ad_banner
ވާހަކަދެއްކުމާއި ޚިޔާލުތަފާތުވުންތައް އިޞްލާޙުކުރުމުގައި ޤުރްއާނީ ނިޒާމު (2)

ޑރ. މޫސާ އަންވަރު ޙަސަން

17 އޮކްޓޯބަރު 2026

(2026 އޮކުޓޫބަރ 15ވަނަ ދުވަހާ ގުޅޭ)

ހަތަރުވަނައީ: ޢަދުލުވެރިކަން - ވާހަކަދެއްކުމުގެ މީޒާން: 

ދަލީލުން ޙަޤީޤަތަށް އޭގެ ބާރު ދީފި ނަމަ، ޢަދުލުވެރިކަމުން އެއަށް ސީދާކަން ދެއެވެ. އެއީ މަޤާމު ތަރުތީބުކޮށް، ބަސް އޭގެ އެކަށީގެންވާ ތަނަށް މިސްރާބުކޮށް، އަދި އަމިއްލަ އެދުމުގެ ބާރުން ޙުކުމް މިނިވަންކުރާ މީޒާނެވެ. އެއީ ބަސްތައް އިންސާފުން ނުކުމެ، ޙުކުމްތައް ޙައްޤުގެ މީޒާނުގެ މައްޗަށް ޤާއިމުވުމަށެވެ. މި ސަބަބަށް ޓަކައި، ވާހަކަދެއްކުމުގެ ޤުރްއާނީ ނިޒާމު ވަނީ ޢަދުލުވެރިކަމަކީ މަޤާމުތައް ތަރުތީބުވާ، ޙުކުމްތައް ސީދާވާ، ނަފުސުތައް ހަމަޖެހޭ، އަދި ސިކުނޑިތައް އެއްވާ، ވެރިކަންކުރާ އަޞްލެއްކަމުގައި ހަދައިފައެވެ.

ޤުރްއާން މި އަޞްލު ޤާއިމުކުރަނީ މާތް ﷲގެ މި ވަޙީބަސްފުޅުންނެވެ: ﴿وَإِذَا قُلْتُمْ فَاعْدِلُوا﴾ (سورة الأنعام: 152)  މާނައީ: "އަދި ތިޔަބައިމީހުން ބަސްބުނާ ނަމަ، ޢަދުލަށް (ތެދަށް) ބުނާށެވެ!"

އަލްޠަބަރީ ބަޔާންކުރެއްވި ގޮތުގައި، ހެކިދިނުމާއި، ޙުކުމްކުރުމާއި، އަދި ދުލުން ނުކުންނަ އެންމެހައި ބަސްތަކަށް މި އާޔަތް ޢާންމު ވެގެންވެއެވެ. ތިމާގެކަމަކަށް، ޢަދާވާތްތެރިކަމަކަށް، ނުވަތަ އަމިއްލަ އެދުމަކަށް ޓަކައި ވާހަކަދައްކާ މީހާ ޙައްޤުން އެއްކިބާވުން ހުއްދައެއް ނޫނެވެ. (الطبري، جامع البيان، ج12، ص233) އަދި އަލްޤުރްޠުބީ ކަނޑައެޅުއްވި ގޮތުގައި، ބަހުގައި ޢަދުލުވެރިވުމުގެ އަމުރު އިސްކުރެއްވުމުން ދޭހަވަނީ ބަހުގެ ސީދާކަމަކީ ޙުކުމްތަކުގެ ސީދާކަމުގެ އަސާސްކަމެވެ. ސަބަބަކީ އަނިޔާވެރިކަމުގެ ގިނަ ސޫރަތައް ފެށެނީ ޙުކުމް އެއްކިބާވުމުގެ ކުރީން ދޫ އެއްކިބާވުމުންކަމުގައިވާތީއެވެ. (القرطبي، الجامع لأحكام القرآن، ج7، ص136).  މި ގޮތުން ޢަދުލުވެރިކަމަކީ ޙުކުމުގެ ސިފައަކަށްވުމުގެ ކުރީން، ބަހުގެ ލާޒިމު ސިފައަކަށް ވެގެންދެއެވެ. އޭރުން ބަޔާންކުރުމުގެ ތެދުވެރިކަން ހިތުގެ ސީދާކަމާ ގުޅިގެންދެއެވެ.

