ad_banner
ފަލަކީ ޢިލްމުގެ ތެރެއިން . . . ހަނދުމަސް ސާބިތުކުރުން (1)

ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ

18 މާރިޗް 2026

ފަލަކީ ޢިލްމަކީ...!

ކުރުކޮށް ދަންނަވާނަމަ ފަލަކީ ޢިލްމަކީ ކައުނީ ޢިލްމެވެ. ކައުނުގައި ކާއިނާތު ވުޖޫދުވި ގޮތެވެ. ގެލެކްސީ ތަކެވެ. އެ ގެލެކްސީތަކުގައިވާ ހުރިހައި ނިޒާމުތައް ޚަލްޤުކުރެއްވެވި ގޮތްތަކެވެ. އެ ނިޒާމުތަކުގެ ޙަޔާތެވެ. އަދި ދައުރާނާ ވެސް މެއެވެ. ނަމަވެސް މި މައުޟޫގައި ފަލަކީ ޢިލްމު އަޅުގަނޑު މި މާނަކުރާ މުސްތަލަޙްތަކަކީ ވަރަށް ބޮޑަށް މަޙުދޫދުކުރެވިފައިވާ، ފަލަކީ ޢިލްމްގެ ތެރެއިން ވަރަށް ކުޑަ މިންވަރެއްގެ ދާއިރާ އެކެވެ. އެ ގޮތުން ފަލަކީ ޢިލްމުގެ މި މަގާލުގައި އަޅުގަނޑު ގެންނަނީ އިރުހަނދާއި ތަރިތަކުގެ ދައުރާނާއާ ގުޅޭ ގޮތުންނެވެ. އިރުހަނދާއި ތަރިތައް މާނަކުރުމުގައި (ޕްލެނެޓް) ގުރަހަތައް ޝާމިލުކޮށްގެންނެވެ. ވީމާ މިޙާލަތުގައި ފަލަކީ ޢިލްމުގެ ތެރެއިން އިރުހަނދާއި ތަރިތަކުގެ ދައުރާނާގައި މި ކައުނީ ޖިސްމުތައް އުދަވާ ވަގުތުތަކާއި މެރިޑިއަންއަށް (ބޯމައްޗަށް) އަންނަ ވަގުތާއި އޮއްސޭ ވަގުތު، އަދި ވަކީން ޚާއްސަކޮށް އިރާއި ހަނދު އިޤްތިރާންވާ ވަގުތު ދެނެގަތުމެވެ.

ފަލަކީ ޢިލްމާ ގުޅޭ ގޮތުން ދެކެވޭ ޚުރާފީ ބައެއް ވާހަކަ:

ފަލަކީ ޢިލްމުން ހަނދު މަސް ސާބިތުކުރުމާ މެދު، ވަރަށް ތަފާތު ގޮތްގޮތަށް ވާހަކަތައްދެއްކެމުންދާކަމީ ފެންނަމުންދާ ހަގީގަތެކެވެ. އެކި މީހުން ވާހަކަދައްކަނީ އެކި ގޮތަށެވެ. ކޮންމެ މީހަކުވެސް އެ މީހެއްގެ ޢިލްމީ ޤާބިލްކަން ހުރި ވަރަކުން އެ ވާހަކަތައް ދައްކާނެތާއެވެ!

ބައެއް ބޭފުޅުން ވިދާޅުވެއެވެ. [ތިމަންނަ ބަލަހައްޓައިގެން ހުއްޓައި އިރު އޮއްސުމުން، ގެއަށް ގޮސް ބަލައިލާ އިރު، ނަމާދަށް ގޮވަނީ އިރު އޮއްސުނުތާ ތިން މިނެޓު ފަހުންނެވެ.] އެހެން އެ ގޮތަށް އެ ދިމާވަނީ ފަލަކީ ހިސާބަކީ، އަންދާސާކޮށްގެން ހަދާ ޙިސާބަކަށް ވާތީ، ހަމަޔަގީނުން ވެސް އިރުއޮއްސޭނެކަން ކަށަވަރުވާނެ ވަގުތު ބަލައިފައި ބަންގިގޮވަނީއެވެ.

އެންމެ ރަނގަޅެވެ! އެހެންކަމަށްވާ ނަމަ، އެ ވިދާޅުވާ ކަށަވަރުކަން ކަނޑައަޅައި ބަލާނެ މިންގަނޑުގެ އަސާސަކީ ކޮބައިހެއްޔެވެ؟

ޖަވާބަކީ އެހެން އެވިދާޅުވާ ވިދާޅުވުން ފިޔަވައި އެއްވެސް އަސާސެއް ނެތެވެ. އިރުއޮއްސޭތާ ތިން މިނެޓު ފަހުން ބަންގިގޮވާ ނަމަ، ޖަވާބު ހޯއްދަވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ސުވާލުކުރެއްވިންތޯއެވެ؟ އެކަމުގައި އެންމެ ފުރިހަމަ ޖަވާބެއް ދެއްވޭން  އޮންނާނީ އެ ވުޒާރާއަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ވުޒާރާއާ ސުވާލުކުރެއްވިންތޯއެވެ؟ ޖަވާބަކީ އަދި ނުކުރައްވައެވެ.

ފަލަކީ ޙިސާބަކީ އެ ވިދާޅުވާ ކަހަލަ އަންދާސީހިސާބެއްކަމަށްވާ ނަމަ އެ ފަދަ ހިސާބެއްހަދައިގެން ފިލާއަޅައިގެން ދަތުރުކުރަމުންދާ އިރު، ތިމާމެން ދާން ބޭނުންވާ ރަށާ 180 ނޯޓިކަލް މޭލު ދުރުން ނޫން ގޮތަކަށް އެންމެ ފަހަރަކު ވެސް ނުދެވޭނެ އިނގޭތޯއެވެ! އެއީ ފިލާ އަޅައިގެން ދަތުރުކުރާ އިރު ހަދާ ފަލަކީ ޙިސާބަކީ އެ ގޮތަށް އަންދާސާ ކޮށްގެން ހަދާ ޙިސާބެއްކަމަށް ވެފައި ތިން މިނެޓެއްގެ ތަފާތު އެ ޙިސާބުހެދުމުގައި ގެންގުޅޭ ނަމައެވެ. ތިން މިނެޓްގެ ވަގުތަކީ ފަލަކީ ޙިސާބުން ނަމަ 180 ނޯޓިކަލް މޭލެވެ. ވީމާ ދާން ބޭނުންވާ ތަނަށް ދެވޭ ނަމަ، ދެވޭނީ ބެހިގެން އިނގޭތޯއެވެ. އެހެނީ މައްސަރުގެ ދުވަސް ހޯދުމާއި ވަގުތު ދެނެގަތުމާއި އެ ނޫނަސް އެ ފަދަ ކަންކަމުގައި ހަދާ ޙިސާބާއި، ދަތުރުކުރާ އިރު، (އުޅަނދު ހުންނަ ތަން) ޕޮޒިޝަން ދެނެގަތުމަށް ޓަކައި ފިލާއަޅައިގެން އެފިލާ ސާފުކުރުމަށް ޓަކައި ޑޭޓާ ނަގާ އެއް ފޮތަކީ ނޯޓިކަލް އަލްމަނަކްކަމަށްވާތީއެވެ.

