Advertisement

ތިމާވެށްޓަކީ ކޮބާ؟

maahaul

ތިމާވެށި މި ލަފުޒަކީ ވަރަށް ޢާންމުކޮށް އިވޭ ލަފުޒެކެވެ. އެންމެ އާންމު މާނައަކީ "ތިމާގެ ވަށައިގެންވާ ތަން"ކަމަށް ރަދީފުގައި އޮވެއެވެ. ނުވަތަ އެއީ ތިމާގެ ވަށައިގެންވާ މާހައުލެވެ. މިއީ ކުރު ލަފުޒަކުން ތިމާވެށީގެ މާނަ ބަޔާންކުރެވިދާނެ ގޮތެކެވެ. ނަމަވެސް ތިމާވެށީގެ މާނަ އެއަށް ވުރެ މާ ފުޅަލެވެ.

ތިމާވެށި މާނަކުރެވޭނީ އިންސާނާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވާ ދިރުން ހުރި އަދި ދިރުން ނެތް ހުރިހާ މާއްދާތަކާއި އެ ތަކެތީގެ އަސަރުތަކުގެ ޖުމްލައެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ޖަނަވާރާއި، ގަސްގަހާގެއްސާއި، އެއްގަމާއި މޫދާއި މޫދުގައިވާ ފަރުތަކާއި ފަޅުތަކާއި، މަސްމަހާމެއްސާއި، ދޫނިސޫފާސޫތްޕާއި ގުދުރަތީ ހުރިހާ ދިރުންތަކެއް ހިމެނެއެވެ. މީގެ އިތުރަށް ފެނާއި، ބިމާއި، އިރުގެ އަލިކަމާއި، ހިލައާއި، ވަޔާއި މި ބާވަތުގެ ޠަބީޢީ އަދި މާއްދީ ހުރިހާ އެއްޗެއް ވެސް ތިމާވެށީގައި ހިމެނޭނެއެވެ.

ތިމާވެށްޓޭ ބުނެވޭބަހުގެ ތެރޭގައި ތިމާގެ ވަށައިގެންވާ، އެ ތަނެއްގައި ހުރިހާ ދިރުންތަކެއް ލައްވައިފައިވާ، ޠަބީޢީ އަދި މާއްދީ މުޅި މާހައުލު ހިމެނެއެވެ. ތަންކޮޅެއް ތަފުސީލުކޮށް ތިމާވެށީގެ ވާހަކަދައްކާ ނަމަ، ތިންހަތަރު ބަޔަކަށް ތިމާވެށި ބަހައިލެވިދާނެއެވެ.

1.      ދުނިޔޭގެ ވަށައިގެންވާ ގޭހުގެ ފަށަލަ (އެޓްމޯސްފިއަރ):

އަސާސީ ގޮތުން ދުނިޔޭގެ ވަށައިގެން ލައްވައިފައިވާ ގޭހުގެ ބާވަތްތައްކަމަށް ވާ ނައިޓްރޯޖަނާއި އޮކްސިޖަނާއި ކާބަން ޑައިއޮކްސައިޑާއި މި ނޫނަސް އެކި މިންވަރަށް ގުދުރަތުން ލައްވައިފައިވާ ހުރިހާ ގޭހެއް ހިމެނެއެވެ. ދުނިޔޭގެ ފިނިހޫނުމިނާއި މޫސުމަށް އަންނަ ބަދަލާއި، އަޅުގަނޑުމެން ނޭވާލާން ބޭނުންކުރާ އޮކްސިޖަންގެ އެކުލެވުމާއި ވައިގެ ސާފުކަން އޭގެ މައްޗަށް ބިނާވުމާއި މި ހުރިހައި ކަމެއް ޤުދުރަތުން ތަންޒީމުކުރެއްވުމުގައި މި ފަށަލަ އަދާކުރާ ދައުރު ވަރަށް މުހިންމެވެ.

2.      ފެނުގެ ފަށަލަ (ހައިޑްރޯސްފިއަރ):

ދުނިޔޭގައިވާ ފެނުގެ ހުރިހާ ބައިތަކެއް ހިމެނެނީ މި ފަށަލައިގައެވެ. މީގެ ތެރޭގައި ކަނޑާއި ކޯރާއި ލޭކާއި ބިމު އަޑިގައިވާ ފެނާއި އަދި ގޭހުގެ ފަށަލައިގައިވާ ފެނުގެ އާތްވާއި މި ހުރިހާ ބައިތަކެއް ހިމެނެއެވެ. ހަގީގަތުގައި ދުނިޔޭގައިވާ ދިރުންތައް ދަމަހައްޓަވައި ތަންޒީމުކުރެއްވުމުގައި މި ބައިގެ މުހިންމުކަން ވަރަށް ބޮޑެވެ. ދުނިޔޭގައި މާތް ﷲ ލައްވައިފައިވާ ޤުދުރަތީ ނިޒާމު ތަންޒީމުކުރެއްވުމުގައި މި ބައިތަކުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ﷲގެ ކުޅަދުންވަންތަކަމެވެ.

