ad_banner
ސުމެއް! ހަމަ ސުމެއް! އެކަމަކު އެއާ ނުލައި އުޅެވޭކަށް ނެތް.

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

19 އޮކްޓޯބަރު 2026

ސުމަކީ ހަމަ ސުމެކެވެ. އެކަމަކު، މިއަދު އެއީ، އެއާ ނުލައި ނޫޅެވޭ ވަރުގެ ބާރުގަދަ އެއްޗެކެވެ. މުސްލިމަކު [ސުމެއް] އުފެއްދުމުން، ދުނިޔޭގެ އެންމެ ގަދަފަދަ ބާރަށް އެ [ސުން]ވެގެން ދިޔައެވެ. ދުނިޔޭގައި [ސުމެއް] ނުވާ ނަމަ، ކޮންޕިއުޓަރެއް، މޯބައިލު ފޯނެއް، އިންޓަނެޓެއް، ސިނާރެއް، ޒަމާނީ ބޭންކިންގ ނިޒާމެއް، ޖައްވީ ދިރާސާއެއް، އަދި މިއަދުގެ ސުމޭކު ދުނިޔެއެއް ނުވީހެވެ. އެއީ ހަމައެކަނި ވަށަ ރޮނގެއް ނޫނެވެ. އެއީ، ޒަމާނީ ޙަޟާރަތުގެ މުޅި ބިންގަލެވެ. އަދި، މީގެ ކުރީން އެ ބިންގާ ދުނިޔެއަށް ގެނެސްދިން މުސްލިމަކު ހުއްޓެވެ. ސައިންސްގެ ތާރީޚުގައި އަދިވެސް އޭނާގެ ނަން ލިޔެވިފައިވަނީ ރަން އަކުރުންނެވެ. އެއީ، އަލްޖަބްރާއާއި، އެލްގޮރިދަމްގެ ބައްޕައެވެ. އޭނާގެ ނަންފުޅަކީ މުޙައްމަދު އިބުނި މޫސާ އަލްޚަވާރިޒުމީއެވެ. މޫސާ އަލްޚަވާރިޒުމީއަކީ މިހާރުގެ އުޒްބަކިސްތާނުގެ ބޭކަލެކެވެ. ފަހުން، އޭނާ ދިރިއުޅުއްވުން ބަޣުދާދަށް ބަދަލުކުރެއްވީއެވެ.

މިއަދު ދުނިޔޭގައި ބޭނުންކުރަމުންދާ ކޮންމެ ކޮންޕިއުޓަރަކީ ހަމަ އެ ސައިންސްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެއް ޒަމާނެއްގައި، މުސްލިމުން ރޭގަނޑު ފުޅިބައްތި ދިއްލައިގެން ފޮތްތައް ލިޔަމުން ދިޔަ ދުވަސްވަރެއް ދިޔައެވެ. އެކަމަކު، މިއަދުގެ ގިނަ ޒުވާނުން މުޅި ރޭގަނޑުގެ ހަތަރުދަން، ބޮކި އަލީގައި ހޭދަކުރަނީ އެންމެ ބޮޑަށް ވިރަވާނޭ ވީޑިއޯއެއް އުފައްދާނީ ކިހިނެއްތޯއާއި، އެންމެ ގިނައިން ބަލާނީ ކޮން ސުރުޚީއަކުންތޯއާއި، އިތުރަށް މަގުބޫލުވާނީ ކޮން ޓްރެންޑެއްތޯ ބެލުމުގައެވެ.

އަޅުގަނޑުމެން ޢިލްމު އުފައްދަނީތޯއެވެ؟ ނުވަތަ ހަމައެކަނި ސަމާލުކަން ހޯދުމުގެ ރޭހެއްގައި ދުވަނީތޯއެވެ؟ އަޅުގަނޑުމެންގެ ކެމެރާތަކާއި، ދިރާސާތަކާއި، ސައިންސާއި، ތަޢުލީމާއި، ޤުރުއާނުގެ ޙިކުމަތާއި، ތާރީޚާއި، އަޚުލާޤާއި، އިންސާނިއްޔަތަށް ޚިދުމަތްކުރުމަކީ ޚިދުމަތުގެ ވަސީލަތަކަށް ވެއްޖެ ނަމަ، މި މީސްމީޑިއާއަކީ މެދުނުކެނޑުމެއް ނުވާ ޞަދަޤާތަކަށް ވެދާނެއެވެ. އެކަމަކު، އަޅުގަނޑުމެންގެ ހުރިހައި ހަކަތައެއް ބޭނުންކުރަނީ ހަމައެކަނި ވަގުތީ މަޝްހޫރުކަމެއް ހޯދާންކަމުގައިވާ ނަމަ، ދެން އަޅުގަނޑުމެން މި ދަނީ އަޅުގަނޑުމެންގެ އަސްލު ތަރިކައާ ދުރަށެވެ.