ދެން ވިދާޅުވަމުން ގެންދަވާ އަނެއް ވާހަކައަކީ ފަލަކީ ޙިސާބުން ހަނދު ނުފެންނާނެކަމަށް ބުނެފައިވާ އެތައް ފަހަރަކު ހަނދު ފެނިފައިވާ ވާހަކައެވެ. އެ ވާހަކައަކީ ވެސް ޢިލްމީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. ފުރަތަމަ ކަމަކީ ފަލަކީ ޙިސާބަކީ ހަނދު ފެނޭތޯ ނުވަތަ ނުފެނޭތޯ ހަދާ ޙިސާބާކަށް ނުވާތީއެވެ. ފަލަކީ ޙިސާބުން ހޯދަނީ އިރާއި ހަނދު އިޤްތިރާން (ކޮންޖަންކްޝަން ނުވަތަ މާރަހަވުން ނުވަތަ އެއްއުއި ވުން)ވާ ވަގުތާއި، އިރާއި ހަނދާ ކުރެން ކުރީން އޮއްސޭނީ ކޮން އެއްޗެއްތޯ ބެލުމުގެ ޙިސާބެވެ. ލޮލަށް ހަނދު ފެނޭތޯ ނުފެނޭތޯ ޢާއްމު ގޮތެއްގައި ބަލާނީ މޫސުމާ ގުޅޭ ޙިސާބުތަކުންނެވެ. ނުވަތަ މީޓިއޮރޮލޮޖިކަލް ކަލްކިއުލޭޝަން ތަކުންނެވެ. ވީމާ މި ކަމުން ވެސް އެނގި ހާމަވަނީ ފަލަކީ ޙިސާބާ ގުޅޭ ގޮތުން ވާހަކަތައް އެކި ގޮތްގޮތަށް ދައްކަވާ ބޭފުޅުންގެ މަޢުލޫމާތުގައި ހުރި އުނިކަމެވެ. ދެނެވަޑައިނުގަންނަވާ މައުޟޫޢުތަކާ މެދު ވެސް ވާހަކަފުޅުދައްކަވަމުން އެ ކަން އެހެން މީހުންލައްވައި ވަކި ގޮތްތަކަކަށް ޤަބޫލުކުރުވުމަށް ޓަކައި އަމިއްލަ ވިސްނުންފުޅު ނުފޯރާ ހިސާބުގެ ދޮގު މަޢުލޫމާތު ވެސް ފަތުރުއްވަމުން ގެންދަވަނީކަމެވެ. އަދި އެ ވާހަކަތައް ވިދާޅުވަމުން ގެންދަވާ އިރު، ބޮޑެތިބޮޑެތި ޢިލްމު ވެރީންނާ ވެސް ޙަވާލާދެއްވައިފައި ފަލަކީ ޢިލްމާ ގުޅޭ ގޮތުން  ރޯބުހުތާނު ދޮގުތައް އެބަ ހައްދަވައެވެ. ޙަގީގަތަކީ އެ ވިދާޅުވާ އެއްވެސް ޢިލްމުވެރިއަކު ފަލަކީ ޢިލްމު އުފެދުމުގެ ފަހުން ދުނިޔޭގައި އުޅުއްވައިފައެއް ނެތެވެ. 

ކަރުނާމާޓަރު (ކްރޮނޯމީޓަރ)

ވަރަށް ސާފެވެ. އެ ޙަވާލާދެއްވާ ޢިއްޒަތްތެރި ޢިލްމުވެރީން ދުނިޔޭގައި އުޅުއްވި ތާރީޚުތަކަށް ބަލައިލަމާތޯއެވެ. 

އިމާމް އަބޫ ޙަނީފާ (699-767 މ، 80-150 ހ.)

އިމާމް މާލިކް (711-795 މ، 93-179 ހ)

އިމާމް ޝާފިއީ (767-820 މ، 150-204 ހ)

އިމާމް އަޙްމަދު ބިން ޙަންބަލް (780-855 މ، 164-241 ހ)

މިއީ ތާރީޚީ ގޮތުން ފެންނާން ހުރި ސާބިތު ހެކިތަކެވެ.

ފަލަކީ ޙިސާބުޖަހާން ފެށުމާ އެންމެ ކައިރި ތާރީޚެއްގައި އުޅުއްވި، އެ ބޭފުޅެއްގެ ރައުޔާއި ބަސްފުޅުތަކަށް އެތައް ގިނަ ޢިލްމުވެރީން ޙަވާލާދެއްވާ އެއް ބޭފުޅަކީ އިބުނު ތައިމިއްޔާއެވެ. އިބުނު ތައިމިއްޔާ އުޅުއްވައިފައިވަނީ 1263 ސެޕްޓެންބަރު 26އިން 1328 ޖަނަވަރީ 22އަށެވެ. (10 ރަބީޢުލްއައްވަލު 661އިން 20 ޒުލްޤައިދާ 728) އަދި އިބުނު ތައިމިއްޔާގެ އެއްވެސް ލިއުއްވުމެއްގައި [ޢިލްމުލްފަލަކު] ނުވަތަ ފަލަކީ ޢިލްމާ ގުޅޭ އެއްވެސް ވާހަކައެއް ގެންނަވައިފައި ނުވާކަމީ މެންދުރުގެ އިރު ފަދަ ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ހުރި ޙަގީގަތެކެވެ. ނަމަވެސް [ޢިލްމުއްތަންޖީމް، ނުވަތަ މުނައްޖިމު] މި ގޮތަށް ޒިކުރުކުރައްވައިފައި ހުރެއެވެ.

