ad_banner
ފަލަކީ ޢިލްމުގެ ތެރެއިން . . . ހަނދުމަސް ސާބިތުކުރުން (2)

ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ

19 މާރިޗް 2026

(އިއްޔެގެ ނޫހާ ގުޅޭ)

އާދޭހެވެ! ދަންފުޅި (އަވަރ ގްލާސް) މީގެ ހަތަރު ހާސް އަހަރު ކުރީއްސުރެ ފެށިގެން ގެންގުޅުނެވެ. އިރުއަރައި އިރުއޮއްސުމަކީ ދަންފުޅީގެ އަށް ފުޅިއެވެ. މިހާރަށް ނިސްބަތްކޮށް ދަންނަވާ ނަމަ މެންދަމު 12އިން ފެށިގެން އިރު އަރަންދެން ނަމަ ވަގުތު ކަނޑައަޅާނީ  ހަތަރު ދަންފުޅި އެވެ. ވުމާ އެކު [ރޭގެ ހަތަރުދަމު މަ އުޅެންޖެހުނީ ހޭލައެވެ.] މާނައަކީ ރޭގަނޑު 12 ޖެހީއްސުރެ އިރު އަރަންދެން ނުނިދައި ހުރި ވާހަކައެވެ. މިތާ ހަތަރު ދަމު ނެގިފައި މި އޮތީ ދަންފުޅީންނެވެ. ކޮންމެއަކަސް އިސްވެ މި ދެންނެވުނު އުޞޫލުތަކަށް ތަބަޢަވާ އިރު ހަނދު މަސް ކަނޑައެޅުމުގައި ގެންގުޅެފައި ވަނީ ވަރަށް އަންދާޒާ ގޮތްތަކެވެ. އެހެނީ އެއީ ވަގުތު ބެލުމުގައި ދަޤީޤު، އެކިއުރޭޓް ގޮތްތަކެއް ދުނިޔެއަށް އެ ދުވަސްވަރު ހޯދިފައި ނުވާތީއެވެ. 

ޢާއްމު ގޮތެއްގައި ކޮންމެ 24 ގަޑި އިރަކު ހަނދު، އިރުގެ ފަހަތަށް ގަޑިއެއް ހައި އިރު ސޮއްސަމުން ފަހަތަށް ޖެހެމުން ދާނެއެވެ. އެއީ 15 ދަރަޖައެވެ. މާނައަކީ އެއް ދުވަހު ހަނދު އަރާ ވަގުތަށް ވުރެ ގަޑިއެއް ހާއިރު ފަހުން އަނެއްދުވަހު ހަނދު އެރުމެވެ. މި ދެންނެވީ އެވަރެޖު ގޮތެއްގައި ހަނދުއަރާނެ އުޞޫލެވެ. މި ގޮތަށް ލަސްވަމުން ގޮސް އެންމެ ފަހުން އިރާއި ހަނދު އެއްއުއިވެ ނުވަތަ އިޤްތިރާން ވަނީއެވެ. އެއަށް ފަހު އާ މަސް އުފަންވަނީއެވެ.    

ދެވަނަ ގޮތް:

ހަނދުމަސް ސާބިތުކުރާ ދެވަނަ ގޮތަކީ، ފަލަކީ ގޮތުން ހަނދު މަހެއް އުފަންވުމެވެ. ފަލަކީ ގޮތުން ހަނދު މަހެއް އުފަންވާނީ އިރާއި ހަނދު އިޤްތިރާންވާ ވަގުތުން ފެށިގެންނެވެ. އެއީ ކޮންމެ ވަގުތެއް ކަމުގައިވީ ނަމަވެސް އިރާއި ހަނދު އިޤްތިރާންވާ ހިނދުން ފެށިގެނެވެ. ފަހަރުގައި ރޭގަނޑު މެންދަމު ވެސް އިޤްތިރާން ވެދާނެއެވެ. 

