އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 އޯގަސްޓް 2025
މިއަދަކީ "ޤައުމީ ދުވަސް"ކަމުގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުވަހެވެ. މިހާރު ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި އޮތް 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ޓަކައި އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޒަމް (ބޮޑުތަކުރުފާނު) ކުރެއްވި އަގުހުރި ޖިހާދުގެ ކާމިޔާބީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ޙަޔާތުގައި ޤައުމަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ އެއީކަމަށް ދިވެހީން ދެކޭތީއެވެ. ޤައުމީ ދުވަހުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ އެދުވަހުގެ މުހިއްމު ކަމުންނެވެ. އާދޭހެވެ! ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭގައެވެ.
ޤައުމީ ދުވަހުގެ ތާރީޚަށް ނަޒަރެއް ދޭ އިރު، ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަކުރި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭގެ ފަހުން ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަކުރަމުން އައިސްފައިވެއެވެ.
ގައުމީ ދުވަހުގެ ތާރީޚަކީ އަހަރަކު އެއް ފަހަރު ތަކުރާރުކޮށް ދެއްކޭ، އަދި ދައްކާ ވާހަކަތަކެކެވެ. އެހެންކަމުން އެ ވާހަކަ މި ހިސާބަށް ބޭއްވުމަށް ފަހު ޤައުމާއި ޤައުމިއްޔަތަކީ ކޮބައިތޯ ބަލައިލަމާތޯއެވެ! "ޤައުމު"ގެ ފުރިހަމަ މާނައަކީ ދުނިޔޭގެ ބައްރު ނުވަތަ ބިމާއި ކަނޑު ހިމެނޭ ގޮތުން މުޅި ދުނިޔެ، ޖުޣުރާފީ ގޮތުންބެހިފައި ހުންނަ ބައިތައް ސިޔާސީ ގޮތުންނާއި ސިޔާދަތީ ގޮތުން ވަކިވެ، މިނިވަންކަމާއި އެކު، އެ ސަރަހައްދެއްގެ އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރާއި އެ ތަނެއްގެ ކަންކަން އެ ތަނަކުން ހަމަޖެއްސޭނެ ގޮތްތަކަށް ފަހިވެފައިވާ، އަދި އެ ތަންތަނުގައި ވަކި ސަރުކާރެއް އުފެއްދި ވަކި އިޤްތިޞާދެއް އޮވެ، އެއް ކަހަލަ އުޞޫލުތަކެއް ބަލައިގަންނަ [މީސްތަކެއް] އެ ތަނެއްގައި ދިރިއުޅޭ ތަންތަނެވެ. މިއީ [ޤައުމު]ގެ ފުރިހަމަ މާނައޭ މި ދެންނެވީ "ޤައުމު" މި ލަފުޒުގެ މުޅި މަފުހޫމު، މި ތަޢުރީފުގައި ހިމެނިފައިވާތީއެވެ. ޤައުމުގެ ތަޢާރުފު، ތަފާތު ޢިބާރާތްތަކުން ތަފާތު ބޭފުޅުން ބަޔާންކޮށްފައި ހުރެއެވެ. އެ ހުރިހާ ތަޢުރީފުތަކެއްގެ މަފުހޫމު މި ދަންނަވައިލެވިފައި މި ވަނީއެވެ.
"ޤައުމު" މި ނަމަކީ ދުނިޔޭގެ ބައްރު ނުވަތަ ބިމާއި ކަނޑު ހިމެނޭ ގޮތުން މުޅި ދުނިޔެ، ޖުޣުރާފީ ގޮތުން ބެހިފައިވާ ބައިތަކަށް ވެސް އެކަނި ވެސް ކިޔާ އާންމު ނަމެކެވެ. އަދި ކަރަކަރައާއި ވިލާތްވިލާތާއި ރާއްޖެރާއްޖޭގެ މާނައިގައި ވެސް "ޤައުމު" ބޭނުންކޮށްފައި ހުރެއެވެ. ދިވެހިރާއްޖޭގެ މާނައިގައި "ދިވެހި ޤައުމޭ" ވެސް ބުނެ އުޅެނީ މި އުޞޫލުންނެވެ.
