްޓު 15ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
މަރްޔަމުގެފާނުގެ މައިކަމަނާ ޢިމްރާނުގެފާނުގެ އަނބިކަނބަލުންނަށް ދަރިކަނބަލަކު ލިބިވަޑައިގަތުމުން އެ ކަމާ ދެރަފުޅުވެގެން ދުޢާފުޅުކުރެއްވި އިރު، އެ ދަރިކަނބަލުން ޝައިޠާނާގެ ކިބައިން ރައްކައުތެރިކޮށްދެއްވުމަށް ދެންނެވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ [1]- ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވި ހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެންކުއްޖެކެވެ. އެ ކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއް ފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريمއޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمةން ބޭރުކުރައްވާފައިވާ شيطانއާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށް އެދި، އިބަރަސްކަލާނގެ حضرةއަށް ދަންނަވަމެވެ.))
ނަބިއްޔާ صلى الله عليه وسلم ގެ ދުޢާފުޅުތަކުގެ ތެރޭގައި މި ދުޢާ ވެއެވެ. ((وباركْ لنا في أسماعِنا وأبصارِنا وقلوبِنا وأزواجِنا وذرياتِنا [2]- އަޅަމެންގެ އިވުންތަކުގައްޔާއި، ފެނުންތަކުގައްޔާއި، ހިތްތަކުގައްޔާއި އަނބީންގައްޔާއި، ދަރިފަސްކޮޅުގައި ބަރަކާތް ލައްވާނދޭވެ!))
ކީރިތި ޤުރްއާނުގައި އައިސްފައިވާ ދުޢާތަކުގެ ތެރެއިން ދަރީން ރަނގަޅުކޮށްދެއްވައިތޯ ކުރުމަށް ސަލަފުން ވިދާޅުވެފައިވާ ދުޢާތަކުގެ ތެރޭގައި މި އާޔަތް ވެއެވެ. ((رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّٰلِحِينَ [3]- އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މި އަޅާގެ މައްޗަށާއި، މި އަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمةއަށް شكرކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عملކުރުމަށް މި އަޅާއަށް إلهامކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمةފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! ))
ޞާލިޙު ދަރިއަކީ ތިބާ މަރުވުމަށް ފަހުގައި ވެސް އޭނާގެ ދުޢާއިން ތިބާއަށް ދަރުމައާއި ސަވާބު ލިބޭނެ ކަމެކެވެ. ތިބާގެ ދަރިއަކީ ތިބާ މަސައްކަތުން ހޯދި އެއްޗެކެވެ. އެ ދަރީގެ ޞާލިޙު ޢަމަލަކީ ތިބާގެ ޢަމަލުތަކުގެ ތެރޭގައި ގުނޭނެ އެއްޗެކެވެ. އޭނާގެ ހެޔޮ ދުޢާއަކީ ތިބާ ކަށްވަޅުގައި އޮންނައިރު ތިބާއަށް ލިބިގެންވާނެ ކޮއްތެކެވެ. އެ މީހުންގެ ދަރީންގެ ސަބަބުން މާތްﷲ ކިތައް މީހުން ސުވަރުގެ ވައްދަވައިތޯއެވެ. މީހަކު މަރުވުމުން އޭނާގެ ހެޔޮ ޢަމަލުތައް އެ ހިސާބުން ވުނަ އިތުރުވުން ހުއްޓިގެންނުދާނެތެވެ. އޭގެ ފައިދާ ދެމިހުންނަނިވި ގޮތަކަށް ކުރަނިވި ޢަމަލުތައް މެނުވީއެވެ. ކައު ރަސޫލާ ޙަދީސްކުރެއްވި ފަދައިން އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ((أو ولَدٌ صالحٌ يَدْعُو لَهُ [4]- ނުވަތަ އޭނާއަށް ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ.))
އަނެއްކޮޅުން ބަލާއިރު ޞާލިޙު ބައްޕަގެ ސަބަބުން އޭނާ މި ދުނިޔެ ދޫކުރާ ފަހުން ވެސް އޭނާގެ ދަރީންނަށް އޭނާގެ ފުށުން ފައިދާ ކުރާނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ [5] ۚ- އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެ ރަށުގައިވާ يتيم ދެ ކުދީންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެ ދެ ކުދީންނަށް خزانةއެއް ވިއެވެ. އަދި އެ ދެކުދީންގެ ބައްޕާއަކީ، صالح މީހެއްކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެ ކުދީން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދީންގެ خزانة، އެ ދެކުދީން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ.))
