ad_banner
ޗާޓެއް ކިޔައިދޭ ވާހަކައެއް: އެންމެ ދުވަސްވީ ޔުނިވަރސިޓީތައް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

22 އޯގަސްޓް 2025

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ޔުނިވަރސިޓީތައް

ތިޔަ ފެނިވަޑައިގަންނަވަނީ އޮކްސްފޯޑް ޔުނިވަސިޓީގެ ޗާޓެކެވެ. އެ ޗާޓުގައި އެ ވަނީ ދުނިޔޭގައި މިހާރު ވެސް ކިޔަވައިދެމުން ގެންދާ ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީތަކެވެ. ތައުލީމީ އެ މުއައްސަސާތަކުގެ ތެރެއިން އެންމެ ދުވަސްވީ ތަންތަނުގެ ނަންތައް ތާރީޚީ ތަރުތީބުން ލިޔެލާނަމެވެ.

1.     ޒައިތޫނާ ޔުނިވަރސިޓީ (ތޫނިސް). ތައުސީސުކުރެވުނީ މީލާދީ ސަނަތުން 776 ވަނަ އަހަރު.

2.     ގަރަވިއްޔީން ޔުނިވަރސިޓީ (ފޭޒް - މަޣުރިބު / މޮރޮކޯ) ތައުސީސުކުރެވުނީ މީލާދީ ސަނަތުން 859 ވަނަ އަހަރު.

3.     އަޒްހަރު ޔުނިވަރސިޓީ (ގާހިރާ - މިސްރު) ތައުސީސުކުރެވުނީ މީލާދީ ސަނަތުން 972 ވަނަ އަހަރު.

4.     ބޮލޮންޏާ ޔުނިވަރސިޓީ (އިޓަލީ) ތައުސީސުކުރެވުނީ މީލާދީ ސަނަތުން 1088 ވަނަ އަހަރު.

5.     އޮކްސްފޯޑް ޔުނިވަރސިޓީ (އޮކްސްފޯޑް - އިންގްލަންޑް) ތައުސީސުކުރެވުނީ މީލާދީ ސަނަތުން 1096 ވަނަ އަހަރު.

މި ޗާޓު ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެއް ދުވަސް ވަރެއްގައި މުސްލިމުންނަކީ އިލްމަށް ލޯބިކޮށް، އިލްމު އުނގެނުމަކީ އެ މީހުން އަހައްމިއްޔަތުކަންދިން އެންމެ އިސްކަންތައްތަކުގެ ތެރޭގައި ހިމެނުނު ކަމެއްކަމެވެ. ދެން، ސުއާލަކި އަރަބި-އިސްލާމީ ދުނިޔޭގައި އިލްމީ ރޭސް މިހައި ކުރީން ފެށިފައިވީ އިރު، އަދުގެ ދުނިޔޭގައި އިލްމީ މައިދާނުގައި މުސްލިމުން (ޔޫ.އެން. އިން މީގެ ދުވަސްތަކެއް ކުރީން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން) އެންމެ ފަހަތުގައި އުޅެނީ ކީއްވެހެއްޔެވެ؟

މީގެ އިތުރަށް، އިލްމީ ކުރިއެރުން ރަމްޒުކޮށްދޭ ދުނިޔޭގެ ނޯބެލް އިނާމު ދިނުން 1901 ފެށިގެން އައި އިރު، މަތީގައި ނަންގަނެވިފައިވާ މުސްލިމު ޖާމިއާތަކުން ދަސްވެނިވި މީހެއްގެ ނަމެއް އެއްވެސް އިލްމީ މައިދާނެއްގައި ހިމެނިފައެއް ނުވެއެވެ. މިހާ ތަނަށް އިލްމީ މައިދާނެއްގައި ނޮބެލްގެ އިނާމު ހާސިލުކޮށްފައި ވަނީ މަދު މުސްލިމެކެވެ. އެއީ 1979ގައި ފިޒިކްސްގެ ދާއިރާއިން ނޮބެލްގެ އިނާމު ހާސިލު ކުރި ޕާކިސްތާނުގެ އަބްދުއްސަލާމާއި 1988ގައި އަދަބިއްޔާތުގެ ރޮނގުން ނޮބެލް އިނާމު ހާސިލުކުރި މިސުރުގެ ނަޖީބު މަހްފޫޒާއި 1999ގައި ކެމިސްޓްރީގެ ރޮނގުން ނޮބެލް އިނާމު ހާސިލުކުރި އަހްމަދު ޒުވައިލާއި 2015ގައި ކެމިސްޓްރީގެ ދާއިރާއިން ނޮބެލް އިނާމު ހާސިލުކުރެއްވި އަޒީޒު ސަންކާރާއި 2021ގައި އަދަބިއްޔާތުގެ ރޮނގުން ނޮބެލްގެ އިނާމު ހާސިލުކުރި އަބްދުއްރައްޒާގު ސާލިމް ގުރްނާހެވެ. އޭނައަކީ ޓެންޒޭނިޔާގެ އަރަބި ދަރިކޮޅަކަށް އުފަން އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. މީގެ ތެރޭގައި 2006ގައި ސުލްހައިގެ ނޯބެލްގެ އިނާމު ހާސިލުކުރެއްވި ބަންގްލާ ދޭޝްގެ މުހައްމަދު ޔޫނުސް ހިމަނައިލެވިދާނެއެވެ. ސަބަބަކީ އޭނައަށް އެ އިނާމު ދެވުނީ އޭނާ ތައުސީސުކުރެއްވި ގުރަމީން ބޭންކުގެ ސަބަބުންކަމަށްވާތީއެވެ. އޭނަގެ އިތުރުން މިސުރުގެ އަންވަރު ސާދާތަށާއި (1978ގައި) ފަލަސްތީނުގެ ޔާސިރު އަރަފާތަށާއި (1994ގައި) އަދި މިސުރުގެ މުހައްމަދު ބަރްދާއީއަށް (2005ގައި) ވެސް ނޮބެލްގެ ސުލްހައިގެ އިނާމު ލިބިލެއްވިއެވެ.