އެއްވެސް ޝައްކެއް ނެތެވެ. މީސްތަކުންނާ ނުލައި ޤައުމެއް ނޯންނާނެއެވެ. އޭގެ މާނައަކީ [ޤައުމު]ގެ މާނައަކީ [މީހުން]ނޭ ދެންނެވުމެއް ނޫނެވެ. ވަކި ޝަރުޠުތަކެއް ފުރިހަމަވެ، ވަކި ހައިސިއްޔަތުތަކެއް ލިބިފައިވާ މީސްތަކުންގެ ޖަމާޢަތަކަށް ޤައުމޭ ކިޔެއެވެ. މި ވާހަކަ އިސްވެ ދަންނަވައިލެވިއްޖެއެވެ. އެންމެ ފުރިހަމަ މާނައެއް އެކަކަށް ވެސް އޮޅުންފިލުވައިދެވޭނެހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑުގެ ޤާބިލުކަން ހުރި މިންވަރުން ދަންނަވައިލެވޭނީ މި މިންވަރަށެވެ.
ދެން އޮތީ ޤައުމިއްޔަތެވެ. އެ މީހަކު ނިސްބަތްވާ ޤައުމަކީ އެ މީހެއްގެ ޤައުމިއްޔަތެވެ. އެ މީހެއްގެ ޤައުމާމެދު އެ މީހެއްގެ ހިތުގައި އޮންނަ ފަޚުރާއި އެ އިޙުސާސަކީ ވެސް ޤައުމިއްޔަތެވެ. އަދި އެ މީހެއްގެ ކިބައިގައި ނުވަތަ އެ ތަނެއްގައި އޮންނަ ޤައުމީވަންތަކަމަކީ ވެސް ޤައުމިއްޔަތެވެ. "ވަންތަކަމޭ" މި ދެންނެވީ ކުރިން ދަންނަވައިލެވުނު ސިފަތައް ލިބިގެންވާ ލިބިގެންވުމަށެވެ. ވީމާ ކުރީން ދަންނަވައިލެވުނު ސިފަތަކަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިސާލަކަށް އަޅުގަނޑުމެން ޤަބޫލުކުރާ ޢަޤީދާ (މާތްވެގެންވާ އިސްލާމް ދީން) އާއި އަޅުގަނޑުމެންގެ މާދަރީ ބަސްކަމުގައިވާ ދިވެހިބަހާއި ސަގާފަތާއި އާދަކާދަތައް ހިމެނެނީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އުޞޫލުތަކަށެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި މި ހުރިހާ ކަމެއް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. މިއަދުގެ ދުނިޔޭގައި، އިސްލާމް ދީނާ ޚިލާފުނުވާ ގޮތުގެ މަތީން ބަލައިގަނެވޭ ދީމުޤްރާޠީ އުޞޫލުތަކާއި އިންސާނީ ޙައްޤުތައް ވެސް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. އެހެންކަމުން ޤައުމާ ބެހޭ އެންމެހާ ޝަރަފެއް، އެންމެހާ ޢުންޞުރުތަކެއް ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭނެއެވެ. އަޅުގަނޑުމެން ޤައުމިއްޔަތޭ ކިޔައި އުޅެނީ [ވަޠަނިއްޔަތު]ގެ މާނައިގައިކަމަށް ވެސް ބައެއް ފަހަރު ފެނެއެވެ. ވަޠަން ދެކެ ލޯބިވުމެވެ. ވަޠަނަށް ޓަކައި އެ މީހެއްގެ ހިތުގައި އޮންނަ ލޯތްބާއި ކުލުނާއި ހެޔޮއެދުމުގެ ޝުޢޫރަށް ވެސް ޤައުމިއްޔަތޭ ކިޔަމުއެވެ. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި [ޙުއްބުލްވަޠަން]އެވެ. ވަޠަން ދެކެ ލޯބިވުމެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަހެއް ފާހަގަކުރާ އިރު، ދިވެހި ޤައުމިއްޔަތަށް ވަނީ ލޮޅުންއަރައިފައޭ އަޅުގަނޑު ދަންނަވައިލައިފި ނަމަ، ބައެއް ބޭފުޅުން އަޅުގަނޑާ ދިމާއަށް ތުންޕުޅުފިއްތަވާނޭކަން އެނގެއެވެ. ނަމަވެސް ހަގީގަތަކީ ދިވެހި ޤައުމީ ވަޙުދަތަށް މިއަދު ލޮޅުން އަރައިފައިވާކަމެވެ. ދިވެހި ޤައުމީ ސަލާން ކިޔާ އިރު ތިބޭންވީ ކިހިނެއްކަމެއް ނޭނގެއެވެ. އެކި މީހުން ތިބެނީ އެކި ގޮތަށެވެ. ދިވެހިބަހުން ވާހަކަދައްކާން މިއަދުގެ ޒުވާން ޖީލު ލަދުގަނެއެވެ. ރަށްރަށުގެ ނަން ބޮޑު އަކުރުން ޖަހައިލާން ވެސް ގިނަ މީހުންނަށް ކަމުދަނީ ލެޓިންއަކުރުންނެވެ. ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް އޮތަސް ގިނަ މުއައްސަސާތަކުން ދިވެހިބަހަކަށް އިސްކަމެއް ނުދެއެވެ. އިންކަންދޭތޯ ބަލާނެ ބަޔަކު ވެސް ނޫޅެއެވެ. [ބައިނަލްއަގުވާމީ]އޭ ބުނާ ބައްދަލުވުމެއްގައި ނަމަ ދިވެހިބަސް [ހަރާން]ވާ ފަދައެވެ. (ނަމަވެސް އިއްޔެ ބޭއްވި ޒަކާތާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާއިން އުންމީދުތަކެއް ލިބިފައިވާކަން އުފަލާ އެކު، ފާހަގަކޮށްލަމެވެ.)