ދަރީން ތިބާއަށް އުރެދުނަސް ، ތިބާގެ ބަސްނާހައި ނުބައިމަގުން ގޯޅިއަޅަމުންދިޔަސް މާޔޫސްނުވާށެވެ! ދެރަނުވާށެވެ! މިހާރުން މިހާރަށް އެ ކުދީންނަށް ޞާލިޙު ދުޢާކޮށްދޭން ފަށާށެވެ. ހުރިހާ ފަރުޟު ނަމާދަކަށް ފަހު ކުރާ ދުޢާތަކުގައި އެކުދީން ރަނގަޅުކޮށްދެއްވުމަށް މަޑުމޮޅިކަމާއެކު ދުޢާކުރާށެވެ! ތިބާގެ ވެރިރަސްކަލާނގެއާމެދު ރަނގަޅަށް ހީކުރާށެވެ!
ބަދުދުޢާ - ވަރުގަދަ މިސައިލެއް
ހަނދުމަފުޅު ބަހައްޓަވާށެވެ! ތިބާގެ ދަރީންނަށް ކޮށްދޭ ހެޔޮ ދުޢާ ކަންޒަކަށްވާ ގޮތަށް ތިބާ އެ ކުދީންގެ މައްޗަށް ކުރާ ބަދުދުޢާ މުޞީބާތަކަށް ވެސް ވެދާނެއެވެ. ބައްޕަ އޭނާގެ ދަރިފުޅަށް ކުރާ ދުޢާއަކީ ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ. ދަރީންގެ އަޚްލާޤު ނުބައިކަމާއި ދީނީ ކަންކަމުގައި ފަރުވާކުޑަކުރާކަމާއި ކިޔެވުމުގައި ރަނގަޅު ނަތީޖާ ނުލިބޭކަމާއި މަސައްކަތުގައި ނާކަމިޔާބުވާ ޝަކުވާ މައިންބަފައިން ވަރަށް ގިނައިން ކުރެތެވެ. މައިންބަފައިން މި ކަމާ މެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ތިބާ ދަރީންނަށް ޓަކައި ކުރާ ދުޢާތޯ ގިނައީ ނުވަތަ އެ ކުދީންގެ މައްޗަށް ކުރާ ދުޢާ (ބަދުދުޢާ)ތޯ ގިނައީ ބަލާށެވެ! ދަރީންގެ މައްޗަށް ބަދުދުޢާ ނުކުރުމަށް އިންޒާރުދެއްވައި ކައު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لا تدعُوا على أنفُسِكُمْ، ولا تدعُوا على أولادِكم، ولا تدعوا على خدمِكم، ولا تدعوا على أموالِكم، لا تُوافِقوا من اللهِ ساعةً يُسألُ فيها عطاءٌ فيُستجابُ لكم[6]- ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ދުޢާނުކުރާށެވެ!އަދި ތިޔަބައިމީހުންގެ ދަރީންގެ މައްޗަށް ދުޢާނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ނޯކަރުންގެ މައްޗަށް ދުޢާނުކުރާށެވެ! އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ދުޢާނުކުރާށެވެ! އެ ވަގުތާ ﷲގެ ޙަޟުރަތުގައި ދުޢާ އިޖާބަކުރައްވާ ވަގުތާ ދިމާވެ އެ ދުޢާ އިޖާބަ ކުރައްވައިފާނެތީއެވެ.))
އެއްދުވަހަކު ލޯބިލޯބި ކުޑަކުއްޖެއްގެ އަތުން ތަށްޓެއް ވެއްޓި ތަޅައިގެން ދިޔުމުން މި ކުއްޖާގެ މަންމަ ރުޅި އައިސްގެން ކަލޭގެ ހިތް ﷲ ތަޅުއްވާލައްވާށިއޭ ބުންޏެވެ. ދަރިފުޅުގެ ހިތް ތަޅައިގެން ދިޔުމާ މި ތަށީގެ އަގާ އެއްވަރުވާނެހެއްޔެވެ؟ ދުޢާ އިޖާބަކުރައްވާ ވަގުތަކާ މި ވަގުތު ދިމާވި ނަމަ މި ކުއްޖާ ވާނީ ކޮންފަދަ ކުއްޖަކަށްހެއްޔެވެ؟ ދަރިއަކު ބައްޕަގެ ބަސްނޭހުމުން މާތްﷲ ކަލެއަށް ރަޙްމަތްނުލައްވާށިއޭ ބުނި ވަގުތާ ﷲ ދުޢާ އިޖާބަކުރައްވަވާ ވަގުތަކާ ދިމާވި ނަމަ، މި ކުއްޖާގެ ކުރިމަގު ކިހާ އަބާއްޖަވެރިވާނެހެއްޔެވެ؟ އެއް ގޮތަކަށް ވެސް ބަދުދުޢާ ނުކުރާށެވެ!
