ad_banner
ފަންނިއްޔާތުގެ ނުރައްކަލުން އަޅުގަނޑުމެންގެ ދަރީން ރައްކާތެރިކުރާނީ ކިހިނެއް؟

ޑރ. މޫސާ އަންވަރު ޙަސަން

24 އޮކްޓޯބަރު 2026

މުވާޞަލާތީ އާ ވަސީލަތްތަކުގެ ސަބަބުން، އެކި ޢުމުރުފުރާގެ ފަރުދުންގެ ދިރިއުޅުމުގެ އާދަކާދައަށާއި ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ޚާއްޞަކޮށް އުފެދެމުން އަންނަ އާ ޖީލުތަކަށެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި ޢާންމުވެފައިވާ އެކަނިވެރިވުމާއި، އިޖުތިމާޢީ ގޮތުން އެކަހެރިވުމާއި، ބައިނަލްއަގުވާމީ ވަސީލަތްތަކަށް ދެވިހިފުމާއި، ކިޔެވުމުން ނާކާމިޔާބުވުމާއި، އަދި އަނިޔާވެރިކަމާއި ކުށްކުރުން ފަދަ ނުރައްކާތެރި އާދަތަކާއި ނުރަނގަޅު އުޞޫލުތައް ޚިޔާރުކުރުން ފަދަ ޒަމާނީ ނޭދެވޭ ކަންކަމަކީ، އަޅުގަނޑުމެންގެ އިޖުތިމާޢީ ސަގާފަތަށް އައިސްފައިވާ ބޮޑު ބަދަލުގެ ސީދާ ނަތީޖާއެކެވެ. މިއީ ޒަމާނަށް އައި ކުރިއެރުމާއި، ފަންނިއްޔާތާއި ޒަމާނީ މުވާޞަލާތީ ވަސީލަތްތަކަށް އައި ބޮޑު އިންޤިލާބެއްގެ ސަބަބުން ނުފޫޒު ފޯރުވައިފައިވާ ކަންކަމެވެ. 

ކުޑަކުއްޖާއަކީ އޭނާގެ ވަށައިގެންވާ މާޙައުލުގެ އަސަރު ފޯރާ، އިޖުތިމާޢީ މަޚުލޫޤެކެވެ. މައިންބަފައިންގެ އެންމެ އިސް ވާޖިބަކީ އިޖުތިމާޢީ ސުލޫކާއި ސަގާފީ ސިފަތަކުގެ މައްޗަށް ދަރީން ތަރުބިއްޔަތުކުރުންކަން އެ ފަރާތްތަކުން ދެނެގަންނާންޖެހެއެވެ. ކުރީގެ ޒަމާންތަކުގައި މިއީ ފަސޭހަ ކަމެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެން މި ވަނީ އަޅުގަނޑުމެންގެ ދަރީންގެ ދިރިއުޅުމުގެ ތެރެއަށް ހުއްދައަކާ ނުލައި ވަދެގަތް، އަދި އަޅުގަނޑުމެންނަށް ވުރެ ވެސް އެ ކުދީންނާ ބޮޑަށް ގާތްވެފައިވާ އާ މެހުމާނަކާ ކުރިމަތިލާންޖެހިފައެވެ. އެއީ، ސީދާ އެ ކުދީންގެ ތަރުބިއްޔަތުކުރާ ފަރާތެއްގެ ގޮތުގައި އެ ކުދީންގެ އުޅުމާއި ގުޅުމަށް ނުފޫޒު ފޯރުވަމުންދާ އިންޓަރނެޓާއި ފަންނިއްޔާތުގެ ދުނިޔެއެވެ. އެ ވަސީލަތްތަކުން އެ ކުދީންނަށް ފޯރުކޮށްދެނީ އަޅުގަނޑުމެންގެ ގާއިމުވެފައިވާ ސިފަތަކާ އިދިކޮޅު، ނުވަތަ މުޅީން ތަފާތު އުޞޫލުތަކެކެވެ. މީގެ ސަބަބުން އުފެދޭ ނުރައްކަލަކީ ސީދާ ބޮޑު ނުރައްކަލެކެވެ. ސަބަބަކީ، މައިންބަފައިންނާ ދުރުގައި އެ ކުދީންގެ ސަގާފަތް ބައްޓަންކުރާން މިއީ މަގުފަހިކުރުވާ ކަމަކަށް ވާތީއެވެ. އަދި އެ ކުދީންނަށް ފައިދާ ހުރި ކަންކަމާއި ފައިދާއެއް ނެތް ކަންކަން އެ ވަސީލަތްތަކުން ވަކިކޮށެއްނުދެއެވެ.

ކުޑަކުއްޖެއްގެ ސަގާފަތް ބައްޓަންވަނީ މުހިންމު އެކި ވަސީލަތްތަކުންނެވެ. އެއީ، މިސްކިތާއި، ޢާއިލާއާއި، މަރުކަޒީ މަދަރުސާއާއި، އަދި މުޖުތަމަޢެވެ. މިއިން އެނގެނީ ކުޑަކުއްޖާގެ ސަގާފަތާ މެދު އޮތީ އިޖުތިމާޢީ މަސްއޫލިއްޔަތެއްކަމެވެ. މި ތަރުބަވީ މަރުކަޒުތަކުގެ މަސައްކަތްތަކާއި އުޞޫލުތައް އެއް ގޮތްވެ، ބަދަހިވި މިންވަރަކުން، ކުއްޖާގެ ސަގާފަތް ބިނާވެގެންދާނީ އޭނާގެ އުފެއްދުންތެރި ޤާބިލުކަން އިތުރުކޮށް، އޭނާގެ ދިރިއުޅުމާއި މުޖުތަމަޢުގެ ދިރިއުޅުން މުއްސަނދިކޮށްދޭ މަގަކަށެވެ.

މި ޒަމާނުގައި ގިނަ މައިންބަފައިންނަށް ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މިއީ ފަންނިއްޔާތުގެ ހުޅުވައިލެވިފައިވާ މާޙައުލާއި، އަޅުގަނޑުމެން ދެކެމުންދާ ބޮޑު ކުރިއެރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް، ކުޑަކުދީންގެ މައްޗަށް އިންޓަނެޓާއި ފަންނިއްޔާތުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ޓަކައި އަޅާންޖެހޭ މުހިންމު ފިޔަވަޅުތަކެއްވާކަމަށް އަޅުގަނޑުމެން ދެކެމެވެ. ކުދީން ރައްކާތެރިކުރުމަށާއި މި ނުރައްކާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި އިރުޝާދުދެވޭ އެންމެ މުހިންމު ކަންކަމަކީ:-

ވާހަކަދެއްކުމާއި މަޝްވަރާކުރުން: މީގެ މާނައަކީ، ކުޑައިރުއްސުރެ މައިންބަފައިން ދަރީންނާ ވާހަކަދައްކައި، އެ ކުދީން ޝައުޤުވެރިވާ ކަންކަމާއި ކަމުދާ އަދި ކަމުނުދާ ކަންކަން ދެނެގަތުމެވެ. މިއީ އެ ކުދީން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ބޮޑުކުރުމަށް ޓަކައެވެ. އަދި ވާހަކަދެއްކުމާއި ޚިޔާލު ފާޅުކުރުމަށް ކުއްޖާ އަހުލުވެރިކުރުވުމެވެ. އެއީ އިލެކްޓްރޯނިކް ގޭމުތަކަކީ އެ ކުދީންގެ ހިތްހަމަޖެހުން ހޯދާ ހަމައެކަނި ވަސީލަތްކަމުގައި ނުހެދުމަށާއި، އޭގެ ސަބަބުން އެކަނިވެރިވުމުގެ ބައްޔަށް (އޯޓިޒަމް ފަދަ ކަންކަމަށް) މަގުފަހިވިޔަނުދިނުމަށެވެ.

ވަގުތު ކަނޑައެޅުން: ކުދީން އިލެކްޓްރޯނިކް ގޭމުތައް ބޭނުންކުރުން ލިމިޓްކުރުމުގެ މުހިންމުކަން ޢާއިލާތަކަށް އެނގޭންޖެހެއެވެ. ސަބަބަކީ ފަންނިއްޔާތާ އެކު އިންތިހާއަށް ވަގުތު ހޭދަކުރުމަކީ، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަމަކަށް ވާތީއެވެ. ނަމަވެސް މިއީ ކުއްޖާއަށް ނުވިސްނި، އިލެކްޓްރޯނިކް ގޮތުންވާ ކަމެކެވެ. މައިންބަފައިންނަކީ ނަމޫނާއެކެވެ. އަދި ދަރީންގެ ދިރިއުޅުމަށް ބަދަލުގެނުވާ ފަރާތްތަކެވެ. އަދި ދަރީން އިލެކްޓްރޯނިކް ގޭމުތައް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ޤަވާޢިދުތަކެއް ހަދާންޖެހެއެވެ. އެ ގޮތުން ދުވާލަކު އެއް ގަޑިއިރާއި ދެ ގަޑިއިރަށް ވުރެ، ވަގުތު  އިތުރުނުވާނޭހެން ވަގުތު ކަނޑައެޅުމާއި، އެއީ މަދަރުސާގެ ނުވަތަ ގޭގެ މަސައްކަތްތައް ނިންމުމަށް ފަހު، ޢާއިލާގެ ބެލުމުގެ ދަށުން ކުރެވޭ ކަމަކަށް ހެދުމެވެ. މީގެ އިތުރަށް، ދަރީން ކުޅޭ ގޭމުތަކުގެ ބާވަތަށް ސަމާލުވާންޖެހެއެވެ. އެއީ އުނގަންނައިދޭ، އަދި މައުލޫމާތު މުއްސަނދިކޮށްދޭ، ވާދަވެރިކަމާއި ގޮންޖެހުންތަކަށް ކުރިމަތިލާން ދަސްކޮށްދޭ، އަދި ވިސްނުމާއި އުފެއްދުންތެރިކަން އިތުރުކޮށްދޭ ގޭމުތަކަށް ހެދުމެވެ. އަދި އެ ކުދީންގެ ކިބައިގައި އަނިޔާވެރިކަން ނުވަތަ ނަފުސާނީ ގޮތުން ބަލިކަށިކަން އުފައްދާ ގޭމުތަކަށް ނުހެދުމެވެ.

ފާރަވެރިވުން (މުރާގަބާކުރުން): ކުއްޖާ ބޭނުންކުރާ އާލަތްތައް ސުޕަވިޜަން ޕްރޮގްރާމްތައް ބޭނުންކޮށްގެން، ކުއްޖާ ކުރާ ކަންކަމާއި ކުޅޭ ގޭމުތަކަކީ ފައިދާ ހުރި ގޭމުތަކެއްކަން ކަށަވަރުކުރުމެވެ. އަދި ކުއްޖާގެ ޝައުޤުވެރިކަމާއި މިސްރާބު ހުރި ގޮތް ބެލުމެވެ. މައިންބަފައިން، ކުއްޖާ ކުޅޭ ގޭމުތަކުގެ ބާވަތާއި، އެކުގައި ކުޅޭ މީހުން ދެނެގަންނާންޖެހެއެވެ. އަދި ނުރައްކާތަކުން ކުއްޖާ ރައްކާތެރިކުރުމުގެ ގޮތުން، މައިންބަފައިން ދީފައިވާ އިރުޝާދުތަކާއި އަމުރުތަކާ ކުއްޖާ ޚިލާފުވާ ހާލަތްތަކުގައި މަނާކޮށް، ސާބިތުކަމާ އެކު ފިޔަވަޅު އަޅާންޖެހެއެވެ.

