ކޮނޑޭގެ ހިތްގައިމު މަލަ: އެތެރެއާއި ބޭރުން ވެސް ނަލަ
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފެށުން:
ހުވަދުއަތޮޅު އުތުރުބުރީ އިރުމަތީ ބިތުގައި އޮންނަ ކޮނޑޭގައި ހަފުތާއެއްހައި ދުވަހު އުޅެލާނެ ފުރުޞަތު ލިބުމަކީ ރާއްޖޭގެ ތާރީޚާއި އެ ރަށުގެ މަޢުލޫމާތުގެ މައްޗަށް އަޅުގަނޑަށް އިތުރަށް ވިސްނާން ޖެހުނު ސަބަބެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ކޫއްޑޫ ވައިގެބަނދަރަށް ފަންސާހަކަށް މިނިޓުން އާދެވުނެވެ. ނަމަވެސް ކޫއްޑޫން ފުރައިގެން އިސްޕީޑު ލާންޗެއްގައި އިތުރު ސާޅީހަކަށް މިނިޓު ވަންދެން ދަތުރުކުރާން ޖެހުނެވެ.
ކޮނޑޭއަށް ދިޔުމަށް ޓަކައި އަތޮޅުގެ އިރުމަތީ ފަރާތުން، މާމެންދުވާއި ނިލަންދުވާއި ދާންދޫ ފަސްދީ ދަތުރުކުރަމުން ގެންދިޔަ އިރު، މީހުން ދިރިއުޅޭ އެހެން ރަށަކާ ދިމައެއް ނުވެއެވެ. ނަމަވެސް ކޮނޑޭއާ ހަމައަށް ދެވުނު އިރު ވަރަށް ގިނަ ފަޅުރަށްރަށާ ދިމާވިއެވެ.
ކޮނޑޭއާ ގޮނޑުވަމުން އައި ވަރަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ އެ ރަށުގައި ތަފާތު ސިފަތަކެއް ހުރިކަމެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނީ އަތޮޅުގެ ނިސްބަތުން އެ ރަށުގެ ބިން ބޮޑުކަމެވެ. މިއަށް ވުރެ ބޮޑަށް، 118 ހެކްޓަރުގެ ބޮޑު މި ރަށުގެ މަލަ އެހެން ރަށްރަށާ ތަފާތުކަމެވެ. ފެހިކަން ގަދަކަމެވެ. ރީތިކަމެވެ. އެއްވަރުކަމެވެ. އެހެންކަމުން ރަށާ މެދު އިތުރަށް ޝައުޤުވެރިވެވުނެވެ. މި ރަށާ ބެހޭ ގޮތުން މަތިމަތީން ނަމަވެސް ބަލައިލައި ރަށާ ބެހޭ ކުރުކުރު ބަޔާނެއް ނަމަވެސް ލިޔެލާ ހިތް ވީއެވެ.
ކޮނޑޭ: މަތީން ފެންނަ ގޮތް. (ގޫގްލް/ފައިލް ފޮޓޯ)<br>
ރަށުގެ ޢާންމު މަޢުލޫމާތު:
އާދޭހެވެ! ހުވަދުއަތޮޅު އުތުރުބުރީގައި އުތުރުން 0° 29' 32.99" އާއި އިރުމަތީން 73° 32' 32.99" ގައި އޮންނަ ކޮނޑޭއަކީ ގިނަ ދިވެހީންނަށް އެ ރަށް، އެ ރަށުގެ ގޮތުގައި އަދި އެނގިފައިނުވާ ރަށެކެވެ. އާބާދީގައި 600އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީވެފައިވާ މި ރަށުގައި އާންމު ގޮތެއްގައި ދިރިއުޅޭކަމަށް ބެލެވެނީ ގާތްގަނޑަކަށް ތިންސަތޭކަ ފަންސާހެއް ހައި މީހުންނެވެ. ރަށު ކައުންސިލުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު ސެޕްޓެންބަރު މަހުގެ ނިޔަލަށް އެ ރަށުގައި އާންމު ގޮތެއްގައި ދިރިއުޅެމުން ގެންދިޔައީ 328 މީހުންނެވެ. މީގެ އިތުރަށް 53 ބިދޭސީއަކު ވެސް އެ ރަށުގައި މިހާރު ދިރިއުޅެއެވެ.
