އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
5 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ މާޒީގައި ދީނީ ޢީލްމުވެރީންގެ ގޮތުގައި ޚިދުމަތްކުރައްވައިފައިވަނީ ދިވެހިބަހާއި ޤައުމިއްޔަތަށް ޚާއްޞަ ލޯތްބެއް ބެހެއްޓެވި އަދި އަދަބިއްޔާތުގައި ވެސް އެންމެ އުސް ކުންނަށް ވާޞިލުވެވަޑައިގެންފައިވާ އަދީބުންނެވެ. ޝާޢިރުންނެވެ. މި ފަދަ ޢިލްމުވެރީންގެ ކުރު ލިސްޓަކަށް ބަލައިލަމާތޯއެވެ!
އިސްލާމީ އަގީދާއާއި ފިގުހީ ކަންކަމާއި ނަބީބޭކަލުންގެ ވާހަކައާއި ދީނީ އެކި މަޢުލޫމާތު ހިމަނުއްވައިގެން، ރައިވަރުން 'ބޮޑު ތާހީދު' ލިޔުއްވި ކުޅަދާނަ ޝާޢިރެވެ. އަލްވަޒީރު އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ.
ޝާފިޢީ މަޒުހަބުގެ ފިޤުހުގެ މައްޗަށް ދިވެހިރާއްޖޭގައި މިހައި ތަނަށް ލިޔެވިފައިވާ އެންމެ ބޮޑު ފިޤުހު ފޮތް [ޒުހުރުލްކަމާލާތި ފީ އަޙުކާމިލްޢިބާދާތި] (ބޮޑު ތަރުތީބު) ލިޔުއްވި ކުޅަދާނަ ފަޤީހެވެ. އަލްޚަޠީބު ޢަލީ އެދުރު ތަކުރުފާނު (މާލޭ އެދުރު ތަކުރުފާނު)އެވެ.
ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފުންނާބު އުސް ދީދީ ޢިލްމުވެރިޔާ އަދި މުއައްރިޚު އައްޝައިޚު ޙަސަން ތާޖުއްދީނެވެ. މަޝްހޫރު ޝާޢިރު ބަނޑޭރި ޙަސަންމަނިކުފާނެވެ. އެތައް ފޮތެއް ލިޔުއްވައިފައިވާ އައްޝައިޚު މުޙަންމަދު ޖަމާލުއްދީނު (ނާއިބު ތުއްތު)އެވެ. އެތައް އަދަބީ އަދި ދީނީ އުފެއްދުމެއް އުފެއްދެވި ދީނީ ޢިލްމުވެރިޔާ އަލްޤާޟީ ޢަބްދުﷲ ފަހުމީ ދީދީ އަލްއަޒުހަރީ (ޝައިޚުލްއިސްލާމް)އެވެ.
ކުރު ޢުމުރުފުޅެއްގައި ފަންސާސް އެތައް ފޮތެއް، ފުޅި ބައްތީގެ އަލީގައި އޮނު ގަލަމުން ލިޔުއްވި އަދި މީހުން ޙައިރާންވާހައި މޮޅަށް ކީރިތި ރަސޫލާގެ ސީރަތު ދިވެހިބަހަށް ތަރުޖަމާކުރެއްވި އައްޝައިޚު ޙުސައިން ