ad_banner
ޓުރަންޕު އިޒުރޭލަށް ކުރާން ހަމަޖެހިފައިވާ ދަތުރާއި، މަސްޖިދުލްއަޤުޞާއަށް ކުރިމަތިވަމުންދާ ނުރައްކާ.

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

21 އޯގަސްޓް 2025

ނަތަންޔާހޫ ބިމުއަޑީގެ ޓަނަލުގައި ނަގަިފައިވާ ފޮޓޯ

މި އަންނަ މަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު އިޒުރޭލަށް ދާން ވަނީ ހަމަޖެހިފައެވެ. މީގެ ހަފުތާއެއް ހައި ދުވަސް ކުރީން އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބިމުގެ އަޑީގައި ހުރި ޓަނަލެއްގެ ތެރޭގައި ހުރެ ނަގައިފައިވާ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އަޤުޞާ މިސްކިތުގެ އަޑީގައި އިޒުރޭލުން ވަނީ ބޮޑެތި ޓަނަލްތަކެއް ތައްޔާރުކޮށްފައެވެ. އަދި، މި ޓަނަލްތަކުގެ ސަބަބުން އަޤުޞާ މިސްކިތުގެ ބިންގާ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. މި ހުރިހައި ކަމެއް ވެސް ގުޅިފައިވަނީ ސިހުޔޫނީންގެ ދުރުރާސްތާގެ ތަދުބީރާއެވެ. އެ ގޮތުން އިޒުރޭލުން ކުރަމުން މިދާ މަސައްކަތަކީ "ހައިކަލް ސުލެއިމާނު" ނުވަތަ ސުލެއިމާނުގެފާނުގެ ފައްޅި ބިނާކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ޢަމަލީ މަސައްކަތެވެ.

އެމެރިކާއިން ވަނީ ގުދުސަކީ އިޒުރޭލުގެ ވެރިރަށުގެ ގޮތުގައި މީގެ ކުރީން ބަލައިގަނެފައެވެ. އަދި ޤުދުސްގައި އެ ޤައުމުގެ އެމްބަސީ ހުޅުވާނެކަން ވެސް އެމެރިކާއިން ވަނީ އިޢުލާންކޮށްފައެވެ. ޓުރަންޕުގެ މި ދަތުރަކީ އެމެރިކާގެ ސިޔާސަތު އިތުރަށް ތަންފީޒުކުރުމަށް ކުރާ ދަތުރެކެވެ. އެމެރިކާއިން އިސްލާމީ އުންމަތަށާއި، ދުނިޔެއަށް ދޭން ބޭނުންވާ ސާފު މެސެޖަކީ، އިޒުރޭލަށް އެމީހުން ބޭނުންވާ ކޮންމެ ކަމެއްކުރެވޭނެކަމާއި، އެމެރިކާއަކީ އިޒުރޭލުގެ ޖަރީމާތަކުގެ ބައިވެރިއެއްކަމެވެ.

ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ހުޅަނގުގެ ޤައުމުތަކުން ފަލަސްޠީނު ބަލައިގަތުމުގެ އަޑު ގަދަވެފައިވުމަކީ، މިނިވަން ފަލަސްޠީނު ދައުލަތެއް ވުޖޫދުވުމަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަގީގަތަކީ މިއީ ހައްތާވެސް ޑިޕްލޮމެޓިކް ވަހުމެވެ. ހުޅަނގަކީ ޒަމާނުއްސުރެ ސިހުޔޫނީންނާއި، އިލޫމިނާޓީއާއި އަދި ފުރީމޭސަނުންގެ ކޮންޓުރޯލުގެ ދަށުގައި އޮތް ބައްރެކެވެ. ހުޅަނގު ޤައުމުތަކުގެ ސިޔާސީ، ދީނީ އަދި ވިޔަފާރީގެ އަޝްރާފުން ތިބީ މުޅިން ވެސް، މި ދެންނެވި "އަނދިރި ޖަމާޢަތްތަކުގެ" ކޮންޓުރޯލުގެ ދަށުގައެވެ. މަންމައަކަށް ދަރިއަކާ ދެކޮޅަށް ތެދުވެވޭނެހެއްޔެވެ؟ ހުޅަނގަކީ، އަދި ވަކިން ޚާއްސަކޮށް އިނގިރޭސި ވިލާތަކީ އިޒުރޭލުގެ އަމައެވެ. އިޒުރޭލަކީ، އިނގިރޭސި ވިލާތުން ނަހަލާލަށް ވިހެއުމަށް ފަހު، ޢަރަބިންގެ އުނގަށް ވައްޓައިލި ވިހަގަދަ ހަރުފައެކެވެ.

