ad_banner
"ފަރަގު"އަލުން އުފަންވުން.

އަބާ މުޙަންމަދު

26 އޮކްޓޯބަރު 2026

އެނގިވަޑައިގަންނަވާނޭ ފަދައިން [ފަރަގު] ނޫހަކީ ގާނޫނު ނަންބަރު: 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު)ގެ ދަށުން 2023 ޑިސެންބަރު 03ގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރންމެންޓް، އިފޮމޭޝަން އެންޑް އާޓްސްގައި ރަޖިސްޓަރީކޮށްގެން ތަފާތު ގޮތަކަށް (ފަރަގުކޮށް) ޚިދުމަތްދެމުން އަންނަ ނޫހެކެވެ. އޭރުގެ ރަޖިސްޓަރީ ނަންބަރަކީ 2344/2023އެވެ.

މިހެން މި ކަން ހިނގަމުން އަންނަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު ނަންބަރު: 2025/16 (މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނު)ގެ ނަމުގައި އާ ގާނޫނެއް ފާސްކުރައްވައިފައެވެ. މިއާ އެކު ކުރީގެ ގާނޫނު ވަނީ އުވައިލެވިފައެވެ. މި ބަދަލާ އެކު [ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު]ގެ ނަމުގައި ގަވާއިދެއް އެކުލަވައިލައްވައި އެ ގަވާއިދާ އެއް ގޮތްވާ ގޮތުގެ މަތީން ހުރިހައި ނޫސް މަޖައްލާއެއް އަލުން ރަޖިސްޓަރީކުރާންޖެހޭކަން ވަނީ އާންމުކޮށް އިޢުލާނުކުރައްވައިފައެވެ. މި އިޢުލާނުގައިވާ ގޮތުން މި ގަވާއިދުގެ ދަށުން 2026 އޮކްޓޫބަރު މަހު 27ގެ ނިޔަލަށް އަލުން ރަޖިސްޓަރީ ނުކުރާ ހުރިހައި ނޫސް މަޖައްލާއެއް އުވޭނެކަން ވަނީ އަންގަވައިފައެވެ. 

މުއްދަތު ހަމަވާ އިރު، އަލުން ރަޖިސްޓަރީނުކޮށްގެން އުވައިލެވޭ ނޫސް މަޖައްލާތައް ދެން ރަޖިސްޓަރީކުރެވޭނީ މުޅީން އާ ނޫހެއް ނުވަތަ މަޖައްލާއެއްގެ ގޮތުގައިކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އެހެން ވެއްޖެ ނޫހެއް ނުވަތަ މަޖައްލާއެއްގެ އުމުރު ގުނޭނީ އަލުން ރަޖިސްޓަރީކުރާ ތާރީޚަކުން ފެށިގެންނެވެ. ނަމަވެސް އެ މުއްދަތުގެ ކުރީން އަލުން ރަޖިސްޓަރީކޮށްފި ނަމަ، ފުރަތަމަ ރަޖިސްޓަރީކުރި ތާރީޚަކީ އެ ނޫހެއްގެ އުމުރު ގުނާ ތާރީޚުކަމުގައިވަނީ ހަމަޖައްސަވައިފައެވެ.

މި މަޢުލޫމާތު، މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީގެ ހައެއްކަ މަސްދުވަސް ކުރީއްސުރެ އިޢުލާނުކުރައްވައި ދެ ފަހަރަކަށް މުއްދަތު އިތުރުކުރައްވައިފައި ވިޔަސް [ފަރަގު]ގެ ސަމާލުކަމަށް މި ކަން އައީ މީގެ މަހެއްގައި ދުވަހުގެ ކުރީންނެވެ. މަހަކަށް ވުރެ ވެސް މުއްދަތު ކުރުވެފައި ވަނިކޮށެވެ. އެކި ކަންކަމުގައި އަވަދިނެތި އުޅޭން ހަދައިގެން [ފަރަގު]ގެ ޓީމުގެ ސަމާލުކަމުން މި ކަން ވަނީ ކެހިފައެވެ.

