އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
16 ސެޕްޓެންބަރު 2026
ތިރީގައި މި ލިޔެލަނީ އެމެރިކާގެ ރައީސަކަށް އެހެރަ ޑޮނަލްޑު ޓުރަންޕު، ގުރީން ލޭންޑު ހިފާނަމޭ، އެއީ ވެރިކަން ކުރާން ނޭނގޭ ބަޔަކު އުޅޭ ގައުމެކޭ، ގޮވާން ފެށީމާ އޭގެ ރައްދުގައި ދުނިޔޭގެ ޣައިރުމުސްލިމު ބޮޑު ގައުމަކުން އެ ވާހަކަތަކަށް އިޖާބަދިން ގޮތުގެ ޚުލާސާ ތަރުޖަމާއެކެވެ. މި ވާހަކަ ލިޔެލާން ހިތަށް އެރީ މި މެސެޖުގެ ތެރޭން އެމެރިކާގެ (ކުރީން ނޭނގޭ) ވަރަށް ގިނަ ހަގީގަތްތަކެއް އެނގޭތީއެވެ. ކިތަންމެ ފުއްޕައިގެން އުޅުނަސް ހަގީގަތް އޮތީ އަޅުގަނޑުމެން ހީކުރާ ގޮތަކަށް ނޫނެވެ. ދެން އެ މެސެޖުގެ ތަރުޖަމާ ވިދާޅުވާށެވެ!
_________________________
[އިނބަ ތިޔަ ވެރިކަން ކުރަނީ އުޅޭނެ ގެދޮރެއް ނެތި މިރޭ ވެސް 600،000 މީހުން މަގުމަތީގައި ނިދާންޖެހިފައިވާ ގައުމެއްގައެވެ. އެއީ ކުއްލިއަކަށް ދިމާވާ ބޮޑުކަމެއްގައި ވެސް 400 ޑޮލަރުގެ ކުޑަކުޑަ ޚަރަދެއް ވެސް އެހެން މީހަކަށް ސަލާންނުޖަހައި ހަމަޖެއްސުމުގެ ގާބިލުކަން އެ ގައުމުގެ 40 އިންސައްތަ މީހުންގެ ކިބައިގައި ނެތް ގައުމެކެވެ. އެއީ ދިރިހުރުމަށް ޓަކައި އިންސިއުލިން ބޭނުންކުރާންޖެހޭ މީހުން، ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ މަދުން އިންސިއުލިން ބޭނުންކުރާން މަޖުބޫރުވެފައިވާ ގައުމެކެވެ. ސަބަބަކީ އިންސިއުލިން ޑޯޒެއްގެ އަގު ކާރެއްގެ މަހުފީއަށްވުރެ ވެސް ބޮޑުވުމެވެ.
އެއީ ސިއްހީ ބޭސްފަރުވާއަށް ދައްކާންޖެހޭ ފައިސާ ނުދެއްކިގެން މީހުން ބަނގުރޫޓުވުން އެއީ އެންމެ އާންމު ހާލަތަށް ވެފައިވާ ގައުމެކެވެ.
އެއީ ގަރުބީނެރުން މަނާކުރާ ގާނޫނުތަކުގެ ބިރަށް، މާބަނޑުމީހުންގެ ބަނޑުގައިވާ ދަރިފުޅު ނުރައްކާތެރި ހާލަތެއްގައި މަރުވާ އިރު ވެސް ޑޮކްޓަރުންނަށް ފަރުވާނުދެވިގެން، ހޮސްޕިޓަލުތަކުގެ ޕާކިން ސަރަހައްދުގައި އަންހެނުން މަރުވަމުންދާ ގައުމެކެވެ.
ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ވުރެ ގިނައިން ގައުމުގެ އަމިއްލަ ރައްޔިތުން ޖަލަށްލައިފައިވަނީ އިނބަ ތިޔަ ވެރިކަންކުރާ ގައުމުގައެވެ. ޗައިނާއަށް ވުރެ ވެސް ގިނައިންނެވެ. ރަޝިޔާއަށް ވުރެ ވެސް ގިނައިންނެވެ. އުތުރު ކޮރެއާއަށްވުރެ ވެސް ގިނައިންނެވެ. 'މިނިވަންކަމުގެ ބިން'ކަމަށް ދައުވާކުރާ ތިޔަ ގައުމުން ދެ މިލިއަން މީހުން ހުރަގޭގައްޔާއި ޖަލުތަކުގައި ބަންދުކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ކާލު މީހުންގެ މައްޗަށް ކުށެއް ވެސް ސާބިތެއްނުވެއެވެ. އެމީހުންނަށް ޖަލުގައި ތިބޭން އެ ޖެހެނީ ހަމައެކަނި ކަފާލާތުގެ ފައިސާ ދެއްކޭހާ ތަނަވަސްކަން ނެތުމުންނެވެ.
