ad_banner
ކޮލަމް ހަމަ (57): އީބީފިއްޔަށް ނިމިފައި ހުންނަ ލަފުޒުގެ ފަހަތަށް އަންނަ "އިން"، ކުރީ ލަފުޒާ މެހޭނެތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

21 މޭ 2026

މި މައުޟޫޢަށް ފަށައިގަތުމުގެ ކުރީން އަކުރެއްގެ ގޮތުގައި [އިން] މި ލަފުޒުގެ މާނައާއި ބޭނުންކުރާ ގޮތް ދަންނަވައިލާނަމެވެ.

[އިން] މިއީ ނަމެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ލަފުޒެކެވެ. [ސަރަހައްދު]ގެ މާނައިގައްޔާއި [ސަރަހައްދު ވަކިކުރާން ޖަހާ ފާހަގަ]އަށް ވެސް [އިން] ކިޔައެވެ. އަދި [އިނުން] މި މަސްދަރުން އުފެދޭ ނިމިނިމުނުކަމަށް ވެސް [އިން] ބޭނުންކުރެވެއެވެ. (ރަދީފުގައި މި މާނަ ނެތްނަމަވެހެވެ.)

ނަމަވެސް މި މައުޟޫޢުގައި އަޅުގަނޑު މި ބަލައިލަނީ އަކުރެއްގެ ގޮތުގައި [އިން] ބޭނުންކުރާ ގޮތާއި އެ އަކުރު ލަފުޒާ ގުޅުވާ ގޮތުގެ މައްޗަށެވެ. ލަފުޒާ މެހިގެން އަންނަ ގޮތަށެވެ. [އިން] މިއީ މެހޭ އަކުރެކެވެ. ކުރިއަށް އޮންނަ ލަފުޒުގެ ފަހުއަކުރުގައި އޮންނަ ފިއްޔެއްގެ ސަބަބުން ބައެއް ފަހަރު ކުރީ ލަފުޒާ މެހޭ ލަފުޒެކެވެ. މި ކަން ވިސްނުންފުޅުގައި ބަހައްޓަވާށެވެ! އަންނަނިވި ފޮޅުވަތްތަކުގައި މީގެ ބައެއް މިސާލުތައް ގެންނާނަމެވެ. 

އަކުރެއްގެ ގޮތުން [އިން] ބޭނުންކުރާ ފުރަތަމަ ގޮތަކީ ލަފުޒެއް ގިނަކުރުމުގެ މާނައިގައެވެ. [ގިނަވުމުގެ މާނައިގައި އާދަމުގެ ދަރީންނަށް ރައްދުކުރެވޭ ނަންނަމުގެ ފަހަތަށް ގެނެވޭ އަކުރެއް]ގެ ގޮތުގައެވެ.

މިސާލަކަށް:

ދިވެހީން (ދިވެހި+އިން=ދިވެހީން)، ކުދީން (ކުދި+އިން=ކުދީން)، ވެރީން (ވެރި+އިން=ވެރީން)، މީހުން (މީސް+އިން=މީހުން)، ކާތިބާއިން (ކާތިބާ+އިން=ކާތިބާއިން)، ވަޒީރުން (ވަޒީރު+އިން=ވަޒީރުން)، ފުރަދާނައިން (ފުރަދާނަ+އިން=ފުރަދާނައިން)، ޤާރީން (ޤާރީ+އިން=ޤާރީން)

އިސްވެ ދަންނަވައިލެވުނު މިސާލުތަކުގައި އެ ވަނީ ގިނަކުރުމުގެ މާނައިގައި [އިން] ބޭނުންކޮށްފައިވާ ގޮތުގެ ބައެއް މިސާލުތަކެވެ. ނަމުގެ ނިމޭ އަކުރުގައި ޖެހޭ ފިލީގެ ސަބަބުން [އިން] މެހިގެން އަންނަ ގޮތާއި ނުމެހި ލަފުޒުގެ ފަހަތަށް [އިން] އަންނަ ގޮތް ވެސް މި މިސާލުތަކުން ފެނިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ. މިއީ [ގިނަވުމުގެ މާނައިގައި އާދަމުގެ ދަރީންނަށް ރައްދުކުރެވޭ ނަންނަމުގެ ފަހަތަށް ގެނެވޭ އަކުރެއް]ގެ ގޮތުގައި [އިން] ބޭނުންކުރާ ގޮތުގެ ބައެއް މިސާލުތަކެވެ.