މީގެ ތެރެއިން އަބްދުއްސަލާމް ކިޔަވައިވިދާޅުވީ ލާހޯރު ޔުނިވަސިޓީއާއި މުމްބައި ޔުނިވަރސިޓީއާއި ޕަންޖާބު ޔުނިވަސިޓީއާއި އަދި އެންމެ ފަހުން އޭނާ ޕީ.އެޗް.ޑީ ނެންގެވި ކެމްބްރިޖް ޔުނިވަރސިޓީގައެވެ. (ޕާކިސްތާނުގައި އޭނާއަކީ މުސްލިމެއްކަމަކަށް ގަބޫލެއް ނުކުރާކަން މި ތަނުގައި ނޯޓުކޮށްލަން ޖެހެއެވެ. ނަމަވެސް، އޭނަ ގަބޫލުކުރައްވަނީ އޭނާއަކީ މުސްލިމެއް ކަމެވެ.) ނަޖީބު މަހްފޫޒު ކިޔަވައިވިދާޅުވީ ޤާހިރާ ޔުނިވަސިޓީއިންނެވެ. އަހްމަދު ޒުވައިލް ކިޔަވައިވިދާޅުވީ އެލެކްސޭންޑްރިޔާ ޔުނިވަސިޓީގައްޔާއި އެމެރިކާގެ ޕެންސިލްވޭނިޔާ ޔުނިވަރސިޓީގައެވެ. އަޒީޒު ސައްކާރު ކިޔަވައިވިދާޅުވީ ތުރުކީގެ އިސްތަންބޫލު ޔުނިވަރސިޓީގައްޔާއި އެމެރިކާގެ ޓެކްސާސް ޔުނިވަރސިޓީގައެވެ. އަބްދުއްރައްޒާގު ކިޔަވައިވިދާޅުވީ އިނގިރޭސިވިލާތުގައި ލަންޑަން ޔުނިވަރސިޓީގައެވެ.

ކޮންމެ އަކަސް މަތީގައި ކުރެވުނުގެ ސުއާލުގެ (ތައުލީމީ ރޭހުގައި މުސްލިމުންގެ ކުރިއެރުން ހުއްޓުނީ ކީއްވެތޯ ކުރާ ސުއާލުގެ) ކުރު ޖަވާބެއް ލިޔެލާ ނަމަ ބުނެވޭނީ އެކަން ގުޅެނީ ތައުލީމީ މަންހަޖާ ކަމެވެ. ތައުލީމު ހާސިލުކުރުމަކީ ސިކުނޑިތައް ހުޅުވައިލައި، ކަންކަމާ މެދު، މުސްތަގިއްލު ގޮތެއްގައި ވިސްނާން ދަސްކޮށްދޭ ކަމަކަށްވުމުގެ ބަދަލުގައި 'ސަނަދު ހޯދައި' އެ ކަމާ މެދު ފަޚުރުވެރިވުމަށް ކުރެވޭ މަސައްކަތަކަށް ވުމާއެވެ. ކޮންމެއަކަސް، ތައުލީމުދިނުމުގެ މަސައްކަތް، ކުރީން ނަންގަނެވުނު ގޮތަށް ބަދަލު ވެއްޖެ ނަމަ، އިހެކޭ އެއް ފަދައިން، ވަރުގަދަ އިލްމީ ޖީލުތައް މުސްލިމު އަދި އިސްލާމީ ޖާމިއާތަކުން ވެސް ފެނިގެންދާނޭކަމީ ޝައްކުކުރެވޭ ކަމެއް ނޫނެވެ.

ކޮމެންޓު