ad_banner
މެލޭބަސް ޙިމާޔަތްކޮށް ތަރައްގީކުރުމަށް ޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތައް

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

12 ސެޕްޓެންބަރު 2026

ބަހާސާ މެލޭޝިޔާ (މެލޭ ބަސް)އަކީ މެލޭޝިޔާގެ ރަސްމީ ގައުމީ ބަހެވެ. މިއީ ގައުމީ ވަންތުކަން (ހުވިއްޔަތު) ރަމްޒުކޮށްދޭ ނިޝާނެއްގެ އިތުރަށް، ތަފާތު ނަސްލުތައް އެކުލެވޭ އެ ގައުމުގެ މުޖުތަމައު ގުޅުވައިދޭ މުހިންމު ފާލަމެއްވެސް މެއެވެ. ދިވެހިބަހާއި މެލޭ ބަހުގައި ސަގާފީ ގޮތުން އެއް ގޮތް ކަންކަން އެބަ ހުއްޓެވެ. މި ދެ ބަހުގެ ވެސް އަސްލުކުޅެނީ ސާންސްކިރިތު ބަހާއެވެ. އަދި މެލޭޝިއާއަށް އިސްލާމްދީން އައުމާ އެކު ޢަރަބި ބަހުގެ ނުފޫޒު ވެސް ވަރަށް މަތީ ދަރަޖައަކަށް އެ ބަހަށް ފޯރައިފައިވެއެވެ. އިނގިރޭސީން އެ ގައުމު އިސްތިއުމާރުކުރުމާ ހިސާބަށް އެ ގައުމުގައި ލިޔާން ބޭނުންކުރީ ޢަރަބި އަކުރެވެ. ބަހުގެ އަޑުތަކަށް ފެއްތުމަށް ޓަކައި އިތުރު ނުކުތާތައް ޖަހައިގެން އުފައްދައިފައިވާ ޖާވީ އަކުރެވެ. ނަމަވެސް ބަހުގެ އޮނިގަނޑު ދިވެހިބަހާ ތަފާތެވެ. ޢަރަބި ބަހުގެ އޮނިގަނޑާ މާ ކައިރިއެވެ. މިހާރު ވެސް ހުކުރު ޚުޠުބާއާއި ދީނީ ލިޔުންތައް ލިޔާން ޖާވީއަކުރު ބޭނުންކުރާކަން ފާހަގަކުރެވެއެވެ. ބައެއް ބޭންކު ފަދަ އިދާރާތަކުގެ ނަންބޯޑު ވެސް ޖާވީއަކުރުން ލިޔެފައި ހުއްޓައި ފެނެއެވެ. މެލޭޝިއާގެ ކުރީގެ އިސްޓޭޓެއްކަމުގައިވާ ބުރޫނާއީ ދާރުއްސަލާމުގައި ޖާވީއަކުރުން ލިޔެފައި ހުންނަ ލިޔުންތައް ވަރަށް އާންމުކޮށް ފެނެއެވެ. (ބުރޫނާއީގެ ރަސްމީ ބަހަކީ ވެސް މެލޭ ބަހެވެ.)

ދުނިޔޭގައި އެކި ބަސްބަހަށް ކުރިމަތިވެފައިވާ ނުރައްކާ މެލޭބަހަށް ވެސް ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މި ބަހުގެ ސަގާފީ އަސްލު ހިފެހެއްޓުމާ އެކު ދުނިޔެއަށް އަންނަ ތަރައްގީއާ އެއްހަމައެއްގައި ބަސް ކުރިއެރުވުމަށް ޓަކައި، މެލޭޝިޔާގެ ސަރުކާރުގެ އެންގެވުންތަކާއި، މުއައްސަސާތަކުގެ އޮނިގަނޑުތަކުގެ އިތުރަށް އިޖުތިމާއީ ސުމޭކީ ހަރަކާތްތައް މެދުވެރިކޮށް މެލޭޝިޔާގެ ރައްޔިތުން ވަނީ ބަސް ޙިމާޔަތްކޮށް ތަރައްގީކުރުމަށް ޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. މި މަގާލުގައި ވަރަށް ޚުލާސާ ގޮތެއްގައި މި ބަލައިލަނީ މެލޭބަސް ތަރައްގީކުރުމަށް ޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ ބައެއް މަސައްކަތްތަކުގެ މައްޗަށެވެ. އެއީ ދިވެހިބަހަށް ޚިދުމަތްކުރުމުގެ ޝައުޤާއި ހިތްވަރު ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންނަށް ލިބިދާނެކަމުގެ އުންމީދުގައެވެ.