ދެން މި ދަންނަވައިލަނީ [އިން] މި ލަފުޒު އަކުރެއްގެ ގޮތުގައި ނަންއިތުރާއި އިންސާނުން ފިޔަވައި އެހެން ނަންނަމުގެ ފަހަތަށް ގެނެސް ބޭނުންކުރާ ބޭނުންކުރާ ގޮތުގެ މިސާލުތަކާއި މާނައެވެ.

[އިން] މި ލަފުޒު [އަކުރެއް]ގެ ގޮތުގައި ދެން ބޭނުންކުރަނީ [ކަން ހިނގުމަށް ފެށޭ ތަން ބަޔާންކުރުމުގައި ބޭނުންކުރެވޭ އަކުރެއް]ގެ ގޮތުގައެވެ. މި މާނައިގައި [އިން] ބޭނުންކުރާ އިރު، މަސްދަރާއި ނަންއިތުރާއި ނަމުގެ ފަހަތަށް ވެސް [އިން] ގެނެވެއެވެ.

މިސާލު:

(1) ކައިރީން (ކައިރި+އިން=ކައިރީން)، އޭނާ ދިޔައީ އަހަރެންގެ ކައިރީންލައިފައެވެ.

(2) ރުޅީން (ރުޅި+އިން=ރުޅީން) ރުޅީން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

(3) ކައްޓީން (ކައްޓި+އިން=ކައްޓީން) ނަގިލި ރަނގަޅަށް އަޑީގައި ހަރުލައްވާން އެހީވެދެނީ ނަގިލީގެ ތަނޑުގައި ހަރުކޮށްފައިވާ ކައްޓީންނެވެ.

(4) ރާއިން (ރާ+އިން=ރާއިން) ރާއިން ލިބޭ މަންފާއަށް ވުރެ އެއިން ލިބޭ ގެއްލުމާއި ފާފަ މާ ބޮޑެވެ.

(5) ނަމައަކުން (ނަމައެއް+އިން=ނަމައަކުން) ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.

(މި މިސާލުގައި [ނަމައަކުން] މި ތާނގައި ކާފެއްގައި ފިލިޖެހިފައިވަނީ އަލިފު ސުކުނުގެ ބަދަލުގައި ކާފުގައި ފިލިޖެހޭ ހަމައިގެ މަތީންނެވެ.)

(6) ލައްޓި (ލައްޓި+އިން=ލައްޓީން ރިހަކައްކާށެވެ.

(7) މިނިސްޓްރީއިން (މިނިސްޓްރީ+އިން=މިނިސްޓްރީއިން) މިއީ މިނިސްޓްރީއިން ދެއްވި ޖަވާބެވެ.

(8) ރާއްޖޭން (ރާއްޖެ+އިން=ރާއްޖޭން) ރާއްޖޭން ބޭރަށް ފޮނުވާ މުދާ ގިނަކުރާން ޖެހެއެވެ.

(9) އަތޮޅުން (އަތޮޅު+އިން=އަތޮޅުން) އެ އަތޮޅުން އަދި ޖަވާބެއް ނާދެއެވެ.

(10) އަސައިން (އަސާ+އިން=އަސައިން) އަސައިން ބިންމަތީގައި ޖަހާށެވެ!

(11) ސިޓީއިން (ސިޓީ+އިން=ސިޓީއިން) މިއީ އެ ސިޓީއިން އަންގަވައިފައިވާ ގޮތެވެ.

(12) ކުޅުފުއްށި ސިޓީއިން (ކުޅުދުއްފުށި ސިޓީ+އިން=ކުޅުދުއްފުށި ސިޓީއިން) ކުޅުދުއްފުށި ސިޓީއިން އަންނަނީ ބޮޑުއީދަށް ތައްޔާރުވަމުންނެވެ.

(13) ކޮމިޓީއިން (ކޮމެޓީ+އިން=ކޮމިޓީއިން) ކޮމިޓީއިން ފާސްކުރެއްވި ގޮތަކީ މިއީއެވެ.

(14) ޤާނޫނުއަސާސީއިން (ޤާނޫނުއަސާސީ+އިން=ޤާނޫނުއަސާސީއިން) ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤުތައް ވަރަށް ގިނައެވެ.