ބިން ބޮޑު، ފަސްގަނޑު މޮޅު، މި ރަށުގެ އާބާދީ ކުޑަކަމަށް ތަފާސްހިސާބުތަކުން ފެނުނުކަމަށް ވިޔަސް 2012އިން ފެށިގެން މި އަހަރުގެ މިހާތަނަށް ބަލާ އިރު ވެސް ރަށުގެ އާބާދީ އައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިއީ މި ރަށުގެ ކުރިމަގު އުޖާލާކަން ފެންނަ އެއް ސަބަބެވެ.
މި ރަށުގައި ދެ ފިހާރައަކާއި ދެކެފޭއެއް ވެސް ހިންގައެވެ. އެކަށީގެންވާ ފައިދާއެއް، އެ ވިޔަފާރިތަކުން ލިބޭކަމަށް އެ މަސައްކަތުގައި ޙަރަކާތްތެރިވާ ރައްޔިތުން ހާމަކުރެއެވެ. ސަރުކާރުގެ އިދާރާތަކުގެ އިތުރަށް ކައުންސިލުން ހިންގާ ޕްރީ ސްކޫލެއް ވެސް މި ރަށުގައި ހުރެއެވެ. ފެނާއި ނަރުދަމާގެ ބޮޑު ބައެއް އޮތީ ނިމިފައެވެ. މި ރަށަށް ފުދޭވަރުގެ ބަނދަރެއްވެސް މި ރަށުގައި އޮވެއެވެ. އެއީ 2018 އޮގަސްޓް އަށްވަނަ ދުވަހު ރަސްމީކޮށް ހުޅުވުނު ބަނދަރެކެވެ. ބަނދަރުގެ ދިގުމިނުގައި 350 ފޫޓު ހުރެއެވެ. އަދި ފުޅާމިނުގައި 250 ފޫޓު ހުރެއެވެ.
2021ގައި އަމިއްލަ ކުންފުންނެއްކަމަށް ވާ "އަ މޭން (ނުވަތަ އަމަން) މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ބިނާކުރާން ފެށި މިސްކިތުގެ އާ ޢިމާރާތުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މިއަދު ވެސް ދެ ބިދޭސީއަކު އެ ތާގައި ކޮންމެވެސް އެއްޗެއް ތަޅައިލަތަޅައިލައި ތިއްބެވެ. މަސައްކަތެއް ނުހިނގައެވެ.
ކޮނޑޭގެ ހިތްގައިމު އަތިރިމަތި: ކަނާތުން ވާތަށް (1) ރޢމ (2) ޢާމިރު ސަޢީދު (3) އަޙުމަދު ޢަބްދުލްހަކީމް (4) މުޙަންމަދު ޝާކިރު (ފޮޓޯ: ފަރަގު މީޑިއާ)<br>
މަސައްކަތްތެރިކަން:
މި ރަށަކީ ކުރީ ޒަމާނުގައި މުޅި ރާއްޖެއަށް ވެސް މަސައްކަތްތެރިކަމުގެ ގޮތުން މަޝްހޫރުވެފައިވާ ރަށެކެވެ. ކަނބުރުވެރީންނާއި ތިލޭރުންނާއި ފޭރުންނާއި ވަޑީންނާއި މި ނޫނަސް އެކި ދަންނުތަކުގެ މީހުން މި ރަށުގައި އުޅުނެވެ.