އިދާރީ އަދި ގާނޫނީ ރައްކާތެރިކަން

މެލޭ ބަސް ރައްކާތެރިކުރުމުގެ މައިގަނޑު އަސާސް ގުޅިފައިވަނީ އެ ގައުމުގެ ގާނޫނުއަސާސީގެ 152ވަނަ މާއްދާއާއެވެ. މި މާއްދާއިން ބަހާސާ މެލޭޝިޔާއަކީ އެ ގައުމުގެ ހަމައެކަނި ރަސްމީ ބަސްކަމުގައި ކަނޑައަޅައިފައިވެއެވެ. މި ގާނޫނީ އޮނިގަނޑަށް ގާނޫނީ މުއައްސަސާތަކުގެ ފިޔަވަޅުތަކުން އިތުރު ބާރެއް ލިބިދެއެވެ.

ދީވާން ބަހާސާ ޑަން ޕުސްތަކާ (ބަހާއި އަދަބިއްޔާތުގެ މަރުކަޒު) (ޑީބީޕީ): 1956ވަނަ އަހަރު އުފެއްދި ބަހާއި އަދަބިއްޔާތުގެ މަރުކަޒަކީ ބަހުގެ ކަންކަން ބަލަހައްޓާ މައި އިދާރާއެވެ. އެއްވެސް ސަރުކާރަކުން ދިވެހިރާއްޖޭގައި ކަންކުރާ ގޮތަށް މި އިދާރާ އުވައިލާކަށް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހުރިހައި ސަރުކާރަކުން ވެސް މި އިދާރާއަށް އިޙުތިރާމުކޮށް ފުރިހަމަ އެހީތެރިކަން ދެއެވެ. މި އިދާރާއިން ތާރީޚީ [ކާމޫސް ދީވާން] (މައި ރަދީފު) ހިމެނޭހެން އެންމެ ފުރިހަމަ ޙަވާލާ (ރިފަރެންސް) ފޮތްތައް ޝާއިޢުކޮށް، ބަހުގެ ހަމަތަކާއި ގަވާއިދުތައް އެއްގޮތްކޮށް، ފަންނިއްޔާތާއި ގާނޫނީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް ބޭނުންވާ ރަސްމީ އިސްތިލާހުތައް މެދުކެނޑުމެއް ނެތި އެކުލަވައިލައި އާންމުކުރެއެވެ. މި ގޮތަށް އުފައްދައި އާންމުކުރާ އެންމެ ލަފުޒަކާ ވެސް ނޫހަކުން ވެސް އަދި ވަކިވަކި އާންމު ފަރުދަކު ވެސް ދެކޮޅަކަށް އެޗެކޭ ނުބުނެ ބަލައިގަނެއެވެ. އަދި މި ފަދަ މަފުހޫމުތައް އަލަށް ހެދޭ ޤާނޫނުތަކުގައި ހިމަނައި ޢިލްމީ މުއައްސަސާތަކުން ބޭނުންކުރެއެވެ.

ގައުމީ ބަހުގެ ގާނޫނުތައް: 1963 އަދި 1967ވަނަ އަހަރު ފާސްކުރެވުނު ގާނޫނުތަކުގެ ދަށުން ބަރުލަމާނުގައްޔާއި، އިސްޓޭޓްތަކުގެ މަޖުލިސްތަކުގައްޔާއި، ކޯޓުތަކުގެ ޝަރީއަތްތަކުގައި އަދި ސަރުކާރުގެ އިދާރިއްޔަތުގައި ބަހާސާ މެލޭޝިޔާ ބޭނުންކުރުން ލާޒިމުކުރެއެވެ. އަދި މި ގާނޫނުތައް ބަރާބަރަށް ތަންފީޒުކުރާކަން ތަންފީޒީ އިދާރާތަކުން ކަށަވރުކުރެއެވެ.

ޒަމާނީކުރުމާއި އިސްތިލާހުތައް އުފެއްދުން

ފަންނީ އަދި ޒަމާނީ މަންސަތަކުގައި ބަހާސާ މެލޭޝިޔާ ފަހަށް ނުޖެހި ކުރީ ސަފުގައި ހިފެހެއްޓުމަށް ޓަކައި، ބަހުގެ ބަސްކޮށާރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. މި ގޮތަށް އަލަށް އުފައްދާ ލަފުޒުތައް ކޮންމެ ހަފުތާއަކު ނޫސްތަކުގައި ޝާއިޢުކުރެވި، އެ ލަފުޒުތައް ރަސްމީ އިދާރީ ލިޔެކިޔުންތަކާއި ނޫސްވެރިކަމުގައްޔާއި މީސްމީޑިއާގެ މަންސަތަކުގައި ބޭނުންކުރެވެއެވެ.

