ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ
10 މާރިޗް 2026
މި މާގާލު ލިޔުއްވި ލިޔުންތެރިޔާ: ކެޕްޓަން މުޙަންމަދު ޝަރީފު
މިލްކީވޭ ގެލެކްސީ:
ނިމުން އެނގުމެއް ނުވާ ބިލާދަރު މާސިންގާ ކައުނުގައި މިލްކީވޭ ގެލެކްސީ، އޭގެ އަމިއްލަ ބާރުދުވެލީގައި ދަތުރުކުރަމުން އޮވެގެން ދެއެވެ. ސިކުންތަކު 110 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ކޮންތާކަށްތޯއެވެ؟ ސުވާލެއްނުއުފެދޭ ވަރަށް ޖަވާބު ވެސް މިހާރުވަނީ ލިބިފައެވެ. ދަނީ ސީދާ އެންޑްރޮމެޑާ ގެލެކްސީއާ ދިމާއަށެވެ.
އެންޑްރޮމެޑާ ގެލެކްސީއަކީ މިލްކީވޭ ގެލެކްސީގެ ނިސްބަތުގައި ދެގުނަ ބޮޑު ގެލެކްސީއެކެވެ. މި ދެ ގެލެކްސީގެ ދެމެދުގައި ހުރީ 2.5 މިލިއަން އަލިއަހަރެވެ. މާނައަކީ ސިކުންތަކު ތިން ލައްކަ ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ އުޅަނދެއް މިލްކީވޭ ގެލެކްސީއިން ފުރައިގެންދާ ނަމަ، އެންޑްރޮމެޑާ ގެލެކްސީއަށް ފޯރާނީ 2.5 މިލިއަން އަހަރުންނެވެ. ނުވަތަ 4.5 ބިލިއަން ދުނިޔެވީ އަހަރުންނެވެ. މިލްކީވޭ ގެލެކްސީ، އެންޑްރޮމެޑާ ގެލެކްސީއާ މުޑިއަރާނެކަމީ ޒަމާނީ ސައިންސްގެ އަލީގައި ސުވާލު އުފެދޭ ކަމެއްނޫން އިނގޭތޯއެވެ. އެއަށް ފަހު މި ދެ ގެލެކްސީ ބޮޑުވެގެންވާ ލައިމެހުމަކުން މެހި، އެކަތި އަނެކައްޗާ ވަކިނުވާ ހިސާބަށް އެކުވެ މިލްކީވޭ ގެލެކްސީއާއި އެންޑްރޮމެޑާ ގެލެކްސީ ވުޖޫދުން ނެތިގޮސް އަލުން އައު ގެލެކްސީއެއްގެ ގޮތުގައި އުފަންވާނެކަމީ ވެސް ޒަމާނީ ޢިލްމަށް ސާބިތު ކަމެކެވެ. އަދި އެއަށް ފަހު އަލަށް އުފަންވާ އެ ގެލެކްސީގެ ނަމަކަށް ވާނީ [މިލްކްމީޑިއާ ގެލެކްސީ]އެވެ.