އިޤްތިރާންވާ ހިނދުން ފެށިގެން ފަލަކީ ގޮތުން ބަލާ ނަމަ ހިނގަމުން ދިޔަ މަސް ނިމުނީއެވެ. އަދި ހަމަ އެހިނދު ޖެހިގެން އޮތް މަސް އުފަންވީއެވެ. އާ މަހެއް ފެށުނީ އެވެ. އެހެނީ ހަނދު  ދުނިޔެ ވަށައިގެން ޖަހާ ބުރު ފުރިހަމަވެ، އާބުރެއް އެ ފެށުނީއެވެ. ހަނދު މަހަކީ ހަނދު ދުނިޔެ ވަށައިގެން ބުރެއް ފުރިހަމަކުރުމެވެ. ވީމާ އިޤްތިރާންވާ ޙާލަތަކީ ހަނދު ދުނިޔެ ވަށައިގެން އެ ޖަހާބުރު ފުރިހަމަކުރާ ވަގުތެވެ. އެއީ ދުނިޔޭގެ ސީދާ މެދުން (ސެންޓަރުން) އިރުގެ ސީދާ މެދަށް ދަމައިލެވޭ ޚިޔާލީ ރޮނގެއްގައި ހަނދު ރަހަވެ، ހަނދުގެ މެދު އެ ރޮނގާ އެއްލެވެލަކަށް އައުމެވެ. އެކަމަކު އިރުކޭތަހިފާ ވަގުތުގައި އިސްވެ ދެންނެވި ރޮނގަށް އަދި އޮލަނބަށް ހަނދު ވަނުން ލާޒިމްކުރުވާނެއެވެ. މިހެން ދެންނެވިޔަސް ބައެއް ފަހަރު ހަމަ ސީދާ މުޅީން އޮލަނބަށް ވެސް އަދި މުޅީން ރަހައަށް ވެސް ނުވެ، އިރުކޭތަހިފައިފާނެއެވެ. އެއީ ހަނދު ގެ ސެމީޑައިމީޓަރު އެ ދުވަސްވަރެއްގައި ހުންނަ ގޮތަކުންނެވެ. ހަނދަކީ ދުނިޔެއާ ގާތްގަނޑަކަށް 252000     މޭލާއި 221000 މޭލަށް ދުރުވެ، ކައިރި ވާ ޖިސްމަކަށްވާތީ ދުނިޔެއާ ހަނދު ކައިރިވާ ދުވަސްވަރު (މާހަނދުގެ ދުވަސްވަރު) ހަނދުގެ ސެމީ ޑައިމީޓަރު ވަރަށް ބޮޑުކޮށް ދައްކާނެއެވެ. މި ގޮތުގައި ހަނދު ކޮންމެހެން ހަމަ ސީދާ ރަހަވުމާއި އޮލަނބުނުވިކަމުގައިވީ ނަމަވެސް އިރުކޭތަ ހިފައިފާނެވެ.

އިސްވެ ބަޔާން ކުރެވުނު ގޮތަށް ފަލަކީ ގޮތުން ހަނދުމަސް އުފަންވިޔަސް ހަމަ ހަނދުމަސް ވުޖޫދުވީއެވެ. ނަމަވެސް މި އުޞޫލަކީ މުސްލިމުން ތަބަޢަވާ އުޞޫލެއް ނޫން އިނގޭތޯއެވެ.