ތިޔަ ގައުމުގެ މީހުންގެ އެވްރެޖް އުމުރު ދަނީ ދަށަށެވެ. ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން މި ކަން މިހެން ދިމާވާ ހަމައެކަނި ގައުމަކީ ތިޔައީއެވެ. ތިޔަ ގައުމުގައި ޅަފަތުގައި ކުދީން މަރުވާ ނިސްބަތް ކިއުބާއަށް ވުރެ ވެސް އިތުރެވެ. ތިޔަ ގައުމުގެ ވެރީންގެ ރައްޓެހީންނަށް ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ހިއްސާ ވިއްކައި މަންފާ ހޯދަމުންދާ އިރު، ތިޔަ ގައުމުގެ ކުޑަކުދީން ހިސާބުޢިލްމާއި އިނގިރޭސިބަހުގެ ގަޑިތަކުގެ ދެ ގަޑި ދޭތެރޭގައި ތަމްރީނުވަމުންދަނީ ބަޑި ހިފައިގެން ހަމަލާދޭން އަންނަ މީހުންގެ ކިބައިން ރައްކާތެރިވާނެ ގޮތްތައް ދަސްކުރާށެވެ.
ތިޔަ ގައުމުގައި މުވައްޒަފަކަށް ދެވޭނެ އެންމެ ކުޑަސާރަ (މިނިމަމް ވޭޖް) ބަދަލުނުވާތާ 15 އަހަރު ވެއްޖެއެވެ. ތިޔަ ގައުމަށް ދުވަހަކު ވެސް ހަމަލާއެއް ނުދޭ، ގައުމެއް (އީރާނު) ހަލާކުކޮށްލާން (ތިޔަ ގައުމުން) އެތައް ކަރަބު ޑޮލަރެއް ހޭދަކުރާ އިރު، ތިޔަ ގައުމުގެ ޓީޗަރުން ދިރިއުޅުމަށް ޓަކައި ދެ ވަޒީފާ އަދާކުރާން ވަނީ މަޖުބޫރުވެފައެވެ. އަދި ތިޔައީ ހަނގުރާމަތަކުގައި އެތައް ޚިދުމަތެއް ކޮށް މުސްކުޅިކުރެވިފައިވާ ޚިދުމަތްތެރީން (ވެޓަރަނުން) ފާލަންތަކުގެ ދަށުގައި ނިދާންޖެހިފައިވާ ގައުމެކެވެ.
އަދި މި ކަންކަމުގެ އިތުރަށް، އަފްޣާނިސްތާނުގައި ތިޔަބައިމީހުން އަނެއްކާ ވެސް ބަލިވެގެން ފައިބައިގެން ދިއުމުން ތާލިބާނުން އުފަލުން ޝުކުރު އަދާކުރި ފަހުން، ހިންގި އެންމެ ނާކާމިޔާބު އަދި ފަނާކުރަނިވި ހަނގުރާމައިގެ ކެމްޕޭންތައް ހިންގުމުގެ ވެރިޔަކަށް ހުރީ އަމިއްލަ އެދުން ބޮޑު، ސިކުނޑި ހަމަނުޖެހޭ، ޝަރީއަތަށް ކުށް ސާބިތުވެފައިވާ، ޖިންސީ ގޯނާގެ މަދަނީ މަސްއޫލިއްޔަތު އުފުލާންޖެހިފައިވާ، އަދި ކުޑަކުދީންނަށް ގޯނާކުރާ މީހުންނަށް ހިމާޔަތްދޭ، އަދި ބަރަހަނާ ފިލްމު ކުޅޭ މީހުންނާ ހެދި މޮޔަވެފައިވާ، ޖިންސީ ކަންކަމަށް ދެވިހިފައިފައިވާ ބަދުއަޚުލާގީ، ވަޙުޝީ މީހެކެވެ.