ކޮނޑޭގެ އަސްލު މައިގަނޑު މަސައްކަތަކީ ކޮބައިކަން އަޅުގަނޑަކަށް ނުހޯދުނެވެ. މާ ފުޅާ ދާއިރާއެގައި ދަނޑުވެރިކަން ނުކުރިޔަސް މިރުހާއި އަލައާއި ކަރާފަދަ ތަކެތި އެ މީހުންނަށް ބޭނުންވާ މިންވަރަށް ހައްދައި އުޅެއެވެ. ހިސާބަކަށް ވިއްކައި ހަދާކަމަށް ވެސް ވެއެވެ. ރުއް ދަނޑުތަކުން ހިސާބަކަށް ކާށި ވިއްކުމުގެ ވިޔަފާރިކުރާކަމަށް ވެސް ވެއެވެ. ރަށަކީ ފަސްގަނޑު މޮޅު، ފަސްގަނޑު އުސް ރަށެކެވެ. ފެހިކަން ގަދަ ރަށެކެވެ.
މި ރަށުގައި ހައްދާ އަލައާއި ކަރައަކީ ވެސް ޚާއްޞަ އެއްޗެކެވެ. އެހެން ރަށަރަށުން އަޅުގަނޑު ކެއި އަލައަށް ވުރެ ކޮނޑޭ އަލަ ހަމަ މާ ބޮޑަށް ވެސް މީރެވެ. އަދި ކަރާ ވެސް ތަފާތެވެ. ހަތަރު މަސް ފަހުން ކާ އިރު ވެސް އެހެން ރަށްރަށުގެ ކަރާ ވާ ގޮތަށް ހަލާކެއް ނުވެއެވެ. އެތެރެ ވަރަށް ހަރެވެ. އެހާމެ މީރެވެ. އަދި މާ އަޅާ ނުވަތަ ނާޅާ ގަސްގަހުން ގޯތި ގެދޮރު ޒީނަތްތެރިކުރުމަކީ ވެސް މި ރަށު ރަށްވެހީންގެ އާދައެކެވެ. ވީމާ، ދަނޑުވެރިކަމަކީ ވެސް މި ރަށުގެ މަސައްކަތެކޭ ދެންނެވިދާނެއެވެ.
މި ރަށުގައި މަހަށް ފުރާ އޮންނަނީ އެންމެ ދޯންޏެއް ނަމަވެސް މިއީ މަސްވެރިކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށް އަޅުގަނޑަށް ދަންނަވާން ކެރެއެވެ. ސަބަބަކީ އާމުދަނީ ހޯދުމަށް ޓަކައި ކުރާ މަސައްކަތެއްގެ ގޮތުން މަހަށްދާން އެތައް ޒުވާނުންނެއް ގެމަނަފުށީ މަސްދޯނިފަހަރުގައި އުޅެއެވެ. އެ މީހުން ރަށަށް އަންނަނީ ކޮންމެ ހުކުރު ދުވަހަކުއެވެ. ރަނގަޅު އާމުދަނީއެއް ވެސް އެ މީހުން ހޯދާކަމަށް ވެއެވެ. އެހެންވީމާ މަސްވެރިކަމަކީ ވެސް މި ރަށުގެ މައިގަނޑު އެއް މަސައްކަތްކަމަށް ދަންނަވާން ޖެހެއެވެ.
ވަޒީފާ އަދާކުރުމަކީ މި ރަށު މީހުން އާމުދަނީ ހޯދާ އެންމެ ބޮޑު ދާއިރާއެވެ. ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި ފަތުރުވެރިކަމުގެ ރިސޯޓުތަކުގައި މި ރަށު ޒުވާނުން ވަޒީފާ އަދާކޮށްގެން ރަނގަޅު އާމުދަނީއެއް ހޯދާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނެވެ.
މެހުމާނުސަރާ (ނުވަތަ ގެސްޓު ހައުސް) މި ރަށުގެ އިގުތިސާދީ ކުރިމަގުކަމަށް ނިމުތުކުރެވެއެވެ. މިހާރު ވެސް ސަން ކޯރަލް ނަމަކަށް ކިޔާ، ފެންވަރު ރަނގަޅު މެހުމާނުސަރާއެއް އެ ރަށުގައި ހިންގަމުން ގެންދާއިރު، ފަސް ތަރީގެ ވަރަށް ބޮޑު ގެސްޓް ހައުސެއް، ފަތާ ފެންގަނޑަކާ އެކު، ބިނާކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މި ތަން ޖުލައިގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވެއެވެ.