ތިންވަނަ ގޮތް:

ތިންވަނަ ގޮތަކީ ޒަމާނީ ފަލަކީ ޙިސާބުން ހަނދު މަސް ސާބިތުކުރާ އުޞޫލެވެ. ފަލަކީ ގޮތުން ހަނދު މަހެއް އުފަންވޭތޯ ނުވަތަ ނޫންތޯ ފުރަތަމަ ބަލާ އަސާސަކީ އެ ހަނދު މަހެއް ނިމެންދާ އެންމެ ފަހު ދުވަހު އިޤްތިރާން ވަނީ، އެ ދުވަހުގެ ކޮންވަގުތެއްގައިތޯއާއި އިޤްތިރާން ވަނީ އިރު އޮއްސުމުގެ ކުރީންތޯ ނުވަތަ ފަހުންތޯ ބެލުމެވެ. އިރުއޮއްސުމުގެ ފަހުން އިޤްތިރާން ވެއްޖެ ނަމަ ސުވާލެއްވެސް ނެތި ޖެހިގެން އަންނަ ދުވަހަކީ އަލަށް ފެށޭ މަސްކަމުގައި ކަނޑައެއް ނާޅާނެއެވެ. ދެން ބަލާ އަނެއް ހަމައަކީ އިޤްތިރާންވުމަށް ފަހު، ހަނދަށް ވުރެ ކުރީން އިރު އޮއްސޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. މާނައަކީ އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭތޯ ބެލުމެވެ. އިރު އޮއްސުމުގެ ފަހުން ކިތަންމެ ކުޑަ ހިނދު ކޮޅެއްގައި ހަނދު އުދަރެހަށް ވުރެ މަތީގައި ހުއްޓަސް  އެ ތާކަށް އަނެއް ހަނދުމަސް އުފަންވީކަމަށް ކަނޑަ އަޅާނެއެވެ. މިހެން ދެންނެވި ކަމުގައި ވީނަމަވެސް އިރު އޮއްސުމާ ވަކިވަރަކަށް ގާތްވެފައި ހުއްޓައި އިޤްތިރާންވެއްޖެ ނަމަ ބައެއް ފަހަރު ހަނދަށް ވުރެ ފަހުން އިރު އޮއްސޭ ޙާލަތު މެދުވެރިވެއެވެ. އެއީ އިރާއި ހަނދާއި ބޮޑުމިނުގެ ނިސްބަތުގައި އެހާ ބޮޑުތަފާތެއް ހުންނާތީއާއި ހަނދާއި އިރާ ހުންނަ ދުރުމިނުގެ ސަބަބުން ދިމާވާ ގޮތެކެވެ.    އިޤްތިރާން ވުމަށް ފަހުގައި، އިރުއޮއްސުމުގެ ކުރީން އިރުގެ މެދުގެ ރަހަރޮނގުން (ސެންޓަރުން) މައްޗަށް ހަނދު ޖެހިލިކަމުގައި ވިޔަސް، އިރުގެ މަތީކައިރި (އިރުގެ އަޕަރ ލިމްބް) ދުނިޔޭގެ ސަތަޙައިގެ ތިރިއަށް ގެނބިގެން ނުދަނީސް ހަނދުގެ މަތީ ކައިރި (ހަނދުގެ އަޕަ ލިމްބް) ދުނިޔޭގެ ސަތަޙައިގެ ތިރިއަށް ގެނބިގެން ދާތީއެވެ. މިޙާލަތުގައި އިރަށް ވުރެ ކުރީން ހަނދު އޮއްސޭނެއެވެ. ވީމާ ޖެހިގެން އަންނަ ދުވަހަކީ ހަނދުމަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެއް ނޭޅޭނެއެވެ.

މި ގޮތަށް ނިންމާން ޖެހޭ އަނެއް އަސާސަކީ ޤަދީމީ ޒަމާނުއްސުރެ، ދުވަސް ކަނޑައެޅުމަށް ޓަކައި ގެންގުޅެފައި ހުރި އުޞޫލަކީ އިރަށް ވުރެ ފަހުން ހަނދު އޮއްސުނީމާ ދުވަސް އުފަންވީކަމަށް ބަލާ އުޞޫލެވެ. އަދި އިސްލާމީ ޝަރީޢާގައި ވެސް އެ ކަން އޮތީ އެ ގޮތަށް ދަމަހައްޓަވައިފައެވެ. ވީމާ ފަލަކީ ޙިސާބުން ވެސް ހަމަ މިއުޞޫލަށް ތަބާވަނީއެވެ. ނަމަވެސް މި ޙާލަތުގައި ތަފާތަކީ އިރާއި ހަނދު އޮއްސޭ އޮއްސުން ބަލާނީ ސިކުންތެއްގެ ހަމަމިނުގައި ފަލަކީ ޙިސާބުންކަމެވެ. ހަމަލޮލުން އުދަރެހަށް ބަލައިގެނެއް ނޫނެވެ. ފަލަކީ ޙިސާބުން އެ ގޮތަށް ސާބިތުވެއްޖެ ނަމަ، މަސް އުފަންވީކަމަށް ކަނޑައަޅަނީއެވެ. ފަލަކީ ޙިސާބަކީ ވަރަށް ދަޤީޤު (އެކިއުރޭޓް) ޙިސާބެކެވެ. ޢާންމު ގޮތެއްގައި މި ޙިސާބު ހަދަނީ ސިކުންތެއްގެ ހަމަ މިނުގައެވެ. މާނައަކީ ސިކުންތަކު އިރާއި ހަނދާއި އަދި ތަރިތައް ދައުރުކުރާ މިންވަރެވެ. މިއީ ޢާންމު ގޮތެއްގައި ކަލަންޑަރު ހަދައި އުޅޭ މިންވަރެވެ. ނަމަވެސް ސިކުންތެއްގެ ސަތޭކަ ބައި ކުޅަ އެއްބައިގެ ހަމަމިނުގައި ވެސް ފަލަކީ ޙިސާބު ޖެހޭނެއެވެ. އެހައި ދަޤީޤުކޮށް ފަލަކީ ޙިސާބުޖަހާނީ އެއް ހާސް ނުވަތަ ދެ ހާސް އަހަރުގެ ކުރިއަށް ހިފާ ކޭތަތަކާއި މައްސަރުތަކުގެ ކަލަންޑަރުހަދާ ނަމައެވެ. އަދި މިހެން ދެންނެވިޔަސް ސިކުންތެއްގެ އެއްލައްކަ ބައިކުޅަ އެއްބައިގައި އިރާއި ހަނދުގެ ދައުރާނާގެ ހަމަމިނުގައި ވެސް ފަލަކީ ޙިސާބު ހެދޭނެ އިނގޭތޯއެވެ.

ޙަގީގަތުގައި މިހާ ދަޤީޤް ކޮށް ފަލަކީ ޙިސާބު މި ހެދެނީ ކައުނުގައި މި ޖިސްމުތައް ދައުރުކުރަމުންދާ ދިއުމުގެ ދަޤީޤުކަމުންނެވެ. ކީރިތި ޤުރުއާނުގެ ދެ އާޔަތަކުން މި ކަން އެނގޭން އޮވެއެވެ. އެއީ  الرحمن ސޫރަތުގެ ފަސްވަނަ އާޔަތާއި إبراهيم ސޫރަތުގެ 33ވަނަ އާޔަތެވެ.

الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥﴾‏  (އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިން ހިނގައެވެ.)       އާދޭހެވެ! އިރުހަނދުގެ ދައުރާނާ އާދަޔާ ޚިލާފު ދަޤީޤުކޮށް ދައުރުކުރަމުންދާކަމީ މީގެ އެތައް ހާސް އަހަރެއްގެ ފަހަތަށް ވެސް ސުން ސިކުންތަށް ހިފަމުންދާނެ ކޭތަތައް ފަލަކީ ޙިސާބުން ޙިސާބު ޖެހޭ ކަމެކެވެ. އެއީ އިރާއި ހަނދުގެ ދައުރާނާގައި އެހައި ޕްރިސައިސްކޮށް އެ ދައުރާނާ ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވައިފައިވާތީއެވެ.

إبراهيم ސޫރަތުގެ 33ވަނަ އާޔަތް  وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾‏ (އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ.)

އިރާއި ހަނދު ގެ ދައުރާނާގައި މެދުކެނޑުމެއް ނުވާނެކަން އިބްރާހީމް ސޫރަތުގެ ފަސްވަނަ އާޔަތުން ވެސް ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. [دَائِبَيْنِ] މި ކަލިމައިންނެވެ. މެދުނުކެނޑި ދަތުރުކުރާ އެއްޗެއް އަވަސްވެ ލަސްވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެކަމީ ސަލާމަތްބުއްދިއަށް ވެސް އަދި ޢިލްމީ ގޮތުން ވެސް ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ.       އާދޭހެވެ! ފަލަކީ ޢިލްމުން ސާބިތު ކަމެކެވެ. އިރުހަނދާއި ތަރިތައް ހިނގަމުން ދަނީ ވަރަށް ދަޤީޤުކޮށްކަމެވެ. ނޫންނަމަ ފަލަކީ ޙިސާބެއްޖެހުން އެއީ މުސްތަޙީލްކަމަކަށް ވީހެވެ.

އިސްވެ ދެންނެވި އުޞޫލުން ބަލާ ނަމަ މި ފަހަރުގެ ރަމަޟާން މަހު އައްޑު އަތޮޅު ހިތަދުއަށް ހަނދު ފެންމަތީގައި ހުރީ އިރަށް ވުރެ ދާދި މަދު ސިކުންތުކޮޅެއްގައެވެ. މި ގޮތަށް ދިމާވުމުން ރާއްޖޭގެ ހުޅަނގަށް އޮންނަ ގައުމުތަކަށް ހަނދު ލެއްވުމުގެ އޙްތިމާލު ބޮޑުވެގެންދާނެކަމީ ވެސް ފަލަކީ ޢިލްމުން ސާބިތުވާ ކަމެކެވެ. އެހެނީ ހުޅަނގަށްދާ ވަރަކަށް އިރުއޮއްސުން ލަސްވާނެތީ އިރު ލަސްވަމުންދާ ކޮންމެ މިނެޓަކަށް ހަނދު ވެސް އިރުގެ ފަހަތަށް ޖެހެމުން ސޮއްސަމުން ދާނެތީ އިރު އޮއްސޭ އިރު ރާއްޖެއަށް ވުރެ ބޮޑަށް ހަނދުއޮއްސުން ލަސްވާނެތީއެވެ. ދިވެހި ރާއްޖޭގެ އެއްވެސް އެހެން ތާކަށް ހަނދު ފެންމައްޗެއް ނުވެއެވެ. އިސްލާމީ ގިނަ ގައުމުތަކަކަށް ހަނދު   ލެއްވިކަމުގައިވީ ނަމަވެސް ހަމަލޮލަށް ނުފެންނާނެ ކަމީ ޔަޤީންވާ ކަމެކެވެ. އެހެނީ 17 ފެބްރުއަރީގައި ރާއްޖޭ ގަޑީން 17:01ގައި އެދޭތި އިޤްތިރާންވީ އިރު ހުރީ އިރުކޭތަ ހިފައިފައިކަމަށް ވާތީއެވެ. ސަޢުދީ ޢަރަބިއްޔާގެ މައްކާއަށް އެ ދުވަހު އިރުއޮއްސުނީ ސަޢޫދީ ޢަރަބިއްޔާ ގަޑީން 18:19ގައެވެ. އަދި ހަނދު އޮއްސުނީ 18:21ގައެވެ. އެއީ ކޭތަ ވީއްލިތާ މަދު މިނެޓު ކޮޅެއްގެ ފަހެވެ. ވީމާ ހަނދުގެ އަރިމަތީން އިރުން ނެއްޓޭނެ ހައި ވަގުތު ނެތީތީ (އެލޯންގޭޝަން ހުރީ ޒީރޯގަ)އެވެ. ސީދާސީދާ ހަނދާއި އިރު އޮލަނބަށް ހުރުމުންނާއި އިރާއި ހަނދާ ދެމެދު ހުރި އަލްޓިޓިއުޑު ހުރީ '30 (ދަގީގު ނުވަތަ ބައި ޑިގްރީ)ގައިކަމަށް ވާތީ ކޭތަ ވީއްލުމަށް ފަހު، އިރުގެ ދަޅަގަނޑުގެ ތެރޭގައި ހަނދުހުރުމުން ހަނދު ހަމަލޮލަށް ނުފެންނާނެކަމީ ޢިލްމީ ގޮތުން ސާބިތު ކަމަކަށްވާތީއެވެ. ނަމަވެސް ކޭތަހިފުމުން ސާބިތުވެގެންދާ ޢިލްމީ ޙަގީގަތަކީ ހިނގަމުން ދާ ހަނދުމަސް ނިމި އާ މަހެއް އުފަންވީކަމެވެ. މިއީ ފަލަކީ ޢިލްމުން ސާބިތުކަމެކެވެ.  އިރު ކޭތައެއް ހިފޭނީ ހަނދު މަހެއްގެ އެންމެ ފަހު ދުވަހުގެ އެންމެ ފަހު ވަގުތުކޮޅުގައިކަމަށްވާތީއެވެ.