މިލްކީވޭ ގެލެކްސީގެ ބޮޑުމިނަކީ އެއް ފަރާތުން އަނެއް ފަރާތަށް މިނެލެވޭ ދިގުހުރަހުގައި (ޑައިމީޓަރު) 105700 އަލިއަހަރެވެ. 400 ބިލިއަނެއްހައި ތަރި ލިބިގެންވާ މި ގެލެކްސީ، ތަބަޢަވެގެން ޠަވާފުކުރަމުންދަނީ [ސެޖިޓޭރިއަސް]އޭ ކިޔާ ބޮޑު މާސިންގާ އަނދިރިވަޅެއް (ބްލެކްހޯލެއް)ގެ ވަށައިގެންނެވެ. މިސެޖިޓޭރިއަސްގެ ޑައިމީޓަރަކީ [އިވެންޓް ހޮރައިޒަން]އާ އެކު 60 މިލިއަން ކިލޯމީޓަރުއެވެ. މިއީ އާދަޔާ ޚިލާފު ވަރުގަދަ ހޫނުމިނެއްގައި ހޫނުކޮށްހުންނަ ގޭސް ތައް (ސުޕަރ ހީޓެޑް ގޭސް)، ބްލެކްހޯލްގެ ވަށައި އެނބުރެމުންދާ ހިސާބާ ވެސް އެކުގައެވެ. ބްލެކްހޯލްގެ އަނދިރި ވަޅުގަނޑުގެ ޑައިމީޓަރ އަކީ ގާތްގަނޑަކަށް 24.5 މިލިއަން ކިލޯމީޓަރެވެ. އަޅުގަނޑުމެންގެ އިރުގެ ދިގުރަހަކީ (ޑައިމީޓަރަކީ) 1.3927 މިލިއަން ކިލޯމީޓަރެވެ.
އަޅުގަނޑުމެންގެ އިރަކީ ވެސް މިލްކީވޭ ގެލެކްސީގެ 400 ބިލިއަނެއް ހައި ތަރިތަކުގެ ތެރެއިން ތަރިއެކެވެ. ގާތްގަނޑަކަށް 26000 އަލިއަހަރު ދުރުން ސެޖިޓޭރިއަސް ބްލެކްހޯލްގެ ފަލަކެއްގައި، މުޅިސޯލަރ ސިސްޓަމް ގޮވައިގެން، ސިކުންތަކު 236 ކިލޯމީޓަރު ބާރުމިނުގައި އަޅުގަނޑުމެންގެ އިރު ދައުރުކުރަމުން ދެއެވެ. ކޮންމެ ސިކުންތަކުން 236 ކިލޯމީޓަރު ބާރު ދުވެއްޔެއްގައި އަޅުގަނޑުމެންގެ ދުނިޔެ ވެސް ގޮވައިގެން އިރު، މިލްކީވޭ ގެލެކްސީގެ ތެރޭގައި ދަތުރުކުރަމުން ދެއެވެ. އަޅުގަނޑުމެން ނަށް ފަހެ މި ކަން އެނގޭބާވައެވެ.!!!

ހަމައެހެންމެ އުޑުމަތިސާފު ކަޅުފޮއި ރެއެއްގައި އުޑުމައްޗަށް ބަލައިލުމުން ފެންނަނީ ވިދައި ބަބުޅަމުންދާ ތަރިތަކެވެ. މި ތަރިތަކުގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ ތަރިއަކީ މިލްކީވޭ ގެލެކްސީގެ ތަރިތަކެވެ. އޭގެ އިތުރަށް އެންޑްރޮމެޑާ ގެލެކްސީގެ ބައެއް ތަރިތަކާއި އަދި މި ހިސާބުގަނޑުގައި ހުންނަ ބައެއް އެހެން ގެލެކްސީގެ ތަރިތައް ވެސް ފަނޑުފަނޑުކޮށް ކޮންމެވެސް ވަރަކަށް ބަބުޅަމުންދާ އިރު، އަދި ވަކީން ޚާއްޞަކޮށް މިލްކީވޭ ގެލެކްސީގެ ތަރިތައް ވަރަށް ބޮޑަށް ވިދައި ބަބުޅަމުންދާ ހިތްގައިމު، ރީތި މަންޒަރު ހަމަލޮލަށް ފެންނާނެއެވެ. ތަރިތައް ކައުނުގައި ލެއްވެވި މަގުސަދުތަކުގެ ތެރޭގައި ދުނިޔޭގެ އުޑު ބައްތިތަކަކުން ޒީނަތްތެރި ކުރެއްވުން ހިމެނޭކަން ކީރިތި ޤުރުއާންގެ މޫރިތި އާޔަތަކުން ފެންނާން އޮވެއެވެ. އާދެ! ސޫރަތުލްމުލްކުގެ ފަސްވަނަ އާޔަތެވެ. ﴿وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ﴾ (ސޫރަތުލްމުލްކު: ٥) . ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެ ކައިރި އުޑު زينةތެރިކުރެއްވީމެވެ. އަދި شيطانންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއްކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ شيطانންނަށް ނަރަކައިގެ عذاب ތައްޔާރުކުރެއްވީމެވެ.)
