އޒ. އަޙުމަދު މާޖިދު
24 ސެޕްޓެންބަރު 2026
ދިވެހިރާއްޖޭގައި ވެސް، އިޤްތިޞާދު ބައްޓަންކުރެވެމުން މި ދަނީ، ދުނިޔޭގައި ކެންސަރެއް ފަދައިން ފެތުރިފައި ވާ "ރައުސްމާލިއްޔަތު (Capitalism)ގެ ނިޒާމާއި ނިއޯލިބަރަލް އިޤްތިޞާދީ ފަލްސަފާގެ މައްޗަށެވެ. މިއީ އިޤްތިޞާދީ ޢަދާލަތާއި އިޤްތިޞާދީ އިޙްސާނުގެ ބަދަލުގައި، އިންސާނާއަކީ މުދަލަށް ދަހިވެތިވުމުގައި ޙައްދު ފަހަނައަޅައިފައިވާ އަދި އެ ގޮތުގައި ހުންނާނެ އަދި އެ ގޮތުގައި ހުންނާންވާނެ މީހެއްކަމަށާއި، ދުނިޔޭގެ ދިރިއުޅުމަކީ މުދާ ހޯދައި އެއްކުރުމުގެ މިޝަނެއްކަމަށް، ޤަބޫލުކުރާ "ޤާރޫނިއްޔަ" ފަލްސަފާއެކެވެ.
މި ފަލްސަފާގެ ދަށުން، ޤައުމުތަކުގެ ރައްޔިތުންގެ ޢާއްމު މުއްސަނދިކަމާއި (commonwealth of the people) އެ މުއްސަނދިކަމުގެ ތެރޭގައި ހިމެނޭ މުޅި ހުރިހައި ރައްޔިތުންގެ ޤުދުރަތީ ވަސީލަތްތައް، އަމިއްލަ މުދަލުގެ (private property) ގޮތުގައި ބޮޑެތި ރައުސްމާލީ ވުނޭރުން، މަހުޖަނުންނަށް (capitalist investors and the super-rich) އެތައް ދަހަރަކަށް އަމިއްލަ ކޮށްދެވެއެވެ. ކުޑަކުޑަ ޓެކުހެއްގެ ބަދަލުގައެވެ. އިންސާނީ ބުއްދިއާއި، ޟަމީރާއި، އަދި އެންމެ މުހިއްމު އަސާސްކަމުގައި ވާ ޝަރުޢީ ހަމަތަކުގެ މަތީން ވެސް މިއީ ޤަބޫލުނުކުރެވޭ ވަރުގެ ބޮޑު ބޭއިންޞާފެއް އަދި އަނިޔާއެއްކަމުގައިވުމާ އެކު ވެސް، މިއީ ކަން އޮންނާންވީ ރަނގަޅު ގޮތްކަމަށް އަހަރެމެން "ޕްރޮގްރާމް"ކޮށް "ސިކުނޑި ދޮވެލައިފައި"(brain wash) ވަނީ ރައުސްމާލިއްޔަތާއި ނިއޯލިބަރަލް އިޤްތިޞާދީ ފަލްސަފާ މަދަރުސާތަކުގައި ކިޔަވައިދީގެންނެވެ. އެ ފަލްސަފާގެ މައްޗަށް "އިޤްތިޞާދީ ޢިލްމުވެރީން"ނާއި އިޤްތިޞާދީ މުއައްސަސާތައް ބިނާ ކޮށް، އެއުރެންގެ ވަސީލަތުން އެ ފަލްސަފާ ހުރިހައި ފަރާތަކުން މުޖުތަމަޢުތަކަށް އަޅައި މީހުންގެ ސިކުނޑިތައް ޙަޤީޤަތަށް ކަނުކޮށްގެންނެވެ.
