ad_banner
އެކަނިވެރިވާ ހިނދު . . . . .

ޝާއިޢުކުރީ: ފަރަގު މީޑިއާ

16 ފެބްރުވަރީ 2024

އެކަނިވެރިކަން

ވަދީފާ ޙަސަން، ދިލްސާދުގެ، ލ. ފޮނަދޫ

ޙަޔާތެއް ފޮނި އެކީގައި އުޅެ، އުފާ އިހުސާސު ކުރެވުނަކަސް

            ވަޔާ އެކުގައި ބުރައިގެން ގޮސް ނިމުން އައިމާ ވިލުން ވައްޗޭ

ޖެހޭ  އެކިއެކި މުސީބާތުން  ނަޖާ ވުމުގައި  އެހީ ލިބުނަސް

            މެހޭގޮތް މަޅިތަކަށް ބަލަމުން ރަނގަޅު މަގަކުން ހިނގާ ދައްޗޭ

ވަގުތުތައް އެކު އެކީގައި ތިބެ އުފާވެރި ހޭދަކޮށް  ނިމުނަސް

            މަގުން އޮޅިގެން ނުދާނޭހެން  ތެދަށް މަގުތައް  ކޮށައިލައްޗޭ

އަޚުން އުޚުތުން ނުހަނު ލޯބިން ހުވަނދުތައް ފޯރުކޮށްދިނަކަސް

            ވަހުން  އަބަދުމެ  އެ ތާޒާކަން ލިބޭނެކަމަށް  ނުވިސްނައްޗޭ

ޙިމާޔަތް މައިބަފައިންގެ ފުށުން އަބަދު ލިބިލިބި ތިހެން ހުއްޓަސް

            ބިމާ އެކު މޮޑެވި ވަކި ނުވަނީސް ޙަޔާތެއް އަލިވި  ހޯދައްޗޭ

ވެދޭ ގިނަގުނަ އެހީތަކުގައި ފުރައިލާ ހިތް އުތުރި އެރިޔަސް

            އެދޭ ހުރިހާ  ކަމެއް  އަމުދުން ނުވާނޭކަން ފިލައި ވައްޗޭ

ނަފާ ލިބިދޭ އެތައް ކަމަކުން ހަޔާތަށް މީރުވަސް ލިބުނަސް

           ކަފައި ކުދިކުދި ހަޔާތް ކުރަމުން  ތިމާ ބޭކާރު ނުމެ  ވައްޗޭ

ކޮމެންޓު