ޓުރަންޕުގެ ވިސްނުން

ޣައްޒާގައި ހިންގަމުންދާ ފަނާކުރުމާއި ނަސްލުހޭދަކީ، ހަގީގަތުގައި މި ބޮޑު މުސީބާތުގެ ފެށުމެވެ. އިޒުރޭލާއި އެމެރިކާއިން ދެކޭ ގޮތުގައި، މި އަނިޔާވެރިކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާން ޖެހެއެވެ. އިޒުރޭލުން، ޣައްޒާގައި ހިންގާ ޖަރީމާތަކަށް ކަނު ލޮލެއް ދީގެން ހިމޭންވެފައި އޮތް ދުނިޔެއިން، އިޒުރޭލުން އަޤުޞާ މިސްކިތް ބިމާއި ހަމަކޮށްލިއަސް، ހަމައެކަނި ނެރޭނީ "ކުށްވެރިކުރުމުގެ ބަޔާންތަކެއް"ކަން އިޒުރޭލާއި އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ޓުރަމްޕްގެ މި ދަތުރާ އެކު އިޒުރޭލުގެ ތަސައްވުރު އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ.

ހުޅަނގުގެ ގައުމުތަކުން ކިރުދީގެން ބަލައި ބޮޑުކުރި، އިޒުރޭލޭ މި ކިޔާ ވިހަގަދަ ހަރުފަ، އަދި އެ މީހުން ގައިގައިވެސް ދަތްއަޅާނެ ވަގުތު އަންނާނެއެވެ. އެކަމަކު، އަސްލު ސުވާލަކީ އިސްލާމީ އުންމަތް ހޭލާނީ ކޮން އިރަކުންހެއްޔެވެ؟ އެއަށް ވުރެ ބޮޑު ސުވާލަކީ ހޭލާނޭ އިސްލާމީ އުންމަތެއް އެބަ އޮތްބާވައެވެ؟

މުސްލިމުންގެ ތިންވަނަ ޙަރަމްފުޅުކަމުގައިވާ އަޤުސާ މިސްކިތް ތަޅައިލުމުގެ ބިރުވެރި ޖަރީމާ ވެސް "ބަޔާނާއި ގަރާރުތަކުގެ" ދާނެއްގައި ވަޅުލާނީހެއްޔެވެ؟ އަހުރެމެންގެ އީމާންކަން ވެސް މިހާރު ވަނީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ބަޔާންތަކެއްގެ ހުދޫދުގެ ތެރޭގައި ޤައިދުވެފައިހެއްޔެވެ؟

ބަޔަކު ޤަބޫލުކުރިއަސް ނުކުރިއަސް ހަގީގަތަކީ މިއީއެވެ. އެމެރިކާއަކީ ހަމައެކަނި އިޒުރޭލަށް ތާއީދުކުރާ ޤައުމެއް ނޫނެވެ. އެއީ އިޒުރޭލުގެ ޖަރީމާތަކުގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. ވީމާ، ހިމޭނުން ކުޅިބެލުންތެރިންގެ ގޮތުގައި ތިބޭނީތޯ ނުވަތަ ހަނގުރާމައިގެ މައިދާނަށް ނުކުމެ، ޖިހާދުކުރާނީތޯ ނިންމުމަކީ މިހާރުގެ ޙާލަތަށް ބަލާ އިރު، އިސްލާމީ އުންމަތުގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އެހެނީ، އިސްލާމީ އުންމަތުގެ ވެރީންވަނީ މި އުންމަތަށް ޣަދަރުވެރިވެ ޚިޔާނާތްތެރިވެފައެވެ.

 

ބައެއް ލަފުޒުގެ މާނަ

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ތަދުބީރު      ނ.    (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް

ކޮމެންޓު