މި ރަށުގެ ވަށައިގެންވާ ކަނޑުއަޑިއަޑީގެ ފަރުތަކަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުންނަ އެ ފަދަ ތަންތަނަށްވުރެ މާ މުއްސަނދި މާ ރީތި ބަގީޗާއެއްކަމަށް ފީނާ މީހުން ބުނެއެވެ. އަދި ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން މި ރަށަކީ ރާއްޖޭގައި ވަރަށް މުހިންމު ރަށަކަށް ވާތީ، ފަތުރުވެރީން މި ދިމާއަށް ހިތްޖެއްސުމަކީ ދާދި ފަސޭހަކަމެކެވެ. ރަށުގެ މަލަމައްޗާއި އަތިރިމައްޗާއި މޫދުގެ ރީތިކަމުން މި މަސައްކަތަށް އިތުރު ބާރެއް ލިބެއެވެ. "ކޮނޑޭ މަލާ ރިޔެތި މަލާ" (ކޮނޑޭގެ ލަމަ، ރީތި މަލަ) މިއީ މި ރަށުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޓަކައި ބޭނުންކުރެވޭނެ ޝިޢާރެކެވެ. މިއީ މި ރަށާ ބެހޭ ގޮތުން ކިޔައި އުޅޭ ނާޑުކަތާއަކަށް ނިސްބަތްކޮށް ބޭނުންކުރާ ޝިޢާރެކެވެ. ދިގު ވެދާނެތީ މި ވާހަކައިގެ ތެރެއަކަށް މި ފަހަރު ވަންނާކަށް ގަސްތެއް ނުކުރަމެވެ.
ތާރީޚާއި ތަރިކަ:
ތާރީޚުގެ ތެރެއަށް ނަޒަރެއް ހިންގައިލާއިރު، ރާއްޖޭގައި މަޝްހޫރު ހުކުރު މިސްކިތް ފަރުމާކޮށް ބިނާކުރުމުގެ އިސް މާވަޑީންނަކީ ހުވަދުއަތޮޅު ކޮނޑޭ ޢަލީ މާވަޑިކަލޭފާނާއި މަހުމޫދު މާވަޑިކަލޭފާނުކަމަށް ދިވެހި ތާރީޚު ބަޔާންކުރެއެވެ. މި ކަވި މަސައްކަތް ނުހަނު ފުރިހަމައަށް ކޮށްދިންކަމަށް ޓަކައި ރަދުންގެ ޚާއްޞަ ޢިނާޔަތެއްގެ ގޮތުގައި ކޮނޑޭގެ ވާރު (މިހާރުގެ ބަހުރުވައިން ނަމަ ޓެކުސް) ކަނޑުއްވައިލައްވައި އެއީ ސަރުކާރަށް ޓެކުސް ދައްކާން ނުޖެހޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި ކޮނޑޭލާބަދުވާއި ކަނބަމަފުށްޓާއި ހަނޑަހައަކީ ވަގުފުކޮށް އެ ރަށަށް ދެއްވި ތިން ފަޅުރަށްކަމުގައި ހަމަޖެއްސެވިއެވެ. ފަހުން (އިބްރާހީމް ނާޞިރުގެ ވެރިކަމުގައި) އެ ވަގުފު ފަތްކޮޅުތައް ސަރުކާރަށް ނެންގެވީކަމަށް ކޮނޑޭ ކަތީބުކަން ދިގު މުއްދަތަކަށް ކުރެއްވި އަލްއަޚު މުޙަންމަދު ޢަބްދުﷲ ދީދީ (އަލްފާ ދީދީ) ވިދާޅުވިއެވެ.
ކޮނޑޭއިން ދާދި ފަހުން ހޯދިފައިވާ ވަށަވެވެއް: މި ބާވްތުގެ އާސާރީ ގިނަ ތަކެތި އެ ރަށުން އަދި ވެސް ފެންނާނެކަމަށް ގަބޫލުކުރެވެއެވެ.
