ad_banner
އީރާނާ ގުޅުވައިގެން ދެ ޙަރަމްފުޅުގެ ވާހަކަތައް ފެތުރުމާއި، ތާރީޚީ ޙަޤީޤަތްތައް

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

16 އޮކްޓޯބަރު 2026

މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެކި ފަރާތްތަކުން ފަތުރާ ވާހަކަތަކުގެ ތެރޭގައި އީރާނުން ސުއޫދީ އަރަބިއްޔާގައިވާ ދެ ޙަރަމްފުޅު (މައްކާ އާއި މަދީނާ) އެ މީހުންގެ ބާރުގެ ދަށަށް ގެންދާން އުޅޭކަމަށް ބުނެދެކެވޭ ވާހަކަތައް ހިމެނެއެވެ. މި ވާހަކަ މި ގޮތަށް ދިވެހިރާއްޖޭގެ ބައެއް ޢިލްމުވެރީން ވެސް ދައްކަވާކަމީ ހަގީގަތެކެވެ. ނަމަވެސް ހީގެ މައްޗަށް ވާހަކަދެއްކުމުގެ ނުބައިކަމާއި ބައެއް ހީތަކަކީ ފާފައެއްކަމަށް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވަނީ ވެސް ޢިލްމުވެރީންނެވެ. އަދި ފާސިޤަކު ޚަބަރަކާއިން އަތުވެއްޖެ ނަމަ، އެ ކަމުގެ ތެދު/ދޮގު ބަލައި ހަގީގަތް ހޯދާން މާތް ﷲ އަމުރުކުރައްވައިފައިވާ ވާހަކަ ވިދާޅުވަނީ ވެސް އެ ބޭފުޅުންނެވެ.

ކޮންމެއަކަސް މި ތުހުމަތުތައް މި ކުރަނީ ނުވަތަ މި ވާހަކަތައް މި ފަތުރަނީ ސިޔާސީ މަޤްޞަދުތަކެއްގައި ނުވަތަ ނަފުރަތު އުފެއްދުމުގެ ނިޔަތުގައިތޯ ނުވަތަ ހަގީގީ ހެތްކެއް މި ކަމުގައި އެބަ އޮތްތޯ ބަލައިލުން މުހިންމެވެ. ހަމަ އެއާ އެކު، ފާއިތުވެ ދިޔަ ދިގު ޒަމާނުގައި އީރާނުން އިސްވެ އެހެން ގައުމަކަށް ޙަމަލާދީފައިވޭތޯއާއި އެ ގައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވާ ގޮތް ދެނެގަތުމަކީ މުޅި މައްސަލައިގެ ފުންމިން އެނގޭނެ ކަމެކެވެ.

ދެ ޙަރަމްފުޅާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި ހަގީގަތް

އީރާނުން ދެ ޙަރަމްފުޅު ހިފާން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި، އިސްލާމީ އުޞޫލުތަކާއި، އަދި ސިޔާސީ ހަގީގަތްތަކާ މުޅިން ޚިލާފު ވާހަކަތަކެކެވެ. މި ކަމުގެ ބައެއް ހަގީގަތްތަކުގެ މައްޗަށް ބަލައިލާނަމެވެ.

·         ޤާނޫނީ އަދި ބައިނަލްއަޤްވާމީ ހައިސިއްޔަތު: ސުއޫދީ އަރަބިއްޔާއަކީ މިނިވަން، މުސްތަޤިއްލު ދައުލަތެކެވެ. ދެ ޙަރަމްފުޅު ބެލެހެއްޓުމާއި ޚިދުމަތްކުރުމަކީ ސުއޫދީ ސަރުކާރާއި ރަސްގެފާނުގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ކަމެކެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެފަދަ ބޮޑު ސިޔާދަތީ ބަދަލެއް ގެނައުމަކީ އެއްވެސް ޤައުމަކަށް، އަދި ވަކިން ޚާއްޞަކޮށް އީރާނަށް ވެސް ކުރެވޭނެވަރުގެ ކަމެއް ނޫނެވެ. އެ ފަދަ ނިޔަތެއް އޮތްކަމެއް ނުވަތަ އެ ފަދަ މަސައްކަތެއް ކޮށްފައިވާކަމެއްގެ އެއްވެސް ހެތްކެއް އެއްވެސް މީޑިއާއަކުން ނުވަތަ އިތުބާރު ހުރި އެއްވެސް މަޞްދަރަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

