Advertisement

އެމްޔޫޓީސީ: މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުނި

14 Oct 2023 | 09:54
.ފޮޓޯގައި: (ކަނާތުން ވާތަށް) އިބްރާހީމް ހާރޫނު، ޤާސިމް ހާރޫނު (ކާސިންހާޖީ)، އަޙްމަދު ކަލޭފާނު

ޢަބްދުﷲ ސަޢީދު

މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުންޏަކީ އެމް.ޔޫ.ޓީ.ސީ.އެވެ. އެއީ "މަނަދޫ ޔުނައިޓެޑް ޓްރޭޑިންގ ކޮމްޕެނީ"އެވެ. މި ކުންފުނި އުފެއްދިކަމަށް ބެލެވެނީ 1950ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.

އެމްޔޫޓީސީ އުފެއްދެވީ އޭރު މަނަދޫގައި ތިއްބެވި އެންމެ ބޮޑު ތިން މުއްސަނދީންނެވެ. އެއީ މަނަދޫ ފިނިވާގޭ ޤާސިމް ހާރޫނު (ކާސިން ހާޖީ) އާއި މަނަދޫ ދިލްބަހާރުގޭ އިބްރާހީމް ހާރޫނާއި މަނަދޫ ރަތްވިލާގޭ އަޙުމަދު ކަލޭފާނެވެ. މި ތިން ބޭފުޅުންގެ ތެރެއިން މަނަދޫ ކާސިންހާޖީ އާއި އިބްރާހީމް ހާރޫނަކީ ދެބެއިންނެވެ. އެއީ މަނަދޫ ހާރޫނު ހާޖީ ކަލޭފާނުގެ ދެ ދަރިކަލުންނެވެ. އަޙުމަދު ކަލޭފާނަށް ވުރެ މި ދެ ބޭފުޅުންގެ މުދާވެރިކަމާއި މުއްސަނދިކަން އޭރު ތަންކޮޅެއް ބޮޑެވެ. އެކަމަކު ސިޔާސީ ގޮތުން އަޙުމަދު ކަލޭފަނަކީ އޭރު ވެސް ބާރުގަދަ ބޭފުޅެކެވެ. އެމްޔޫޓީސީ އުފެއްދެވީ ތިން ބޭފުޅުންގެ ހިއްސާ އެއްވަރަކަށް ބާއްވައިގެން ތިން ބޭފުޅުން ވެސް އެއް ވަރަކަށް ބައިވެރިވުން ބާއްވާ ގޮތަށެވެ.

މަނަދޫގައި އެއްބައިވަންތަ ވިޔަފާރި ކުންޏެއް މި ތިން ބޭފުޅުން ހިންގަވާން ފެއްޓެވި އިރު މީގެ ތެރެއިން ކާސިންހާޖީއާއި އަޙްމަދު ކަލޭފާނަކީ ރަށުގައި ތިބި ސިޔާސީ ގޮތުން ވެސް އެންމެ ވަރުގަދަ ދެ ލީޑަރުންނެވެ. މި ބޭފުޅުންނަކީ ރަށުގެ ކަތީބުކަމާއި މުދިންކަން ފަދަ ރަށުގެ ވެރިކަމުގެ އިސް މަޤާމުތައް ފުރުއްވައި އެ ބޭފުޅުންގެ ޤާބިލުކަމާއި އިޚުލާޞްތެރިކަން ރައްޔިތުންނަށް ދައްކަވައިދެއްވައިފައިވާ ބޭފުޅުންނެވެ. ސިޔާސީ ފިކުރުގައި ކާސިންހާޖީއާއި އަޙުމަދު ކަލޭފާނު މަސައްކަތް ކުރެއްވީ ދެ ފަޅިއެއްގައެވެ. އިބްރާހީމް ހާރޫން ހުންނަނީ އަބަދުވެސް އޭނާގެ ބޭބެ ކާސިންހާޖީއާއެކުގައެވެ.

މަނަދޫގައި އޭރު އޮތީ ސިޔާސީ ދެ ޓީމެއް ނުވަތަ ދެ "ޕާޓީ"އެކެވެ. އެއް ޕާޓީ ވެރިކަމުގައި އޮންނަ އިރު އަނެއް ޕާޓީ އޮންނަނީ އިދިކޮޅުގައެވެ. ސިޔާސީ މި ވާދަވެރިކަމުގެ ތެރޭގައި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭތޯ ބެލުމުގެ ރޫޙެއް އޮތެވެ. ސިޔާސީ ގޮތުން ދެ ޓީމުގައި ވާދަވެރިކަމެއް އޮތަސް ކާސިންހާޖީއާއި އަޙްމަދު ކަލޭފާނާ ދެ ބޭފުޅުންގެ ދެމެދުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިހުތިރާމުކުރެއްވުމާއެކު އޮތް ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް އޮތެވެ. އެމްޔޫޓީސީ އުފެއްދީ އެ ގުޅުމުގެ ތެރެއިންނެވެ.

