އަބާ މުޙަންމަދު
23 އޯގަސްޓް 2025
ދިވެހިރާއްޖޭގައި އާންމުކޮށް ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކާ މި އަހަރު ދިވެހިރާއްޖޭގައި ބާއްވާ [ޒަކާތާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ] (އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް – 2025) ވަރަށް ތަފާތެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން އަންނަ އާންމު އުސޫލަކީ ބައިނަލްއަގުވާމީ ގޮތެއްގައި ބާއްވާ މި ފަދަ އެއްވުންތަކުގައި [ދިވެހިބަސް] އަޑުއިވުން [ހަރާން]ވުމެވެ. ނަމަވެސް ބޭރުގެ ގިނަ އަދަދެއްގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަތް މި ކޮންފަރެންސްގައި، ކޮންފަރެންސްގެ ޝިޢާރު ވެސް ދިވެހިބަހުން ލިޔެފައި ހުއްޓެވެ. އަދި އިފުތިތާޙީ ޖަލްސާ ހުށަހަޅައިދެއްވި ދެ ބޭފުޅުން ވެސް އިސްކަންދެއްވީ ފުރަތަމަ ދިވެހިބަހަށެވެ. ދެވަނައަށް އިނގިރޭސިބަހަށެވެ. އަދި އިފުތިތާޙީ ޖަލްސާގައި ހުރިހައި ބޭފުޅުން ތަގުރީރުކުރެއްވީ ވެސް ދިވެހިބަހުންނެވެ. މިއީ، މާދަމާ ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރާން ތައްޔާރުވަމުން އަންނަ އިރު، ހިތަށް އުފާވެރިކަން ލިބުނު ކަމެކެވެ.
މިއަދު ހެނދުނު 8:30ގައި ފެށިގެން މިހާރު ކުރިއަށްދާ [އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2025] ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މެލޭޝިއާގެ [އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން ފޮރ އިސްލާމިކް ފައިނޭންސް]ގެ [އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން] ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ޒަކާތުގެ މަގުޞަދާއި ފުޅާ މަފުހޫމުގެ މައްޗަށް ތަފުސީލީ ގޮތެއްގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާވަމުން އަންނަކަން ފާހަގަކުރައްވައި އެ ކަމަށް ޓަކައި މަރުޙަބާވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ [ފަޤީރުންނަށް ޒަކާތުން ދޭ މިންވަރު އިތުރުކޮށް، ޒަރޫރީ ބޭނުންތައް ވެސް ފުއްދައިދޭ ގޮތަށް ޒަކާތުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްޕުޅުކުރައްވަމުންގެންދަވާކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި ދިޔަ އަހަރުގެ މަހާސިންތާއިން ލިބުނު ޢިލްމީ ޚިޔާލުފުޅުތަކާއި ރައުޔާއި އިރުޝާދުތަކަށް ބިނާކުރައްވައި، ޒަކާތުގެ ނިޒާމު އެ ގޮތަށް ބައްޓަންކުރައްވަމުން މިހާރު އެބަ ގެންދަވާކަމަށެވެ. މި ފަހަރުގެ މަހާސިންތާއިން ވެސް މި ނިޒާމު ހަރުދަނާކޮށް، ތަރައްޤީކުރާނެ ގޮތްކާ މެދު މަޝްވަރާކުރެވި މުހިންމު ޢިލްމީ މަޢުލޫމާތު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން [މިހާރު މަޖިލީހަށް ހުށައަޅައިފައި އޮތް ޒަކާތުގެ ބިލަކީ މިހާތަނަށް ހޯދުނު އެންމެ ފަހުގެ މަޢުލޫމާތުތަކާއި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އެކުލަވައިލެވިފައިވާ ބިލެއް]ކަމަށާއި [ދުނިޔޭގެ އެހެން ޤައުމުތަކުން ޢަމަލުކުރާ ޒަކާތުގެ ޤާނޫނުތަކުގައި ނެތް ބައެއް ބައިބައި، ރާއްޖޭގެ ޒަކާތުގެ ޤާނޫނުގައި ހިމެނޭނެ]ކަމަށެވެ.
ޒަކާތުގެ ގާނޫނުގެ ބިލުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ [އިދާރީ ހިންގުމާއި ޝަރުޢީ ހަމަތައް މި ބިލުގައި ގުޅިލައިމެހިފައިވާނެ]ކަމަށާއި މި ބިލުގައި ޒަކާތު ފަންޑު ވުނަކުރުމަށް ފުރުޞަތުދީފައިވާނެކަމަށެވެ. މިއީ ދުނިޔޭގެ މި ފަދަ އެހެން ޤާނޫނުތަކުގައި ހުރި ސިފަތަކެއް ނޫންކަމަށާއި ޝަރުޢީ ކޮމިޓީގެ ވާހަކައާއި ވުނަކުރާނެ ހަމަތަކުގެ ވާހަކަ ވެސް މި ގާނޫނުގައި ހިމެނިފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ [މި ޤާނޫނު ވާނީ ފުރިހަމަ ތަނަވަސް، އަދި ޒަކާތުގެ ނިޒާމު އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ޤާނޫނަކަށް]ކަމަށާއި އެ މަނިކުފާނުގެ އުންމީދަކީ އަދި ބޭނުންފުޅަކީ ވެސް ދިވެހިރާއްޖެއަކީ [ޒަކާތުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރާ ޤައުމަކަށްވުން]ކަމަށެވެ. މި ހުރިހައި ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދަވާ ކަންތައްކަން ވެސް ވަޒީރު ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުދެންނެވިއެވެ.
އިފުތިތާޙީ ޖަލްސާގައި [ޒަކާތު ހައުސް]ގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚު ޢިއްޒުއްދީނު ޢަދުނާނު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވީ ވޭތުވެ ދިޔަ ދުވަސްތަކުގައި އެ މުއައްސަސާއިން ޙާޞިލުކުރައްވައިފައިވާ މޭލުގާތަކުގެ މައްޗަށެވެ.
މިއަދު ފެށިގެން ކުރިއަށްދާ [ޒަކާތާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ]ގެ މުހިންމު ނުގުތާތަކުގެ މައްޗަށް ފުރަތަމަ ތަގުރީރުދެއްވީ ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާއެވެ. އެ ކަމަނާ ތަގުރީރުކުރެއްވީ [ޒަމާނީ ބަދަލުތަކާ އެކު ޒަކާތް: ޒަމާނީ އާ މައްސަލަތަކުގެ ޒަމާނީ ހައްލު] މި ޝިޢާރުގެ މައްޗަށެވެ. އެ ކަމަނާގެ އިތުރަށް މެލޭޝިއާގެ ކެޑަހ (ޤަދަޙު) އިސްޓޭޓްގެ ޒަކާތު ބޯޑު (ލެމްބާގަރް ޒަކާތު)ގެ ޗީފް އެގްޒެކަޓިވް އޮފިސަރުގެ ނާއިބު ޑރ. މުޙަންމަދު ފައިޞަލް ބިން މުޞްޠަފާއާއި މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން ފޮރ އިސްލަމިކް ފައިނޭންސްގެ ޕްރޮފިސަރ ޑރ. ބަހާރުމް ޢަބްދުލްޙަމީދާއި މެލޭޝިއާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ޕްރޮފެސަރ ދާތޫ ޕްރޮފެސަރ ޑރ. ޢަބްދުލްޢަޒީޒު ބަރުޣޫޘު ވެސް މި ކޮންފަރެންސްގައި މުހިންމު މައުޟޫޢުތަކަށް މި ރޭ ތަގުރީރުކުރައްވާނެއެވެ.
މީގެ އިތުރަށް ވެސް މި މުހިންމު މަހާސިންތާގައި އިސްލާމީ ޝަރީޢަތާއި ޤާނޫނާއި ޒަކާތާއި އިސްލާމީ މާލީ ނިޒާމާ ބެހޭ ގިނަ ތަޖުރިބާކާރުންތަކެއް އެކި މައުޟޫޢުތަކަށް ބަހުސްކުރެއްވިއެވެ. މިއިން ކޮންމެ މައުޟޫޢެއްގައި ވެސް ހާޒިރީން ކުރެއްވި ގިނަ ސުވާލުތަކަކަށް ޢިލްމީ ގޮތެއްގައި ޖަވާބުދެއްވިއެވެ.
ކޮންމެއަކަސް މި ރޭ މި މަހާސިންތާ ނިމޭ އިރު، މިއީ ހުރިހައި ގޮތަކުން ވެސް ފުރިހަމަ ކާމިޔާބު މަހާސިންތާއެއްކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިންލައަގުވާމީ މި ފަދަ ދެވަނަ މަހާސިންތާއެވެ. ނަމަވެސް މި މަހާސިންތާ އަންނަ އަހަރު ބާއްވާ އިރު އިތުރަށް ފުރިހަމަކޮށްލާން ޖެހޭ ކުދިކުދި ކަންކަން އެބަ ހުއްޓެވެ.
އެއްކަމަކީ، މަހާސިންތާގެ އިނގިރޭސި ނަމަށް ވުރެ ބޮޑުކޮށް އިނގިރޭސި ނަމުގެ މަތީގައި ދިވެހިބަހުން ތާނައަކުރުން ނަންޖެހުމެވެ. ދެވަނަކަމަކީ، އިފްތިތާޙީ ޖަލްސާގައި ދިވެހިބަހުން ދެއްވާ ތަގުރީރުތަކުގެ ތަރުޖަމާ ކުރީން ތަރުޖަމާކުރައްވައި މޭޒުތަކުގެ މަތީގައި ބެހެއްޓުމެވެ. ނުވަތަ ތަގުރީރު ނމުމާއެކު ބަހައިލުމެވެ. އެހެންނޫނީ ވަގުތުން އަޑުއަހާން ބޭނުންމީހަކަށް އެހޭ ގޮތަށް ތަރުޖަމާކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. މިއީ ތަންކޮޅެއް އުނދަގޫ އަދި ޚަރަދުބޮޑު ނިޒާމަކަށް ވެދާނެއެވެ.
ކޮންމެއަކަސް [ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ – 2025]އަކީ [ފަރަގު]ގެ ނަޒަރުގައި ކާމިޔާބު އަދި ފުރިހަމަ މަހާސިންތާއެއްކަމުގައި ދަންނަވާންޖެހެއެވެ.
ބައެއް ލަފުޒުގެ މާނަ:
ވުނަ ނ. ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ.
މަފުހޫމު ނ. (1) ވިސްނިފައިވާ ގޮތް. (2) މޭރުންވާ ގޮތް. (3) ދޭހަވާ ގޮތް.
މަހާސިންތާ ނ. ބޮޑެތި މަޝްވަރާ
މޭލުގާ ނ. (1) ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް. (2) ތަނަކާ ހުރި ދުރުމިން އަންގައިދޭން މަގުމަގުގެ އަރިމަތީގައި ހުންނަ ގާ ނުވަތަ ބޯޑު ހަރުކޮށްފައި ހުންނަ ދަނޑި.