ސުމޭކީ އަދި ސައެންސީ އިސްތިލާހުތައް: ބައިނަލްއަގުވާމީ ގޮތުން އުފެދޭ އާ އިސްޠިލާޙުތަކަށް މެލޭ ބަހުގެ އަމިއްލަ އިސްޠިލާޙުތައް، ރަސްމީ މުއައްސަސާތަކުން މެދުކެނޑުމެއްނެތި އެކުލަވައިލައި އުފައްދަމުން ގެންދެއެވެ. މިސާލަކަށް: 'މުއާތު ނާއިކް' (އަޕްލޯޑު)، 'ޕެމްޕެންގަރުހު' (އިންފްލުއެންސަރ)، އަދި 'ލޮގް މަސުކް' (ލޮގިން) ފަދަ ލަފުޒުތައް އަލަށް އުފައްދައި ބޭނުންކުރެއެވެ. މި ފަދަ ލަފުޒުތައް އުފެއްދުމަކުން އެއަށް ހަޖޫ ކިޔާ ބަޔަކު ނޫޅެއެވެ. ބަހާ ބެހޭ މަރުކަޒުން އުފައްދާ ލަފުޒުތަކަށް ރައްޔިތުން އިޙުތިރާމްކުރެއެވެ. މީގެ ސަބަބުން އެ ބަހުން ވާހަކަދައްކާ މީހުންނަށް އެހެން ބަސްބަހުގެ ލަފުޒުތަކަށް އެކަނި ބަރޯސާނުވެ، ޒަމާނީ މައުޟޫއުތަކަށް ބަހުސްކުރުމުގެ ފުރުސަތު ލިބިދެއެވެ.

އަދަބީ އެހީތަކާއި ޝާއިއުކުރުން: ގައުމީ ބަހުން ލިބޭން ހުންނަ މައުލޫމާތުގެ ދާއިރާ ފުޅާކުރުމަށް ޓަކައި، (ބަހާއި އަދަބިއްޔާތުގެ މަރުކަޒު) (ޑީބީޕީ)އާއި އަމިއްލަ ޕަބްލިޝިންގ ހައުސްތަކުން ދަނީ މެލޭ އަދަބިއްޔާތުގެ އަމިއްލަ އުފެއްދުންތަކަށާއި، ދުނިޔޭގެ އިލްމީ މަސައްކަތްތަކުގެ ތަރުޖަމާތަކަށާއި އެންސައިކްލޯޕީޑިއާތަކަށް މެދުކެނޑުމެއްނެތި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

ތައުލީމީ ނިޒާމާއި ޒުވާނުންގެ ބައިވެރިވުން

ތައުލީމަކީ ޖީލުތަކުގެ މެދުގައި އެއްގޮތްކުރެވިފައިވާ، ބަހާސާ މެލޭޝިޔާ (މެލޭ ބަސް) އާންމުކޮށް ފެތުރުމަށް ޓަކައި ބޭނުންކުރެވޭ މައިގަނޑު އަދި އެންމެ މުހިންމު އެއް ވަސީލަތެވެ.

ގައުމީ މަންހަޖު: ކޮންމެ ބަހަކުން ކިޔަވައިދޭ އިސްކޫލެއް ނަމަވެސް މެލޭ ބަހަކީ ފަށާތަޢުލީމާއި ސާނަވީ ތަޢުލީމުގެ އެންމެހައި އިސްކޫލްތަކެއްގައި މަޖުބޫރު މާއްދާއެކެވެ. ސިޖިލް ޕެލާޖަރަން މެލޭޝިޔާ (އެސްޕީއެމް) އިމްތިހާނު (މެލޭޝިއާގެ އާންމު ތަޢުލީމުގެ ސަނަދު)ގައި ބަހާސާ މެލޭޝިއާ (މެލޭ ބަސް) އިން ފާސްވުމަކީ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) ނުވަތަ ސާނަވީ މަދަރުސީ ސަނަދު ހޯދުމަށާއި، ސަރުކާރުގެ މަތީތައުލީމުގެ މުއައްސަސާތަކަށް (ކޮލެޖާއި ޔުނިވަރސިޓީތަކަށް) ވަނުމަށް ޓަކައްޔާއި ސިވިލް ސާވިސްގެ ވަޒީފާއަކަށް ވަނުމަށް ޓަކައި ކޮންމެހެން މަޖުބޫރު ކަމެކެވެ.

ގައުމީ ބަހުގެ މައްސަރު (ބުލާން ބަހާސާ ކެބަންގްސައާން): ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަހު މުޅި ގައުމުގައި ފާހަގަކުރާ މި ހަރަކާތުގައި، ސަރުކާރު އިސްކޫލުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ ވުޒާރާތަކުން މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި، ބަހުސް މުބާރާތްތަކާއި ޅެން ހުށަހެޅުމުގެ (ޑެކްލަމާސީ ސަޖަކް) މުބާރާތްތައް ބާއްވައި ބަހާ މެދު، ދަރިވަރުންނާއި ޒުވާނުންގެ ހިތްތަކުގައި ފަޚުރުވެރިވުން އުފައްދައިދެއެވެ.

