ad_banner
އީރާނުގެ މައްސަލަ: އެމެރިކާގެ ބާރުގެ ކޮޅުފަސް ފެންނަނީހެއްޔެވެ؟

ރިޢާޔަތު ޢަބްދުލްމަޖީދު

14 މާރިޗް 2026

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑުރޯނު ޙަމަލާތަކެއް އަރައިފައި

އީރާނުގެ މިހާރުގެ ކާރިސާއަކީ ހަމައެކަނި ސަރަޙައްދީ ކުރިމަތިލުމެއް ނޫނެވެ. މިއީ މުޅި ދުނިޔެއަށް ހުޅުވިފައިވާ ބާރުގެ އިމްތިޙާނެކެވެ. އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ފަންނިއްޔާތުގެ ރޮނގުން އެތައް ދަހަރެއްގެ ކުރިއެރުމާ އެކު ވެސް، އެމެރިކާއަށް މިއަދު ވަނީ ހަޤީޤަތަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ، ކިތަންމެ ވަރުގަދަ ބާރެއްގެ ވެސް އިންތަކެއް ހުންނަކަމުގެ ހަޤީޤަތެވެ.

އިޒުރޭލާ ގުޅިގެން އެމެރިކާއިން ފެށި މި ]ކެމްޕޭނަކީ[ އީރާނު ވަގުތުން މައިތިރިކޮށްލެވޭނެކަމަށް ބަލައި ފެށި ކަމެކެވެ. ނަމަވެސް، އީރާނުގެ ދައުލަތުން ދައްކަމުންދަނީ ހީނުކުރާ ފަދަ ސާބިތުކަމެކެވެ. މެދުއިރުމަތީގެ ހަ ޤައުމެއްގައި (ބަހްރޭން، ކުވެއިތު، ޤަޠަރު، ސައޫދީ އަރަބިއްޔާ، އުރުދުން އަދި ޔޫއޭއީ) ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ޑުރޯނުތަކާއި މިސައިލު ހަމަލާތައް ވަނީ އަމާޒުވެފައެވެ. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގެ ނާރެސްކަމުގައިވާ AN/FPS-132 އާއި AN/TPY-2 ރާޑަރު ނިޒާމުތައް ވަނީ ހަލާކުކޮށްލައިފައެވެ. ސެޓެލައިޓު ފޮޓޯތަކާއި މިނިވަން މީޑިއާތަކުގެ ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި، ދުރާލައި ހަމަލާތައް ދެނެގަތުމާއި މިސައިލްތައް ހުއްޓުވުމަށް އެމެރިކާއަށް އޮތް ގާބިލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މީގެ  އިސްތިރާޖީ ނަތީޖާ ވަރަށް ސާފެވެ. ރާޑަރު ނިޒާމުތަކާއި 'ތާޑް' (THAAD) މިސައިލުން ދިފާޢުވުމުގެ ނިޒާމު (މިސައިލް ޑިފެންސް ސިސްޓަމް)ތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެމެރިކާގެ ވައިގެ ސިފައިންނަށް ވަނީ ހަނގުރާމައިގެ މައިދާނާ ދުރަށް ޖެހޭން މަޖުބޫރުވެފައެވެ. މީގެ ސަބަބުން އީރާނުގެ މަތީން އުދުހޭ ބޯޓުތަކުގެ އަދަދު %35 އާއި %50 އާ ދެމެދުގެ މިންވަރަކަށް ވަނީ މަދުވެފައެވެ. ފަންނިއްޔާތުގެ ގޮތުން ކުރިއަރައިފައި އޮތް ނަމަވެސް، އޮޕަރޭޝަނަލް ހުރަސްތަކާއި، ހަނގުރާމަ ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު އޮތުމުން އެމެރިކާއަށް އެ މީހުން އެދޭ ނަތީޖާއެއް ނުނެރެވުނެވެ.

ތާރީޚީ ގޮތުން ބަލާ އިރު، އެމެރިކާގެ ބާރުވެރިކަމަކީ ހަމައެކަނި ހަނގުރާމަތަކުން ހޯދި އެއްޗެއް ނޫނެވެ. އެއީ އޭރު ދުނިޔެ އޮތް ހާލަތުގެ ނަތީޖާއެވެ. ވިހިވަނަ ގަރުނުގެ މެދުތެރޭގައި އެމެރިކާގެ ވާދަވެރިން ތިބީ ބަލިކަށިވެފައެވެ. ޔޫރަޕް އޮތީ ސުންނާފަތިވެފައެވެ. ޗައިނާ އޮތީ އެތެރޭގެ ހަމަނުޖެހުންތަކެއްގައެވެ. ސޯވިއެޓް ޔޫނިއަން އޮތީ އެކަހެރިވެފައެވެ. އެމެރިކާއިން އެ ދުވަހު ބޭނުންހިފީ އެ ހުސްކަމުގެއެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. އުފެދެމުން އަންނަ ބާރުތަކާއި ސަރަޙައްދީ ބާރުވެރީން މިއަދު ދަނީ ކުރީން ހީވެސްނުކުރާ މިންވަރަށް ނުފޫޒު ފަތުރަމުންނެވެ.

އީރާނުގެ މައްސަލައަކީ މިއަދުގެ ކަމެއްގެ އިތުރަށް ތާރީޚީ ފިލާވަޅެކެވެ. އެމެރިކާގެ އެކަނިވެރި ބާރުވެރިކަން އަލުން ގާއިމުކުރުމަކީ މިއަދުގެ މަލްޓި-ޕޯލާ (ގިނަ ބާރުތައް އެކުލެވޭ) ދުނިޔޭގައި ވާނެ ކަމެއް ނޫނެވެ. މުއްސަނދިކަމާއި، އަސްކަރީ ގާބިލުކަމާއި، ފަންނިއްޔާތަކީ ހުރިހައި ފަހަރަކު މުތުލަގު ކޮންޓުރޯލު ލިބޭނެ އެއްޗެއް ނޫންކަން އީރާނުން މި ވަނީ ސާބިތުކޮށްދީފައެވެ. މިއީ އެމެރިކާއިން އެ ގައުމުގެ ބާރުވެރިކަމާ މެދު އަލުން ވިސްނައިލާންޖެހޭ ވަގުތެވެ.

މި ކާރިސާގެ ސަބަބުން ދުނިޔޭގެ މަސްރަޙު މިހާރު ވެސް ދަނީ ބަދަލުވަމުންނެވެ. އިޤުތިޞާދީ ފިއްތުންތަކާއި، އައު އިއްތިހާދުތައް އުފެދުމުން އެނގެނީ 21 ވަނަ ގަރުނުގެ ނުފޫޒަކީ ހަމައެކަނި އަސްކަރީ ބާރެއް ނޫން ކަމެވެ. ދުނިޔޭގެ މައިދާނުގެ ހަބުގައި އޮތުމަކީ ހުރިހައި ކަމެއް ކޮންޓުރޯލުކުރެވޭނެކަމުގެ ގެރެންޓީއެއް ނޫނެވެ.

 

އެމެރިކާއަކީ އަދިވެސް ދުނިޔޭގެ މުހިންމު ބާރެކެވެ. ނަމަވެސް އީރާނުން ދައްކުވައިދިނީ ބާރުވެރިކަމުގެ ނިމުމެވެ. ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނީ، އެމެރިކާއިން ދުނިޔޭގެ އައު ނިޒާމަށް ހޭނި، އެކަނި  ކުރާ ވެރިކަމުގެ ބަދަލުގައި އެހެން ބާރުތަކާ އެކު، ބާރު ހިއްސާކުރާ މަންޒަރެވެ.

 

 

ބައެއް ލަފުޒުގެ މާނަ:

ހަބު        ނ.     (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. hub   

އިސްތިރާޖީ   ނއ.    މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

ފަންނިއްޔާތު  ނ.     (1) ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން ޢަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް. (2) ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމަޢަކަށް ލިބިގެންވާ ޢިލްމާއި ހުނަރު. technology   

ދަހަރު      ނ.     ދިހަ އަހަރު. decade

   

ކޮމެންޓު