ބައިވެރިވުން: މައިންބަފައިން އަބަދުވެސް ދަރީންގެ ޝައުޤުވެރި ކަންކަމުގައި ބައިވެރިވާންޖެހެއެވެ. މިސާލަކަށް، ކުއްޖާ ނިދުމުގެ ކުރިން ވާހަކައެއް މަންމަ ކިޔައިދިނުން، ނުވަތަ ކުއްޖާ ކަމުދާ ގޭމެއް އެކުގައި ކުޅުން، ނުވަތަ ކުރެހުމުގައި ބައިވެރިވުމެވެ. ސަބަބަކީ މީގެ ސަބަބުން ކުއްޖާގެ ކިބައިގައި ބައިވެރިވުމުގެ ލޯބި އުފެދި، އެކަނިވެރިވުމާ ދުރުކޮށްދޭތީއެވެ. އަދި އެ ކުދީންނާ އެކު އިށީނދެ، ވާހަކަދައްކައި، އުފާވެރިކަމާއި މަޖާކަން ގެނެސްދޭ، މައިންބަފައިންނާއި ދަރީންގެ ގުޅުން ބަދަހިކޮށްދޭ ފައިދާ ހުރި ގޭމުތަކުގައި ބައިވެރިވެ، އެ ކުދީންގެ ވަގުތުތައް ފައިދާ ހުރި ކަންކަމުން ފުރައިލުމެވެ. އަދި ފައިދާ ހުރި އިލެކްޓްރޯނިކް ގޭމުތަކުގައި ވެސް އެ ކުދީން ބައިވެރިކުރުވުމެވެ.

ކުއްޖާ ރައްކާތެރިވުމުގެ ޤާބިލުކަން އަށަގަންނުވުން: މިއީ ކުއްޖާއަށް އަމިއްލައަށް ރައްކާތެރިވާން ދަސްކޮށްދީ، ތަމްރީނުކުރުމުގެ ތެރެއިން ކުރެވޭ ކަމެކެވެ. އެއީ ގެއްލުން ހުރި ކަންކަމާއި ފައިދާ ހުރި ކަންކަން ބުނެދީ، ކުޑައިރުއްސުރެ އަމިއްލަ ނަފުސު ގެއްލުމުން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ކުއްޖާއާ ހަވާލުކުރުމެވެ. މީގެ އިތުރަށް، އިޖުތިމާޢީ މުވާޞަލާތީ ހުނަރުތައް އިތުރުކޮށްދޭ، އަދި ސިއްޙަތު ރަނގަޅު، ޖިސްމާނީ އަދި ފިކުރީ ކުރިއެރުން ކަށަވަރުކޮށްދޭ، ހަރަކާތްތެރި ކުޅިވަރުތަކާއި، އިޖުތިމާޢީ އަދި ކުޅިވަރު ޙަރަކާތްތަކުގައި ދަރީން ބައިވެރިކުރުވާންޖެހެއެވެ.

ކަށަވަރުކުރުން: ދެމަފިރިންގެ މެދުގައި ރަނގަޅު ގުޅުމެއް ބާއްވާން ނުހަނު ސަމާލުކަން ދޭންޖެހެއެވެ. އެއީ ޢާއިލާގެ އެއްވެސް މެންބަރަކު ގޭތެރޭގެ ނުރައްކާތަކުން ރެކެން އިންޓަރނެޓަށް އަޅުދާސްވެ، ދާދިވަރު ދުނިޔެއިން އުފާވެރިކަމާއި ޢާއިލީ ހޫނުކަން ހޯދާން ނުޖެހޭނެ ގޮތް ހެދުމަށެވެ.

މައިންބަފައިންނަކީ ދަރީންނަށް ހުރި ރަނގަޅު ނަމޫނާއަކަށްވުން: މައިންބަފައިން އަމިއްލައަށް ނުހިފަހައްޓާ ޤަވާޢިދުތަކަކަށް ދަރީން އަމަލުކުރަން ބާރުނުއަޅާށެވެ. ސަބަބަކީ، އަމިއްލައަށް ކަމެއް ނުކުރާ މީހަކު އެކަމާ މެދު ވާހަކަދައްކަން ލަދުގަންނާނެތީއެވެ. އަދި މައިންބަފައިންނަކީ ދަރީން އެންމެ ބޮޑަށް ނަމޫނާ ނަގާ ފަރާތްތަކެވެ.