އިސްވެ ބަޔާންކުރެވުނު ގޮތްތަކަށް ހަނދުމަސް ސާބިތުކުރިކަމުގައި ވިޔަސް ތަފާތު ގައުމުތަކުގައި  ގެންގުޅެނީ ތަފާތު އުޞޫލުތައްކަމީ ވެސް ފެންނާން އޮތް ޙަގީގަތެކެވެ. ހަމަ އެއާ އެކު އެ ކަމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކަކީ ވެސް ޙައްލުނުކުރެވޭ އަދި އެކަށީގެންވާ ޖަވާބެއް ވެސް ނެތް މައްސަލަތަކެއްކަން ވެސް ފާހަގަކުރެވެއެވެ. އެ ކަންވާނީ ވެސް ހަމަ އެހެންތާއެވެ. ކައުނާއި ކާއިނާތުގެވެރި ރަސްކަލާނގެ އިންސާނުން މައްސަރުތަކުގެ ޙިސާބުޖެހުމަށް ޓަކައި އަދި ވަގުތު ދެނެގަތުމަށް ޓަކައި އިރާއި ހަނދު ލެއްވެވިކަން ކީރިތި ޤުރުއާނުގެ ފަސް އާޔަތަކުން އެންގެވުމުން އެ ކަން ފާރުބުޑަށް ޖެހީމާ ދެން ދިމާވާނެ ހުރިހައި ކަމެއް ދިމާވަނީ އެވެ.

أنعام ސޫރަތުގެ 96 ވަނަ އާޔަތުގައިވެއެވެ. فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ  ﴿٩٦﴾ (އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަ ވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.)

إسراء ސޫރަތުގެ 12ވަނަ އާޔަތެވެ. وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ ۖ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوا فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا ﴿١٢﴾‏ (ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ ރޭގަނޑުގެ ހެކިން نور ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައި މީހުން فضل ވަންތަކަން އެދި އުޅުމަށް ޓަކައެވެ.    އަދި އަހަރުތަކުގެ عدد އާއި حساب ތިޔަބައިމީހުން ދެނެގަތުމަށް ޓަކައެވެ. އަދި ކޮންމެ ކަމެއްމެ تفصيل ކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށް ދެއްވީމެވެ.)

