ad_banner
ކޮލަމް ހަމަ (63): އެނބުރިއައުން، އަނބުރައި އައުން: ބޭނުންކުރާ ގޮތާއި ތަފާތު

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

22 އޮކްޓޯބަރު 2026

މި ދެ ލަފުޒަކީ ވެސް ދިވެހިބަހުގައި ބޭނުންކުރާ ހަމައަށް ބަލާ އިރު، ގާތްގަނޑަކަށް އެއް މާނައެއް ދޭހަވާ ދެ ލަފުޒެވެ. ނަމަވެސް މިއީ ލަފުޒު ގެތިގެން އަންނަ ގޮތާއި ބޭނުންކުރާ ހަމައިގައި ތަފާތުތަކެއް ހުންނަ ދެ ލަފުޒެވެ. މި ދެ ލަފުޒު ނުވަތަ ދެ [ޢިބާރާތް] ބޭނުންކުރާ ގޮތާ ބެހޭ ގޮތުން [ބަހުގެ ހަމައިގެ އަތްމަތީ ފޮތު]ގައި ބަޔާންކޮށްފައިވަނީ ވަރަށް ސާދާ ވަރަށް ޚުލާޞާ އުސޫލެކެވެ. އެ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި [އެނބުރި އައުމޭ ބުނެވެނީ މީހުންނާ ގުޅުވައިގެންނެވެ.] މިސާލެއްގެ ގޮތުން ގެންނަވައިފައިވަނީ [އޭނާ އެނބުރި އަތުވެއްޖެއެވެ.] [މުޙަންމަދު މަގުގެ ދެ ބަޔަށް ގޮސްފައި އެނބުރި އަތުވެއްޖެއެވެ.] [އަނބުރައި އައުން] ބޭނުންކުރާ ގޮތްކަމަށް 'ބަހުގެ ހަމަ'އިގައި އޮތީ މި ޢިބާރާތް ބޭނުންކުރަނީ [ދަތުރުކުރާ އެއްޗިއްސާ ގުޅުވައިގެން]ކަމަށެވެ. [މިސާލަކަށް: ބޮޑުބައްތެލި އަނބުރައި އަތުވެއްޖެއެވެ. މަސްދޯނި ފެން ހުސްވެގެން އަނބުރައި އަތުވެއްޖެއެވެ.] ބަހުގެ ހަމައިގައި އޮތީ މި މިންވަރަށެވެ. ނަމަވެސް މި ދެ ލަފުޒު ބޭނުންކުރާ ތަފާތު އިތުރު ގޮތްތައް ހުންނާތީ ތަންކޮޅެއް ތަފުސީލުކޮށް މި ޢިބާރާތަށް ބަލައިލާން ބޭނުންވީއެވެ. މިއީ އެއްވެސް ހާލެއްގައި ދިރާސާއެއް ނޫނެވެ. ލިޔެކިޔުމުން ފެންނަ ފެނުމަށް ބަލައިގެން ލިޔެލާ ލިޔެލުމެކެވެ.

ހަގީގަތުގައި މި ދެ ލަފުޒު އުފެދިފައި މި ވަނީ [އެނބުރި]އާއި [އަނބުރައި] މި ދެ ކަންއިތުރު (ނުވަތަ [އެނބުރުން] މި މަސްދަރު) ބޭނުންކޮށްގެންނެވެ. އަޅުގަނޑު މިހެން ދެންނެވި ނަމަވެސް [އެނބުރި]އާއި [އަނބުރައި] މި ދެ ލަފުޒުން ކުރެ ލަފުޒެއް މިނިވަން މުސްތަގިއްލު ލަފުޒެއްގެ ގޮތުގައެއް ދިވެހިބަހުގެ ރަދީފަކު ނެތެވެ. މި ދެ ލަފުޒު ބޭނުންކުރެވިފައި ހުރީ މުޅީން ވެސް އެހެން ލަފުޒަކާ ގުޅިފައިވާ [އެކަ]އެއްގެ ގޮތުގައެވެ. ކުރިއާއި ފަހަތަށް ގުޅިގެން އުފެދިފައިވާ ބައިވަރު ލަފުޒު އެބަ ހުއްޓެވެ. އެނބުރިއައުން، އެނބުރިދިއުން، އެނބުރިފަށުވި، ހުދުފޫއެނބުރި، އޮރިފޫއެނބުރި، އަނބުރައިލުން، އަނބުރައިގަތުން، އަނބުރައިހޭރިއާކުރުން، ހަނައަނބުރައިލުން، ބުދައަނބުރައިލުން، މި ފަދަ ލަފުޒުތައް ރަދީފުގައި އެބަ ހުއްޓެވެ.

