މުލީ ސަޤާފީ ކުޅިވަރުން އެމީހުންގެ މަރުޙަބާ ކިޔުމާއި މެހުމާންދާރީގެ ފުރިހަމަކަން ހާމަކޮށްދެއެވެ.
ނާޒިމާ ސަމީރު
ސަޤާފީ ކުޅިވަރުން އެ ބަޔެއްގެ ދިރިއުޅުމާއި އާދަކާދައީ ތާރީޚު ހާމަކޮށްދެއެވެ. މިއީ އަޅުގަނޑު އެކަނި ދަންނަވާ ވާހަކައެއްނޫނުވެ. މޮޅު ލިޔުންތެރިންނާއި ދިރާސާވެރީން ހާމަކޮށްފައިވާ ޙަޤީގަތެވެ. މި ކަން މުލީ ރައްޔިތުންގެ ސަޤާފީ ކުޅިވަރުތަކުން އެބައިމީހުން ހާމަކޮށްދެއެވެ. މުއްޔަށް ޒިޔާރަތްކުރާ ޚާއްޞަ ވަފުދުތަކަށް މަރުޙަބާކިޔުމާއި މެހުމާންދާރީއަދާކުރުމަށް ޓަކައި އެ މީހުން އެ ކުޅޭ ސަޤާފީ ކުޅިވަރުތަކުން އެތައް ބައެއްގެ ޖަޒުބާތާ ކުޅެލައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ.
މުލީ މީހުންގެ ސަޤާފީ ކުޅިވަރުތައް ފެށުނު ޒަމާނެއް ނޭނގުނަސް އެ ކުޅިވަރުތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުން ވެސް ޝަޢުޤުވެރިވާ ކުޅިވަރުތަކެކެވެ. އެ ކަން މި ފަހަރުގެ "ސަވާދީއްތަ ދަތުރު"ގެ ބައިވެރީންގެ ޝުޢޫރުތަކާއި ޢިބާރާތްތަކުން ހާމަކޮށްދީފިއެވެ. ސަވާދީއްތަ ދަތުރުގެ ބައިވެރިން އެކަންޏެއްނޫނެވެ. މުއްޔަށް ޒިޔާރަތްކުރާ ޢިއްޒަތްތެރިންނާއި އެކި ހަފުލާތަކުގެ ބައިވެރީންނަށް މަރުޙަބާއި ކިޔުމާއި މެހުމާންދާރީ އަދާކުރުމަށް މުލީ ކައުންސިލާއި ރައްޔިތުން ގުޅިގެން އެ ރަށު "އެކުވެރިންގެ ދިރުމުން" ހުށައަޅައިދޭ ސަޤާފީ ކުޅިވަރުތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެއެވެ. އެ ގޮތުން 2017 ވަނަ އަހަރު ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން މުލަކަތޮޅު މުލީގައި ބޭއްވި އަދަބީ ޢީދުގެ ހުށައެޅުންތަކަށް ލިބުނު ތަރުޙީބު ފާހަގަކޮށްލެވެއެވެ. އޭރު ދިވެހި ބަހުގެ އެކަޑަމީގެ ރައީސަކަށް ހުންނެވި އަޝްރަފު ޢަލީ ވިދާޅުވީ މުއްޔަކީ ސަޤާފީ ކުޅިވަރުތަކުގައި ނަމޫނާ ދައްކާ ރަށެއްކަމުގައެވެ. "އަދަބީ ޢީދަށް މަރުޙަބާ ކިޔުމުން ފެށިގެން އަޅުގަނޑުމެން ފުރަންވަންދެން މުލީ އެކުވެރިންގެ ދިރުމުން ހުށައަޅައިދިން ތަފާތު ސަޤާފީ ޙަރަކާތްތަކުން ހިތް އުފާކޮށްދީ ހިތްހަމަޖައްސައިދިން"ކަމަށް އަޝްރަފު ޢަލީ ވިދާޅުވިއެވެ. އަދި މުލީ މީހުންގެ ނަގިލިނެގުމަކީ މީގެ ކުރިން ނުފެންނަ އެހާމެ ރީތި ސަޤާފީ ޙަރަކާތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މުލީ އެކުވެރީންގެ ދިރުމުން ހުށަހަޅައިދޭ ސަޤާފީ ކުޅިވަރުތަކުގައި ކިޔާ ލަވަތަކަކީ އެ މުނާސަބަތަކާއި ގުޅޭ ގޮތުން ތައްޔާރުކުރާ ލަވަތަކެކެވެ. އެ ގޮތުން ޢިއްޒަތްތެރީންނާއި ވެރީންނަށް މަރުޙަބާކިޔުމަށް ޓަކައި އެ ކަމަކާ ގުޅޭ ގޮތުން ލަވަތައް ހަދައިގެން ހުށަހަޅައެވެ. އަދި އެ ލަވަތަކަކީ ފޭރާން ހެޔޮ ބަސްމަގު ރީތި، މުނާސަބު ލަވަތަކެކެވެ. މި ކަމުގެ ސަބަބުން އެ ކުޅިވަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މި އަހަރުގެ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް މަރުޙަބާ ކިޔުމަށް ހުށައެޅި އެހާ ބޮޑު ތަރުޙީބެއް ލިބުނީ މި ސަބަބަށްޓަކައި ކަމުގައި އެކުވެރީންގެ ދިރުމުގެ ސަޤާފީ ޙަރަކާތްތަކުގައި ބެރުޖެމާއި، ލަވަކިޔުމުގައި އިސްވެ ހުންނެވި މުލީ އައްސޭރި އަޙުމަދު ރަޝީދު ބުނުއްވިއެވެ. އެލަވައިގެ ޝާޢިރަކީ މުލަކަތޮޅު ރަތްމަދުއަށް ނިސްބަތްވާ ވޮރަންޓް އޮފްސަރ (ރިޓަޔަރޑް) ޖައުފަރު އަބުދުއްރަޙުމާނެވެ.