އިރު އޭގެ ފަލަކުގައި ބުރެއްޖަހާން ގާތްގަނޑަކަށް ދުނިޔެވީ އަހަރުގެ 230 މިލިއަން އަހަރު ހޭދަވެއެވެ. މި ގޮތުން ބަލާ އިރު، އިރުގެ ގެލެކްޓިކް އުމުރަކީ އެންމެ 20 އަހަރެވެ. އާދޭހެވެ! އުފެދުނީއްސުރެ (4.603 މިލިއަން އަހަރު) އިރަށް އޭގެ ފަލަކުގައި އަދި ޖެހުނީ ހަމަ އެކަނި 20 ބުރެވެ. އެފަލަކުގެ ހުރި ބޮޑުކަމާއެވެ!! މާތް ﷲގެ ކުޅަދުންވަންތަކަމާއެވެ!!
އިރުދަތުރު ކުރަމުން މި ދަނީ ކޮންތާކަށް ބާވައެވެ!؟. މި ވާހަކަ ދީނީ އެއްވެސް ފޮތެއްގައި އެބަ އޮތްބާވައެވެ!؟ އާދޭހެވެ! ދީނީ އެންމެ ފޮތުގައި އެ ވާހަކަ އެބަ އޮތެވެ. ވަރަށް ފުރިހަމަޔަށް އަންގަވައިފައި އެބަ އޮތެވެ. އެއީ ކީރިތި ޤުރުއާނުގައެވެ! [ސޫރަތު ޔާސީން]ގެ 38ވަނަ އާޔަތެވެ!
﴿وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴾ (ސޫރަތު ޔާސީން:٣٨) ( އަދި އިރު، އެއަށް ކަނޑައެޅި قرارވަނިވި ތަނަކަށް ދާނދެން ހިނގަހިނގައި ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވައިފައިވާ ގޮތެވެ.)
އިރު ވަރަށް ބާރު މިނެއްގައި ދަތުރުކުރަމުންދަނީ އެ އިރުގެ އަޖަލާ ދިމާއަށެވެ. އާދޭހެވެ! އެ އިރުގެ ނިމުމާ ދިމާއަށެވެ. އިރަކީ ނިއުކްލިއަރު ފިއުޝަނެކެވެ. ނުވަތަ ނިއުކްލިއަރު އުނދުނެކެވެ. ގަބޫލު ކުރެވޭ ގޮތުގައި މިހާރުދެން އިރުގައި ހުރީ ގާތްގަނޑަކަށް 4.5 ބިލިއަން އަހަރު އަނދާހައި ހަކަތައެވެ. އަދި ހަމަ އެ އިރު އެންޑްރޮމެޑާ ގެލެކްސީއާ ހަމައަށް ފޯރާނީވެސް ހަމަ 4.5 ބިލިއަން އަހަރުންކަން ޢިލްމީ ގޮތުން ސާބިތުވެއެވެ. އެހެންވީމާ، އެހައި ބާރުމިނެއްގައި އިރު ދަތުރުކުރަމުން އެ ދަނީ އިރުގެ ނިމުމާ ދިމާއަށްކަމީ ސައިންޓިފިކް ގޮތުން ފުށުއަރާ ބަޙުސެއް ނޫން އިނގޭތޯއެވެ. އެއީ ސައިންޓިފިކް ހަގީގަތެކެވެ. (ފެކްޓެކެވެ.) ކިތަންމެ ބާރުމިނެއްގައި އަޅުގަނޑުމެންގެ މި ސޫރުދަ ނިޒާމް (ސޯލާސިސްޓަމް) ދަތުރުކުރަމުން ދިޔަކަމުގައިވީ ނަމަވެސް ދަތުރުކުރަމުންދާނީ މިލްކީވޭ ގެލެކްސީގެ ތެރޭގައި ލާހޫރެމަކުންނެއް