އެންމެ ހައިރާންވާ ކަމަކީ އެނބުރިއައުން، އަދި އެނބުރިދިއުން، މި ދެ ލަފުޒަކީ މުސްތަގިއްލު ދެ ލަފުޒުކަމަށް ރަދީފުގައި ހިމެނިފައި ވިޔަސް އަނބުރައިއައުން، އަނބުރައިދިޔުން، މި ދެ ލަފުޒު ރަދީފުން އަޅުގަނޑަށް ނުފެނުނުކަމެވެ. އެހެންވީމާ، އަޅުގަނޑު ކުރީން ދެންނެވި ފަދައިން [އަނބުރައި] އެއީ ވަކި ލަފުޒެއްކަމަށް ރަދީފު ވެސް ގަބޫލުކުރަނީކަމަށް ދެންނެވިދާނެއެވެ. އަނބުރައި އައުމާއި، އަނބުރައި ދިއުމާއި އަނބުރައި ދިނުމާއި، އަނބުރައި އަތުލުމާއި، އަނބުރައި ރައްދުކުރުން ފަދަ އެތައް ބައިވަރު ބުނުންތަކެއްގައި ކަންއިތުރެއްގެ ގޮތުގައި [އަނބުރައި] ބޭނުންކުރާންޖެހެއެވެ. އަދި މި ލަފުޒު ބޭނުންކުރާންޖެހޭ ކޮންމެ ޙާލަތެއްގައި ފަހަތައް އޮންނަ މަސްދަރު ނުވަތަ ކަން ގުޅުވައިލައިގެން އެއީ އާ ލަފުޒެއްކަމަށް ބަލައި ރަދީފަށް ވައްދާނީތޯ ވެސް ސުވާލު އުފެދެއެވެ.

ކޮންމެއަކަސް އެނބުރިއައުން، އެނބުރިދިއުން، އަނބުރައި ދިއުން، އަނބުރައި އައުން، މި ބުނުންތައް ޢިބާރާތްތަކުގައި ބޭނުންކޮށް އުޅޭ ގޮތުގެ މައްޗަށް ބަލައިލާނަމެވެ.

މިއީ ދިވެހިބަހުގައި ލަފުޒުތައް ބޭނުންކުރުމުގައި، އެއް މާނައެއް ދޭހަވާ ދެ ލަފުޒު ނަމަވެސް، ޖުމުލައިގައި ލަފުޒުގެ އެމުނުމާއި ހަމަތަކަށް ބަލައިގެން ލިޔުމަކީ ބަހުގެ ރީތިކަމާއި ފުރިހަމަކަން އިތުރުކޮށްދޭ ކަމެކެވެ. "އެނބުރިއައުން" އަދި "އަނބުރައި އައުން" މި ދެ ލަފުޒަކީ ނުވަތަ ބުނުމަކީ ވެސް ވާހަކަދެއްކުމާއި ލިޔެކިޔުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ދެ ބުނުމެކެވެ. ދެ ޢިބާރާތެކެވެ. އެހެންކަމުން މި ދެ ލަފުޒުގެ ތަފާތާއި، ޖުމުލަތަކުގައި އެ ބޭނުންކުރާ ގޮތްކަމަށް އެކި ލިޔުންތަކުން ފެންނާން ހުންނަ ގޮތް ބަޔާންކޮށްލާނަމެވެ.

1. އަނބުރައި އައުން (އަދި [އަނބުރައިދިނުން/އަނބުރައިލުން])

[އަނބުރައި] (މާނައެއްކަމަށް ފެންނަނީ: އަސްލު ކަމެއް ނުވަތަ އެއްޗެއް ކުރީގެ ޙާލަތަށް ރުޖޫޢަކުރުން ނުވަތަ ގެންދިއުން) މި ކަންއިތުރަކީ އެއްޗެއް ނުވަތަ ކަމެއް ހުރި ތަނަށް އަނބުރައި ރުޖޫޢަކުރުމާއި ނުވަތަ އަނބުރައި ރައްދުކޮށްދިނުމުގެ މާނައިގައި ބޭނުންކުރެވޭ ލަފުޒެކެވެ. އާންމު ގޮތެއްގައި ބޭނުންކުރަނީ ފުރައިދުއްވާ ތަކެއްޗަށް ނިސްބަތްކޮށެވެ. ޚާއްޞަކޮށް، ގެންދިޔަ އެއްޗެއް އެ އޮތް ތަނަށް ނުވަތަ ހުރި ތަނަށް ނުވަތަ އިން ތަނަށް ރުޖޫޢަކޮށްދިނުމަށް ނުވަތަ ހޯދި އެއްޗެއް އަނބުރައި ދިނުމަށް (އިނގިރޭސިބަހުން ދަންނަވާ ނަމަ [ޓޭކް ބެކް] [ގިވް ބެކް]ގެ މާނައިގައި ވެސް) އާންމުކޮށް ބޭނުންކުރަނީ [އަނބުރައި]އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އިންސާނުންގެ ޢަމަލަށް ނިސްބަތްކޮށް މި މާނައިގައި ބޭނުންކުރަނީ [އަނބުރައި]އެވެ. އެއީ އަނބުރައި އައުންކަމަށް ވިޔަސް އަނބުރައި ދިއުންކަމަށް ވިޔަސް، އަނބުރައި ދިނުންކަމަށް ވިޔަސް، އަނބުރައި އަތުލުންކަމަށް ވިޔަސް [އަނބުރައި] ގުޅުވައިލެވެކީ އެހެން އެއްޗެއް ޝާމިލުވާ ގޮތަށް އިންސާނާ ހިންގާ މުޢާމަލާތީ ޢަމަލުތަކާއެވެ.

