އަބާ މުޙަންމަދު
26 މޭ 2026
މި އަހަރު މަލޭ ސަރަޙައްދާއި ރާއްޖޭގެ ހުރިހައި ރަށެއްގައި އަޟުޙާ ޢީދުނަމާދު ކުރާނެ މިސްކިތްތަކާއި މައިދާންތައް މިހާރުވަނީ ކަނޑައަޅުއްވައި ނިންމައިފައެވެ. އަދި ބޮޑު ޖަމާޢަތުގައި، ހާމަ މައިދާންތަކުގައި، ނަމާދުކުރާ ތަނުގެ އިންތިޒާމުތައް ވެސް މޫސުމަށް ބަލައި މި ރޭގެ ނިޔަލަށް ނިންމައިލާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މާލޭ ސަރައްދުގައި ޢީދު ދުވަހު، ހެނދުނު ވާރޭ ނުވެހޭ ނަމަ، ޢީދުނަމާދުކުރާން ހަމަޖެހިފައިވަނީ 25 މިސްކިތަކާއި ހަތަރު މައިދާނެއްގައެވެ. މިސްކިތްތަކުގެ އިތުރަށް ނަމާދުކުރާނެ މައިދާންތަކާއި އެ މައިދާންތަކުގައި، ބޮޑު ޖަމާއަތުގައި، އިމާމުވެ ޢީދުނަމާދުކުރައްވާނެ ޚަޠީބުންނަކީ:
1. މާފަންނު އިސްޓޭޑިއަމް: އައްޝައިޚު ޢަބްދުﷲ ސަޢުދާނު
2. ހުޅުމާލެ (1) ބޮޑު ޖަމާޢަތް (ސިންތެޓިކް ޓްރެކް): އައްޝައިޚު ނަޞްރުﷲ ޢަލީ
3. ހުޅުމާލެ (2) ބޮޑު ޖަމާޢަތް: އަލްޙާފިޡު މުޙަންމަދު ޙަނޫނު ޙުސައިނު
4. ވިލިމާލޭ ބޮޑު ޖަމާޢަތް (ވިލިނގިލީ ބޯޅަދަނޑު): އަލްޤާރީ އަޙުމަދު ރިޔާޟު
ވިއްސާރަ ނުވެއްޖެ ނަމަ، މި ދެންނެވި ހަތަރު މައިދާނުގެ އިތުރަށް ޢީދުނަމާދުކުރާނެ މިސްކިތްތަކަކީ:
1. މަސްޖިދުއްސުލްޠާނު މުޙަންމަދު ތަކުރުފާނުލްއަޢުޡަމު (އިސްލާމީ މަރުކަޒު)
2. މަސްޖިދު މަލިކި ސަލްމާނު (ސަލްމާނު ރަސްގެފާނު މަރުކަޒު)
3. މަސްޖިދުލްފުރުޤާނު (އަމީނީ މަގު)
4. މަސްޖިދުއްނޫރު
5. މަސްޖިދުއްޝަހީދު ޢަލީ
6. މަސްޖިދުއްސުލްޠާނު ޙަސަން ޢިއްޒުއްދީނު (ޠައިބާ މިސްކިތް)
7. މަސްޖިދުއްސުލްޠާނު މުޙަންމަދު ފަރީދުލްއައްވަލު (ދުނބުރި މިސްކިތް)
8. މަސްޖިދު ޝަހީދު ޢަބްދުއްރަޙުމާނު (ފަނޑިޔާރު މިސްކިތް)
9. މަސްޖިދުއްސުލްޠާނު މުޙަންމަދު ޝަމްސުއްދީނު (ބަންޑާރަ މިސްކިތް)
10. މަސްޖިދު ޞަލާޙުއްދީނު
11. މަސްޖިދު ޖަލާލުއްދީނު
12. މަސްޖިދު އިބްރާހީމު (އިބްރާހީމީ މިސްކިތް)
13. މަސްޖިދު އިސްކަންދަރު
14. މަސްޖިދު ޔޫސުފުލްބަރުބަރީ
15. މަސްޖިދުއްސުލްޠާނު މުޙަންމަދު ޢިމާދުއްދީނު (ރަން މިސްކިތް)
16. މަސްޖިދުއްޝައިޚު މުޙަންމަދު ޖަމީލު ދީދީ (ފައިފުހޭ މިސްކިތް)
17. މާފަންނު އާ މިސްކިތް
18. މަސްޖިދުއްސަލާމު (ވިލިނގިލި)
19. މަސްޖިދުއްޝައިޚު ޤާސިމު އިބްނު މުޙަންމަދު އާލް ޘާނީ (ވަށް މިސްކިތް) (ހުޅުމާލެ - 1)
20. މަސްޖިދު ރަޝީދު (ހުޅުމާލެ – 1)
21. މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ – 1)