ދެން ޤުރްއާން މި މީޒާން ވަރުގަދަކުރަނީ މާތް ﷲގެ މި ވަޙީބަސްފުޅުންނެވެ. ﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى﴾ (سورة المائدة: 8) މާނައީ: "އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއްކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެ ގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ." 

އިބްނު ޢާޝޫރު ފާހަގަކުރެއްވި ގޮތުގައި، މި އާޔަތުން ޢަދުލުވެރިކަމަކީ ޖަޒުބާތާއި ޢަދާވާތްތެރިކަމުގެ އަސަރުން މިނިވަންވެގެންވާ ކަމެއްކަމުގެ އަސާސްއަޅައިދެއެވެ. އަދި موافقވާ މީހުންނާއި مخالفވާ މީހުންނާ އެކު ވެސް އިންސާފުވެރިކަން ދެމިއޮތުމުގެ ގެރެންޓީއަކީ ތަޤްވާކަމުގައި ހަދައެވެ. (ابن عاشور، التحرير والتنوير، ج6، ص227).  މިއާ އެކު ޢަދުލުވެރިކަމަކީ ވަޙީގެ މަރުޖިޢުން އޭގެ ބާރު ލިބޭ ސާބިތު އުޞޫލަކަށް ވެ، ޢަޞަބިއްޔަތުގެ ނުބައިކަމަށް ވުރެ އުސް، އެންމެހައި ޙާލަތްތަކުގައި ހާޒިރުވެއެވެ.

މި މީޒާނުން ހުށަހެޅުމުގެ އަމާނާތްތެރިކަމާއި، ފަހުމުގެ ދުރާލައި ވިސްނުމާއި، އަދި ޙުކުމުގެ އިންސާފުވެރިކަން އުފެދެއެވެ. އޭރުން ޚިޔާލުތައް އޭގެ މާޙައުލުގައި ހުށަހެޅި، އިންސާފާ އެކު ބަހުސްކުރެވި، އޭގައިވާ ޞައްޙަ ކަންކަމަށް އިޢުތިރާފުވެއެވެ. އަދި އޭގައިވާ އުނިކަންކަން ދަލީލާއި އޯގާތެރިކަމާ އެކު ބަޔާންކުރެވެއެވެ. މި ގޮތުން ވާހަކަދެއްކުން މިސްރާބުވަނީ ޙަޤީޤަތަށް ޚިދުމަތްކުރުމަށެވެ. އަދި އެއަށް އެދުމަކީ ވާހަކަދައްކާ މީހުން އެއްކުރާ މަގުސަދަކަށްވެއެވެ. ސިކުނޑިތައް ދަލީލަށް އިޙުތިރާމްކުރުމަށް އެއްވެއެވެ. އަދި ނަފުސުތައް އިންސާފުގެ އުފުލުމަށް އުފުލިގެންދެއެވެ.

އަދި ހިތުގައި ޢަދުލުވެރިކަން ސާބިތުވެއްޖެ ނަމަ، ވާހަކަދައްކާ މީހުންގެ މެދުގައި އިތުބާރު އާލާވެ، ކޮންމެ ފަރާތަކަށް ވެސް އެ މީހެއްގެ ޤަދަރު ރައްކާތެރިކުރެވި، އަޑުއެހެވި، އަދި ޚިޔާލަށް ޤަދަރު ލިބޭކަމުގެ އިޙުސާސްކުރެވެއެވެ. މި މާޙައުލުގައި މަސްއޫލިއްޔަތުގެ އިމުގެ ތެރޭގައި މިނިވަންކަން ފުޅާވެ، އިޚުތިޔާރަކީ ހޭލުންތެރިކަމުގެ މޭވާކަމުގައިވެއެވެ. އަދި ބަހަކީ ބަޞީރަތުގެ މަތީގައި އޭގެ ރިސާލަތު އަދާކުރާ އަމާނާތަކަށް ވެގެންދެއެވެ.