ދީނީ ކަންކަމުގައިވެސް ޤައުމީ ވަޙުދަތެއް ނެތެވެ. އިމާމުވެ ނަމާދުކުރައްވާ އިމާމުން، އަލްޙަމްދުގެ ކުރީގައި ބަސްމަލާ ބާރަށް ވިދާޅުވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދިވެހިރާއްޖޭގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރުއްވައި ޢާންމުކުރައްވައިފައި ވިޔަސް އެކި މިސްކިތްތަކުގައި ޢަމަލުކުރަނީ އެކި ގޮތަށެވެ. ޢީދު ނަމާދުގައި ތަކުބީރުކިޔާނެ ވަކި ޞީޣާއެއް ޝަރުޢުކުރައްވައިފައި ނެތޭ ބުނެ، އެކި މިސްކިތްތަކުގައި ތަކުބީރު ކިޔަނީ އެކި ގޮތަށެވެ. މިއިން އެއްވެސް ކަމެއްގައި އެއްބައިވަންތަކަމެއް ނެތެވެ. މިއީ އިސްލާމީ އެހެން ގައުމުތަކުން ފެންނަ ކަންކަމެއް ނޫނެވެ.
މި ކަންކަމާމެދު ފުންކޮށް ވިސްނައިލުމުން ލޮލުން ފައިބާ ކަރުނައާއި ހިތުގައި އުފެދޭ ޖަޒުބާތުން ކޮންމެވެސް މިންވަރެއް ޢިބާރާތެއްގެ ސިފައިގައި ހުށަހަޅައިލާން ޒަމީރު މަޖުބޫރުކުރީއެވެ. ހިތުގެ ޖަޒުބާތުތަކަށް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބުމުގެ އުންމީދުގައެވެ. މި ކަންކަމާމެދު ފުންކޮށް ވިސްނައި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ ވެރީންނާއި ރައްޔިތުންގެ މައްޗަށް - އަޅުގަނޑުމެން އެންމެންގެ މައްޗަށް - އޮތް ޤައުމީ ވާޖިބެކެވެ. ޤައުމީ ޝަރަފުކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާ ކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އަދި ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާ ދިދައިގެ ޙުރުމަތް ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ. އެހެނީ އެ ބަޔަކު ނިސްބަތްވާ ޤައުމު ޝަރަފުވެރިނުވެ، އަޅުގަނޑުމެން ޝަރަފުވެރިވާނެ ގޮތެއް ނޯންނާނެއެވެ. މި ޤައުމަށް ލިބޭ ކޮންމެ ޝަރަފަކާއި ކާމިޔާބީއަކާއި މަންފާއެއްގެ ޙިއްސާ އަޅުގަނޑުމެންނަށް އޮންނަ ފަދައިން، މި ގައުމަށް ލިބޭ ކޮންމެ ބަދުނާމަކާއި ނާކާމިޔާބީއަކާއި ގެއްލުމެއް ވެސް އަޅުގަނޑުމެން އެންމެން ތަޙައްމަލުކުރާން ޖެހޭނެއެވެ.
ވީމާ، މިއަދު މި ކަންކަމާ ތަންކޮޅެއް ފުންކޮށް ވިސްނައިލަމާތޯއެވެ! ގައުމިއްޔަތަށް އިސްކަންދިނުމުގައި ދިވެހިބަސްއިސްކުރާމާތޯއެވެ! ގައުމީ ވަޙުދަތު ޙިމާޔަތްކުރަމާތޯއެވެ! "އަހުރެންގެ މޭ ޤައުމަށްޓަކައި އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވައަށް ދަންދެން މޮޓޯކަމުގައި" ހެދުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ.
މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް އިސްލާމީ ހިދާޔަތުގައި ލެހެއްޓެވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ. މި ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ދައުލަތުގެ ވެރީންނަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް [ފަރަގު]ގެ ކިޔުންތެރީންނަށް އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ!