އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
10 އޮކްޓޯބަރު 2026
ހަގީގަތުގައި ގޮތް ނިންމުމުމަކީ ނުވަތަ ޑިސިޝަން މޭކިންގއަކީ އިދާރިއްޔަތުގެ އަދި މެނޭޖުމެންޓުގެ އެންމެ މުހިންމު ނާރެހެވެ. އެހެނީ ކޮންމެ މުއައްސަސާއެއްގެ ހުރިހައި ކާމިޔާބީއެއް ބިނާވެފައިވަނީ ނިންމުންތަކެއްގެ މައްޗަށެވެ. އަޅުގަނޑު މި މަގާލުގައި، [މެނޭޖުމެންޓު] މި މަފުހޫމު މި ބޭނުންކުރަނީ ހަމަ ގަސްތުގައެވެ. މި މަފުހޫމުގެ ބަދަލުގައި އެހެން ލަފުޒެއް ބޭނުންކޮށްފި ނަމަ، އަޅުގަނޑު ދަންނަވާ ވާހަކަތައް، މި މަގާލު ވިދާޅުވާ ބޭފުޅުންނަށް އޮޅިވަޑައިގެންފާނެތީއެވެ.
އާދޭހެވެ! ކޮންމެ މުއައްސަސާއެއް (އެއީ ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއްކަމަށް ވިޔަސް) އެ މުއައްސަސާގެ ކާމިޔާބީ ބިނާވެގެންވަނީ އެ ތަނެއްގެ މެނޭޖުމަންޓުން ކަނޑައަޅާ ނުވަތަ ނިންމާ މުހިންމު ނިންމުންތަކެއްގެ މައްޗަށެވެ. މެނެޖްމެންޓަކީ ހަމައެކަނި މަސައްކަތްތައް ރާވައި، ބެލެހެއްޓުން އެކަންޏެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ފުޅާ މަފުހޫމެކެވެ. މެނެޖްމެންޓްގެ ކޮންމެ މަރުޙަލާއެއްގައި ވެސް މަސައްކަތްކުރާ އަސާސަކީ ގޮތް ނިންމުމެވެ. ނުވަތަ [ޑިސިޝަން މޭކިންގ]އެވެ.
އާދޭހެވެ! ކޮންމެ މެނޭޖުމެންޓެއް ވެސް ބިނާވެގެންވަނީ މެނެޖްމެންޓްގެ އަސާސީ ހަތަރު ބައިކަމަށްވާ ތަދުބީރުކުރުން (Planning)، ރާވައި އިންތިޒާމުކުރުން (Organizing)، މަގުދައްކައި ހިންގުމުގެ އިސްވާރުކަން (Leading)، އަދި މި ހުރިހައި ކަމެއް ކޮންޓުރޯލުކުރުން (Controlling)، މި ހަތަރު އަސާސުގެ މައްޗަށެވެ. މީގެ ތެރެއިން ކޮންމެ އަސާސަކީ ވެސް ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާވާ ކަންކަމެވެ. މި ދެންނެވި އެއްޗެއް ވިސްނައިވަޑައިގަތުމުގެ ފަސޭހަފުޅަށް ޓަކައި މި ހަތަރު އަސާސާއި ގޮތް ނިންމުމާ ހުރި ގުޅުމަށް ބަލައިލާނަމެވެ.
· ތަދުބީރުކުރުން: މުއައްސަސާގެ ލަނޑުދަނޑިތަކަކީ ކޮބައިކަމާއި، އެއަށް ވާސިލުވާނެ ގޮތް ނިންމުން.
· ރާވައި އިންތިޒާމުކުރުން: ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މުވައްޒަފުންނަށް މަސްއޫލިއްޔަތު ޙަވާލުކުރާނެ ގޮތް ނިންމުން.
· މަގުދައްކައި ހިންގުން: މުވައްޒަފުންނަށް އިރުޝާދުދީ، މައްސަލަތައް ޙައްލުކުރާނެ ގޮތް ނިންމުން.
· ކޮންޓުރޯލުކުރުން: މަސައްކަތްތައް ދާ ގޮތް މުރާގަބާކޮށް، ވަޒަންކޮށް، އިޞްލާޙީ ފިޔަވަޅުތައް އަޅާނެ ގޮތް ނިންމުން.
މި ދެންނެވުނު އެއްވެސް ކަމެއް ޑިސިޝަން މޭކިންގއާ ނުލައެއް ކުރިއަކަށް ނުގެންދެވޭނެއެވެ.
ހަމަ މި ފަދައިން ކޮންމެ މުއައްސަސާއެއްގައި ވެސް ފައިސާއާއި، ވަގުތާއި، އިންސާނީ ވަސީލަތްތަކަކީ މަހުދޫދުވެފައިވާ އެއްޗެކެވެ. މެނޭޖަރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މި ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރުމެވެ. ރަނގަޅު ނިންމުންތަކެއް ނިންމުމުން ކުންފުނީގެ ޚަރަދުތައް ކުޑަވެ، އިސްރާފު މަދުވެ، އުފެއްދުންތެރިކަން އިތުރުވެއެވެ. ނުރަނގަޅު ނިންމުމެއްގެ ސަބަބުން ނުކުންނާނީ މީގެ އިދިކޮޅު ނަތީޖާއެވެ.
ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކަކާއި އާ މައްސަލަތަކާއި އުނދަގޫތަކާ ކޮންމެ މުއައްސަސާއަކާ ވެސް ކުރިމަތިވާނެއެވެ. ރައްޔިތުން ސާފުކުރާން އެދޭ ޙައްސާސީ މައްސަލަތަކާއި މުވައްޒަފުންގެ ކަންކަމާއި، މާލީ ދަތިތަކަށް އަވަސް އަދި ހިކުމަތްތެރި ޙައްލެއް ހޯދެނީ ނިންމުންތަނެއް ނިންމައިގެންނެވެ. ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ އެހެން އިރާރާއަކުން ކަމަކަށް އެދި ހުށަހެޅުމުން އެ ހުށހެޅުމަކަށް ޖަވާބުދާރީ ނުވުމަކީ އެ މުއައްސަސާއެއްގެ މެނޭޖުމަންޓުގެ ދޯހަޅިކަން ދޭހަވާނޭ ކަމެކެވެ.
ތެދުފުޅެކެވެ. މުއައްސަސާއަކުން ނުވަތަ ވަކި ފަރުދަކު އެދޭ ކޮންމެ ކަމެއް ކޮށެއް ނުދެވޭނެއެވެ. އަދި ކޮށްދޭކަށް ނުވެސް ޖެހެއެވެ. ނަމަވެސް ކޮށްދެވޭން ނެތް ކަމެއް ނަމަ، ސަބަބާ އެކު ރީތި ބަހުން އެ ވާހަކަ ބުނާން ކެރޭން އަދި އެނގޭންޖެހޭނެއެވެ. މިސާލަކަށް ވަކި މަޢުލޫމާތެއް ހޯދާން ބޭނުންވެގެން ރައްޔިތަކު އެދުމުން، އެއީ ގާނޫނީ ގޮތުން ކޮށްދޭންޖެހޭ ކަމެއް ނަމަ، ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި އެ ކަމެއް ނިންމުމަކީ މެނެޖުމެންޓުގެ ބާރު ދައްކުވައިދޭ ކަމެކެވެ. އަދި އެ މަޢުލޫމާތެއް ދެވޭން ނެތް ނަމަ، ދެވޭން ނެތްވާހަކަ ވެސް ސަބަބާ އެކު ލަސްނުކޮށް ބުނާން ކެރޭންވާނެއެވެ.
އާދާއިގެ އިންސާނެއްގެ ނަޒަރުން ވިސްނިއަސް މީހަކު ކަމަކަށް އެދުމުން އަނގައިން ނުބުނެ ހުރުމަކީ ވަރަށް ދަށް ފެންވަރުގެ ބޭއަދަބީ ކަމެކެވެ. އެ ކަމެއް ވާން އޮތް ނަމަ، ކޮށްދިނުމާއި، ކޮށްދެވޭން ނެތިއްޔާ އެ ވާހަކަ ވެސް ރީތިކޮށް (ނުވަތަ ބޭއަދަބީ ވާން ބޭނުން ނަމަ ހުތުރުކޮށް ވެސް) ބުނުމުގެ ގާބިލުކަން ކޮންމެ އިދާރާއެއްގެ އިސްވާރުންގެ ކިބައިގައި ހުންނާންވާނެއެވެ. އެ ކެރުންތެރިކަން ނެތް ނަމަ، އެއީ މެނެޖުމެންޓުގެ އެންމެ މުހިންމު ހުނަރު އޭނާގެ ކިބައިގައި ނެތްކަން ދަލީލުކޮށްދޭ ކަމެކެވެ.
މައްސަލައަކަށްވާނީ މީހަކު އެދޭހައި ކަމެއް ކޮށްނުދިނުމެއް ނޫނެވެ. އެ މީހަކަށް އިޖާބަނުދިނުމެވެ. ޖަވާބު ނުދިނުމެވެ. މިއީ ނިންމާނެ ގޮތެއް ނޭނގިގެން ނުވަތަ ނުކެރިގެން ނަމަ ވެސް ކަންކަމަށް ޖަވާބުދާރީނުވާ ނަމަ، އެ މުއައްސަސާއެއްގެ ތަޞައްވުރު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ހުތުރުވެދާނެއެވެ.
މިސާލަކަށް ފޯނުކުރަނީ މި ވެނި މީހެއްކަމާއި އެއީ މިވެނި ކަމަކު ގުޅާ މީހެއްކަމަށް ވެފައި އެ ކަން ކޮށްދެވޭން ނެތް ނަމަވެސް ހަރުދަނާ މެނޭޖުމެންޓެއް ނަމަ، އެ ފޯނު ނަގާން ކެރޭންވާނެއެވެ. ފޯނުން ޖަވާބުދެވޭންވާނެއެވެ. ކޮށްދެވޭން ނެތް ކަމަކު އެދޭ ނަމަ، އެ ކަމެއް ކޮށްދެވޭން ނެތް ވާހަކަ ބުނެވޭންވާނެއެވެ. އެ ސާބިތުކަން ހުންނާންވާނެއެވެ.
މިސާލަކަށް ކުންފުންޏެއްގެ އެންމެ މަތީވެރިޔާއާ ބައްދަލުކޮށްލާން އާދައިގެ ރައްޔިތަކު އެދިވެސްދާނެއެވެ. ވެރިޔާގެ މަސައްކަތްޕުޅު ހުންނަ ގޮތުން އެ ފަދަ ފުރުޞަތެއް ދެއްވޭން ނެތްކަމަށް ވެސް ވެދާނެއެވެ. މިއީ ވަރަށް އެކަށީގެންވާ ކަމެކެވެ. މި ފަދަ ޙާލަތުގައި ވެސް ކުންފުނީގެ ޒިންމާދާރު މީހަކު އެ މީހަކާ ބައްދަލުކޮށް އޭނާ، ކުންފުނީގެ ވެރިޔާއާ ބައްދަލުކޮށްލާން އެދުނީ ކީއްކުރާންތޯ ސާފުކޮށް އޭނާއަށް އެހީތެރިވެދެވިދާނެއެވެ. އަދި ވެރިޔާގެ މަސައްކަތްޕުޅު ހުރި ގޮތުން މި ދުވަސްވަރު ވެރިޔާގެ މިވާދެއް ދެއްވޭން ނެތް ވާހަކަ ބުނެވިދާނެެއެވެ. މި ޙާލަުގައި ވެސް މިވާދަށް އެދުނު މީހާއަށް އެއްވެސް ޖަވާބެއް ނުދިނުމަކީ (އަނެއްކާ ވެސް) ހަމަ މެނެޖްމެންޓުގެ ބަލިކަށިކަން ދޭހަކޮށްދޭނެކަމެކެވެ.
މި އަދުގެ ހަގީގަތްތަކެއްގެ މައްޗަށް ވާހަކަދައްކާ އިރު، ގާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު)ގެ ދަށުން މުއައްސަސާއަކަށް މަޢުލޫމާތަކަށް އެދުމުން އެއްވެސް ޖަވާބެއް ނުދީ، ގާނޫނުގައި އޮންނަ މުއްދަތު ހަމަވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ މެނޭޖުމަންޓުގެ ބަލިކަށިކަން ދޭހަކޮށްދޭ ކަމެކެވެ. މަޢުލޫމާތު ދެވޭން ނެތް ނަމަ، ދެވޭކަށް ނެތޭ ބުނުމުގެ ގާބިލުކަން ކަމާ ބެހޭ މުވައްޒަފެއްގެ ކިބައިގައި ހުންނާންވާނެއެވެ. ނަމަވެސް ކަމަކާ ބެހޭ މަޢުލޫމާތު އާންމުކުރި ވަރަކަށް އެ މުއައްސަސާއެއްގެ ޝުހުރަތު އިތުރުވާނެކަން ވެސް ދަންނާންވާނެއެވެ. އެހެނީ ކޮންމެ މީހަކު ވެސް ނުވަތަ ކޮންމެ މުއައްސަސާއަކުން ވެސް ކުރާ ރަނގަޅު ކަންކަން އާންމުވުމަކީ، އެ މީހެއްގެ ނުވަތަ އެ މުއައްސަސާއެއްގެ ގަދަރު އިތުރުވާނެ ކަމެކެވެ. އެކަމަކު، ފަރުދެއްގެ ނުވަތަ މުޖުތަމަޢުގެ ނުވަތަ ގައުމީ މަސްލަޙަތަށް ޓަކައި މަޢުލޫމާތެއް ހިފަހައްޓާން ޖެހޭ ނަމަ، ގާނޫނާ ހަވާލާދީ، މިވެނި ސަބަބަކާ ހުރެ މިވެނި މަޢުލޫމާތެއް އާންމުކުރެވޭކަން ނެތޭ ބުނުމުގެ ކެރުންތެރިކަން ހުރި ނަމަ، އެ ފަދަ ޝައްކުތައް އުފެއްދުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ގާނޫނާ ޙަވާލާދީ އެ ވާހަކަ ބުނުމުން ކަން އޮތް ގޮތް ސާފުވާނެއެވެ. ނަމަވެސް މަޢުލޫމާތުނުދީ، ޖަވާބެއްނުދީ، ލަސްވާ ނަމަ، އެ މުއައްސަސާއަކާ މެދު ރައްޔިތުން އެކި ތުހުމަތުތައް ކޮށް ޝައްކު އުފެއްދުމުގެ ފުރުޞަތު އެ ހުޅުވައިލެވެނީއެވެ. މިއީ ވެސް ގޮތް ނިންމުމާ ގުޅިފައިވާ ކަމެކެވެ. ނިންމުމެއް ނިންމާން ނުކެރިގެން މުޅި މުއައްސަސާގެ ނަން ޚަރާބުވަނީއެވެ. ކުންފުންޏެއް ނަމަ، މި ފަދަ ގޮން ނިންމާން ނުކެރޭ (ޑިސިޝަން މޭކިންގގެ ހުނަރު ނެތް) މެނޭޖަރުން ބައިތިއްބައިގެން ކުންފުނި ބަނގުރޫޓުވުން ނޫން ކަމެއް ނުވާނެއެވެ.
މުއައްސަސާއަކުން ނުވަތަ އާންމު ރައްޔަތަކު ވިޔަސް ދައުލަތުގެ އިދާރާއަކަށް ވިޔަސް ނުވަތަ އަމިއްލަ ކުންފުންޏަކަށް ވިޔަސް ނުވަތަ ޖަމުޢިއްޔާއަކަށް ވިޔަސް ކަމަކަށް އެދި ހުށަހަޅާ ހުރިހައިމަކެއް ކޮށްދެވޭކަށް ނޯންނާނެއެވެ. އެއީ މަންޠިގީ ގޮތުން އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. ވީމާ، އެ ކަމެއް ކޮށްދެވޭނެތޯ، ކޮށްދޭނީތޯ، ކޮށްދެވޭކަށް ނެތްތޯ ނިންމައި، ކަމޭދަށް އިޖާބައެއްދިނުމަކީ އަޚުލާގީ ގޮތުން ކޮންމެ މީހެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އެދުނު ކަމެއް ވާން ނެތް ނަމަ ވެސް ރީތިކޮށް އެ ވާހަކައެއް އެ ކަމޭދަކަށް ނުވަތަ ރައްޔިތަކަށް އަންގައިލީމާ، އެ ނިމުނީތާއެވެ. މިއީ ވެސް ގޮތް ނިންމުމުގެ ގާބިލުކަން ހުރި މީހަކަށް ނޫނީ ފަސޭހަކަމެއް ނޫނެވެ.
ދުނިޔޭގެ ވިޔަފާރިއާއި ފަންނިއްޔާތު އަންނަނީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންނެވެ. މިސާލަކަށް، ކުންފުންޏަކަށް ބަލާ ނަމަ، އާ ފަންނިއްޔާތެއް ތަޢާރަފުވުމުން، ނުވަތަ އިގުތިސާދީ ހީނަރުކަމެއް އައުމުން އެ ކަމަކުން ކުންފުނި ސަލާމަތްކުރެވޭނީ މެނޭޖަރުން ލަސްނުކޮށް ނިންމާ ހިކުމަތްތެރި ނިންމުންތަކުންނެވެ. ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތަކަށް މާޒީގައި ވެފައިވާ ގޮތުން ވެސް އެނގެނީ، އެ ވަގުތަކަށް އެކަށީގެންވާ ނިންމުމެއް ނިންމާން ނޭނގުމުގެ ނުވަތަ ނުކެރުމުގެ ނަތީޖާއަކީ ކުންފުނި އަނދަވަޅަކަށް ވެއްޓުންކަމެވެ.
ކުންފުންޏެއް ކުރިއަރައިދާނީތޯ ނުވަތަ ބަންދުކުރާންޖެހޭނީތޯ ކަނޑައަޅަނީ މަތީ މެނެޖްމެންޓުން ނިންމާ އިސްތިރާޖީ ނިންމުންތަކެއްގެ ސަބަބުންނެވެ. އާ އުފެއްދުމެއް މާރުކޭޓުކުރުމާއި، އާ މާރުކޭޓަކަށް ދިޔުން ފަދަ ނިންމުންތަކަކީ ކުންފުނީގެ މުޅި މުސްތަޤުބަލާ ގުޅިފައިވާ ކަންކަމެވެ. މި ފަދަ ކަންކަމުގައި ނިންމުމެއް ނިންމާން ނޭނގި ނުވަތަ ނުކެރި ލަސްވާ ކޮންމެ ލަސްވުމަކީ ކުންފުންޏަށް ލިބޭނެ ފޫނުބެއްދޭ ފަދަ ގެއްލުމަކަށްވާނެއެވެ.