އެމްޔޫޓީސީ އުފައްދައި މަނަދޫ ރައްޔިތުންގެ ބޮޑު އޮޑި ކުންފުންޏަށް ބައްލަވައިގަތެވެ. އެއީ "އެއްދުއްފަރު" ކިޔާ އޮޑިއެކެވެ. މި އޮޑިއަކީ ކާސިންހާޖީމެންގެ ވެރިކަމުގައި އަލިފުށީ ވަޑީން ލައްވާ ބަނދެފައިވާ ނާލު ބައްތެއްޔެކެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑިއަކަށް އެ ނާލު ބައްތެލި ބަދަލުކުރެއްވީ އަޙްމަދު ކަލޭފާނުމެންގެ ވެރިކަމުގައެވެ. މަނަދޫ ބޮޑު އޮޑި، ކުންފުންޏަށް ބައްލަވައިގަނެގެން ކުންފުނީގެ ފަރާތުން ދެ ދަތުރެއް ރާއްޖެއިން ބޭރަށް ކުރިއެވެ. އެއީ ކުންފުންޏަށް ގަނެ ކައްކާ ހިއްކަމުންދިޔަ މަހާއި ކުފުރާ ހިފައިގެން ކުރި ދެ ދަތުރެކެވެ. އެ ދެ ދަތުރަކީ އިންޑިއާއަށް ކުރި ދަތުރަކާއި ސިލޯނަށް ކުރި ދަތުރެކެވެ. އެ އޮޑީގެ ބޮޑު މާލިމީއަކީ ޔޫސުންބެއެވެ. ފަހު ދަތުރުގައި ކުޑަ މާލިމީއަކަށް ހުންނެވީ އަޙްމަދު ކަލޭފާނެއެވެ.

ކުންފުނީގެ ކުރިމަގަށް ޓަކައި ކުރެއްވި އަނެއް ކަމަކީ އުޖާލާ ދޯނި ބައްތެއްޔަކަށް ބަދަލުކުރައްވާން ކުރެއްވި ވަޑާމުގެ މަސައްކަތެވެ. މި މަސައްކަތްކުރީ ކުންފުށީގެ ތިން ހިއްސާދާރުންގެ ގޭގެގެއިން ވަޑިންނަށް ކާންދޭ ގޮތަށެވެ. މި މަސައްކަތް މުޅީން ނިންމައިލެވޭ ވަރެއް ނުވިއެވެ.

ކުންފުނީން ކުރާން އުޅުނު އަނެއް މަސައްކަތަކީ މަނަދޫގައި ޒަމާނީ ބޭކަރީއެއް ނުވަތަ ފާރޮށިގެއެއް ހެދުމުގެ މަސައްކަތެވެ. މަނަދޫ ހުޅަނގު އަވަށު ކުޅިވަރުގެ ކަމުގައިވާ ދިލްކަސްގެ ހުރި ގޯތީގައި އެ މަސައްކަތް ފެށުމަށް އެ ބިން އަތޮޅު އޮފީހުން ހޯއްދަވައި، ފާރޮށި އުނދުން ހަދާން ބޭނުންވާ ސާމާނު މަނަދޫއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ބޭނުންވާ އީޓާއި ފުޅިތޮށިފާޑު ސާމާނު ހިމެނެއެވެ. ކުންފުނި އުވައިލައި މަސައްކަތް ހުއްޓައިލީ ފާރޮށިގެ ރޭނުމުގެ މަސައްކަތް ވަކިވަރަކަށް ގޮސްފައި ވަނިކޮށެވެ. އެއީ ކުޑަ އަޙްމަދު މަނިކުގެ އަތޮޅުވެރިކަމުގައެވެ. އެއީ 1960ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

އެމްޔޫޓީސީން ދިލްކަސްގެ ގޯތި ދޫކޮށްލި އިރު އެ ގޯތީގައި ރާނައިފައި ހުރި ތަންތަނަށްވާ އަގު އަތޮޅު އޮފީހަށް ދެއްކުމުން، އެ ގޯތި އަތޮޅު އޮފީހުން ފަހުން ދެއްވައިފައިވަނީ ސަޢީދު ޤާސިމަށެވެ. އެއީ މިހާރު މާލްރޯޑް ކިޔާ ގެހުރި ގޯއްޗެވެ.

އެ ޒަމާނަށް ބަލާއިރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން އެމްޔޫޓީސީ ހިންގާން ފެށި ނަމަވެސް ފަހުން ކުންފުނި ހުއްޓައިލީ ތިން ހިއްސާދާރުން އެއްބަސް ވެގެންނެވެ. އޭގެފަހުން ވެސް މި ތިން ބޭފުޅުންނަކީ ރަށުގައި ނަން ހިނގާ ތިން ބޭފުޅުންނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް އިހުތިރާމްކުރެއްވި އެކުވެރީންނެވެ. ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އަމިއްލަ ގޮތުން ވެސް ޚަރަދުތައް ކުރެއްވި ބޭފުޅުންނެވެ. އަދި އެ ބޭފުޅުންގެ ފަރާތްޕުޅުން ރަށުގެ އެހެން ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބުނު ބޭފުޅުންނެވެ.

______________________________________

އެޑިޓަރުގެ ނޯޓް
ޢަބްދުﷲ ސަޢީދަކީ ތާރީޚީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. 1994 އޮކްޓޫބަރު 11ން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި މަސައްކަތްކުރައްވާން ފެއްޓެވި ސަޢީދަކީ ތާރީޚީ ދިރާސާތައްކުރައްވައިގެން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު އެއީ އެމްއެންޑީއެފްގައި ކޮމާންޑް ސަރޖެންޓް މޭޖާރއެވެ.

Advertisement

ކޮމެންޓް
މަމަދަ
ދޮގު ހުސްދޮގް
19 Mar 2024