Advertisement

ހަމައެކަނި ބަހުގެ މައްސަލައެއް ނޫނެވެ. އަޅުގަނޑަށް ފެންނަ މަންޒަރު މާ ނުރައްކާތެރިއެވެ.

24 Mar 2024 | 00:11
މީސްމީޑިއާގައި ދައުރުވާ ޕޯސްޓަރެއް: އެ ޕޯސްޓަރުގައި 51 އިންސައްތަ ލަފުޒު ލިޔެފައިވަނީ ދިވެހީން ކިޔައި އުޅޭ ގޮތަކަށް ނޫނެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯއަކީ މީސްމީޑިއާގެ އެކި މަންސަތަކުގައި އެނބުރެމުންސެނބުރެމުންދާ ޕޯސްޓަރެކެވެ. މިއީ މަންޒަރު ބަލައިފައި އެއްޗެއް ނުބުނެ ދޫކޮށްލުމަށް ވުރެ، ޚުޠޫރަތްތެރި މައްސަލައެކެވެ. އެކި މީހުންނަށް ތަންތަން ފެންނާނީ އެކި ކަންމިނުންނެވެ. މި ޕޯސްޓަރުން އަޅުގަނޑަށް ފެނުނީ ހަމައެކަނި ބަހުގެ މައްސަލައެއް ނޫނެވެ. އަޅުގަނޑަށް ފެންނަ މަންޒަރު މާ ނުރައްކާތެރިއެވެ.

މި ޕޯސްޓަރުން ފާހަގަކުރެވުނު ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގައި ދިވެހީންނާ ނުގުޅި ދިވެހި އިގުތިސާދުގައި ވަރަށް ވަރުގަދައަށް ބިދޭސީންގެ ބަޔަކު އެބަ އުޅޭކަމެވެ. އަޅުގަނޑަށް ފެންނަނީ މިއީ ގަވާއިދާ ޚިލާފަށް ބަންގާޅީންނާއި އިންޑިއާއާއި އަދި އެހެން ކަރަކަރައިގެ މީސްމީހުން މި ރާއްޖޭގައި ވިޔާފާރިކުރަމުން ގެންދިޔުމުގެ ނަތީޖާކަމަށެވެ. އަދި އެ މީހުންގެ ބާރާއި ނުފޫޒު ހުރި މިންވަރެވެ. ތާނަ އަކުރު ދަސްކޮށްގެން އެ މީހުންނަށް ދިވެހި ލަފުޒުތައް އަޑުއިވި ދަސްވެފައިވާ ގޮތަށް ލިޔެފައި އެ ވަނީ އެބައިމީހުންގެ ވިޔަފާރި އިޝްތިހާރުކުރާށެވެ. މިއީ ދިވެހީންނާ ގުޅިގެން ހިންގާ ވިޔަފާރިއެއް ނަމަ، މި ފަދަ ގޮތަކަށް ދިވެހީންނަށް އިޝްތިހާރުކުރާކަށް ދިވެހި ވިޔަފާރިވެރިއަކު އެއްބަހެއް ނުވީހެވެ.

ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހީންގެ ގިނަ މީހުންގެ އާދައަކީ، އަލަށް އަންނަ ބިދޭސީން ކުޑަ ގޮތަކަށް ބަސް ދަސްކޮށްލައިގެން ބަހުގެ ގަވާއިދާ ޚިލާފަށް ބޭނުންކުރާ ޖުމުލަތައް އެ މީހުން ބޭނުންކުރާ ގޮތަށް ބޭނުންކުރުމެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކަން ހިނގާ މަގެއް ނޫނެވެ. މިސާލަކަށް އަޅުގަނޑުމެން އިނގިރޭސިވިލާތަށް ނުވަތަ ޢަރަބިކަރައަށް ނުވަތަ މެލޭޝިއާއަށް ގޮސް އެ ތަންތާނގެ ބަސް ހިސާބަކަށް ދަސްކޮށްލައިގެން އެންމެ ފުރިހަމައަށް ނޫނަސް މުޢާމަލާތުކުރާން ފެށުމުން އެ ގައުމުތަކުގެ މީހުން އަޅުގަނޑުމެން ދައްކާ ހެން ނުބައިކޮށެއް ވާހަކައެއް ނުދައްކައެވެ. އޭގެ ބަދަލުގައި ކިޔާންވާ ރަނގަޅު ގޮތް ބުނެދެނީއެވެ. މިއީ އަޅުގަނޑު އަމިއްލައަށް ތަޖުރިބާކޮށްފައި ހުރި ކަމެކެވެ.