މި ކަން އަލުން ސަމާލުކަމަށް އައުމުން މުއްދަތު ހަމަވުމުގެ ކުރީން އަލުން ރަޖިސްޓަރީކުރުމުގެ ކަންކަން ފަށައިގަތެވެ. މި ފަހަރު ރަޖިސްޓަރީކުރުމުގެ ކަންކަން އޮތީ ކުރިއަރައިފައިވާ ގިނަ ގައުމުތަކުގައި ވެސް އޮންނަހެން އެހައި ފަސޭހަ ގޮތަކަށް ނޫނެވެ. ވަރަށް ގާބިލު، ކަމަށް އެކަށީގެންވާ ބަޔަކަށް ނޫނީ، (ކުރީން އޮންނަހައި ފަސޭހަކޮށް) މި ފަހަރު ނޫސް ރަޖިސްޓަރީކުރެވޭކަށް ނޯވެއެވެ. ހަމަކުރާންޖެހޭ ލިޔެކިޔުންތައް ގިނަކަމުންނެވެ. އަޅުގަނޑުމެން ދުށީ މިއީ ވަރަށް ރަނގަޅު ކަމެއްކަމުގައެވެ. ސަބަބަކީ ނޫސް މަޖައްލާއަކީ ކުޅޭކުޅޭ ކަމެއްހެން އެހައި ފަސޭހަފަސޭހަ ގޮތަކަށް ރަޖިސްޓަރީކުރެވިގެންވާނެ އެއްޗެއްކަމަކަށް ފަރަގަކުން ވެސް ނުދެކެއެވެ. ނޫސް މަޖައްލާ ރަޖިސްޓަރީކުރެވޭންވާނީ އެ ކަން ކުރެވޭނެ ގާބިލު ޒިންމާދާރު ބަޔަކަށެވެ.

ކުރީއްސުރެ، މި ކަމަށް ބޭނުންވާ ޝަރުޠަކާއި ލިޔެކިޔުމެއް [ފަރަގު] ޓީމުން ވަނީ ހަމަކޮށްފައެވެ. އެހެނީ އެންމެ ފުރަތަމަ ވެސް [ފަރަގު]ގެ މަސްއޫލުވެރިއަކީ ވަކި ފަރުދެއް ނޫނެވެ. [ފަރަގު]ގެ ފުރަތަމަ މަސްއޫލުވެރިއަކީ ވެސް [ފަރަގު މީޑިއާ]ގެ ނަމުގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގައި ރަޖިސްޓަރީކޮށްފައިވާ ކިޔާނެކެވެ. [ފަރަގު] މި ނަމަކީ ވެސް ގަވާއިދުން ރަޖިސްޓަރީކޮށްފައިވާ ނަމެކެވެ. [ފަރަގު]ގެ އެޑިޓަރަކީ އާ ގަވާއިދުގައި ކަނޑައަޅުއްވައިފައިވާ ޝަރުޠުތަކަށް ފެތޭ ފަރުދެކެވެ. އިދާރާއަކީ ވެސް ވެރި ފަރާތުން ހުއްދަދީގެން ރަޖިސްޓަރީކޮށްފައިވާ އިދާރާއެކެވެ. އެހެންކަމުން ދަރަންޏާއި ކުށުގެ ރެކޯޑް ސާފުކޮށްލާން ހޭދަވި މުއްދަތު ފިޔަވައި ލިޔެކިޔުންތައް ހަމަކޮށްލާކަށް [ފަރަގު] ޓީމަށް އުނދަގުލެއްނުވިއެވެ.

ގަވާއިދު އަލުން ރަޖިސްޓަރީކުރަން ހުށަހެޅިތާ ހަފުތާއެއްގެ ފަހުން އިތުރު ދެ ލިޔުމެއް ބޭނުންފުޅުވެގެން އެ ދެލިޔުން ފޮނުވާން މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންގެވުމާ އެކު، މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ކަން ހަމަޖެއްސުނެވެ. ބައެއް ލިޔުންތައް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާންޖެހޭ މައްސަލައެއް ވެސް ދިމާވިއެވެ. އެ ކަން ވެސް ކޮމިޝަނުން އެންގެވި ގޮތަށް ވުރެވެސް ފުރިހަމައަށް ވަރަށް އަވަހަށް ނިންމުނެވެ. އަދި އެޑިޓަރުގެ ސެޓުފިކެޓެއް ނުސާފުކަމުން ސާފު ކޮޕީއެއް ފޮނުވާން އެންގެވިތާ ބައިގަޑިއެއްހައި އިރުގެ ތެރޭގައި އެ ކަން ހަމަޖެއްސުނެވެ.