·     މިސާލު:

1.     މަގޭ އަތުން ނެގި ފައިސާ މާދަމާ އަނބުރައިދޭންވާނެއެވެ. އަނބުރައި ދޭންވާނެއެވެ."

2.     އޭނާއަށް ދިން ހުރިހައި ރަނެއް އަނބުރައި އަތުލީއެވެ.

3.     އެއް ގޮތަކަށް ވެސް ނުދަންނަ މީހަކަށް އެ ގެއްލުނު ފައިސާކޮޅު އަނބުރައި ޙަވާލުކުރިއެވެ.

4.     މާފަށް އެދުމަށް ފަހު، އޭނާ ބުނި ބުނުން އަނބުރައި ގެންދިޔައެވެ.

2. އެނބުރިއައުން (އެނބުރިދިއުން)

ކުރީން ދެންނެވި ހަމަ، އެ ގޮތަށް ބޭނުންކުރިއަސް އިންސާނާ އެހެން ވަސީލަތެއް ޝާމިލުކޮށްގެން އޭނާގެ ނަފުސުން ހިންގާ ޢަމަލުތަކުގައި ބޭނުންކުރަނީ އެނބުރިއައުމާއި އެނބުރިދިއުމެވެ.

މިސާލަކަށް:

1.    ތައިލެންޑަށް ކުރި ދަތުރު ނިންމައިފައި ޒީނާ އެނބުރި އައީ މި ދިޔަ ހަފުތާގައެވެ.

2.    މެންދުރު ނަމާދަށް ދިޔަ ހުރިހައި މުވައްޒަފުން އެނބުރި އަތުވެއްޖެއެވެ.

3.    ޙަޤީޤަތް އެނގުމުން، އޭނާގެ ކުރީގެ ރަޙުމަތްތެރިޔާގެ ގާތަށް އެނބުރި އަންނާން ނިންމިއެވެ.

ޚުލާޞާ ތަފާތު

·     އަނބުރައި (އައުން/ދިނުން): މިއީ އެއްޗެއް ރުޖޫޢަކުރުމާ، އެއްޗެއް ނުވަތަ ކަމެއް (ދިން އެއްޗެއް، ބަހެއް، ފައިސާއެއް) ފަހަތަށް ނުވަތަ ކުރީގެ ޙާލަތަށް ގެންދިއުމާ ގުޅިގެން ބޭނުންކުރާ ލަފުޒެކެވެ.

·     އެނބުރި/އެނބުރި (އައުން/ދިއުން): މިއީ އިންސާނާ ނުވަތަ ދިރޭ އެއްޗެއް ޖިސްމާނީ ގޮތުން ދަތުރެއް ނުވަތަ ހިނގުމެއް ނުވަތަ އެހެން ކަމެއް ނަމަ ވެސް ނިންމައިލައިފައި އަލުން އައިސް ވަދެވޭ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ.

މިސާލަކަށް:

1.     ކަސްތަރު ނިންމައިލައިފައި މުޙަންމަދު އެނބުރި އަތުވެއްޖެއެވެ.

2.     މިގޭ ވައްލަ އުދުހިގެން ދިޔުމަށް ފަހު، އިއްޔެ އެނބުރި އަތުވެއްޖެއެވެ.

މި ދެ ލަފުޒު ރަނގަޅު ގޮތުގައި ބޭނުންކުރުމުން ލިޔުމުގެ ފުރިހަމަކަމާއި އަދަބީ ރަހަ އިތުރަށް ފުރިހަމަވެއެވެ. އެހެންކަމުން މި ދެ ލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށް ތަންކޮޅެއް ބޮޑަށް ދިރާސާކޮށްލާން ޖެހޭތީ މިއަދު މިހައިވަރުން ފުއްދައިލާނަމެވެ.

 

ކޮމެންޓު