ފަސްވަނައީ: މިނިވަންކަން - ވާހަކަދެއްކުމުގެ އަމާނާތް:

ވާހަކަދެއްކުމުގެ ޤުރްއާނީ ނިޒާމުގައި މިނިވަންކަން އާލާވަނީ ބަޔާންކުރުން އަލިވެ، ސިކުނޑި ހަމަޖެހި، އަދި ވިސްނުމަށާއި، ފިކުރުކުރުމަށާއި، އަދި ދަލީލުން މަގުދައްކާ އެއްޗެއް އިޚުތިޔާރުކުރުމަށް އިންސާނާއަށް ފުރުޞަތު ލިބޭ މާޙައުލެއްގައެވެ. މި އުފުލުމުން މިނިވަންކަމަކީ އޭގެ ވެރިޔާއަށް ބަހާއި މަޤާމުގެ މަސްއޫލިއްޔަތު އުފުލައިދޭ، އަދި އިޚުތިޔާރު ބަޞީރަތާ ގުޅުވައި، އިރާދަ ތެދުމަގާ ގުޅުވައިދޭ އަމާނާތަކަށް ވެގެންދެއެވެ. އެއީ ބަސް ބުނެވެނީ ޤަބޫލުކުރުމާ އެކުކަމުގައިވެ، އަދި ޢަމަލު ޤާއިމުވަނީ ޢިލްމާއި ތެދުމަގުގެ މައްޗަށްކަމުގައިވުމަށެވެ.

ޤުރްއާން މި އަޞްލު ބިނާކުރަނީ މާތް ﷲގެ މި ވަޙީބަސްފުޅުންނެވެ: ﴿لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ﴾ (سورة البقرة: 256) މާނައީ: "ދީނަށް ވެއްދުމުގައި މަޖުބޫރުކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالةގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ.(

އަލްޠަބަރީ ބަޔާންކުރެއްވި ގޮތުގައި، މި އާޔަތް އައިސްފައިވަނީ ޙައްޤުގެ ދަލީލުތައް ތިލަވެ ސާފުވުމަށް ފަހުގައެވެ. އެހެންކަމުން އީމާންކަން ޤާއިމުވަނީ މަޖުބޫރުކުރުމުގެ މައްޗަކަށް ނޫނެވެ. އަދިކީއްހެއްޔެވެ، އެއީ ބަޔާންވުމާއި ޤަބޫލުކުރުމުގެ މޭވާއެކެވެ. (الطبري، جامع البيان، ج5، ص412)  އަދި އިބްނު ކަޘީރު ބަޔާންކުރެއްވި ގޮތުގައި، ޙުއްޖަތުގެ ސާފުކަމާއި ތެދުމަގު ބަޔާންވުން، އީމާންވުމަށް އިންސާނާއަށް މަޖުބޫރުކުރާ އެންމެހައި ވަސީލަތްތަކުން ފުދިގެންވެއެވެ. ސަބަބަކީ ހިތުގައި ތެދުމަގު ސާބިތުވަނީ ބަޞީރަތާއި އިޚުތިޔާރުންކަމުގައިވާތީއެވެ. (ابن كثير، تفسير القرآن العظيم، ج1، ص682).  މި ގޮތުން ބަޔާންކުރުމަކީ އިޚުތިޔާރުގެ އަސާސްކަމުގައި ޤުރްއާން ވަނީ ހަދައިފައެވެ. އަދި ޤަބޫލުކުރުމަކީ ހޭލުންތެރިކަމުގެ މޭވާކަމުގައިވެ، މަސްއޫލިއްޔަތަކީ މިނިވަން އިރާދައިގެ ތަބީޢީ އަސަރުކަމުގައި ވެގެންދެއެވެ.