މައިންބަފައިން ސަމާލުވުން: ދަރީންގެ އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެ ކުދީން ގޭމުތަކުގައި ބައިވެރިކުރުވުމަކީ އެކަނި މަގުސަދުކަމުގައި ނުހަދާށެވެ. ސަބަބަކީ މިއީ ނަތީޖާއާ މެދު ނުވިސްނައި ކުރެވޭ ކަމެއްކަމުގައިވާތީއެވެ. އަދި އެއީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތު އިހުސާސް ނުކުރެވުންކަމުގައިވާތީއެވެ. އަދި ކުރިމަގުގައި މި ފަދަ ޢަމަލުތަކުގެ ބޮޑު އަގު ދައްކާންޖެހިދާނެއެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ގުޅިގެން ކުރާ މަސައްކަތް: މާޒާރަށް އަލަށް ނެރެވޭ އިލެކްޓްރޯނިކް ގޭމުތައް ފާރަވެރިވެ، މޮނިޓަރުކޮށް، އަޚުލާޤީ މިންގަނޑުތަކާ ޚިލާފުވާ، ނުވަތަ ދީނަށް ނުވަތަ ޢާއިލާގެ ޤަދަރާއި މަޤާމަށް އުނިކަން އަންނަ އެއްވެސް ކަމެއް ނެތްކަން ކަށަވަރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާންޖެހެއެވެ.

އުފެދެމުން އަންނަ ޖީލުތައް އިންޓަނެޓާއި ފަންނިއްޔާތުގެ ނުރައްކަލުން ރައްކާތެރިކުރުމަށް ޓަކައި އަޅުގަނޑުމެންގެ މި ޒަމާނުގައި ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު ކަންކަމަކީ މިއީއެވެ. ސަބަބަކީ، ރަނގަޅު ގޮތުގައި ބޭނުން ނުކުރެވިއްޖެ ނަމަ، މިއީ ދެމިޔަލީ ތޫނު ހަތިޔާރަކަށް ވާތީއެވެ.

(ލިޔުނީ: ޑރ. ސަޢުދް އަލް-ޙަލްބޫސީ،  ތަރުޖަމާ: ޑރ. މޫސާ އަންވަރު ޙަސަން)

 

ބައެއް ލަފުޒުގެ މާނަ:

އިންޓަނެޓު   ނ.     މުވާސަލާތީ މީޔާރު އުސޫލުތައް ބޭނުންކުރާ ވިއުގަތަކެއް އެކުލެވޭ ދުނިޔޭގެ ކޮންޕިއުޓަރު ވިއުގަ. މިއީ ތަފާތު މައުލޫމާތު ފޯރުކޮށްދޭ، މުވާސަލާތީ ގުޅުންތައް ފަހިކޮށްދޭ ވަސީލަތެކެވެ.  internet

ފަންނިއްޔާތު  ނ.     ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. technology

ދާދިވަރު     ނ.     (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް.       virtual

ގޭމު       ނ.     (1) މުނިފޫހިފިލުވުމުގެ ގޮތުން މީހަކު މަޝްޣޫލުވުމަށް ޓަކައި ހުންނަ ކުޅިވަރުތައް. (2) ރާޒުވާއާއި މޮނޮޕޮލީ ފަދަ އަތްމަތީ ކުޅިވަރެއް ނުވަތަ ސުމޭކީ ކުޅިވަރެއް ކުޅުމަށް ޓަކައި ހަދައިފައި ހުންނަ ތަކެތި. game

ޖީލު       ނ.     (1) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (2) އެއް ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން.    generation

ކޮމެންޓު