ވީހިނދު  މިހައި ސާފުކޮށް ވަގުތާއި މައްސަރު ދެނެގަތުމަށް ޓަކައި އިރާއި ހަނދު އަދި ރެއާއި ދުވާލު،  އަދި އަހަރުތަކަކާއި މައްސަރުތަކާއި އަދި ދުވަސްތަކުގެ ޙިސާބުޖެހުމަށް ޓަކައި އިރާއި ހަނދު ލައްވައި އަދި އެ ކަމާ ގުޅޭ ޢިލްމު ދުނިޔެއަށް ފޮނުއްވުމުން އެ ކަންކަމަށް ތަބަޢަނުވެ ބޯނުލަނބައި އަޅުގަނޑުމެން މި ތިބެވެނީ ކަށިކުނބުރު ޖަންގައްޔަކަށް ވަދެވިފައެވެ. ދުވަސް އޮޅުވައިނުލުމަށް ލޮބުވެތި ނަބިއްޔާ r ޚުތުބަތުލްވަދާޢުގައި ދެއްވެވި ވަރުގަދަ އިންޒާރަށް  ކުޑަކޮށް ވެސް ވިސްނައިލުމެއް ނެތި، އަހަރުމެން ތަބަޢަވާނީ މިވެނި ގޮތަކަށޭ ބުނެ ގޮތްތަކެއް ހަދަމުން ގެންދަނީއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ހަނދު މަސްމަހުގައި 32 ދުވަސް ވެސް ތިމާއާ އެބަ ބައްދަލުކުރެއެވެ. އަނެއްބައި މައްސަރުގައި 26 ދުވަސް ވެސް ބައްދަލުކުރެއެވެ. 2018ގައި ސްރީލަންކާއަށް އައީ 28 ދުވަހުގެ ރޯދަ މަހެކެވެ. ސަޢުދީ އަށް 29 ރޯދަމަހެކެވެ. ދިވެހިރާއްޖެ އަށް 30 ދުވަހުގެ ރޯދަމަހެކެވެ. 1985ގައި ސައޫދީއަށް އައީ 28 ދުވަހުގެ ރޯދަ މަހެކެވެ. 29 ނުވަނީސް ހަނދު ފެނުނީ ޔޯލައެވެ.

ބައެއް ބައެއްފަހަރު  ބުމައިގައި ހުންނަ ނުރަ ވެސް ހަނދުގެ ސިފައިގައި އެބަ ފެނެއެވެ.

ހަނދު މަހުގެ ދުވަސްތައް ދެނެގަތުމަށް ޓަކައި، އިރާއި ހަނދުގެ ވާހަކަ ކީރިތި ޤްރުއާނުން އަންގަވައިފައިވާ އަނެއް ތިން އާޔަތަކީ ސޫރަތު ޔާސީންގެ 39ވަނަ އާޔަތެވެ. وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ﴿٣٩﴾ (އަދި ހަނދަށް ތިމަންރަސްކަލާނގެ منزل ތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ.)

ސޫރަތުލް ބަޤަރާގެ 189 ވަނަ އާޔަތެވެ.  يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِأَن تَأْتُوا الْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ الْبِرَّ مَنِ اتَّقَىٰ ۗ وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ ﴿١٨٩﴾‏ (ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި حج ގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ. އަދި ގޭގޭގެ ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށް تقوى ވެރިވެއްޖެ މީހެކެވެ. އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.)

ސޫރަތު ޔޫނުސުގެ ފަސްވަނަ އާޔަތެވެ.  هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿٥﴾ (އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منزل ތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آية ތައް تفصيل ކޮށްދެއްވަތެވެއެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منزل ތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آية ތައް تفصيل ކޮށްދެއްވަތެވެ.)