ލަވަ ފަށަނީ:
"އުފަލުންކިޔާ މަރުޙަބާ މީ
ސަވާދީއްތަ ދަތުރަށްޓަކައި މުލީން
އުމުގުންކިޔާ ތަހޫނިޔާމީ
ސަވާދީއްތަ ދަތުރަށްޓަކައި މުލީން"
މި ލަވައަށް މީސްމީޑިއާގެ އެކި މަންސަތަކުން ވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ސަޤާފީ ކުޅިވަރު ކުޅެނީ ޚާއްޞަ މުނާސަބަތު ތަކުގައެވެ. ޢީދު ފަދަ ދުވަސްތަކުގައެވެ. މަދު ރަށްރަށެއްގައި މެހުމާންދާރީ އަދާކުރުމަށް ސަޤާފީ ކުޅިވަރު ކުޅެއެވެ. ނަމަވެސް މުލީގެ އެކުވެރިންގެ ދިރުމުން މަރުޙަބާ ކިޔުމާއި މެހުމާންދާރީ އަދާކުރާ ގޮތް ތަފާތެވެ. ލަވަޔާއި ޙަރަކާތްތައް ވެސް ފުރިހަމައެވެ. އެ ގޮތުން މަރުޙަބާ ކިޔާ މެހުމާނުން ގޮވައިގެން އާރުކާޓީއެއްގެ ގޮތުގައި ދާ ދިއުމުގައި ބެރާ އެއްވަރަށް އަތާ ފައި ޙަރަކާތް ކުރާއިރު ސިފަވަނީ މަގުމަތީގައި މި ޖަހާ"ބޭން" އަދި "ރޫޓުމާޗެވެ.
އޭރުވެސް މިހާރު ވެސް މުލީ މީހުންގެ ސަޤާފީ ކުޅިވަރުތަކުގައި ހިމެނޭ ލަނގިރި ޖެހުމާއި ބިލެއްދަފި ނެގުމާއި، ދަނޑިޖެހުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގެ ރައްޔިތުންގެ ތާޢީދު ލިބެއެވެ. ރާއްޖޭގެ އެކި ރަށްރަށަށްގޮސް ސަޤާފީ ކުޅިވަރު ކުޅުމަށް ދަޢުވަތު ލިބެއެވެ. އަދި ރިސޯޓުތަކަށް ގޮސް ވެސް މި ކުޅިވަރުކުޅޭނެ ފުރުޞަތު ލިބޭކަމަށް މި ކުޅިވަރުތަކާއި ޙަވާލުވެ ހުންނެވި މުލީ ޗަނބޭލީގޭ އަޙުމަދު ރައޫފު ބުނުއްވިއެވެ. އެހެންނަމަވެސް ރަށުގައި ބާއްވާ ޚާއްޞަ ޙަފުލާއެއް ފިޔަވާ ޤައުމީ އެއްވެސް ޙަފުލާއެއްގައި މުލީ މީހުންނަށް ފުރުޞަތު ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. "ސަރުކާރުގެ އެކި ފެންވަރުގެ ވެރިންނާއި ބޭރުގެ މެޙުމާނުންވެސް އަޅުގަނޑުމެންގެ ސަޤާފީ ކުޅިވަރަށް ވަރަށް ބޮޑަށް ތަޢުރީފުކުރޭ. ވަރަށް ރީތިކަމަށް ބުނޭ އެހެންނަމަވެސް ޤައުމީ ފެންވަރުގެ އެއްވެސް ޙަފުލާއެއްގައި ރާއްޖޭގައިވެސް ރާއްޖެއިން ބޭރުގައިވެސް އަޅުގަނޑުމެންގެ ހުނަރު ދައްކާލާނެ ފުރުޞަތެއް ނުލިބޭ" އަޙުމަދު ރައޫފު ބުނުއްވިއެވެ.
މުއްޔަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ދައްކާ ރަށެކެވެ. ރައްޔިތުނާއި ކައުންސިލު ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ޚާއްޞަކޮށް ސަޤާފީ ޙަރަކާތްތަކުން މެހުމާނުންގެ ހިތްތައް ފަތަހަ ކުރެއެވެ. މުލީ މީހުންގެ މި ފުރިހަމަ ޙަރަކާތްތައް ބަލައިގަނެ އެކުވެރިންގެ ދިރުމުގެ ސަޤާފީ ކުޅިވަރުތައް ޤައުމީ ފެންވަރުގައި ބާއްވާ ޙަފުލާތަކުންވެސް ފެނުމަކީ އެމީހުންގެ އުއްމީދެކެވެ. އެމީހުން ސަޤާފީ ކުޅިވަރުތަކުން މުލީ މީހުންގެ އެކުވެރިކަމާއި މެހުމާންދާރީ އަދާކުރުމުގެ ފުރިހަމަކަން ބައިލްނަލްއަޤުވާމީ މައިދާނުގައި ތަމްސީލު ކޮށްދިނުމަށް އެމީހުން ބޭނުންވެއެވެ.