ޢިލްމުއްތަންޖީމަކީ ފަލަކީ ޢިލްމެއް ނޫނެވެ. އެއީ ނުޖޫމީ ޢިލްމެވެ. އިނގިރޭސި ބަހުން ދަންނަވާ ނަމަ އެސްޓްރޮލޮޖީއެވެ. އެސްޓްރޮނޮމީއެއް ނޫނެވެ. ފާހަގަކޮށްލެވޭ އަނެއް ނުކުތާއަކީ ދުނިޔޭގައި މިހާރު މި ޖަހާ ފަލަކީ ޙިސާބު މި ގޮތަށް (ނޯޓިކަލް އަލްމަނަކް ބޭނުން ކޮށްގެން) ޖަހާން ފެށި ތާރީޚަށް ބަލާ އިރު، އޭގެ 439 އަހަރު ކުރީން އިބްނު ތައިމިއްޔާ ވަނީ މި ދުނިޔެ ދޫކުރައްވައިފައެވެ. އެހެނީ ދުނިޔޭގައި މިހާރު މި ޖަހާ ގޮތަށް ފަލަކީ ޙިސާބުޖަހާން ފެށީ  މީލާދީ ސަނަތުން  1767ގައެވެ. އެހެންވީ އިރު ދުނިޔެ ދޫކުރައްވައިފައި ވަޑައިގަންނަވާތާ 439 އަހަރު ފަހުން ދުނިޔޭގައި ބަޔަކު މި ގޮތަށް ފަލަކީ ހިސަބުހަދާނެ ވާހަކަ ވިދާޅުވެފައިވެދާނެކަމަށް ޤަބޫލުކުރުމަކީ ހަމަ ގައިމުވެސް އެ ޙަވާލާދެއްވާ ބޮޑެތި ޢިއްޒަތްތެރި ޢިލްމުވެރީންނަށް ކުރެއްވޭ، ވަރަށް ބޮޑު ބޭއިޙްތިރާމަކަށްނޫނީ ނުވާނެއެވެ.           

ފަލަކީ ޙިސާބަކީ ހަމަ މީހަކު ހިތަށް އަރާ ހައި ގޮތަކަށް ޖެހޭ އެއްޗެއް ވެސް ނޫން އިނގޭތޯއެވެ. ކޮންމެ ކަމެއް ކުރާން ވެސް ވަސީލަތްތައް ބޭނުންވާނެ ފަދައިން ފަލަކީ ހިސާބެއް ހަދާން ވެސް ވަރަށް ފުރިހަމައަށް، ބަރާބަރަށް، ހަމަޔަށް، ހިނގާ ގަޑިއެއް ވުޖޫދުވާންޖެހެއެވެ. ނަމަވެސް ކުރީ ޒަމާނުގައި އާދެ 1767 މީލާދީ ސަނަތުގެ ގެކުރީގައި ދުނިޔޭގައި އެފަދަ ހަމަ ގަޑިއެއް އުފަންކުރެވިފައެއްނުވެއެވެ.

އެންމެ ފުރަތަމަ ޕެންޑިއުލަމް ކްލޮކެއް ނުވަތަ ޗާބިދޭ ގަޑިއެއް ދުނިޔޭގައި އުފަންކުރެވުނީ 1656މ.ގައި، ކްރިސްޓިއާން ހުއެޖީންސް ނަމަކަށް ކިޔާ ޑަޗްގެ ސައިންޓިސްޓަކަށެވެ. ނަމަވެސް މި ގޮތަށް ގަޑިއެއް އުފެއްދުމުގެ އެންމެ މުހިންމު އެއް ބާނީއަކީ ގެލީލިއޯ އެވެ. ގެލީލިއޯ އެޅި ބިންގަލުގެ މައްޗަށެވެ. ގެލީލިއޯއަކީ އިޓަލީ ސައިންޓިސްޓެކެވެ. 1642މ. ގައި ގެލީލިއޯ ނިޔާވި އިރު އޭނާއަށް ވަނީ މި ގަޑި އެންމެ ފުރިހަމަކޮށް ނިންމައިނުލެވިއެވެ. ނަމަވެސް ކްރީސްޓިއާން ހުއެޖީންސް، ގެލީލިއޯގެ އެ މެކޭނިޒަމް ރަނގަޅަށް ދިރާސާކުރުމަށް ފަހު ކާމިޔާބުކަމާ އެކު، ދުނިޔޭގެ މި ބާވަތުގެ ފުރަތަމަ ގަޑި އީޖާދުކުރިއެވެ. އެކަމަކު މި ބާވަތުގެ ގަޑިއަކީ ވެސް ފަލަކީ ޢިލްމުގެ ޙިސާބުޖަހާން  ބޭނުންކުރެވޭ ވަރުގެ ގަޑިއަކަށް ނުވިއެވެ. ސަބަބަކީ ގަޑީގެ ނަހަމަކަމެވެ. ގަޑި ލަސް ވުމާއި އަވަސްވުމެވެ. އެސްޓްރޯނޮމިކަލް ކަލްކިއުލޭޝަން ނުވަތަ ފަލަކީ ޙިސާބެއް ހެދޭނީ ވަރަށް ހަމަ ގަޑިއެއް ބޭނުންކުރެވިގެންނެވެ.

އޭގެ ފަހުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯން ހެރިސަން، ސާޅިހަކަށް އަހަރު ކުރި މަސައްކަތުން 1761މ.ގައި ދުނިޔޭގެ އެންމެ ފުރަތަމަ ކްރޮނޯމީޓަރ، އާދެ ދިވެހިން މިކިޔާ "ކަރުނާމާޓަރު" އީޖާދުކުރިއެވެ. ކްރޮނޯމީޓަރއަކީ ވަރަށް ހަމަކޮށް ހިނގާ ގަޑިއެކެވެ. ތިރީސް ދުވަހުން ސިކުންތެއް ލަސްވާ ނަމަ އަބަދު ވެސް ހަމަ ކޮންމެ 30 ދުވަހަކުން އެއްސިކުންތު ލަސްވާނެއެވެ. ތަފާތުވުމެއް ނާންނާނެއެވެ. އިނގިރޭސި ވިލާތުގެ ގްރީންވިޗްގައި މި ގަޑި  ބޭނުންކޮށްގެން ފަސް އަހަރުގެ ފަލަކީ ދިރާސާއަކަށް ފަހު،  އެންމެ ފުރަތަމަ ނޯޓިކަލް  އެލްމަނަކް 1766ގައި ނެރުނެވެ. އެއީ 1767ގައި ބޭނުން ކުރެވޭ ގޮތަށެވެ. އަޅުގަނޑުމެން މިހާރު މިހަދާ ފަލަކީ ޙިސާބުގެ ޑޭޓާ ނަގަމުން ގެންދަނީ ދެންނެވުނު ނޯޓިކަލް އަލްމަނަކުންނެވެ. ވީހިނދު ބަޔަކު މީގެ ދެ ހާސް ނުވަތަ ތިން ހާސް އަހަރު ކުރީން ވެސް ހަމަ މިހާ ދަގީގު ކޮށް ފަލަކީ ހިސާބު މިވެނި ބަޔަކު ޖެހިޔޭ ބުނާ ބުނުމަކީ ޢިލްމީ ގޮތުންނާއި ތާރީޚީ ގޮތުން އެއްވެސް އޮއްޓަރެއް ހުރި ވާހަކަ އެއް ނޫނެވެ. އެ ބުނާ ޒަމާނެއްގައި ހަމަ މިހާ ދަގީގުކޮށް، ފަލަކީ ޙިސާބުޖެހިކަމަށް ބުނާ ނަމަ އެ ޒަމާނެއްގައި ފަލަކީ ޙިސާބު ޖެހި ދަގީގު ގޮތާއި އަދި ހަމަ އެހެންމެ މި ޒަމާނުގައި ފަލަކީ ޙިސާބުޖަހަމުން މިގެންދާ މި ދަގީގު ގޮތް އެ މީހަކަށް އެނގޭންޖެހޭނެ ކަމީ ކޮންމެ ސަލާމަތް ބުއްދިއެއް ގަބޫލުކުރުވަނިވި ޙަގީގަތެވެ. ނަމަވެސް ހިތާމައަކީ އެ ގޮތަށް އެ ވިދާޅުވާ އެއްވެސް ބޭފުޅަކަށް އެންމެ ކުޑަމިނުން އެ ދަގީގު ގޮތް ވެސް އަދި މިހާރު ފަލަކީ ޙިސާބު މިޖަހާ ދަގީގު ގޮތް ވެސް އެނގިވަޑައި ނުގަންނަވައި ތިއްބަވައިގެން ވަކި ކަމެއް ނަފީކުރުމަށް ޓަކައި ހަމަ ވާހަކަތަކެއް ދައްކަވާކަމެވެ. ދެކޮޅު ނުޖެހުނަސް ފަރުވާލެއް ނެތްކަމެވެ. ފަލަކީ ހިސާބު (ހަނދު ސާބިތު ކުރުމުގެ އެސްޓްރޮނޮމިކަލް ކަލްކިއުލޭޝަން، ނޯޓިކަލް އަލްމަނަކް ބޭނުން ކޮށްގެން) ދުނިޔޭގައި އެންމެ ފުރަތަމަ ޖަހަންފެށުނީ 1767ގައި ކަން އެއީ އެއްވެސް ގޮތަކުން ދެބަސް ނުވެވޭނެ ޢިލްމީ އަދި ތާރީޚީ ޙަގީގަތެކެވެ.

