ad_banner
ކޮލަމް ހަމަ(64): ނުކުތާޖެހި އަކުރުތައް ބޭނުންކުރުމުގައި އެންމެ ފަސޭހަ ގޮތް

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

31 އޮކްޓޯބަރު 2026

ދުނިޔޭގެ ވަރަށް ގިނަ ބަސްބަސް ލިޔެކިޔައި ހަދާން ގެންގުޅޭ ލިޔުމުގެ ނިޒާމުގައި ބޭނުންކުރާ ނިޝާން (އަކުރު)ތަކުގައި ތިރިއާއި މަތީގައި ނުކުތާޖަހައިފައި ހުރުމަކީ ވަރަށް ޢާންމު ކަމެކެވެ. ޢަރަބި އަކުރުން ލިޔާ ބަސްބަހުގައި މި ނުކުތާތައް ވަރަށް ގިނައެވެ. މި އަކުރުތައް ޢަރަބި ބަސް ލިޔާން ބޭނުންކުރާ އިރު ނުކުތާ ޖަހާ ވަރަށް ވުރެ މާ ގިނައިން ފާރިސީ، އުރުދޫ، މެލޭ (ޖާވީ އަކުރުން ލިޔާ އިރު) ބަސް ލިޔާ އިރު މާ ގިނަ ނުކުތާ ޖަހައެވެ.

ލެޓިން އަކުރުން ލިޔާ ބަސްބަހުގެ ތެރެއިން އިނގިރޭސި ބަސް ލިޔާ އިރު ނުކުތާ  ޖަހަނީ އެންމެ ދެ އަކުރު (އައި، ޖޭ)ގައި ކަމަށް ވިޔަސް ލެޓިންއަކުރުން ލިޔާ އެހެން ބަސްބަހުގައި (މި ސާލަކަށް: ޖަރުމަނު، ތުރުކީ، އިސްޕޭނުވިލާތުގެ ބަސް ލިޔާ އިރު) މި ނުކުތާތައް ވަރަށް ގިނައެވެ.

ދިވެހިބަހުގެ ލިޔުމުގެ ނިޒާމުގައި ލެޓިންއަކުރު ބޭނުންކުރާނޭ ގަވާއިދެއް 1977ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވައިލައްވައި އާންމުކުރައްވައިފައި ވިޔަސް މި ގަވާއިދަށް ޢަމަލުކުރަނީ (އަދި އަމުދުން މި ގަވާއިދު ދަންނަނީ ވެސް) ވަރަށް މަދު ބަޔެކެވެ. މިއީ މިއަދުގެ މައުޟޫޢާ މުޅީން ގުޅޭ ނުކުތާއަކަށްނުވާތީ، މި ވާހަކަ މި ހިސާބަށް ބޭއްވުމަށް ފަހު އަސްލު މައުޟޫޢަށް ދާނަމެވެ.

ދިވެހިބަސް ތާނައިން ލިޔާއިރު، ނުކުތާޖެހި އަކުރުތައް ބޭނުންކުރާން ބައެއް މީހުންނަށް ވަރަށް އުނދަގުލެވެ. އަޅުގަނޑު މި އުޅެނީ އެ ކަން ކުރާނެ ފަސޭހަ ގޮތެއް ދަންނަވައިލާށެވެ. އެހެންނަމަވެސް އެ ކަން އުނދަގޫވާ އެއް ސަބަބަކީ ނުކުތާޖެހި އަކުރުތަކަކީ ވަކި (ދުރުހިލޭ) އަކުރުތަކެއްކަމަށް ހަދައިގެން އެ އަކުރުތަކަށް ވަކި ނަމެއް ދީގެން އެތައް ޒަމާނެއް ވަންދެން އަޅުގަނޑުމެން އުޅެމުން އަންނާތީއެވެ. ތިކިޖެހިތާނައޭ ކިޔައިގެންނެވެ. ނަމަވެސް ޢަރަބީގެ ނުކުތާޖެހި އަކުރުތަކަކަށް އެކަކު ވެސް ތިކިޖެހި އަލިފުބާއެކޭ، އިނގިރޭސީގެ ނުކުތާޖެހި އަކުރުތަކަކަށް ތިކިޖެހި އޭބީސީޑީއެކޭ ނުކިޔަމުއެވެ. މި ވާހަކަ ވެސް މި ހިސާބަށް ބާއްވާނަމެވެ.

ދިވެބަސް ތާނައިން ލިޔާ އިރު، އެ އަކުރުތައް އޮޅުވައިނުލައި އެންމެ ފަސޭހައިން ބޭނުންކުރެވޭނެ ގޮތް، [ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނޭ ހަމަ]އިގައިވާ ގޮތަށް ފަސޭހަ ގޮތަކަށް ދަންނަވައިލާނަމެވެ. މި ކަމުގައި ހަމަ އެންމެ ދެ ކަމަކަށް ސަމާލުކަންދެއްވީމާ އެ ނިމުނީއެވެ.

އެންމެ ފުތަތަމަ ހަމައަކީ، އެއްވެސް ޙާލެއްގައި ދޫކޮށްލައިގެން ނުވާނެ ތިން އަކުރެއް އޮތްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އެންމެ ތިން އަކުރު ހަނދުމަފުޅު ބަހައްޓަވާކަށް އުނދަގޫފުޅެއް ނުވާނެތާއެވެ.

