އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
3 ނޮވެންބަރު 2026
ދިވެހިބަސް ތާނައިން ލިޔެކިޔައި ހަދާ އިރު، ގަވާއިދާ އެއް ގޮތަށް ލަފުޒު ދުރުކުރުމުގައި ބައެއް މީހުންނަށް އުނދަގޫވާކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް މިއީ ވަރަށް ފަސޭހައިން ދެނެގަނެވިދާނެ ކަމެކެވެ. ލަފުޒު ދުރުކުރުމުގެ އުސޫލުވަނީ ދިވެހިބަހުގެ އެކެޑަމީގެ ވެބުސައިޓުގައި ޝާއިޢުކުރައްވައިފައެވެ.
މިއަދު އަޅުގަނޑު މި މަސައްކަތްކޮށްލަނީ [ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު] ފަސޭހަ ގޮތަކަށް އޮޅުންފިލުވައިދެވޭތޯއެވެ. ލަފުޒު ވަކިކޮށް ލިޔުމުގައި އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ސަމާލުކަންދޭން ޖެހެނީ ދެތިން ކަމަކަށެވެ.
މައިގަނޑު ހަމައަކީ ދިވެހިބަހުގެ ޖުމުލައިގައި ހިމެނޭ އަށް ބައި (ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެނަން، އިތުރު، މަސްދަރު، އަކުރު)ގެ ތެރެއިން [އަކުރު] ފިޔަވައި އެހެން ހުރިހައި ބައިތަކެއް ހުރިހައި ޙާލަތެއްގައި ވެސް ވަކީން (ދުރުކޮށްގެން) ލިޔުމެވެ. އެހެންކަމުން މައިގަނޑު ގޮތެއްގައި ދަސްކޮށްލާން ޖެހޭނީ އަކުރާ ބެހޭ ބައެވެ. މި ބައިގައި ވެސް ހަނދާންބަހައްޓާން ޖެހެނީ ދެތިންހަތަރު ހަމައެކެވެ. ގަވާއިދެކެވެ.
މި ތިންހަތަރު ހަމަ ނުވަތަ ގަވާއިދު، ފަސޭހައިން އޮޅުން ފިލުވައިދިނުމަށް ޓަކައި، ދިވެހިބަހުގައި ހުންނަ މެހޭ އަކުރުތަކާއި ނުމެހޭ އަކުރުތައް ބަޔާންކޮށްލާން އެބަޖެހެއެވެ.
1. މެހޭ އަކުރޭ މި ދަންނަވަނީ ލަފުޒުގެ ފަހަތަށް އަންނަ އަކުރަކާއި ފިއްޔެއްގެ ސަބަބުން ޖެހިގެން އަންނަ ލަފުޒާ ގުޅި އެއް ލަފުޒެއްގެ ގޮތަށް ބަދަލުވާ ބަދަލުވުމަށެވެ. އެއް ލަފުޒަކަށް އަނެއް ލަފުޒު އެމުނުމަށެވެ. މިސާލަކަށް: ރަށް+އަށް = ރަށަށް، ސުކޫލް + އިން = ސުކޫލުން، އަތޮޅު + އާއި = އަތޮޅާއި. މިއީ ލަފުޒު މެހޭ ޙާލަތުގެ މިސާލެކެވެ. ހަމަ މި ލަފުޒުތައް ނުމެހޭ ޙާލަތަކީ: ރާއްޖެ + އަށް = ރާއްޖެއަށް، މަދަރުސާ + އިން = މަދަރުސާއިން، ރާއްޖެ + އާއި = ރާއްޖެއާއި މިއެވެ.
މި ދަންނަވައިލެވުނީ މެހޭ އަކުރުގެ މިސާލުތަކެކެވެ.
2. ނުމެހޭ އަކުރޭ މި ދަންނަވަނީ އެއްވެސް ޙާލަތެއްގައި ކުރީ ލަފުޒާ ނުމެހޭ އަކުރުތަކަށެވެ. މިސާލަލަށް، އެކަމަކު، އެހެންނަމަވެސް، ނަމަވެސް، ވެސް، ޓަކައި ވަކި، ހުރެ، މި ފަދަ ލަފުޒުތައް ކުރީ ލަފުޒަކާ ނުއެއް މެހޭނެއެވެ.
ފަހުން މި ދަންނަވާ ގަވާއިދު ދެނެގަތުމުގެ ފަސޭހައަށް ޓަކައި އިސްވެ މި މިސާލުތައް ދަންނަވައިލީއެވެ. ދެން އަކުރު ދުރުކުރުމާ ބެހޭ މައިގަނޑު ދެތިން ހަމަ ދަންނަވައިލާނަމެވެ.