3.      ދުނިޔޭގެ އެންމެ ބޭރު ފަށަލަ (ލިތޯސްފިިއަރ):

ކުކުޅުބިސް ބުރަށް މި އޮންނަ ދުނިޔެއޭ މި ކިޔާ ބިމުގެ އެންމެ ބޭރުގައި މިވާ ހަރު ތަކެތީގެ ފަށާލައަކީ މިއީއެވެ. މީގެ ތެރޭގައި ހިލައާއި މައުދަނާއި ވެއްޔާއި ބިމުގެ އެކި ބައިތައް ހިމެނެއެވެ. ދުނިޔޭގައި މި ދިރިއުޅޭ މަޚުލޫގުން ދިރިދެމި ތިމުމަށް ޓަކައި ބޭނުންވާ އެކި އެކި ވަސީލަތްތައް މި ބައިން ލިއްބައިދެއެވެ. މިސާލަކަށް ތަފާތު މަޢުދަންތަކާއި ގޭސް ފަދަ ގުދުރަތީ ވަސީލަތްތަކެވެ.

4.      ދުނިޔޭގައިވާ ދިރުންތަކުގެ ބައި (ބަޔޯސްފިއަރ):

އިންސާނުން ވެސް ހިމެނޭހެން ދުނިޔޭގައި އެކުލެވޭ ހުރިހާ ދިރުންތަކެއް ހިމެނެނީ މި ބައިގައެވެ. ވިނަ ބިންތަކާއި ޖަންގަލިތަކާއި ބާލުތަކާއި ވާވަލާއި ސަހަރާއިތަކާއި ފެނުގެ ބައިތައް ވެސް މި ބައިގައި ހިމެނެއެވެ. މި ބައިގައި ހިމެނޭ އެންމެހައި ތަކެތި، އެކަތި އަނެކެއްޗާ ވަނީ ވަރުގަދަ ގުޅުމަކުން ގުޅި ލައިމެހިފައެވެ.

އިސްވެ ދެންނެވުނު ހަތަރު ބަޔަކީ ވެސް ހަގީގަތުގައި އޭގެ އެއްބައި އަނެއް ބަޔާ ވަރުގަދަ ގުޅުމަކުން ގުލީފައިވާ ބައިތަކެއް ކަމަށް ވާތީ ހަގީގަތުގައި ތިމާވެށި އެއީ ވަރަށް މުއައްގަދު އެއްޗެކެވެ. އެހެންކަމުން ތިމާވެށީގައި ހިމެނޭ ކޮންމެ ބަޔެއް ވެސް ވަނީ ކޮންމެވެސް ގޮތަކުން އެއް ބައެއް އަނެއް ބަޔަކާ ވަރުގަދަ ގުޅުމަކުން ގުޅި ލައިމެހިފައެވެ. ވީމާ، އިންސާގެ އެކިއެކި ޢަމަލުތަކުންނާއި އެ މީހުން ހިންގާ ޙަރަކާތްތަކުން މި ނިޒާމަށް އަންނަ ބަދަލުތަކަކީ ތިމާވެށްޓަށް އަންނަ ބަދަލުތަކޭ އަޅުގަނޑުމެން ކިޔަމުއެވެ. މީހުން އާބާދުވުމަށް ޓަކައްޔާއި އެކިއެކި ސިނާއީ ޙަރަކާތްތަކަށް ޓަކައި އިސްވެ ދެންނެވުނު ނިޒާމުގެ ތަވާޒުނު ގެއްލޭ ފަދަ ކަންތައްތައް ކުރުމަކީ ޚުދު އަޅުގަނޑުމެންގެ ދިރިތިބުމަށް ދެވޭ ގެއްލުމެކެވެ. އާބާދީއަށް އަންނަ ބަދަލާއި ބިންހިއްކުމާއި ޖަންގަލިތައް ސާފުކޮށް އާބާދުކުރުމާއި ފަރުބަދަތައް ކޮށައި ކޮނެ ބަދަލުތައް ގެނައުމުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރުތައް ކުރާނެއެވެ.

ހަގީގަތުގައި ތިމާވެއްޓަކީ ޤުދުރަތީ ގާނޫނުގެ ދަށުން ވަކި ތަރުތީބަކުން އަޅުގަނޑުމެންގެ ދުނިޔޭގެ ކަންކަން ތަންޒީމުކުރެއްވުމަށް ޓަކައި ޤުދުރަދުން އަޅުގަނޑުމެންގެ ވަށައިގެން ލައްވައި ތަންޒީމުކުރައްވައިފައިވާ އެންމެހައި ޠަބީޢީ އަދި މާއްދީ ތަންތަނާއި ތަކެއްޗެވެ. ގޭހާއި ކަނޑާއި ވަޔާއި ޖަންގައްޔާއި ވަޔާއި އަތްވާއި މޫދާއި ފަރުފަރާއި ގަލާއި ހިލައާއި ހުރިހައި ދިރުންތައް ހިމެނޭ ގޮތުންނެވެ. އެއީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ މާ މުއައްގަދު އިޞްޠިލާހެކެވެ. އަޅުގަނޑުގެ މި ވާހަކަކޮޅުން ތިމާވެއްޓާ ބެހޭ ކޮންމެވެސް ވަރެއްގެ ތަޞްވީރެއް ހިތްޕުޅުގައި ކުރައްސަވައިލެއްވިއްޖެކަމަށް އުންމީދުކުރަމެވެ.

_____________________

ބައެއް ލަފުޒުގެ މާނަ:

ބާލު:        އެއްވައްތަރެއްގެ ގިނަ ގަސްތަކެއް ހެދިފައިވާ ތަން

ތަވާޒުނު:     ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަ ނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން

Advertisement

ކޮމެންޓް