·         ދީނީ އަދި ސިޔާސީ ޙަޤީޤަތް: އީރާނަކީ އިސްލާމީ ޖުމްހޫރިއްޔަތެއްކަމަށް ވެފައި އަދި ޝީޢީ މަޒުހަބުގެ ވެރިކަމެއް އޮތް ގައުމަކަށް ވީ ނަމަވެސް، އެ ގައުމުގެ ދައުލަތުގެ ރަސްމީ ސިޔާސަތުން އިސްލާމީ އެންމެހައި މުޤައްދަސް ތަންތަނުގެ ޙުރުމަތް ރައްކާތެރިކުރާންޖެހޭނެކަން އަބަދު ވެސް ހާމަކުރެއެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމަށް އީރާނުގެ ރައްޔިތުން ކޮންމެ އަހަރަކު ވެސް ސުއޫދީ އަރަބިއްޔާއަށް ގޮސްއުޅެއެވެ. އެހެންކަމުން، މުޤައްދަސް ބިންތައް އަޅުވެތިކުރުމުގެ ނުވަތަ ހިފުމުގެ އެއްވެސް ރަސްމީ ނުވަތަ ޢަމަލީ ހެތްކެއް ނުވަތަ ތަދުބީރެއް އީރާނުގެ ފަރާތުން ފެންނާކަށް ނެތެވެ.

·         ހުޅަނގަށް ތާއީދުކުރާ މީޑިއާގެ ޕްރޮޕެގޭންޑާ: މިފަދަ ވާހަކަތަކަކީ ގިނަ ފަހަރަށް ސިޔާސީ މަސްރަޙު ހޫނުކޮށް، ދެ ޤައުމުގެ ދެމެދުގައި (ޚާއްޞަކޮށް ސުއޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު) އޮންނަ ނުތަނަވަސްކަން ބޮޑުކުރުމަށް ޓަކައި ބައެއް ފަރާތްތަކުން އުފައްދާ ނާހަގީގީ ވާހަކަތަކެކެވެ. މި ކަމުގައި އެމެރިކާއާއި އިޒުރޭލުގެ ފަލްސަފާއަކީ [މުސްލިމުންގެ އެއް ގައުމު އަނެއް ގައުމާ ދެމެދު އަރައިރުން އުފައްދައިގެން ތަޅައިފޮޅުވާހައި ހިނދަކު އަހަރެމެންނަށް އަމާންކަން އޮންނާނެއެވެ.]

އީރާނުން އެހެން ޤައުމަކަށް މީގެ ކުރީން އިސްވެ ޙަމަލާދީފައިވޭތަ؟

ޒަމާނީ ތާރީޚަށް ބަލާއިރު، 1979 ވަނަ އަހަރު އީރާނުގައި އިސްލާމީ އިންޤިލާބު ކާމިޔާބުވި ފަހުން، އީރާނުގެ އަސްކަރީ ސިޔާސަތު ބައްޓަންވެފައިވަނީ މައިގަނޑުގޮތެއްގައި "ދިފާޢީ" އަދި "ފޯވަރޑް ޑިފެންސް"ގެ އުޞޫލަކަށެވެ. އެހެންކަމުން ފަހުގެ ތާރީޚެއްގައި އަދި ވަކީން ޚާއްސަކޮށް އިސްލާމީ އިންގިލާބުގެ ފަހުން، އީރާނުން އެހެން ގައުމަކަށް ދުވަހަކު ވެސް ހަމަލަދީފައިވާކަން އެނގޭކަށް ނެތެވެ. މި ކަމުގެ ބައެއް ތަފުސީލުތަކަށް ބަލައިލާނަމެވެ.

·        އީރާން-އިރާޤު ހަނގުރާމަ ((1980-198: އީރާނުން އިސްވެ އެހެން ގައުމަކަށް ޙަމަލާދިނުމުގެ އެންމެ ބޮޑު މިސާލަކަށް ބައެއް ފަރާތްތަކުން ފާހަގަކުރަނީ މި ހަނގުރާމައެވެ. ނަމަވެސް، ޙަޤީޤަތުގައި 1980ވަނަ އަހަރުގެ ހަނގުރާމައިގައި ވެސް އީރާނުން ކޮށްފައިވަނީ ދިފާޢީ ހަނގުރާމައެކެވެ. ސައްދާމް ޙުސައިންގެ ވެރިކަމުގައި އީރާޤުން ވަނީ ސީދާ އީރާނަށް އަސްކަރީ ޙަމަލާއެއްދީ އަރައިގަނެފައެވެ. އެހެންކަމުން އީރާނުން ކުރި ހަނގުރާމައަކީ އެ ގައުމުގެ މިނިވަންކަމާއި ބިން ދިފާޢުކުރާން ކުރި ހަނގުރާމައެއްކަމުގައި ނޫނީ އިންސާފުގެ ގަލަމަކުން ނުވަތަ ދުލަކުން ބުނެވޭކަށް ނެތެވެ.