ނޫން އިނގޭތޯއެވެ. ވަރަށް ފުރިހަމަ ނިޒާމެއްގެ ތެރެއިން ގޯލްޑިލޮކްވެ (އެ ނިޒާމަކަށް ރައްކާތެރިވެ ހުރުމަށް ޓަކައި ބޭނުންވާ ހުރިހައި ކަމެއް ފުރިހަމައަށް ލިބޭ ދުރުމިނެއްގައި ރައްކާތެރިކަން މަތީ ހުރެގެން)، އަދި ލަގްރާންޖްވެ (ވަށައިގެންވާ ޖާޒުބިއްޔަތުގެ (ދަމާބާރު ތަކުގެ) ސަބަބުން ހިފެހެއްޓިފައި ހުރެ)ގެންނެވެ. ކައުނުގައި ދަތުރުކުރަމުން މި ދާ ގެލެކްސީ ތަކާއި، ތަރިތަކާއި، ފަލަކުތައް ކައުނުގައި އެއެއްޗެއް ދަތުރުކުރާ ނިޒާމެއްގެ ތެރޭގައި އިސްވެ ބަޔާންކުރެވުނު ފަދައިން ގޯލްޑިލޮކްވެ އަދި ލަގްރާންޖްވެ ފުރިހަމަ ނިޒާމެއްގައި ދަތުރުކުރަމުންދާ ދިޔުން އެ ގޮތުގައި ހިފެހެއްޓިފައިވާ މައިގަނޑު އަސާސަކީ އެ މާޙައުލެއްގެ ޖާޒުބިއްޔަތުގެ ބާރާއި އިލެކްޓްރޯ މެގްނެޓިކް ބާރުތަކާއި [ޑާރކު މެޓަރ]އާއި ޑާކުއެނާރޖީއެވެ. ދެންނެވުނު އަސާސްތަކުގެ މައްޗަށް ކައުނުގައިވާ ކާއިނާތު ތަބަޢަވުން ލާޒިމްކުރުވާކަމީ ކޮސްމޮލޮޖިކަލް ގޮތުން ސާބިތުވާ ޢިލްމީ ޙަގީގަތެކެވެ. ގްރެވިޓޭޝަނަލް ފޯސް (ދަމާ ބާރު)އާއި [އިލެކްޓްރޯ މެގްނެޓިކް ފޯސް]އާއި [ޑާރކު މެޓަރ]އާއި [ޑާކު އެނާޖީ]އަކީ އިންސާނާގެ ލޮލަށް ފެންނަ ކަހަލަ މާއްދީ ބާރުތަކެއްނޫނެވެ. ނަމަވެސް ޢިލްމީ ގޮތުން ސާބިތުވާ ހަގީގީ ބާރުތަކެކެވެ. ކާޢިނާތު ހިފެހެއްޓެވުމަށް ޓަކައި ކާއިނާތު ޚަލްޤުކުރެއްވި ފަރާތުން ލައްވައިފައިވާ ބާރުތަކެކެވެ!
ސޫރަތުލް ލުޤްމާނުގެ 10 ވަނަ އާޔަތާއި ރަޢުދު ސޫތަރުގެ ދެވަނަ އާޔަތުގައި އެކަން އަންގަވާފައި ވެއެވެ. ސުބުޙާނަﷲ އެވެ!!!؟
)خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيم (ސޫރަތު ލުޤުމާނު:١٠) ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހައި ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ.(
އަދިވެސް މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ ﴾ (ސޫރަތުއްރަޢުދު: 2)
( [ﷲ އީ ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ.])