މި ނިޒާމުގައި، ސިނާޢަތްތަކުގައި ތިބޭ ކެޕިޓަލިސްޓް "ވެރީން" މަހަކު، އަހަރަކު، އެތައް މިލިއަނެއް ފައިދާގެ ގޮތުގައި ހިފައިގެން ގެއަށް ދެއެވެ. އެކަމަކު، އެ "އެތައް މިލިއަނެއް" އުފެއްދުމަށް ކޮންމެ ދުވަހަކު އެތައް ގަޑިއެއްގެ މަސައްކަތް ޙިއްޞާކުރާ މަސައްކަތްތެރިޔާއަށް ލިބޭނީ އަމިއްލަ މުހުތާދުތައް ވެސް ރަނގަޅަށް ނުފުއްދޭވަރުގެ ކުޑަކުޑަ އެއްޗެކެވެ. މީގެ މިސާލުތައް މުޅި ދުނިޔޭގެ އެތަންމިތަނުން ދެއްކިދާނެއެވެ. މިސާލެއްގެ ގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި، އާދައިގެ މަސައްކަތްތެރިއެއްގެ ދުވާލުގެ އާމުދަނީ އަކީ 120 ވަރަކަށް ޑޮލަރެވެ. އޭނާގެ ކުންފުނީގެ މިލްކުވެރި "ކެޕިޓަލިސްޓް މަހުޖަނަށް" ދުވާލެއްގެ މައްޗަށް އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމުދަނީއެއް ލިބެއެވެ.
ދިވެހިރާއްޖޭގައި މި ކަންކަން އޮތީ ކިހިނެއްކަން މާކަ ރަނގަޅަކަށް ސާފެއްނޫނެވެ. އެއީ މި ކަންކަން ބަލައި، ތަފާސްހިސާބުތައް ރިކޯޑުކޮށް، އިޤްތިޞާދުގައި ޙަޤީޤަތުގައި ކަންކަން ވަމުންދަނީ ކިހިނެއްކަން ރައްޔިތުންނަށް ބުނެދޭނެ ބަޔަކު ނެތުމުންނެވެ. ސަރުކާރުގެ މުއައްސަސާތައް ވަނީ ފޭލިވެފައެވެ. ސިނާޢަތްތައް - ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތް - މަސައްކަތް ކުރަނީ ދައުލަތަށް ވުރެ މަތީގައެވެ. އެ މީހުންނަށް ލިބޭ އާމުދަނީގެ ތެރެއިން އެ މީހުން ހިތުހުރި ބައެއް ދަނީ ރާއްޖެއިން ބޭރުގައި ބަހައްޓަމުންނެވެ. ނަމަވެސް، ލިބޭން ހުރި، ފެންނާން ހުރި، އުނި ތަފާސްހިސާބުތަކުގެ އަލީގައި އަޅުގަނޑު ހިސާބެއް ހަދައިލީމެވެ. އެ ހިސާބު ދައްކާ ގޮތުން، ރާއްޖޭގައި ވެސް ކަން އޮތީ ޤާރޫނީ ކެޕިޓަލިސްޓް ފަލްސަފާޔާ އެއްގޮތަށެވެ. އެމެރިކާ ފަދަ ޤައުމުތަކަށް ވުރެ ވެސް ދެރަކޮށެވެ. މިސާލަކަށް، އަޅުގަނޑު އޭއައިގެ ވަސީލަތުން ހެދި ހިސާބުން ދައްކާ ގޮތުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ އާދައިގެ މުއައްޒަފަކަށް އޭނާގެ ކުންފުނީން މަހު މުސާރައިގެ ގޮތުގައި ދެނީ، ރިސޯޓުގެ ވެރިޔާއަށް އޮޕަރޭޓިންގ ޕްރޮފިޓުގެ ގޮތުގައި މަހަކު ލިބޭ ކޮންމެ އެއްލައްކަ ޑޮލަރަކަށް އެންމެ 60 ވަރަކަށް ޑޮލަރެވެ.
އޮޕަރޭޓިންގ ޕްރޮފިޓުގެ ތެރެއިން މަދު ވެގެން ފަންސާހަކަށް ހާސް ޑޮލަރު، ކޮންމެ މަހަކު، ރިސޯޓުގެ ވެރިޔާގެ ޖީބަށް ވަންނާނެކަމަށް ބެލެވެއެވެ. ހަމަ އެހެންމެ، މިއީ އަދި އެ މީހުން ރާއްޖެއިން ބޭރުގައި ފޮރުވާ ބައި ނުލައި ހިސާބު ހެދުމުން، ނުކުންނަ ނަތީޖާކަން ވެސް ފާހަގަކޮށްލަމެވެ.