އެއީ [ޚ]އާއި، [ޣ]އާއި [ޝ]އެވެ. މި ތިން އަކުރު އެއްވެސް ޙާލެއްގައި ދޫކޮށްލައިގެންނެއް ނުވާނެއެވެ. ޚަބަރަށް ހަބަރެކޭ ލިޔުއްވައިގެންނެއް ނުވަނެއެވެ. ޚަރަދަށް ހަރަދޭ، ޚާދިމުކުމް ލިޔާންވާ ތަނެއްގައި [ހާދިމުކުމް] ލިޔުއްވައިގެންނެއްނުވާނެއެވެ. ޣާޒީ ރަދުންނަށް ގާޒީ ރަދުންނޭ، ޣަފޫރަށް ގަފޫރޭ، ލިޔުއްވައިގެންނުވާނެއެވެ. ޝުކުރިއްޔާއަށް ސުކުރިއްޔާއޭ، ޝަރަފަށް ސަރަފެކޭ ލިޔުއްވައިގެންނެއް ނުވާނެއެވެ.

ދެން ނުކުތާ ނުޖަހައިފި ނަމަ، މާނަ އޮޅޭ ނުވަތަ މާނަ ބަދަލުވާ އަކުރުގެ ނުކުތާ ދޫކޮށްލައިގެނެއްނުވާނެއެވެ. މިސާލަކަށް ޢަމަލަށް އަމަލޭ ލިޔުއްވައިގެންނެއްނުވާނެއެވެ. [ޢަމަލު]އާއި [އަމަލު]ގެ މާނަ ތަފާތުކަމުންނެވެ. [ޢަމަލު]ގެ މާނައަކީ ކުރާ ކަންތަކެވެ. ޙަރަކާތްތަކެވެ. މަސައްކަތެވެ. މިއާ ޚިލާފަށް [އަމަލު]ގެ މާނައަކީ މަސްތުވުމެވެ. އަމަލުވުމެވެ. ޢަރަބި މާނައަށް ބަލާ ނަމަ، އެއީ އުންމީދެވެ.

ދެން ޢަރަބި ނަންތަކާއި ލަގަބުތައް ލިޔާންވާނީ ނުކުތާޖަހައިގެންނެވެ. [އަލްފާޟިލް] މިއީ ދިވެހީން  ނަމުގެ ކުރީގައި ބޭނުންކުރާ ލަގަބެކެވެ. އެއީ ޢަރަބި ލަފުޒެކެވެ. [ރަމަޟާން] މިއީ ވެސް ޢަރަބި ނަމެކެވެ. ދިވެހީން ކިޔަނީ ރޯދަމަހެވެ. އެހެންވީމާ އަލްފާޟިލް ލިޔާންވާ ތަންތާނގައި އަލްފާސިލު ނުވަތަ އަލްފާލިލު ލިޔެގެންނުވާނެއެވެ.

މި ދެންނެވި ތިން ހަމައިގެ އިތުރަށް ދެން ހުރި އެހެން އެއްވެސް އަކުރެއްގައި ނުކުތަ ނުޖެހިޔަސް މައްސަލައެއް ނތެވެ. ނަމަވެސް ނުކުތާ ޖައްސަވާން ބޭނުންފުޅު ބޭފުޅުންނަށް އެ އިޚުތިޔާރު އެބަ އޮތެވެ. ހަގީގަތް، ގަވާއިދު، ގާނޫނު، އުސޫލު، ތައުލީމު، މައުލޫމާތު، ބައިނަލްއަގުވާމީ، ފަދަ ލަފުޒުތައް ނުކުތާނުޖައްސަވައި ލިޔުއްވިޔަސް މައްސަލައެއް ނެތެވެ. ނަމަވެސް އެންމެ ބޮޑަށް ހަނދުމަފުޅުބަހައްޓަވާން ޖެހޭ ތިން އަކުރަކީ އެއްވެސް ތަނެއްގައި އެއްވެސް ޙާލެއްގައި ދޫކޮށްނުލެވޭނެ ތިން އަކުރެވެ. އެއީ ކުރީން ވެސް ދަންނަވައިލި ފަދައިން ޚ، ޣ، ޝ، މި ތިން އަކުރެވެ. ދެން ނުކުތާނުޖަހައިފި ނަމަ މާނައޮޅޭ ފަދަ ލަފުޒެއް ލިޔުއްވާ އިރު، ނުކުތާ ޖައްސަވާންވާނެއެވެ. [ޤާޟީ]ގެ ބަދަލުގައި [ގާޒީ] ލިޔުއްވައިގެންނެއްނުވާނެއެވެ. އޭރުން [ޣާޒީ]އާއި [ޤާޟީ] އޮޅިދާނެތީއެވެ.

ތާނަލިޔުމުގައި ނުކުތާޖެހި އަކުރުތައް ބޭނުންކުރާ ގަވާއިދު އެންމެ ކުރުކުރުކޮށް މި ދަންނަވައިލީއެވެ. މި ގަވާއިދު ތަފުސީލުކޮށް ބައްލަވާން ބޭނުންފުޅު ނަމަ، https://dba.gov.mv/20372 މި ލިންކަށް ޒިޔާރަތްކުރައްވައިގެން ޑައުންލޯޑުކުރައްވާށެވެ! އެކަމަކު ހަނދުމަފުޅު ބަހައްޓަވާށެވެ! [ޚ]އާއި [ޣ]އާއި [ޝ] ދޫކޮށްނުލައްވައްޗެވެ!

ކޮމެންޓު