މި ހުރިހައި ކަމެއް ފުރިހަމަކޮށް ހުށަހެޅުމުން 2026 އޮކްޓޫބަރު 21ގައި އަލުން ރަޖިސްޓަރީކުރައްވައި، އާ ރަޖިސްޓަރީ 2026 އޮކްޓޫބަރު 25ގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި ފަރަގު މީޑިއާއަށް ލިބުނެވެ. ރަޖިސްޓަރީކޮށް ނިންމާންޖެހޭ ސުންގަޑިއަކީ 2026 އޮކްޓޫބަރު 27ވާ އަންގާރަދުވަހެވެ. އޭ ހައެއްކަ ދުވަސްކުރީން އަޅުގަނޑުމެންނަށް ރަޖިސްޓަރީކުރެވުނީއެވެ. އަލްޙަމަދު ލިﷲއެވެ! މި ފަހަރުގެ ރަޖިސްޓަރީ ނަންބަރަކީ: 2026NM0052 އެވެ.

މި ހައި ކުރު މުއްދަތެއްގެ ތެރޭގައި މި ކަން، މި ހައި ފުރިހަމައަށް ނިންމުނީ [ފަރަގު]ގެ ހީވާގި ކަށަވެތި ޓީމުގެ ބުރަ މަސައްކަތުންނެވެ. އަދި ފަރަގަށް ހެޔޮ އެދޭ ވަރަށް ގިނަ ބަޔަކު، އެކި ކަންކަން ފުރިހަމަކުރުން އަވަސްކޮށްދެއްވުމުގައި އެހީތެރިވެދެއްވިކަން ވަރަށް އުފަލާ އެކު ފާހަގަކުރަމެވެ. މި ހުރިހައި ފަރާތްތަކަށް [ފަރަގު] ޓީމުން ވަރަށް އިޚުލާބްތެރިަކަމާ އެކު ޝުކުރުދަންނަވަމެވެ.

ނޫސްތަކާއި މަޖައްލާތައް މުއްދަތަށް ގާނޫނުގައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރައްވާން މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ކަމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތަކީ ވެސް ފާހަގަނުކޮށް ދޫކޮށްލާ ވަރުގެ ޚިދުމަތެއްނޫނެވެ. ކޮންމެ ދުވަހަކު ހެނދުނު މަސައްކަތްޕުޅު ފައްޓަވާ ގޮތަށް ރޭގަނޑު އަށެއް ޖަހަންދެން އެއްވެސް ވަރުބަލިކަމެއްނެތި މަދު މުވައްޒަފުންކޮޅެއް ކުރެއްވި ބުރަ މަސައްކަތަކީ ވެސް ތަޢުރީފު ޙައްގު މަސައްކަތްތަކެކެވެ. ތަހުނިޔާއެވެ!

ކޮންމެއަކަސް ކަނޑައެޅިފައިވާ މުއްދަތަށް [ފަރަގު] އަލުން ރަޖިސްޓަރީ ވެސް އަލުން އުފަންވެއްޖެއެވެ. ނަމަވެސް ފަރަގުގެ އުފަންދުވަސްކަމަށްވާ 2023 ޑިސެންބަރު 03 ހަމަ އެ ގޮތަށް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ. އާދޭހެވެ! [ފަރަގު] މަރުނުވެ އަލުން އުފަންވެ މިނިވަންކަމާ އެކު އަލުން ފުރިހަމައަށް ނޭވާލާން ފަށައިފިއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކިޔާނު      ނ.           އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. entity

ފަރުދު      ނ.           މީހާ  individual

ކޮމެންޓު