ކޮނޑޭއަކީ ހުވަދުއަތޮޅުގެ އެންމެ ގަދީމީ އާސާރީ ތާރީޚީ ރަށެކެވެ. ކޮނޑޭގެ ހިރިގަލު މިސްކިތާއި ހަވިއްތަތަކަކީ ގައުމީ އާސާރުތަކެކެވެ. ޙިމާޔަތްކުރާން ޖެހިފައިވާ ގައުމީ ތަރިކަތަކެކެވެ. އެ ރަށުން ދާދި ފަހުން ވަނީ އިހު ޒަމާނުގެ ވެވެއް ފެނިފައެވެ. އެ ސަރަހައްދު ސަގާފީ ގޮތުން ތަރައްގީކުރުމުގެ ވިސްނުން ކައުންސިލްގެ އެބަހުރިކަމަށް ކައުންސިލްގެ ރައީސް އަލްއަޚު އަޙުމަދު ޢަބްދުލްކަރީމާއި ސެކްރެޓަރީ ޖެނެރަލް އަލްއަޚު ޢާމިރު ސަޢީދު ވިދާޅުވިއެވެ.
މި ރަށަކީ ބުދު ދީނުގެ ގިނަ އާސާރުތަކެއް ފެންނާން ހުރި ރަށެކެވެ. ރަށުގެ އިރުމަތީ ފަރާތުން 800 ވަރަކަށް ފޫޓުގެ އެއް ގަމުގައި ހުރި "ކޮނޑޭ ހަވިއްތަ"އަކީ 47 އަކަފޫޓުގެ ބޮޑުމިނަށް ފެތުރިގައިވާ އަދި ހަތަރު ފޫޓު (1.2 މީޓަރު)ގެ އުސްމިނުގައިވާ ތަނެކެވެ. ރަށުގެ ހުޅަނގުދެކުނު ސަރަހައްދުގައި ވެސް އިތުރު ހަވިއްތައެއް އެބަ ހުއްޓެވެ. މިއީ ފަންސާހަކަށް ފޫޓުގެ ބޮޑުމިނަށް ފެތުރިފައިވާ އަދި އުސްމިނުގައި ހަތަރު ފޫޓު (1.2 މީޓަރު) ހުރި ތަނެކެވެ. އަދި އެންމެ ދެކުނު ކޮޅުގައި 400 ވަރަކަށް ފޫޓުގެ ބޮޑުމިނަށް ފެތުރިގައިވާ އިތުރު ހަވިއްތައެއް އެބަ ހުށްޓެވެ. މި ހަވިއްތައިގެ މެދުގެ (އެންމެ އުސް ކުންނުގެ) އުސް މިނަކީ ގާތްގަނޑަކަށް ހަތް ފޫޓު (2.1 މީޓަރު)އެވެ. މި ހަވިއްތައިގެ ދިގުހުރަހަކީ ގާތްގަނޑަކަށް ދެ ފޫޓު (0.61 މީޓަރު)ކަމަށް މި ރަށުގެ މަޢުލޫމާތު ހުރި ބޭފުޅުން ވިދާޅުވިއެވެ.
ކޮނޑޭގައި ހުންނަ ތިން ހަވިއްތައިގެ ތެރެއިން 1 ހަވިއްތަ (ފޮޓޯ: ފަރަގު މީޑިއާ)<br>
މުޖުތަމަޢު:
ވި ރަށުން ފާހަގަކޮށްލެވޭ އެންމެ ޚާއްޞަ އެއްސިފައަކީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ފުޓްބޯޅަ މުބާރާތެއްގެ މެޗެއް ހިތްހަމަ ނުޖެހިގެން ނިމުނަސް އަނެއް ދުވަހު އިރުއަރާ އިރު އެ ކަން ނިމުމަކަށް އާދެއެވެ. މި ފަދަ ހާދިސާއެއް އަޅުގަނޑު ތަޖުރިބާކުރީމެވެ. މެޗް ނިމިގެން ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެން ޝަކުވާކުރި މީހުން އަނެއް ދުވަހު ބުނަނީ އެއީ ދެރަވި ޓީމުގެ އޮފިޝަލެއްގެ ހައިސިއްޔަތުން ބުނެލާން ޖެހޭ އެއްޗެއް ރޭ ބުނެލީކަމަށާއި އެ ކަން އެ ނިމުނީކަމަށެވެ. ބޭރުން އަންނަ މެހުމާނުންނަށް މި ރަށު ރައްޔިތުން ކަމޭ ހިތައެވެ. ބީރަށްޓެހިކަމެއް ނުދައްކައެވެ. އެކުވެރިކަމާއެކު ވާހަކަދައްކައި ހަދައެވެ.