·        ސަރަޙައްދީ ނުފޫޒާއި ޕްރޮކްސީ ހަނގުރާމަތައް: ޒަމާނީ ތާރީޚުގައި އީރާނުން ސީދާ އެހެން ގައުމެއްގެ ބިމަށް އަރައިގަނެ ފަތަޙަކޮށްފައި ނުވި ނަމަވެސް، ސަރަޙައްދީ ގައުމުތަކުގައިވާ އެ ގައުމާ ގުޅުންހުރި ހަތިޔާރުއެޅި ޖަމާއަތްތައް މެދުވެރިކޮށް (ފަލަސްޠީނު، ލުބުނާން، ސޫރިޔާ، ޢިރާޤު، އަދި ޔަމަނު ފަދަ ޤައުމުތަކުގައި) ނުފޫޒު ފޯރުވައި އަސްކަރީ ޙަރަކާތްތައް ހިންގައިފައިވެއެވެ. މިއީ އެ ޤައުމުގެ ސަލާމަތީ މަޞްލަޙަތު ރައްކާތެރިކުރުމަށް ޓަކައި އީރާނުން ގެންގުޅޭ އިސްތިރާޖެކެވެ.

·        ފަހުގެ ސީދާ ޙަމަލާތައް:  2024 އަދި 2026 ވަނަ އަހަރުތަކުގައި އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރެވުނު ސީދާ މިސައިލާއި ޑްރޯން ޙަމަލާތަކަކީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެކި ފަރާތްތަކުން އީރާނަށް ދިން ޙަމަލާތަކުގެ ރައްދުގައި ދީފައިވާ ޙަމަލާތަކެކެވެ. އީރާނުން އިސްވެ ދީފައިވާ ޙަމަލާތަކެއް ނޫނެވެ. މިހާރު އެމެރިކާއާ އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަކީ ވެސް އެމެރިކާއާއި އިޒުރޭލުން އެއްވެސް ސަބަބެއް ނެތި އީރާނަށް ޢުދުވާނީ ޙަމަލާދީ، އީރާޏުގެ އެންމެ އިސްވެރިޔާއާއި އެތައް ވެރީންތަކަކާއި ސައެންސްވެރީންތަކަކާއި އެތައް ސަތޭކަ ކިޔަވާ ކުދީންތަކެއް ޝަހީދުކޮށްލުމާ ގުޅިގެން އީރާނުގެ ސިޔާދަތު ދަމަހައްޓާން އީރާނުން ކުރާ ހަނގުރާމައެކެވެ. އެމެރިކާއިން އެ ޙަމަލާ ދިނުމުގެ ކުރީން މެދުއިރުމަތީގައި އެއްވެސް ނުތަނަވަސްކަމެއް ނެތެވެ.

އީރާނާއި ސުޢޫދީ ޢަރަބިއްޔާގެ ގުޅުން:

އީރާނާއި ސުޢޫދީ ޢަރަބިއްޔާގެ ގުޅުމަކީ މެދުއިރުމަތީގެ ސިޔާސީ މަސްރަޙުގައި ވަރަށް ބޮޑަށް ބަދަލުވަމުންދާ، އަދި ހަމައެހެންމެ ނާޒުކު ފައްތަރެއްގައި އޮތް ގުޅުމެކެވެ. މި ގުޅުން ބަދަހިކުރާން މަސައްކަތްކުރެވެމުން އަންނަ އިރު، މި ކަން ހީނަރުކޮށް ގުޅުން ބަދަހިވިޔަ ނުދިނުމަށް ޓަކައި ހުޅަނގުން ކުރާ މަސައްކަތްތަކަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ނޭނގި ތިބެ ވެސް އެހީތެރިވެވޭކަމީ ހިތާމަ ހުރި ކަމެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ސުޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އޮތް ސިޔާސީ ގުޅުން 2016ވަނަ އަހަރުން ފެށިގެން މެދުކެނޑިފައި އޮތުމަށް ފަހު 2023ވަނަ އަހަރު ވެވުނު އެއްބަސްވުމަކާ ގުޅިގެން ވަނީ އަލުން ގުޅުން ގާއިމުކޮށްފައެވެ. މިއާ އެކު ދެ ޤައުމުގެ އެމްބަސީތައް ހުޅުވި، މަތީ ފެންވަރުގެ ބައްދަލުވުންތަކާއި ޚާރިޖީ މުއާމަލާތްތައް ވަނީ ބަދަލުކުރާން ފަށައިފައެވެ. މިއީ އެމެރިކާއާއި އިޒުރޭލުގެ ހިތަށް ފަސޭހަވާނެ ކަމެއްނޫނެވެ. ސަބަބަކީ އެ ދެ ގައުމުގެ ގުޅުން ބަދަހިވެއްޖެ ނަމަ، ތެލުގެ ބޮޑު ބާރަކަށް ވާނެތީއެވެ.