ދެން ވާހަކަދެއްކުމުގެ ވަޒީފާ ޤުރްއާނުގައި ބަޔާންކުރައްވަނީ މާތް ﷲގެ މި ވަޙީބަސްފުޅުންނެވެ. ﴿فَذَكِّرْ إِنَّمَا أَنْتَ مُذَكِّرٌ * لَسْتَ عَلَيْهِمْ بِمُصَيْطِرٍ﴾ (سورة الغاشية: 21-22)  މާނައީ: "ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ ހަނދާންކޮށްދެއްވާ ބޭކަލަކުކަމުގައެވެ. އެއުރެންގެ މައްޗަށް ބާރުފޯރުވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވަމެއެވެ." އިބްނު ޢާޝޫރު ފާހަގަކުރެއްވި ގޮތުގައި، މި އާޔަތުން ރަސޫލާ صلى الله عليه وسلم ގެ ވަޒީފާ ކަނޑައަޅުއްވަނީ އިޢުލާންކުރުމާއި ހަނދާންކޮށްދިނުމުގައެވެ. އަދި ޙުއްޖަތް ޤާއިމުކުރުމާއި، މީސްތަކުން އީމާންކަމަށް ލާޒިމުކުރުމާ ދެމެދު ވަކިކުރައްވައެވެ. އެއީ އިޚުތިޔާރަކީ ތަކުލީފުގެ ސަބަބުކަމުގައި ދެމިއޮތުމަށާއި، މަސްއޫލިއްޔަތު ބަޔާންކުރުމުގެ ސާފުކަމުގެ މައްޗަށް ޤާއިމުވުމަށެވެ. (ابن عاشور، التحرير والتنوير، ج30، ص339). މި ތަނުން ވާހަކަދެއްކުމުގެ ފުރުޞަތުތައް ފުޅާވެ، ސުވާލުކުރުމާއި، ޢިލްމު ހޯދުމާއި، ޚިޔާލު މުރާޖަޢާކުރުމާއި، އަދި ފެނުމުން ޙައްޤަށް އެނބުރި ރުޖޫޢަވުން ހިމެނިގެންދެއެވެ. ސަބަބަކީ ދަލީލާ ސިކުނޑި ގުޅުނުވަރަކަށް އޭގެ ފުރިހަމަކަން ބޮޑުވާތީއެވެ. އަދި ޙައްޤަށް ތެދުމަގު ލިބުނުވަރަކަށް ހިތް އޭގެ ހަމަޖެހުން ބޮޑުވާތީއެވެ.

މި ގޮތުން މިނިވަންކަން މަސްއޫލިއްޔަތާ އެކު އެކުވެ، ހޭލުންތެރިކަމާއެކު އިޚުތިޔާރުކުރާ، ޤަބޫލުކުރުމާއެކު ފާޅުކުރާ، އަދި އަމާނާތުގެ މީޒާނުން އޭނާގެ ބަސްތައް ކިރާ އިންސާނަކު އުފެދިގެންދެއެވެ. އަދި މިނިވަންކަން މި ފުރިހަމަކަމުގެ ދަރަޖައަށް ފޯރުމުން، ޙިކުމަތް ޤަބޫލުކުރުމުގެ ޤާބިލުކަން ބޮޑުވެއެވެ. ސަބަބަކީ އެއީ އިރާދަ ސީދާކޮށްދީ، ކޮންމެ މަޤާމަކަށް އޭގެ ވާހަކަ، އަދި ކޮންމެ ޙާލަތަކަށް އޭގެ ބަޔާން ދީ، ބަސް އޭގެ ލަނޑުދަނޑިއަށް އެންމެ ސީދާ އަދި ސިކުނޑިތަކަށާއި ހިތްތަކަށް އެންމެ އަސަރުކުރަނިވި ގޮތުގައި ފޯރުކޮށްދޭ މަންހަޖުކަމުގައިވާތީއެވެ.

ހަވަނައީ: ޙިކުމަތް - ވާހަކަދެއްކުމުގެ މަންހަޖު:

އުޞޫލުތަކުގެ ފުރިހަމަ އަސަރު ފެންނަނީ، އެ އުޞޫލުތައް ތަންފީޒުކުރާނެ މަންހަޖެއް ލިބި، ކޮންމެ މަޤާމަކަށް އެއާ އެކަށީގެންވާ ބަޔާނެއް، އަދި ވާހަކަދެކެވޭ ކޮންމެ މީހަކަށް އޭނާގެ ސިކުނޑިއަށާއި ހިތަށް ޙައްޤު ކައިރިކޮށްދޭނެ އެއްޗެއް ދެވުމުންނެވެ. މި ސަބަބަށްޓަކައި، ވާހަކަދެއްކުމުގެ ޤުރްއާނީ ނިޒާމުގައި ޙިކުމަތަށް މަރުކަޒީ މަޤާމެއް ލިބިގެންވެއެވެ. ސަބަބަކީ އެއީ ފަހުމުގެ ޞައްޙަކަމާއި، ހެޔޮ ވަޒަންކުރުމާއި، އަދި ޢަމަލީ ގޮތުން ޞައްޙަކޮށް ތަންފީޒުކުރުން އެއްކޮށްދޭ ކަމަކަށްވާތީއެވެ. އޭރުން އެއީ މާނަތަކުގެ ދުނިޔެއިން ޙަޔާތުގެ ޙަޤީޤަތަށް މަޤްޞަދުތައް ނަގުލުވާ، އަދި އޭގެ ޒަރީޢާއިން އުޞޫލުތައް ސުލޫކަށް، އަދި ބަސް، ނަފުސުތަކުގައި ދެމިއޮންނަ އަސަރަކަށް ބަދަލުވާ ފާލަމަކަށް ވެގެންދެއެވެ. އައްރާޣިބު އަލްއަޞްފަހާނީ ޙިކުމަތް ތަޢުރީފުކުރެއްވީ ޢިލްމާއި ޢަޤްލުން ޙައްޤަށް ވާޞިލުވުންކަމުގައެވެ. އެއީ ޞައްޙަ ދެނެގަތުމާއި ހެޔޮ ޢަމަލު އެއްކޮށްދޭ، އަދި ރަނގަޅު މަޢުރިފާއާއި ސީދާ ތަންފީޒުކުރުމާ ދެމެދުގައިވާ ގުޅުން ހާމަކޮށްދޭ ތަޢުރީފެކެވެ. (الراغب الأصفهاني، المفردات في غريب القرآن، مادة: حكم، ص248)

ޤުރްއާން މި މަންހަޖު އަސާސްއަޅުއްވަނީ މާތް ﷲގެ މި ވަޙީބަސްފުޅުންނެވެ. ﴿ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ﴾ (سورة النحل: 125)  މާނައީ: "حكمة އާއި، ރިވެތި وعظއާ އެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ!" އިބްނު ޢަޠިއްޔާ ބަޔާންކުރެއްވި ގޮތުގައި، މި އާޔަތުން ދަޢުވަތުގެ ވަސީލަތްތައް ތަރުތީބުކުރެއްވީ ވާހަކަދެކެވޭ މީސްތަކުންގެ ޙާލަތަށް ބަލައިގެންނެވެ. ޙިކުމަތަކީ ފިކުރުކުރާ އަހުލުވެރިންނަށެވެ. ނަޞޭޙަތަކީ ހިތްތައް މަޑުމައިތިރިވާ މީހުންނަށެވެ. އަދި އެންމެ ރީތި ގޮތުގައި ޖަދަލުކުރުމަކީ އޮޅުންބޮޅުންތައް ކުރިމަތިވާ މީހުންނަށެވެ. (ابن عطية، المحرر الوجيز، ج3، ص431) . އަދި އަބޫ ޙައްޔާން ފާހަގަކުރެއްވި ގޮތުގައި، މި ތަރުތީބުން ހާމަވަނީ ވާހަކަދެއްކުމުގެ ޤުރްއާނީ ބިނާގެ ފުރިހަމަކަމެވެ. އެއީ ކޮންމެ އުޞޫލެއް ވެސް އޭގެ މަޤްޞަދު ޙާޞިލުވާނެ ތަނެއްގައި ބެހެއްޓުމަށެވެ. (أبو حيان، البحر المحيط، ج6، ص635) . މި ގޮތުން މާނައިގެ ތެދުވެރިކަމާއި ބަޔާންކުރުމުގެ ރީތިކަން، އަދި ދަލީލުގެ ބާރާއި ހުށަހެޅުމުގެ ރީތިކަން އެކުވެ، އެއް މަޤްޞަދަކަށް (އެއީ އިންސާނާއަށް ތެދުމަގުދައްކައި ޙައްޤަށް އިރުޝާދުދިނުމަށް) ވާހަކަދެއްކުމުގެ ރުކުންތައް ފުރިހަމަވެގެންދެއެވެ.