1. ފުރަތަމަ ހަމައަކީ އެއްވެސް ހާލެއްގައި އެހެން ލަފުޒަކާ މެހޭ އަކުރެއް ނަމަ، ކޮންމެ ޙާލަތެއްގައި ވެސް (މެހުނަސް، ނުމެހުނަސް) ދުރުނުކޮށް ލިޔުމެވެ. އަކީ، އާއި، އިން، އަކު، އަށް، އެވެ، އާއި ފަދަ އަކުރުތައް ކުރީ ލަފުޒާ ދުރުކޮށްގެންނުވާނެއެވެ. މެހުނަސް ނުމެހުނަސްވެހެވެ. އެއީ ބައެއް ހާލަތްތަކުގައި ކުރީ ލަފުޒާ މެހޭތީއެވެ. މީގެ ތަފުސީލީ މިސާލުތައް އިސްވެ ދަންނަވައިލެވިފައި އެ ވަނީއެވެ.
2. ހަނދުމަފުޅު ބަހައްޓާން ޖެހޭ ދެވަނަ ހަމައަކީ ނުމެހޭ އަކުރެއް ނަމަ، ކޮންމެ ހާލަތެއްގައި ވެސް ދުރުކޮށްގެން ވަކީން ލިޔުމެވެ. އެ ލަފުޒަކީ އެއް އަކުރުގެ ލަފުޒެއްކަމަށް ވިޔަސް އެ ލަފުޒު ކުރީ ލަފުޒާ މެހޭ ހާލަތެއް ނޯންނަ ނަމަ، އެ ލަފުޒު ލިޔާންވާނީ ވަކީންނެވެ.
3. ތިންވަނަ ހަމައަކީ އެކަހެރިކުރުމުގެ އަކުރު (އެއް، އަކު) ފަދަ އަކުރުތަކާއި ގިނަކުރުމުގެ އަކުރުތައް (ތައް، މެން، ފަހަރު) އެއްވެސް ހާލެއްގައި ކުރީ ލަފުޒާ ދުރުކޮށްގެންނުވާނެކަމެވެ. އަދި ގިނަކުރުމަށް ޓަކައި ނުވަތަ އަސަރުގަދަކުރުމުގެ ގޮތުން ނަމަވެސް ތަކުރާރުކުރާ ދެ ލަފުޒު (އެއް ލަފުޒު އަނެއް ލަފުޒާ) ދުރުކޮށްގެންނުވާނެއެވެ.
މިސާލު: އަތޮޅުތައް، މަންމަމެން، އާގުބޯޓު ފަހަރު، ރަށްރަށް، އަތޮޅުއަތޮޅު،
4. ހަމަ މި ފަދައިން، ޒަމާނާއި ތަން ބަޔާންކުރާ އަކުރު (ގައި)އާއި މިލްކުވެރިކަމާއި ނިސްބަސްކުރުމުގެ އަކުރުގެ ގޮތުގައި ބޭނުންކުރާ [ގެ] ކުރީ ލަފުޒާ ދުރުނުކޮށް ލިޔުމެވެ. މެހުނަސް ނުމެހުނަސްވެހެވެ. ނަމަވެސް ނަމެއްގެ ގޮތުގައި ބޭނުންކުރާ [ގެ] އޮންނާނީ ވަކީންނެވެ.
މިސާލު: އިންސާނެއް، ކުޑައެއް، މީހަކު، ދެންމެއަކު، ރަށްތައް، މަންމަމެން، ބޯޓުފަހަރު، އަހަރެމެންގެ ގެ، ރަށުގައި، ދިހަގަޑި ބައިގައި.
މި ދަންނަވައިލި މިންވަރުން ވެސް ލަފުޒު ދުރުކުރުމުގެ އުސޫލުގެ 98 އިންސައްތަ ހާސިލުކުރެއްވޭނެއެވެ. އިތުރަށް ތަފުސީލުކޮށް ދަސްފުޅުކުރައްވާ ނަމަ، https://dba.gov.mv/20376 މި ލިންކަށް ފިއްތަވައިލައްވައިގެން ޑައުންލޯޑުކުރައްވާށެވެ. އެހެންނަމަވެސް އިތުރަށް ދަސްފުޅުނުކުރެއްވިޔަސް، އިސްވެ ދަންނަވައިލެވުނު މިންވަރުން ވެސް ފުދި އިތުރުވާނެކަމަށް ގަބޫލުކުރަމެވެ.
ހަނދުމަފުޅުބަހައްޓަވާނެކަމަށް އުންމީދުކުރަމެވެ. މީގެ ކުރީން ފަންވަތް ފަދަ ބައެއް ވެބްސައިޓުތަކުގައި ލަފުޒުދުރުކުރަުމާ ބެހޭ ގޮތުން އަޅުގަނޑު ލިޔެފައިވާ ލިޔުންތަކަކީ އޭރު އޮންނަ ގަވާއިދަށް ބިނާކޮށް ލިޔެފައިވާ ލިޔުންތަކެކެވެ. އެ ގަވާއިދުވަނީ ދެ ފަހަރެއްގެ މަތީން މުރާޖާކުރައްވައި އޭގެ އާ އިސްދާރެއް ޝާއިޢުކުރައްވައިފައެވެ. މި މަގާލު ބިނާކޮށްފައިވާނީ ދިވެހިބަހުގެ އެކެޑަމީއިން 2024ވަނަ އަހަރު ޝާއިޢުކުރައްވައި އަދި މިހާރު ވެސް ޢަމަލުކުރެވެމުން އަންނަ ގަވާއިދުގެ މައްޗަށެވެ.