މި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ރަނގަޅުކުރާން މަސައްކަތްކުރި ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި (ޚާއްޞަކޮށް ޔަމަނުގެ މައްސަލައާއި، ސަރަޙައްދީ ހަނގުރާމަތަކާއި އަދި ފަހުގެ އަސްކަރީ ހަމަނުޖެހުންތަކާ) ގުޅިގެން މި ގުޅުން އަދިވެސް އެންމެ އޮމާންކޮށް ބަދަހިވެފައެއް ނެތެވެ.

އެހެންނަމަވެސް ސުޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގެ "ވިޝަން 2030" ގެ ދަށުން އިޤްތިޞާދު ސިންދަފާތުކޮށް (ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކޮށް) ކުރިއަށްދިއުމަށް ޓަކައި ސަރަޙައްދީ ހަމަޖެހުމާއި ނުތަނަވަސްކަން ކުޑަވުން މުހިންމުކަމަށް ދެކެއެވެ. ނަމަވެސް، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ މެދު، ދެ ޤައުމުގެ މެދުގައި އޮންނަ ކަންބޮޑުވުންތަކާއި ޝައްކުތައް މުޅީން ފިލައިގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް ދެ ގައުމުގައި ވެސް އޮތީ ގުޅުން ބަދަހިކުރުމުގެ ނިޔަތެއްކަން އެނގެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ސުޢޫދީ ޢަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކެއް ހަލާކުކޮށްލުމުން އެމެރިކާއަށް ސުޢޫދީ ޢަރަބިއްޔާ ޙިމާޔަތްނުކުރެވޭނެކަމުގެ ފިލާވަޅު ސުޢޫދީ ޢަރަބިއްޔާއަށާއި ގަލްފުގެ ގައުމުތަކަށް ވަނީ ލިބިފައެވެ.

ވީމާ، އީރާނުން ދެ ޙަރަމްފުޅު ހިފާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން ބޮޑުކުރުމަށް ފަތުރާ ޕްރޮޕެގެންޑާ ވާހަކަތަކެކެވެ. އަދި އީރާނުން ޒަމާނީ ތާރީޚުގައި ސީދާ ބޭރުގެ އެހެން ޤައުމަކަށް އަރައިގަނެ ފަތަޙަކޮށްފައެއް ނުވެއެވެ. އަދި އިސްވެ ޙަމަލާ ދީފައެއް ވެސް ނުވެއެވެ. އީރާނުގެ އެންމެ ވަރުގަދަ ދެ ދުޝްމަނުންކަމަށްވާ އެމެރިކާއާއި އިޒުރޭލުގެ އެއްވެސް މަސްލަހަތަކަށް ވެސް ސީދާ އީރާނުން އިސްވެ ޙަމަލާދީފައެއް ނުވެއެވެ. 

ހުޅަނގުގެ މީޑިއާތަކުން ފަތުރާ މި ފަދަ ޕްރޮޕެގެންޑާ ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ މުޙުތަރަމް ބޭފުޅުން އެއްވެސް ސާބިތު ހެތްކެއް ނެތި ދެއްކެވުމަކީ ވަރަށް ދެރަވަރު ކަމެކެވެ. އަދި އީރާނުގެ ބަސްމަގާއި ޢަމަލުތަކުން ނުބައެއް ފެންނާން ނެތް އިރު، އެ ގައުމުގެ ރައްޔިތުންގެ ޢަޤީދާއާ ބެހޭ ގޮތުން މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފައްދާން ވާހަކަދެއްކުމަކީ ވެސް ހެޔޮ ޢަމަލެއްކަމުގައެއް ނުވާނެއެވެ.

ނިންމައިލަމުން ވެސް ދަންނަވާން އޮތީ އީރާނުން ދެ ޙަރަމްފުޅު ހިފާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކައެއް ނޫނެވެ. އެއީ ނުތަނަވަސްކަން އިތުރުކުރާން ބަޔަކު އުފައްދައިގެން ފަތުރާ ބޮޑު ބުހުތާނެކެވެ.

ކޮމެންޓު