ޤުރްއާން މި މަންހަޖު ޢަމަލީ ގޮތުން ދައްކުވައިދެނީ އޭގެ ތަފާތު ވާހަކަތަކުގައެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ބައްޕާފުޅަށް މުޚާޠަބުކުރެއްވީ ހެޔޮފޯރުވުމާއި އޯގާތެރިކަމުގެ ބަހުންނެވެ. އެކަލޭގެފާނުގެ ޤައުމުގެ މައްޗަށް ދަލީލު ޤާއިމުކުރެއްވީ ފިކުރު ހޭލެއްވުމުގެ ބަހުންނެވެ. އަދި މޫސާގެފާނާއި ހާރޫނުގެފާނަށް އަމުރުކުރެއްވީ ފިރުޢައުނާ މި ފަދައިން ވާހަކަފުޅުދެއްކެވުމަށެވެ. ﴿فَقُولَا لَهُ قَوْلًا لَيِّنًا لَعَلَّهُ يَتَذَكَّرُ أَوْ يَخْشَى﴾ (سورة طه: 44) މާނައީ: "ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ."

އަލްޝަންޤީޠީ ބަޔާންކުރެއްވި ގޮތުގައި، މަޑުމައިތިރި ބަހުން ވާހަކަދެއްކުމަށް އަމުރުކުރެއްވުމަކީ ޙައްޤުގެ ބާރު ދެރަކުރާ ކަމެއް ނޫނެވެ. އަދިކީއްހެއެވެ، އެއިން ދޭހަވަނީ ޙައްޤު ސާފުކޮށް އޮއްވައި، ދޭހަވާ މީހާއަށް ތެދުމަގު ދެއްކުމަށް އެންމެ ކައިރި މަގު ޙިކުމަތުން އިޚުތިޔާރުކުރާކަމެވެ. (الشنقيطي، أضواء البيان، ج4، ص179). އަދި އަލްޤުރްޠުބީ ކަށަވަރުކުރެއްވި ގޮތުގައި، މި އިރުޝާދަކީ ދަޢުވަތުދޭ މީހުންނަށް ދެވޭ ތަޢުލީމެކެވެ. އެއީ ރީތި އުޞޫލަކީ ދަޢުވަތު ޤަބޫލުކުރުމާ ކައިރި، އަދި ދަލީލު ޤާއިމުކުރުމުގައި އެންމެ އަސަރުކުރަނިވި ގޮތްކަމުގައިވާތީއެވެ. (القرطبي، الجامع لأحكام القرآن، ج11، ص199)  މިގޮތުން ޙިކުމަތަކީ މަޤްޞަދުތަކުގެ ފިޤްހަކަށް، މީސްތަކުންގެ ޙާލަތުގެ ބަޞީރަތަކަށް، އަދި އޭގެ އެކަށީގެންވާ ތަންތަނުގައި ޙައްޤު ބެހެއްޓުމަށް ވެގެންދެއެވެ.

އަދި ވާހަކަދެއްކުމުގެ މަންހަޖެއްގެ ގޮތުގައި ޙިކުމަތް ސާބިތުވެއްޖެ ނަމަ، ޙަޤީޤަތާއި ރަޙުމަތް އެކުވެ، ބަޔާންކުރުން އަޚުލާޤާ ގުޅި، އަދި ދަލީލުގެ ބާރާ އެކު ވާހަކަދައްކާ މީހާގެ ހެޔޮ އަޚުލާޤުން ބަސް އުފުލިގެންދެއެވެ. އޭރުން އަޚުލާޤަކީ ވާހަކަދެއްކުމަށް އިތުރުކުރެވޭ ޒީނަތެއްގެ ގޮތުގައި ނޯވެ އެއަށް ދިރުންދޭ ރޫޙުކަމުގައިވެ، އަދި ސިކުނޑިތަކަށާއި ހިތްތަކަށް މަގު ހުޅުވައިދޭ ސިއްރުކަމުގައި ވެގެންދެއެވެ.