މި މިސާލުތަކުގެ 11، 12، 13، 14ގައި އަޅުގަނޑު ލިޔެފައި އެ ވަނީ އާންމުކޮށް މީހުން ލިޔެއުޅޭ ގޮތާ ޚިލާފަށްކަން ފާހަގަކުރެއްވޭނެއެވެ. އާންމުކޮށް ގިނަ މީހުން ބޭނުންކޮށްފައި ހުންނަނީ ސިޓީން، ކުޅުދުއްފުށި ސިޓީން، ކޮމެޓީން، ޤާނޫނުއަސާސީން މި ގޮތްގޮތަށެވެ. ނަމަވެސް ފާހަގަކޮށްލާން ޖެހޭ ކަމަކީ އީބީފިއްޔަށް ނިމިފައި ހުންނަ ލަފުޒުތަކުގެ ފަހަތަށް އަންނަ [އިން] ކުރީ ލަފުޒާ މަހައިލަނީ ގިނަކުރުމުގެ މާނައިގައި [އިން] ބޭނުންކުރާ އިރުގައިކަމެވެ. ނަމަވެސް [ކަން ހިނގުމަށް ފެށޭ ތަން ބަޔާންކުރުމުގައި ބޭނުންކުރެވޭ އަކުރެއް]ގެ ގޮތުގައި [އިން] ބޭނުންކުރާ އިރު، މި ގޮތަށް މަހައިލުމުން ގިނަވުމުގެ މާނަދޭހާވާތީ، އީބީފިލީގެ ފަހަތަށް އަންނަ [އިން] އަކުރެއްގެ ގޮތުގައި [ކަން ހިނގުމަށް ފެށޭ ތަން ބަޔާންކުރުމުގައި] ބޭނުންކުރާ އިރު، [އިން] ކުރީ ލަފުޒާ ނުމަހައި ބޭނުންކުރީމާ، ކަން ހިނގުމަށް ފެށޭތަން މާ ރަނގަޅަށް ދޭހަކޮށްދެއެވެ. އެހެންކަމުން އަޅުގަނޑަށް ވަރަށް ބޮޑަށް ބުރަވެވެނީ މި ގޮތަށެވެ. މިއީ އަދީބުންނާއި ބަސްވާރުންނާއި ބަހަވީންގެ މެދުގައި ވެސް ޚިޔާލު ތަފާތު މައްސަލައެއްކަން އަޅުގަނޑަށް ވެސް އެނގެއެވެ. އެހެންކަމުން އަޅުގަނޑުގެ ރައުޔާއި އަޅުގަނޑު ބޭނުންކުރާ ގޮތް ސަބަބާ އެކު މި ދަންނަވައިލީއެވެ.

މި ކަން ތަންކޮޅެއް ފުރިހަމައަށް ދިރާސާކުރައްވައި ދިވެހިބަހުގެ ގަވާއިދު ކޮމެޓީއިން މިހާރު އެކުލަވައިލައްވަމުންގެންދަވާކަމަށް މަޢުލޫމާތު ލިބިފައިވާ ގަވާއިދު ފޮތުގައި މި ކަން ބަޔާންކުރައްވާނޭކަމަށް އުންމީދުކުރަމެވެ. އެހައި ތަނަށް އަޅުގަނޑު ޢަމަލުކުރާނީ އަޅުގަނޑު ދަންނަވައިފައިވާ ހަމައިގެ މަތީންނެވެ. ދަންނަވައިލެވިފައިވާ ސަބަބާ ހުރެއެވެ.

 

ބައެއް ލަފުޒު މި މަގާލުގައި ބޭނުންކޮށްފައިވާ މާނަ:

ބަހަވީ      ނއ.   ބަހުގެ ޢިލްމަށް ނިސްބަތްވާ  linguistic   

ބަހަވީން      ނ.    (1) ބަހަށް ނިސްބަތްވާ މީހުން. (2) ބަހަވީ ޢިލްމަށް އަރައި ތިބި މީހުން linguists

ބަސްވާރުން   ނ.    ބަހަށް ކުޅަދާނަ މީހުން.

އަދީބުން     ނ.    ބަހުގެ ފަންނުތަކަށް އަރައި ތިބި މީހުން. ބަހަށް ކުޅަދާނަ މީހުން.

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް article (written)

ކޮމެންޓު