އަބާ މުޙަންމަދު
18 ސެޕްޓެންބަރު 2026
(ފޮޓޯ: https://hoteliermaldives.com)
ދުބާއީ ވޯރލްޑް ޓްރޭޑް ސެންޓަރުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އަރަބިއަން ޓްރެވަލް މާރކިޓް (އޭޓީއެމް)އަކީ މެދުއިރުމައްޗާއި މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް [އެކްސްޕޯ]އެވެ. މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ސަރުކާރުތަކުގެ ޓޫރިޒަމް ބޯޑުތަކާއި، ހޮޓާ/ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެން އެއް ފުރާޅެއްގެ ދަށަށް ޖަމާކޮށްދޭ މުހިންމު މަންސައެކެވެ. މި އަހަރު މި ފެއަރ ބޭއްވުނީ އެކުވެރި ޢަރަބު އިމާރާތުގެ ދުބާއީގެ ޝައިޚު ޒައިދު މަގުގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި މަހު 14އިން 17އަށެވެ.
ފެއަރގެ މުހިންމު ބައިތަކާއި މަގުސަދު:
ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން: ފެއަރގެ އެންމެ ބޮޑު ބޭނުމަކީ ބީ2ބީ (ބިޒިނަސް ޓު ބިޒިނަސް) ބައްދަލުވުންތައް މެދުވެރިކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ކުންފުނިތަކުގެ މެދުގައި އާ ގުޅުންތައް އުފައްދައި، ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރުމެވެ.
އައު އީޖާދުތަކާއި ފަންނިއްޔާތު: ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ބޭނުންކުރާ އައު ފަންނިއްޔާތާއި އީޖާދުތައް މި ފެއަރގައި ދައްކައިލެވެއެވެ.
މަޝްވަރާ ދަންފަޅިތަކާއި ކޮންފަރެންސުތައް: ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވާ މަޝްވަރާ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާއި ކޮންފަރެންސްތައް މެދުވެރިކޮށް، ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަގުގެ މިސްރާބާއި ދިމާވާ ދަތިތަކާ މެދު މަޝްވަރާކުރެވެއެވެ.
ރާއްޖޭގެ ބައިވެރިވުން:
ދިވެހިރާއްޖެއިން އޭޓީއެމް ފެއަރގައި ވިޒިޓު މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ކުންފުނިތަކަކާ އެކު ކޮންމެ އަހަރަކު ވެސް ވަރަށް ފުޅާދާއިރާއެއްގައި ބައިވެރިވެއެވެ. އެ ގޮތުގެ މަތީން މި އަހަރުވެސް ދިވެހިރާއްޖެއިން އެ ފެއަރގައި ކާމިޔާބުކަމާ އެކު ވަނީ ބައިވެރިވެފައެވެ. އަދި [ފަރަގު]ން ފަޚުރުވެރިކަމާ އެކު ފާހަގަކުރަނީ [ފަރަގުގެ] ޗީފު އެޑްވައިޒަރ އަލްއަޚު ރިޢާޔަތު ޢަބްދުލްމަޖީދު، ޕިކްމޯލްޑިވްސްގެ މުއައްސިސްގެ ޙައްސިއްޔަތުން ބައިވެރިވެވަޑައިގެންފައިވާކަމެވެ. ޕިކްމޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ޓަކައި އަމިއްލަ ފަރާތަކުން ބޭނުންކުރާ އެންމެ މުހިންމު އަދި ނުފޫޒުގަދަ ވަސީލަތެވެ. ދުނިޔޭގެ ހުރިހައި ކަންކޮޅެއްގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ޕިކްމޯލްޑިވްސްއިން އަންނަނީ އަބަދު ވެސް ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރަމުންނެވެ.
މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރީން އަންނަ މުހިންމު ސަރަހައްދަކަށްވާތީ، ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްތައް އިޝްތިހާރުކުރުމަށް މި ފެއަރއަކީ ވަރަށް މުހިންމު ފުރުސަތެކެވެ. ރާއްޖެއިން ކޮންމެ އަހަރަކު ވެސް ތައްޔާރުކުރާ ޚާއްސަ އިސްޓޯލު މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދުނިޔެއަށް ދައްކުވައިދެއެވެ. މި ފަހަރުގެ ފެއަރގައި ދިވެހި އިސްޓޯލު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ޤުދުރަތީ ރީތިކަމާއި ސާފު މޫދާއި ހުދު އަތިރިމަތިތައް ދައްކުވައިދޭ ގޮތަށެވެ. ދިވެހި އިސްޓޯލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، މި އަހަރުގެ ދުބާއީ ވޯރލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވުނު އޭޓީއެމް ފެއަރއަކީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރުމަށާއި، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމަށް ޓަކައި ފަހިވި އަގުހުރި މަންސައެކެވެ.