22. މަސްޖިދު އަޞްދިޤާއ (ހުޅުމާލެ - 1)
23. މަސްޖިދުލްވާލިދައިނި (ހުޅުމާލެ – 1)
24. މަސްޖިދުލްއީމާން (ހުޅުމާލެ – 2)
25. މަސްޖިދު ޢުޘްމާން ބިން ޢައްފާން (ހުޅުމާލެ – 2)
ޢީދުނަމާދު ކުރާން ފަށާ ގަޑިއަކީ ހެނދުނު ހަތެއް ޖަހާ އިރުގައިކަމަށް ވާތީ، އެ ގަޑީގައި ވިއްސާރާވެ، ވާރޭވެހޭ ނަމަ، ބޮޑު މައިދާންތަކުގައި ނަމާދުކުރުމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި މާލޭ ސަރަހައްދުގައި ހުކުރުދަނާދުކުރާ 46 މިސްކިތެއްގައި އަޟުޙާޢީދުނަމާދުކުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑެތި މައި މިސްކިތްތަކަށް މިހާރު ޚަޠީބުން ކަނޑައަޅުއްވައިފައި ވިޔަސް، އެހެން މިސްކިތްތަކަށް ޚަޠީބުން ހަމަޖައްސަވާނީ މާދަމާ މެންދުރެއްހައި އިރުކަމަށް ލަފާކުރެވެއެވެ.
އިސްލާމީ ބައެއް ގައުމުތަކާއި މާލޭގައި ވެސް މި ފަހަކަށް އައިސް ހާމަ މައިދާންތަކުގައި ބޮޑު ޖަމާޢާތުގައި ޢީދުނަމާދުކުރާކަން ފާހަގަކުރެވެއެވެ. ޢީދުނަމާދަކީ ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ކުރުން މުސްތަޙައްބުވެގެންވާ ނަމާދެކެވެ. ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އަޟުޙާ ޢީދުގައި ނަމާދަށް ދިޔުން ސުންނަތްވެގެންވަނީ އެއްޗެއް ނުކައި ދިޔުމެވެ. އަދި މިސްކިތަށް ނުވަތަ ނަމާދުގެ މުޞައްލާއަށް، މައިދާނަށް، ދިޔަ މަގު ނޫން މަގަކުން ގެޔަށް އައުމަކީ ވެސް ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ތަކުބީރުކިޔުން ގިނަކުރުން ސުންނަތްވެގެންވެއެވެ.
ދިވެހިރާއްޖޭގެ އިތުރަށް ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟާއި، ޖިއްދާއާއި، ދަންމާމާއި އެހެން ބައެއް ސިޓީތަކުގައި ވެސް، އެ ސިޓީތަކުގެ މައި މިސްކިތްތަކުގެ އިތުރަށް، ހާމަ މައިދާނުގައި ވެސް ޢީދުނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި ކަން އަސްލަކަށް ބަލައިގެން ދިވެހިރާއްޖޭގެ ކުދިކުދި ރަށްރަށުގައި ރަށު އެންމެންނަށް ޖާގަ ބޮޑު ތަނަވަސް ރީތި އެއް މިސްކިތެއްގައި (އަދި މިސްކިތުގެ ވަށައިގެންވާ ތަނަވަސް ސަރަހައްދުގައި) ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭން އޮއްވައި، މީހުން ކުޅެ، ކުޅުޖަހައިހަދަމުން ގެންދާ ފުޓުސަލް ދަނޑުގައި ބޮޑު ޖަމާޢަތޭ ކިޔައިގެން މި ގޮތަށް ނަމާދުކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ ވިސްނައިލާކަށް ނުޖެހޭބާވައޭ ހިތަށް އަރައެވެ.