ވީމާ، މި ކަންކަމާ މެދު ފިޔަވަޅު އަޅާންވާ ފަރާތްތަކުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ބަސް ހަލާކުވުން އޮތްތާ އޮއްވައި، ދިވެހި އިގުތިސާދުގެ މުޅި ބާރުވެރިކަން އަނެއްކާ "ވޯރާވެރީންގެ" އަތްމައްޗަށް ދިޔުމަކީ ދާދި ގާތުގައި އޮންނާނެ ކަމެކެވެ.

ބަހާ ބެހޭ ގޮތުން ދަންނަވާން އޮތީ، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަސައްކަތްކުރާ ބިދޭސީންނަށް އެ ގައުމެއްގެ ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާ ކަމެކެވެ. މި ފަދަ ކޯހަކުން ފާސްވެގެން ނޫނީ ވިސާ އާކޮށް ނުދޭން ނިންމިދާނެއެވެ. މިއީ އަމިއްލަ މާދަރީ ބަހާ ގުޅޭ ޚާއްޞަ ވުޒާރާއެއް ހުރި ގައުމެކެވެ. ބަހަށް ޚިދުމަތްކުރާ ވިދާރާއެއް އެބަ ހުއްޓެވެ. މި ދެންނެވީ ދިވެހިބަހުގެ އެކެޑަމީގެ ވާހަކައެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ވެސް ބަހަށް އެކަށީގެންވާ ޚިދުމަތެއް ކުރައްވާ ނަމަ، ކުރައްވާން ޖެހޭނެ ކަމަކީ ދިވެހިބަހުގެ އެކެޑަމީގެ ވަރަ ބިންދައިލުމުގެ ބަދަލުގައި އެ ތަނަށް ހޭހަންކޮށް އޭގެ ޒިންމާއާ އެކުގައި އުދުހި ގަނެވޭނެ ފަދަ އެހީތެރިކަމެއް ދެއްވުމެވެ.

ބައެއް މީހުން ހީކުރަނީ "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނު" ތަންފީޒު ކުރާން ޖެހޭނީ އަދި އެ ގާނޫނާ އެއް ގޮތަށް ޢަމަލުކުރާން ޖެހޭނީ ހަމައެކަނި ދިވެހިބަހުގެ އެކެޑަމީކަމަށެވެ. ނޫނެކެވެ. މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. މި ގާނޫނު ތަންފީޒުކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޝަރުޢީ ކޯޓުތަކަށެވެ. ރައްޔިތުންގެ މަޖިލީހަށެވެ. އިގުތިޞާދާ ބެހޭ ވުޒާރާގެ ޒިންމާ ވެސް ވަރަށް ބޮޑެވެ. ވިޔަފާރި ކުރާ ތަންތާނގެ ނަން ބޯޑުތައް ގާނޫނާ އެއް ގޮތަށް ބަދަލުކޮށްލެއްވުމަކީ އެއްވެސް ޚަރަދެއް ކުރެއްވުމަކާ ނުލައި އިގުތިސާދާ ބެހޭ ވުޒާރާއަށް ކުރެއްވޭނެ ކަމެކެވެ. ރާއްޖެ އަންނަ ބިދޭސީންނަށް ވިސާ އާކުރެއްވުމުގެ ކުރީން ދިވެހިބަހުގެ އަސާސީ ކޯހެއް ފުރިހަމަކުރުމަށް ބާރުއެޅުއްވުމަކީ އިމިގުރޭޝަނަށް ކުރެއްވޭނެ ކަމެކެވެ. މި ފަދަ ކޯހެއް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީއާއި ނުވަތަ ދިވެހިބަހުގެ އެކެޑަމީއާއި ނުވަތަ ތަޢުލީމާބެހޭ ވުޒާރާއާ ގުޅިގެން ވެސް ފަރުމާކުރެއްވިދާނެއެވެ. މި ކަމުގައި ވިލަރެސްވެރިއެއްގެ ދައުރު ދިވެހިބަހާ ބެހޭ ވުޒާރާއަށް އަދާކުރެއްވިދާނެއެވެ. މި ބާވަތުގެ ކަންކަމަކީ މާބޮޑު ޚަރަދެއް ކުރެއްވުމެއް ނެތި ހަމައެކަނި ޒިންމާދާރު ވެރީންގެ ނިޔަތާއި އިޚުލާޞްތެރިކަމާއި ޢަޒުމާއި ކަށަވެތިކަމުން ޙާޞިލުކުރެވޭނެ ކަންކަމެވެ.