ރަށުގެ ޢާންމު ޙާލަތު ރަނގަޅެވެ. އިޖުތިމާޢީ ގޮތުން ގުޅުން ބަދައްސެވެ. މި އަހަރުގެ އަޟުޙާ ޢީދުގައި ވެސް ރައްޔިތުންގެ ޢީދު ސައިން ފެށުނު ޙަރަކާތަތައް އަޅުގަނޑު މި ލިޔުން ލިޔާ އިރު ވެސް ކުރިއަށް އެބަދެއެވެ. އެކަމަކު ތަފާތު ކުޅިވަރުތައް ކުޅުނުކަމުގައި ވިޔަސް ކޯޑި ކެނޑުން ފަދަ މަޅިލުން ފަދަ މަދު ކަމެއް ނޫނީ ސަގާފީ ޙަރަކާތެއް ނެތްކަމުގައި ވިޔަސް މުޅި ޢީދު އޮތީ ތަފާތު ޙަރަކާތްތަކުން ފުރިފައެވެ. މިއަދު ހަވީރު އޮތީ މަސް ރޭހެވެ.
އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި ވައްކަމާއި މާރާމާރީއާއި ރޭޕާއި އަމަލުވުނުން ފަދަ ބޮޑެތި ކުށްތަކެއް މި ރަށަކުން ނުފެނެއެވެ. އަލްޙަމްދު ލިﷲއެވެ. އެހެންކަމުން މި ރަށަކީ ދިރިއުޅެލާން އަމާން ރަށެކެވެ.
ނިންމުން:
މި ލިޔުން ނިންމައިލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ވެސް މާ ދިގުވެއްޖެއަތީ ނިންމައިލާން މަޖުބޫރުވެއްޖެއެވެ. ނަމަވެސް މި ރަށާ ބެހޭ ގޮތުން ލިޔާނެ ވާހަކަތައް ގިނަކަމުން ތަންކޮޅެއް ދިގުވީއެވެ. ލިބޭ އެހެން ފުރުޞަތެއްގައި ރަށާ ބެހޭ ގޮތުން ތަންކޮޅެއް ތަފުޞީލުކޮށް ލިޔެލެވޭނެކަމަށް އުންމީދުކުރަމެވެ. ކޮނޑޭއަށް އަޅުގަނޑު އަބަދު ވެސް އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ.
_____________________________________
ޙަވާލާ:
އަޅުގަނޑަށް ތަޖުރިބާކުރެވުނު މަދު ކަމެއް ނޫނީ މި ލިޔުމުގައި ހިމެނޭ ގިނަ މަޢުލޫމާތަކީ އަންނަނިވި ފަރާތަކުން ހޯދި މަޢުލޫމާތެވެ.
· ކޮނޑޭ ކައުންސިލްގެ ރައީސް އަލްއަޚު އަޙުމަދު ޢަބްދުލްކަރީމް
· ކޮނޑޭ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަލްއަޚު ޢާމިރު ސަޢީދު
· ކޮނޑޭގައި ކަތީބުކަންކުރެއްވި އަލްއަޚު މުޙަންމަދު ޢަބްދުﷲ ދީދީ (އަލްފާ ދީދީ)
· ތާރީޚީ
މުޙައްލިލު މުޙަންމަދު ޝާޠިރު، ހިރިލަންދޫ
· ކޮނޑޭ ކައުންސިލްގެ ވެބްސައިޓް
· ތައުޒަން އައިލެންޑްސް