ކުރީ ޒަމާނުގައި މިސްކިތްތަކަކީ ކުދިކުދި، ޖިފުޓި ފަދަ ތަންތަނެވެ. ކިރިޔާ ބޯ ނުޖެހޭވަރަށް ކަދުރުރުކުގެ އޮށްޓާއި ފަނުން ހިޔާކޮށް ތަޅުން ވެސް ނާޅައި ހުންނަ ތަންތަނެވެ. ފަހުން އައިސް ރާއްޖޭގައި ވެސް މިސްކިތްތައް ރީތިކޮށް ހަދައި ތަޅުން އަޅައިފައި ހުއްޓަސް ހުންނަނީ ވަރަށް ކުދިކުދި މިސްކިތްތަކެވެ. އެހެންވީމާ، ބޮޑު ޖަމާޢާތެއް ހެދުމަށް ޓަކައި ހާމަ މައިދާނަކަށް ނުކުތުމަކީ އެ ޒަމާނުގައި ޒަރޫރަތެކެވެ. މި ޒަމާނުގައި ވެސް މިސްކިތްތައް ނުފުދޭ ނަމަ، މިސްކިތްތަކުގެ އިތުރަށް، ހާމަ މައިދާންތަކުގައި ނަމާދުކުރުމަކީ، ހަމަ ޒަރޫރަތަކަށް ވެދާނެއެވެ. އަދި މާލޭގައި ވެސް ގިނަ ބަޔަކަށް ޖަމާޢަތް ހަދަނީ ބޮޑެތި މިސްކިތްތަކުގައި ވެސް ނަމާދުކުރުމާ އެކު، އޭގެ އިތުރަށެވެ. ނަމަވެސް މި ޒަމާނުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި، ރަށުގެ ހުރިހައި ރައްޔިތުން އެރިޔަސް ނުފުރޭ ފަދަ ބޮޑެތި ތަނަވަސް ރީތި، ފުރިހަމަ މިސްކިތްތައް ހަދައިފައި ބެހެއްޓުމަށް ފަހު، އެ ތަން ދޫކޮށް ފުޓުސަލް ދަނޑުގައި އަވީގައި ޒީނަތްތެރިވެގެން ކުޑަކުދީންނާއި އަންހެނުން ނެރެގެން ޖަމާޢާތް ހެދުން ހަމަ ލާޒިމުތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. މިސްކިތްތަކުގައި ޢީދުނަމާދުކުރާން ބޭނުން މީހުންނަށް އެ ފުރުޞަތު އޮންނަ ނަމަ، މީހުން މި ސުވާލެއް ނޫފައްދާނެއެވެ. މާލޭގައި ވެސް މި ކަން އޮންނަނީ ވަރަށް ފުރިހަމައަށެވެ. މިސްކިތަށް ދާން ބޭނުން މީހުންނަށް އެ ފުރުޞަތު އެބަ އޮވެއެވެ. މައިދާނަށް ނުކުންނާން ބޭނުން މީހުންނަށް އެ ފުރުޞަތު ވެސް ސަރުކާރުން ފަހިކޮށްދެއްވަނީއެވެ. އެހެންވެ މައްސަލައެއް ނެތެވެ. ނަމަވެސް ބައެއް ރަށްރަށުގައި މި އުޞޫލާ ޚިލާފަށް މި ކަން ހިނގާތީ، މި ކަމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްޕުޅުތަކުން އުޞޫލެއް ކަނޑައަޅުއްވާނެ ނަމަ، ނުވަތަ ކަނޑައަޅުއްވައިފައި އޮތް ނަމަ، އެ އުޞޫލަށް ކައުންސިލުތަކުން ޢަމަލުކުރައްވާނެ ނަމަ، ކިހައި ރަނގަޅުހޭ ހިތަށްއަރާ ވަރުން، މި ވާހަކަ ދަންނަވައިލެވުނީއެވެ.
ނުބެހޭ ކަންކަމާ ބެހޭ މީހެއްގެ ނަން ލިބިދާނެތީ މި އަށް ވުރެ އިތުރަކަށް މި ވާހަކައެއް ނުދަންނަވާނަމެވެ. މުޅިއަކުން ނުބެހޭ ކަމެއް ވެސް ނޫންތާއެވެ! މާފުކުރައްވާށެވެ! ހުރިހައި ބޭފުޅުންނަށް ވެސް ޢީދުމުބާރިކު ދަންނަވަމެވެ.