އިސްވެ ދެންނެވުނު ޕޯސްޓަރުގައި އެ ވަނީ ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ވިޔަފާރިކުރާ ބަޔަކު އެ މީހުންނަށް ދިވެހި ނަންތައް ދަސްވެފައިވާ ގޮތަށް ކޮށްފައިވާ އިޝްތިހާރެކެވެ. ވީމާ، މިއީ ހެއްވާ ކަމަކަށް ހެދުމުގެ ބަދަލުގައި މި ކަން އިޞްލާޙުކުރާން ހުރިހައި ދިވެހީން ވެސް މަސައްކަތްކުރާން އެބަ ޖެހެއެވެ. ވީމާ، މި ފަދަ އިޝްތިހާރެއް ފެނިއްޖެ ނަމަ، އޭގެ ރަނގަޅު ގޮތް ބުނެދިނުމަކީ ހަމަ ގައިމު ވެސް ކޮންމެ ދިވެއްސަކަށް ވެސް ކުރެވިދާނެ ކަމެކެވ. ގާނޫނީ ބާރު ހުރި ފަރާތްތަކުން ގާނޫނީ ގޮތުން ކުރައްވާން ޖެހޭ ކަންކަން ނުކުރެއްވިޔޭ ކިޔައިލަކިޔައިލައި ތިބުމުގެ ބަދަލުގައި ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮތްކަމަށް ގަބޫލުކުރުން މުހިންމެވެ. އެހެންކަމުން އަޅުގަނޑު މި ގަސްތުކޮށްލީ މި ޕޯސްޓަރުގައި ހުރި ނުރަނގަޅު ލަފުޒުތަކާއި އޭގެ ރަނގަޅު ގޮތް ލިޔެލާށެވެ. ކޮންމެވެސް މީހަކު އެ ބިދޭސީންނަށް ދައްކައިގެން އިސްލާހުކޮށްލާން މަސައްކަތްކޮށްފާނެކަމުގެ އުންމީދުގައެވެ.

ބިދޭސީ އިޝްތިހާރުގައި ނުބައިކޮށް ހުރި ނަންތަކާއި އޭގެ ރަނގަޅު ގޮތް<br>

އެ އިޝްތިހާރުގައި ރަނގަޅަށް ލިޔެފައި ހުރި ލަފުޒުތަކެއް ވެސް އެބަ ހުއްޓެވެ.

އެއީ: ކެރެޓް، ކެބެޖް، ކާށި، ބިސް، އަލުވި، ފިޔާ، މެންޑަރިން، ލުނބޯ، އޮރެންޖް، ބެލްޕެޕަރ މި ނަންނަމެވެ. ވީމާ، ލިޔުމުގެ ގާތްގަނޑަކަށް 49 އިންސައްތަ ރަނގަޅެވެ. ވީމާ، މިއީ ބަޔަކު ހަޖޫޖަހާން ވެގެން ހަދައިގެން އުޅޭ ލިސްޓެއް ނޫންކަން ސާފުވެއެވެ. މިއީ ބިދޭސީ ވިޔަފާރިވެރީން އެ މީހުންގެ މުދާ ދިވެހީންނަށް އިޝްތިހާރުކުރުަށް ޓަކައި އެ މީހުންނަށް ދަސްވެފައިވާ ގޮތަށް ތާނައަކުރު ދަސްކޮށްގެން ލިޔެފައިވާ ލިޔުމެއްކަން ސާފެވެ.

ވީމާ، ދިވެހިބަހުގެ ކަންކަމާ މަތިކޮށްފައިވާ މުއައްސަސާތަކުން އެ ރޮނގުން، އަދި އިގުތިސާދާއި ވިޔަފާރިއާ ބެހޭ ކަންކަމުގެ ޒިންމާދާރުވެރީން އެ ދާއިރާއިން، އަވަސް ފިޔަވަޅުތަކެއް އަޅާން ޖެހޭކަން ކަށަވަރެވެ. ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ކުރެވޭން އޮތް ކަމެއް އަޅުގަނޑުމެން ކުރާނޫއެވެ.

_________________________________________

ބައެއް ލަފުޒުގެ މާނަ:

ކަންމިން        ނ.       ވަޑިފަތިގަނޑަށް ހުންނަ ކޮންމެ ކަނެއްގައިވާ ސާޅީސް ފަސް ދަރަޖައިގެ މިންގަނޑު

ނުފޫޒު         ނ.       މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި މަގާމާއި ދަރަޖައާއި ހައިސިއްޔަތުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު

Advertisement

ކޮމެންޓް
އެނބުރެމުންސެނބުރެމުންދާ
އެނބުރެމުން ސެނބުރެމުންދާ ……. ދެއްތޯ؟
30 Mar 2024