ހަތްވަނައީ: އަޚުލާޤު - ވާހަކަދެއްކުމުގެ ރޫޙު:

އަޚުލާޤުން ވާހަކަދެއްކުމަށް އޭގެ ދިރުންދީ، ބަހަށް އޭގެ އަސަރުދީ، އަދި ހިތްތަކަށް މާނަތަކުގެ މަގު ހުޅުވައިދެއެވެ. އޭގެ ސަބަބުން ވާހަކައަށް އޭގެ ތެދުވެރިކަން ލިބި، އަޑުއަހާ މީހާ ހަމަޖެހި، އަދި އިޙުތިރާމާއި ހަމަޖެހުމުގެ މާޙައުލެއްގައި ޙައްޤު ޤަބޫލުކުރުމަށް ނަފުސުތައް ތައްޔާރުވެއެވެ. މި ސަބަބަށް ޓަކައި، ވާހަކަދެއްކުމުގެ ޤުރްއާނީ ނިޒާމު ވަނީ އަޚުލާޤަކީ އޭގެ އެންމެހައި މަރުޙަލާތަކެއްގައި ހިނގާ ރޫޙެއްކަމުގައި ހަދައިފައެވެ. އެއީ ދަލީލުގެ ބާރާ އެކު ސުލޫކުގެ ރީތިކަން ގުޅި، އަދި މަތިވެރި ބަޔާނާ އެކު އިންސާނީ އުފުލުން އެއްވެ، ވާހަކައިގެ މޭވާއަކީ ތެދުމަގާއި އިޞްލާޙުކުރުންކަމުގައިވެ، އަދި ބަހަކީ ބިނާކުރުމާއި ދިރުވުމުގެ ވަސީލަތަކަށް ވުމަށެވެ.

ޤުރްއާން މި އަޞްލު ޤާއިމުކުރަނީ މާތް ﷲގެ މި ވަޙީބަސްފުޅުންނެވެ: ﴿وَقُولُوا لِلنَّاسِ حُسْنًا﴾ (سورة البقرة: 83)  މާނައީ: "އަދި މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!" ދެން ވާހަކަދެއްކުން އިޙުސާންތެރިކަމުގެ ދަރަޖައަށް އުފުއްލަވައި، މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ﴾ (سورة الإسراء: 53) މާނައީ: " އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!" އަލްބަޤާޢީ ބަޔާންކުރެއްވި ގޮތުގައި، ހެޔޮ ބަހުން އެންމެ ރީތި ބަހަށް ބަދަލުވުމަކީ، ވާހަކަދެއްކުމުގެ އެންމެ ފުރިހަމަ ގޮތްތަކާއި، ނަފުސުތަކަށް އެންމެ އަސަރުކުރަނިވި ގޮތް އިޚުތިޔާރުކުރުމަށް މުއުމިނުން ތަރުބިއްޔަތުކުރުމެވެ. (البقاعي، نظم الدرر في تناسب الآيات والسور، ج1، ص394؛ ج11، ص188). އަދި އަބޫ ސުޢޫދު ބަޔާންކުރެއްވި ގޮތުގައި، ﴿الَّتِي هِيَ أَحْسَنُ﴾ މި ވަޙީބަސްފުޅުން އިރުޝާދުދެނީ އެންމެ މަޑުމައިތިރި ލަފުޒުތަކާއި، އެންމެ އޯގާތެރި ޢިބާރާތްތަކާއި، އަދި މަޤްޞަދު ޙާޞިލުކުރުމަށް އެންމެ ކައިރި ގޮތްތައް އިޚުތިޔާރުކުރުމަށެވެ. ސަބަބަކީ އުޞޫލުގެ ރީތިކަމަކީ ޙައްޤު ޤަބޫލުކުރުމަށް އެންމެ އެދެވޭ، އަދި ހިތްތައް އެއްކޮށްދޭ ކަމެއްކަމުގައިވާތީއެވެ. (أبو السعود، إرشاد العقل السليم إلى مزايا الكتاب الكريم، ج5، ص168)  މި ގޮތުން ހެޔޮ އަޚުލާޤަކީ ދަލީލުގެ ބާރުގެ ބައެއްކަމުގައި ވެގެންދެއެވެ. އޭގެ ބޭރުންވާ ސިފައެއް ނޫނެވެ. (ނުނިމޭ)

ކޮމެންޓު