ކީރިތި ޤުރުއާނުގައި މާތް الله އެންމެ ފުރަތަމަ ވަޙީކުރައްވައިފައިވާ ބަސްފުޅަކީ؛ [إقرأ] (ކިޔަވާށެވެ!) މި އަމުރުފުޅެވެ. الله ތަޢާލާ މި އުންމަތް ޢިލްމުގެ ތެރެއިން އުފުއްލަވައި، މަތިވެރިކުރެއްވިއެވެ. މިއަދު، މި އުންމަތް ޢިލްމާ ދުރަށް ދިއުމުން، މުސްލިމުން މި ތިބީ އެހެން މީހުންނަށް ބަރޯސާވާން ޖެހިފައެވެ. މިއަދު ދުނިޔޭގެ ބޮޑެތި ލެބޯޓްރީތަކާއި، ޒަމާނީ ފަންނިއްޔާތާއި، ބާރުގަދަ އިޤްތިޞާދުތަކާއި، ޢިލްމީ އީޖާދުތައް ގިނައިން ހުރީ ދިރާސާތަކާއި، ތަޖުރިބާތަކާއި، ޢިލްމަށް މެދުނުކެނޑި ވުނަކުރަމުންދާ ޤައުމުތަކުގެ އަތްމަތީގައެވެ.

އަޅުގަނޑުމެންގެ އަންނާން އޮތް ޖީލުތަކުން އިތުރު އަލްޚަވާރިޒުމީއެއް އުފަންވެދާނެހެއްޔެވެ؟ އަނެއް އިބްނު ސީނާއެއް އަތުވެދާނެހެއްޔެވެ؟ އަނެއް އިބްނު އަލްހައިތަމް ފާޅުވެދާނެހެއްޔެވެ؟ ނޫނީ އަޅުގަނޑުމެން ދެމިތިބޭނީ މަޝްހޫރުކަމުގެ ކުޑަ ހިނދުކޮޅަކަށް ފަހު، ހަނދާން ނެތިގެންދާނެ ސިލްސިލާ މޫނުތަކެއްގެ ގޮތުގައިހެއްޔެވެ؟

ހަނދާން ކުރާށެވެ! އުންމަތްތައް ދިރިދެމިއޮތީ ހަމައެކަނި ކަނޑިއާއި ބަޑީގެ ބާރަކުންނޫނެވެ. އަދިކިއެއްތަ، ޤަލަމާއި ދިރާސާއާއި، އަޚުލާޤާއި، ޢިލްމުގެ ސަބަބުންނެވެ.

ދުނިޔޭގައި މުސްލިމުންގެ ޤަދަރާއި، ކަރާމާތް އަލުން އުފުލިގެން ދާން އެދޭ ނަމަ، އަޅުގަނޑުމެންގެ ޒުވާން ޖީލަށް ދައްކާންވީ ހަމައެކަނި މަޝްހޫރުވުމުގެ ހުވަފެނެއް ނޫނެވެ. އުންމަތަށް ބޭނުންތެރި ބަޔަކަށް ވުމުގެ ހުވަފެން ވެސް އެ މީހުންނަށް އަޅުގަނޑުމެން ދައްކާން ޖެހޭނެއެވެ.

އަޅުގަނޑުމެން ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ޒަމާނުގައި އަޅުގަނޑުމެންނަކީ އިޙުތިރާމް ލިބިގެންވާ ބަޔެކެވެ. އެކަމަކު، މިއަދު އަޅުގަނޑުމެން ޤުރުއާން ދޫކޮށްލުމުން މިތިބީ ޤަދަރެއް، އިޙުތިރާމެއް ނެތް ނާކާމިޔާބު ބަޔަކަށް ވެފައެވެ. ފަހެ، ވިސްނައި ފިކުރުކުރާކަށް ނުވޭހެއްޔެވެ؟!

 

ބައެއް ލަފުޒުގެ މާނަ:

ހަކަތަ      ނ.     (1) ހަށިގަނޑު ޙަރަކާތްކުރުމުގެ ކުޅަދާނަކަން ލިބިދޭ ބާރު، ނުވަތަ ގައިގެ ވަރު. (2) އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު . energy

ވިރަވުން     މ.     ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން. become viral

ފަންނިއްޔާތު  ނ.     (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް. technology

ސިނާރު     ނ.     ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު, އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. artificial intelligence  (AI)

ސުމޭކު      ނ.     ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ.  digital

ކޮމެންޓު