އެއްދުވަހަކު ޢުމަރުގެފާނަށް އަތް ވާވެފައިވާ މުސްކުޅިއަކު ފެނިވަޑައިގެން އޭނާގެ އަތަށް މި ބަލިޖެހުނީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އެހިނދު މި މީހާ ދެންނެވިއެވެ. "ޖާހިލިއްޔަތުގެ ޒަމާނުގައި އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ މައްޗަށް ކުރި ދުޢާއެއްގެ ސަބަބުންނެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. މި ހުރީ ޖާހިލިއްޔަތުގެ ޒަމާނުގައި މައިންބަފައިން ކުރި ދުޢާއެވެ. ވީމާ އިސްލާންކަންމަތީގައި ތިބެ ކުރާ ދުޢާ ވާނީ ކިހިނެއްހެއްޔެވެ؟"
އެއްދުވަހަކު މީހަކު އަލްޙަސަނުލްބަޞްރީއަށް ދެންނެވިއެވެ. "އޭ އަބޫސަޢީދޭވެ! ބައްޕަ އޭނާގެ ދަރިއަށް ކޮށްދޭ ދުޢާއާ ބެހޭ ގޮތުން ވިދާޅުވާނީ ކީކޭތޯއެވެ؟ ވިދާޅުވިއެވެ. އެއީ ސަލާމަތާއި ނަޖާވުމެވެ. ދެން އޭނާ ދެންނެވިއެވެ. ބައްޕައަކު އޭނާގެ ދަރީގެ މައްޗަށްކުރާ ދުޢާއާ މެދު ވިދާޅުވާނީ ކީކޭތޯއެވެ؟ ވިދާޅުވިއެވެ. އެއީ ހަލާކެވެ."
އެއް ދުވަހަކު މީހަކު ޢަބްދުﷲ ބުނުލްމުބާރަކުގެ އަރިހަށް އައިސް އޭނާގެ ދަރި އޭނާއަށް އުރެދޭތީ އެކަމުގެ ޝަކުވާ ކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާ އޭނާގެ މައްޗަށް ދުޢާއެއް ކުރީންހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. ތިބާގެ ދަރިފުޅު ހަލާކުކޮށްލައިފައި އައުމުގެ ބޭނުމެއް ނެތެވެ. ރަނގަޅު ވާނީ މިތަނުން ދުރަށް ދިއުމެވެ!"
ދަރީން އިޞްލާޙުކުރުމަށް ޓަކައި މާތް ﷲ މި ވަނީ މައިންބަފައިންނަށް ވަރަށް ވަރުގަދަ ހަތިޔާރެއް ދެއްވައިފައެވެ. ސިއްރާއި ފާޅުގައި އެ ކުދީންނަށް ޓަކައި ހެޔޮ ދުޢާކުރާށެވެ! ނަމާދުގައްޔާއި ނަމާދުން ބޭރުގައެވެ. މީހަކަށް ރަނގަޅު ދަރީންތަކެއް ދެއްވައިފައިވާ ތަން ފެނިގެން އެ މީހާއާ ސުވާލުކުރުމުން ބުންޏެވެ. "އަޅުގަނޑު ކަމެއް ނުކުރަމެވެ. އެހެނަސް އަޅުގަނޑު އަބަދުވެސް އެ ކުދީންނަށް ހެޔޮ ރަޙްމަތްލެއްވުމަށާއި ހެޔޮ ތައުފީޤު ދެއްވުމަށް ދުޢާކުރަމެވެ. ދުޢާ އިޖާބަކުރައްވަވާ ވަގުތުގެ ބޭނުން ކުރަމުއެވެ." (ނިމުނީ )
މަރުޖާ:
[1] - آل عمران : 35
[2] - أخرجه البخاري في ((الأدب المفرد)) (٦٣٠) وابن أبي شيبة (٣٠١٣٨) وابن حبان (٩٩٦)، والطبراني (١٠/٢٣٦) (١٠٤٢٦)، والحاكم (٩٧٧)
[3] - النمل : 19
[4] - أخرجه مسلم (١٦٣١) و ابن ماجه (٢٤١)، والنسائي في ((السنن الكبرى)) (١٠٨٦٣)، وابن خزيمة (٢٤٩٥)
[5] - الكهف :82
[6] - أخرجه مسلم (٣٠٠٩)، وابن حبان (٥٧٤٢)، وابن الحداد في ((جامع الصحيحين)) (٢٣١٨) والطحاوي في ((مشكل الآثار)) (٣٥٣٩)