ކީރިތި ޤްރުއާންގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި ވާހަކަ ޒިކުރުކުރައްވައިފައިވަނީ މުޅި އެކު ދެއާޔަތުގައެވެ. އިސްވެ ދެންނެވުނު ދެ އާޔަތުގައި އެންމެ ޙައިރާންކުރުވަނިވި އެއް ކަލިމައަކީ (بِغَيْرِ عَمَدٍ تَرَوْنَهَا) [ނުފެންނަ ތަނބު] މި ކަލިމައެވެ. ކައުނާއި ކާއިނާތު ހިފެހެއްޓެވުމުގައި ލޯތަކަށް ނުފެންނަ ބާރުތަކެއް (ތަނބުތަކެއް)ގެ ސަބަބުން ހިފެހެއްޓިފައިވާނެ ވާހަކަ މީގެ 1400 އަހަރު ކުރީން ކީރިތި ޤުރުއާނުގައި ވަނީ މީސްތަކުންނަށް އެ ކަން އަންގަވައި ދެއްވައިފައެވެ. [ނުފެންނަ ތަބުތަކަކުން] މި ކަލިމަ ޒިކުރުކުރައްވައިފައި މި ވަނީ ޖަމްޢުގެ ސީޣާއިންކަމަށްވާތީ ކައުނާއި ކާޢިނާތު ހިފަހައްޓަވައިފައި ވަނީ ލޮލަށް ނުފެންނަ އެތައް ބާވަތެއްގެ ތަނބުތަކަކުންކަން ވަރަށް ސާފުކޮށް އަންގަވައިފައިވާކަން އިންސާނާ ޙައިރާންކުރުވައެވެ. އިސްވެ ބަޔާންކުރެވުނު ދެއާޔަތުގައި عَمَدٍ (ޢަމަދިން)ނޭ ޒިކުރުކުރެއްވުމުން ގިނަ ތަނބުތަކެއް ކައުނާއި ކާޢިނާތު ހިފެހެއްޓެވުމުގައި ލައްވައިފައިވާކަން އެނގެއެވެ. އަދި ކައުނާއި ކާޢިނާތު އެއީ ﷲ ސުބްޙާނަހޫ ޥަތަޢާލާ ކުރައްވާފައި ބިނާއެއްކަން ކީރިތި ޤުރުއާނުން ސޫރަތުއްޒާރިއާތުގެ 47ވަނަ އާޔަތުން އެނގޭން އޮންނަ އިރު ކައުނާއި ކާއިނާތަކީ ޢިލްމީގޮތުން ވެސް ވަރުގަދަ ބިނާއެއްކަން ސާބިތު ވެއެވެ. ތަނެއް ބިނާކުރާ ނަމަ ތަނބުޖެހުން ލާޒިމުކުރުވައެވެ. އެހެނީ އެ ބިނާ ވެއްޓިދާނެތީ ހިފެހެއްޓުމުގެ ގޮތުންނެވެ. ވީހިނދު ކައުނާއި ކާއިނާތު ހިފެހެއްޓެވުމަށް ޓަކައި މީސްތަކުންގެ ލޮލަށް ނުފެންނާނެ ގޮތަށް ތަނބުތަކެއް ލައްވައިފައިވާކަމީ ޒަމާނީ ސައިންސަށް ކަށަވަރު ކަމެކެވެ! ސުބުޙާނަﷲ އެވެ.!!!