ސުބްޙާނަހޫ ވަތަޢާލާ، އިރާއި ހަނދު ޚަލްޤްކުރެއްވެވުމުގެ މަޤާޞިދުގެ ތެރޭގައި ވަގުތާއި ދުވަހާއި މައްސަރުތަކާއި އަހަރުތައް ޙިސާބާބުކުރުމަށް ޓަކައިކަން ތަކުރާތުކޮށް ކީރިތި ޤުރުއާނުގެ މޫރިތި ފަސް އާޔަތެއްގައި ވަޙީކުރައްވާފައިވާ އިރު އަޅުގަނޑުމެން ހަމަ މުސްލިނުންނޭ ކިޔާއިގެން ތިބެ، ލޯމަރާލައިގެން، ނުފެންނަ، ކަންފަތައް ނީވޭ، އަދި ބުއްދި ނެތް ބަޔެއްގެ ގޮތުގައި ތިބެންވިހެއްޔެވެ!؟

ނަޙުލުސޫރަތުގެ 43 އާޔަތެވެ. وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۚ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴿٤٣﴾‏ (އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علم ގެ أهل ވެރިންނާ سؤال ކުރާށެވެ!)

ޝައްވާލު އެކެއް:       

މިއީ ރަމަޟާން މަހުގެ ނިމުމަކަށް އަންނަ އިރު ފަލަކީ އިލްމުގެ ވާހަކަ ދައްކަމުންދާ އިރު ޝައްވާލު މަހުގެ ހަނދުގެ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް ދައްކައިލާން ޖެހޭނެކަމަށް ދެކޭތީ ކުޑަ ގޮތަކަށް ނަމަވެސް، މި ޝައްވާލުމަހުގެ ހަނދާ ގުޅޭ ގޮތުން ކޮންމެވެސް ވާހަކައެއް ދަންނަވައިލާނަމެވެ. މި ހިނގަމުންދާ މާރިޗް މަހުގެ 18 ވަނަ ދުވަހު އިރު އޮއްސެނީ 18ގ 17މ 00 ގައެވެ. އަދި ހަނދު އޮއްސެނީ  17ގ 45މ 46 ސ ގައެވެ. އިރުއޮއްސޭނެ މިސްރާބަކީ °(T269.5 އަދި ހަނދު އޮއްސޭނީ°267.4 (T (ޓްރޫބެއާރިން އަށެވެ.) އިރާއި ހަނދާއި ތަރިތައް އަރައި އޮއްސޭ މިސްރާބު ކިޔާނީ އިސްވެ ދެންނެވި ގޮތަށެވެ. 18 މާރިޗް އަކީ 29 ވަނަ ރޯދައެވެ. އަދި އެ ދުވަހުގައި ވެސް ހަނދު އޮއްސެނީ އިރަށް ވުރެ 31މ 14 ކުރީން ކަމަށް ވުމުން ޖެހިގެން އަންނަ ދުވަހަކީ ރަމަޟާންމަހުގެ 30ކަމާ މެދު އެއްވެސް ސުވާލެއް ފަލަކީ ގޮތުން ނުއުފެދޭނެއެވެ. ވީމާ މި ރަމަޟާން މަހަކީ 30 ދުވަހުގެ މަހެކެވެ. ވީމާ ރާއްޖޭގެ ހުޅަގަށް ހުރި ހުރިހައި އިސްލާމީ ގައުމު ތަކަށްވެސް ފަލަކީގޮތުން 30 ދުވަސް ފުރިހަމަ ވާނެކަމީ ފަލަކީ ޙިސާބުން ސާބިތުވާ ކަމެކެވެ. މި ގޮތަށް ބަޔަކު ތަބަޢަވުމާއި ނުވުމަކީ، ދެންނެވު ޢިލްމީ ޙަގީގަތް ނަފީވެގެން ދާނެ އަޞްލެއްނޫން އިނގޭތޯއެވެ.

 

ދެ ލަފުޒެއްގެ މާނަ:

މަގާލު      ނ.     ނޫސް މަޖައްލާ ފަދަ އެއްޗެއްގައި ލިޔާ ކުރު ލިޔުމެއް

ޑޭޓާ       ނ.     ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މަޢުލޫމާތާއި ތަފާސްހިސާބު

ކޮމެންޓު