އެއްވެސް ޝައްކެއް ނެތެވެ. މެނެޖްމެންޓްގެ އެކި ދާއިރާތަކާއި ވަސީލަތްތަކަކީ [ގައިގަނޑު]ކަމަށްވާ ނަމަ، ގޮތްނިންމުމުގެ ހުނަރަކީ އެ ހަށިގަނޑުގެ "ހިތެވެ." ސަބަބަކީ މެނެޖްމެންޓްގެ ކޮންމެ ހަރަކާތަކާއި ތަދުބީރަކާއި ކާމިޔާބީއެއް ވެސް ބިނާވެގެންވަނީ ނިންމާ ނިންމުމުގެ ހިކުމަތްތެރިކަމާއި ޞައްޙަކަމުގެ މައްޗަށްކަމަށްވާތީއެވެ. ނިންމުންތައް ނިންމުމުގެ ހުނަރުހުރި ރަނގަޅު މެނޭޖަރެއް ނުވަތަ އިސްވާރެއް ނެތް މެނެޖްމެންޓަކީ މިސްރާބެއް ނެތި ދުއްވާ އުޅަނދެއް ފަދަ ތަނެކެވެ. އެހެންވީމާ، ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި ވެސް އަވަހަށް ގޮތް ނިންމުގެ ހުނަރު ހުރި ވެރީން ތިބުމަކީ އެ މުއައްސަސާއެއްގެ ތަޞައްވުރު ރަނގަޅުވާނޭ ކަމެކެވެ. އެހެނީ ކޮންމެ މުއައްސަސާއަކަށް ހުށަހެޅޭ ކޮންމެ ހުށަހެޅުމަކަށް ވެސް ގޮތެއް ނިންމައި އިޖާބަދިނުމަކީ ޒިންމާދާރުކަމާ އެކު އެ ތަނެއް ހިނގާކަމުގެ ދަލީލެކެވެ. ނިންމާނެ ގޮތެއް ނޭނގިގެން ނުވަތަ ގޮތެއް ނިންމާން ނުކެރިގެން ޖަވާބުދާރީނުވުމަކީ އެއްވެސް ޙާލެއްގައި ކަންކަމުގެ ޙައްލެއް ނޫނެވެ. އެއީ އިތުރު މައްސަލަތަކަށް ހުޅުވައިދެވޭ ފަސޭހަ ދޮރެކެވެ.
ބައެއް ލަފުޒުގެ މާނަ:
ހީނަރު ނ. (1) ކަންކަން ދާންވާ ގޮތަށް ކުރިއަށް ނުގޮސް ހުއްޓުން އަރާ އެރުން. (2) ގަސްގަހާގެހި ޅަ އިރު ހެދުން ދެރަވެގެން ވާ އަނަރޫފަ. (3) އަނަރޫފަ.
ނާރެސް ނ. ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށް ޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް. pivot
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. customer, client,
އިސްވާރު ނ. (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ. leader
އިދާރާ ނ. އޮފީސް. office
އިސްތިރާޖީ ނއ. މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic
މިވާދު ނ. ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ދޭ ނުވަތަ ލިބޭ ފުރުސަތު. (2) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ކަނޑައަޅާ ކަނޑައެޅުން. appointment
މުރާގަބާ ނ. ކަމެއް ނުވަތަ ހާލަތެއް މޮނިޓަރުކުރާކުރުން.observation monitor
މުއައްސަސާ ނ. އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފައި ހުންނަ އިދާރާ. institution
ފަންނިއްޔާތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. technology
ތަދުބީރު ނ. ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan
ތަސައްވުރު ނ. (1) ހިތަށް ސިފަވާސިފަވުން ނުވަތަ ޚިޔާލަށް ގެންނަ ގެނައުން. (2) މުއައްސަސާއަކުން ނުވަތަ ޖަމުޢިއްޔާއަކުން އެ ބަޔެއްގެ މަސައްކަތް ކުރިއަރުވައި ހާސިލުކުރާން ބޭނުންވާ ކަންކަން ސިފަކޮށްދޭ ބަޔާން. (3) މުހިންމު މަގުސަދެއް ހާސިލުކުރުމަށް ޓަކައި މީހަކު ނުވަތަ ބަޔަކު ވާސިލުވާން ބޭނުންވާ ލަނޑުދަނޑިތަކުގެ ބަޔާން. vision
ގައިގަނޑު ނ. ދިރޭއެއްޗެހީގެ ހަށިގަނޑުގެ މައިގަނޑު ބައި. މި ބައިގައި ބޮލާއި، ކަރާއި، އަތްފަޔާއި ފިޔަގަނޑު ފަދަ ހަށިގަނޑާ ގުޅިފައިވާ އެހެން ބައިތަކެއް ނުހިމެނެއެވެ. Main body or trunk