[ޑާރކުމެޓަރ]އާއި ޑާރކު އެނާރޖީ އަކީ ކައުނާއި ކާއިނާތުގެ ގްރެވިޓޭޝަނަލް ފޯސް އެއްގޮތަކަށް ތަތްކޮށްލެވިފައި އަދި ވަކި މިންވަރަކަށް ވުރެބާރު މިނުގައި ނޫނީ ފެތުރެމުން ނުދެވޭގޮތަށް ކޮންޓްރޯލުކުރުވާ އަދި ވިއްސިވިހާލިވެގެން ދިޔަނުދީ ހިފަހައްޓައިދޭ އެންމެވަރުގަދަ، އަދި ލޮލަށް ނުފެންނަ އެއް މާއްދާ އެކެވެ. [ޑާރކުމެޓަރ]އާއި [ޑާރކު އެނާރޖީ] ނުވާ ނަމަ ކައުނު އުފެދުމާ އެކު މުޅި ކައުނާއި ކާޢިނާތު ވަކިވަކިވެގެން އެއްވެސް ހަމައެއް ލަމައެއް ނެތި ވިއްސިވިހާލިވެގެން ދާނެ ކަމީ ކޮސްމޮލޮޖިކަލް ސައިންސަށް ސާބިތު ކަމެކެވެ. އާނއެކެވެ! އެ ޒަމާނަކީ އިންސާނާއަށް މި ފަދަ ޢިލްމެއް ހޯދިފައިނުވާ އެ ފަދަ ޢިލްމެއް އުފަންކުރުވަނިވި އެއްވެސް ޤާބިލްކަމެއް ނުވާ ޒަމާނެކެވެ. އެހެންވީމާ ކައުނާއި ކާއިނާތު ހިނގަމުން މިދާ މިހައި ފުރިހަމަ ނިޒާމެއް ލައްވައިފައިވާނެކަމުގެ ޢިލްމީ ޙަގީގަތް ބަޔާންކޮށްދެއްވާން ހަމައެކަނި ދެނެވޮޑިގެންވާނެފަރާތަކީ ކައުނާއި ކާއިނާތު ޚަލްޤުކުރެއްވި ނުވަތަ ވުޖޫދުކުރެއްވި ފަރާތް ފިޔަވައި ދެވަނަ ފަރާތެއް ނޫންކަމީ، ކަންކަމުގައި ފުންކޮށް ވިސްނާ އަމިއްލަ ނަފުސަށް ތެދުވެރި ކޮންމެ ސަލާމަތް ބުއްދިއެއް ގަބޫލުކުރާން ލާޒިމްކުރުވާނެ ޙަގީގަތެވެ.
﴿الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ (ސޫރަތު އާލުޢިމްރާނު:١٩١) (އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެ ތިބެގެންނާއި، އޮށޯވެ ތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާ މެދު، ފިކުރުކޮށްއުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި ތަކެތި ހައްދަވައިފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذابން އަޅަމެން ދިންނަވާނދޭވެ!)
ހަމަ މިފަދައިން ކައުނާއި ކާއިނާތާއި މެދު ފުންކޮށް ވިސްނައި ފިކުރުކުރާމީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހިދާޔަތް ލިބޭނެކަން ވަރަށް ސާފުކޮށް އާލު އިމްރާނު ސޫރަތުގެ 191ވަނަ އާޔަތުން ވެސް އެނގެއެވެ. ވީހިނދު ފަލަކީ ޢިލްމަކީ މުސްލިމުންގެ ޢަޤީދާ ވަރުގަދަ ކޮށްދޭ އެއް ޢިލްމުކަމާ މެދު، ބަޙުސަކަށް ޖާގައެއް ނެތެވެ. ފަލަކީ އިލްމާ ގުޅޭ މައުލޫމާތު ގިނަގިނައިން ވިދާޅުވާށެވެ. އެހެނީ ކީރިތި ޤުރުއާނުގައި ކައުނާއި ކާޢިނާތު ޚަލްޤްކުރެއްވުމާ ގުޅޭ ގޮތުން ވަރަށް ގިނަ އާޔަތްތަކުގައި އެ ވާހަކަތައް ވަރަށް ތަފުޞީލުކޮށް ޒިކުރުކުރައްވައިފައިވާކަމީ ފާޅުކަން ބޮޑު ގޮތެއްގައި، މެންދުރުގެ އިރު ފަދައިން އެ ކަން ދަންނަ ބަޔަކަށް ފެންނާން ހުރި ޙަގީގަތްތަކެކެވެ.