މި ހުރިހާ ކަމަކަށް ފަހު، ގްރީންލޭންޑަކީ ވެރިކަން ކުރާން ނޭނގޭ ގައުމެކޭ ބުނާން ތިޔަބައިމީހުން ލަދުނުގަންނަނީހެއްޔެވެ؟ [އަޅެ މީހަކު ހައިރާނެއް ނުވާނެހެއްޔެވެ؟]
ގްރީންލޭންޑުގައި އެންމެންނަށް އާންމު ސިއްހީ ފަރުވާ ލިބެއެވެ. ހިލޭ ތަޢުލީމު ލިބެއެވެ. އަދި އެއީ މީހުން ޖަލަށްލާ މިންވަރު ދުނިޔޭގައި އެންމެ މަދު އެއް ގައުމެވެ. ބަލިވުމުގެ ސަބަބުން އެ ގައުމުގައި އެކަކު ވެސް ބަނގުރޫޓެއް ނުވެއެވެ. އިންޝުއަރެންސް ކުންފުންޏަކުން ޚަރަދުކުރާން އިންކާރުކުރުމުގެ ސަބަބުން ނުވަތަ އިންޝުއަރެންސް ލިބުން ލަސްވުމުގެ ސަބަބުން މަރުވާކަށް އެކަކަށް ވެސް ނުޖެހެއެވެ.
'އަހަރެމެން ބޭނުންވި ވަގުތު ނޭޓޯއެއް ނެތޭ' ކިޔާއިރު، އެއީ ކޮން އިރަކު ހިނގި ކަމެއްހެއްޔެވެ؟ ސެޕްޓެމްބަރު 11ގައެއް ނޫންހެއްޔެވެ؟ ސަބަބަކީ ނޭޓޯގެ ތާރީޚުގައި ވެސް އެ ޖަމާޢަތުގެ ދުސްތޫރުގެ ފަސްވަނަ މާއްދާ އެންމެ ފުރަތަމަ އަދި ހަމައެކަނި ބޭނުންކުރީ ތިޔަ ގައުމަށް ޓަކައެވެ. އެތައް ގައުމަކުން ސިފައިން ފޮނުވައި، އަފުޣާނިސްތާނުގައި ހަނގުރާމަކޮށް، މަޢުޞޫމު އެތައް ބަޔެއްގެ ލޭއޮހޮރުވައި، އެ މީހުން މަރުވީ ތިޔަބައިމީހުންނަށް ޓަކައެވެ.
އޮސްޓްރޭލިއާއަކީ ނޭޓޯގެ މެންބަރެއް ވެސް ނޫނެވެ. ނަމަވެސް އަހަރެމެން އެ ގޮވައިލުމަށް އިޖާބަދިނީމެވެ. 20 އަހަރު ވަންދެނެވެ. ދެން އެއްވެސް މީހަކަށް އެންގުމެއް ނެތި ރޭގަނޑު މެންދަމުން އަލިވެ ދޭއްޖެހި އިރު ތިޔަބައިމީހުން ފިލައިގެން ދިޔައީއެވެ. އެއަށް ފަހު އުފެދުނު ހަމަނުޖެހުންގަނޑާ ކުރިމަތިލާން އެހެން އެންމެން ދޫކޮށްލީއެވެ.
އެހެންވީމާ، އެހެން ގައުމުތަކުގައި ވެރިކަންކުރަނީ ގޯސްކޮށްކަމަށް ބުނުމުގެ ކުރީން، އިނބަގެ އަމިއްލަ ގޭގެ ދޮރުމަތީގައި ވަމުންދާ ކަންތައްތަކަށް ރަނގަޅަށް ބަލައިލާށެވެ. އޭ! ކުލަޖައްސައިފައިވާ އޮރެންޖު ކުލައިގެ އެލުމިނިއަމް ކުނިބުނި ވިއްކާ، ރަހުމެއްނެތް، ވިޔަފާރިވެރިޔާއެވެ!
މި މުޅި ވާހަކައިގައި ވެސް މަސައްކަތްކޮށްފައިވާނީ އިނބަގެ ހުތުރު ބޮޑު އަނގައިން ފާޅުކުރާ ބަސްތަކަށް އެއްޗެކޭ ބުނެވޭތޯއެވެ.]
ބައެއް ލަފުޒުގެ މާނަ:
ބަނގުރޫޓުވުން ނ. އަތުގައި ހުރި މުދަލަށް ވުރެ ދަރަނި ބޮޑުވެގެން ހުރިހައި މުދަލެއް ނީލަން ކިޔާން ޖެހުން. bankrupt
ކާލު ނ. ހަތަރުބައިކުޅަ އެއް ބައި. quarter
ގަރުބީނެރުން މ. ކޮންމެވެސް ވަސީލަތެއް ބޭނުންކޮށްގެން ގަސްތުގައި ރަހިމުން ގަރުބީ ބޭރުކުރުން. މިއީ ސިއްހީ ދާއިރާގެ އިސްތިލާހެކެވެ. abort