އާންމުންގެ ހަރަކާތްތަކާއި ސުމޭކީ ބަދަލުތައް

ފަހަކަށް އައިސް، އާންމު ރައްޔިތުންނާއި، ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، (ކޮންޓެންޓް ކްރިއޭޓަރސް) އަދި އަމިއްލަ ޖަމިއްޔާތަކުން ވަނީ އިންޓަނެޓުގައި ބަހާސާ މެލޭޝިޔާ ޒަމާނީކުރުމުގައި އިސް ދައުރެއް އަދާކުރާން ފަށައިފައެވެ.

ސުމޭކީ އަރުޝީފުކުރުމާއި އާންމު އިލްމު: މެލޭ ވިކްޝަނަރީއާއި އޮންލައިން އަދަބީ ޚަޒާނާތައް ފަދަ މަޝްރޫއުތަކުގެ ސަބަބުން، އާންމު ބަސްކޮށާރާއި، މިސާލު ބަސްތަކާއި (ޕެރިބަހާސާ)، އަދި އަމިއްލަ އިސްތިލާހުތަކަށް އާންމުންނަށް އޮތް ފުރުސަތު ފުޅާވެގެން އައިސްފައިވެއެވެ.

އުފެއްދުންތެރި ސިނާއަތްތައް: ގައުމީ ފިލްމު އުފައްދާ ފަރާތްތަކުންނާއި، މިއުޒީޝަނުންނާއި، އަދި ސުމޭކު އުފެއްދުންތެރީން ގެންދަނީ މެލޭ ބަހުގެ ފެންވަރު ރަނގަޅު ސިނަމާތަކާއި، އަމިއްލަ މިއުޒިކާއި، އަދަބިއްޔާތު އުފައްދަމުންނެވެ. މީގެ ސަބަބުން ބަހާސާ މެލޭޝިއާގެ މީޔާރު ބަހާއި، ސަރަހައްދީ ބަހުރުވަތައް ޒުވާން ޖީލުތަކުގެ މެދުގައި ސަގާފީ ގޮތުން ދެމިއޮތުމަށް އެހީތެރިވެދެއެވެ.

ސަރަހައްދީ ބަހުރުވަތައް ރައްކާތެރިކުރުން: މެލޭ ބަހުގެ ރަސްމީ މީޔާރު ބަހުގެ އިތުރަށް، އެކި ސަރަހައްދުތަކަށް ޚާއްސަ ބަހުރުވަތައް، އެކި ޖަމުޢިއްޔާ ޖަމާއަތްތަކާއި ޢިލްމީ އިދާރާތަކުން ގެންދަނީ ލިޔެ ފުރޭފުކުރަމުންނެވެ. އޭގެ ތެރޭގައި ތަފާތު ބަހުރުވަތައް ގެންގުޅޭ ކެލާންޓަން، ކެޑަހ، ޓެރެންގަނު ފަދަ އިސްޓޭޓުތަކުގައި މޮށެއުޅޭ ތަފާތު ބަހުރުވަތައް ހިމެނޭއިރު، މީގެ މަގުސަދަކީ އެކި އިސްޓޭޓްތަކުގެ މުއްސަނދި އަނގަބަހުން ތާރީޚީ ސަގާފަތްތައް ޒަމާނީވަމުންދާ ދުނިޔޭގައި އުވިގެންދިޔަނުދިނުމަށް ޓަކައި މަސައްކަތްކުރުމެވެ. އެހެނީ ބަހުރުވަތަކަކީ ކޮންމެ ބަހެއްގައި ވެސް މައި ބަހުގެ އަސްލެވެ. ބަހުގެ ދިރާސާތަކަށް ބަހުރުވަތައް އުވިނުގޮސް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. މި ހަގީގަތް މެލޭޝިއާގެ ރައްޔިތުން ގަބޫލުކުރެއެވެ.

އެހެންކަމުން މެލޭ ބަސް (ބަހާސާ މެލޭޝިއާ) ދަމަހައްޓައި ކުރިއެރުމަށް ޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަނީ އެއީ މެލޭ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާކަމަށް ހުރިހައި އެންމެން ހެޔޮ ހިތުން ގަބޫލުކުރާތީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

މަންސަ     ނ.     ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. platform

މީޔާރު      ނ./ނއ. (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (3) އާންމު ހަމަ.  standard

ސުމޭކު      ނއ.    (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ.  digital

ކޮމެންޓު