ހަނދުމަސް ބަލައި އުޅޭ ގޮތް:

ފުރަތަމަ ގޮތް:

ފުރަތަމަ ގޮތަކީ މާކުރީއްސުރެ އެންމެ ޤަދީމީ ބޯދާ ޒަމާނުއްސުރެ ހަނދު މަސް ކަނޑަ އަޅާ އުޞޫލެވެ. އެއީ ފަލަކީ ޙިސާބު ޖެހުމުގެ ކުރީ ޒަމާނެވެ. ފަލަކީ ޙިސާބު މިގޮތަށް އާދެ ޒަމާނީ، ސުން ސިކުންތު ހަމަކޮށް ފަލަކީ ޙިސާބު އުފަންނުވާ ދުވަސް ވަރެވެ. އެ ޙިސާބު މި ގޮތަށް ޖެހެން ވެސް ނެތް ދުވަސް ވަރެވެ. އަދި ހަނދު ހަމަ ލޮލުން ބެލުމަށް މުޅިދުނިޔެ ވެސް ބަރޯސާ ވާންޖެހުނު ދުވަސް ވަރެވެ. އޭރު ހަނދު މަސް ބަލައި އުޅުނު ހަމައަކީ ހަނދު މަހެއް ނިމެމުން  ދާއިރު، ހަނދު ނުފެނި (ނުވަތަ ނޯމޫންޑޭއަށް ފަހު) ދެން އިރަށް ވުރެ ފަހުން ހަނދު އެންމެ އަވަހަށް އޮއްސޭ ދުވަސް ނަމަ، އާހަނދު މަސް ފެށުނީ ކަމަށް ބަލައި އުޅުނު އުޞޫލެވެ. އެ ދުވަހު ހަނދު ހުންނާނީ އިރުގެ ފަހަތަށް ކުޑަ ތަންކޮޅެއް ނެއްޓިފައެވެ. މާނައަކީ އިރަށް ވުރެ، މަތީގައި ހަނދު ހުއްޓައި ހުޅަނގު ފަރާތުން ހަނދު ފެނުމެވެ. އިރުއޮއްސޭ ވަގުތުގައެވެ. އެ ޒަމާނަކު ހަނދު، ހަމަލޮލަށް ފެނުން ނޫން ދެވަނަ އެއްވެސް  ގޮތެއް ނޯވެއެވެ. އެ ޒަމާނަކީ ވަގުތުބެލޭ ވަސީލަތްތަކެއް ދުނިޔޭގައި ވުޖޫދުކުރެވިފައި ވާ ޒަމާނެއް ނޫންކަމުން ހަނދު ބެލުމުގައި ވެސް ގެންގުޅެފައި ހުރީ ވަރަށް ކައްޗާ ގޮތްތަކެވެ.  (ނުނިމޭ)

ކޮމެންޓު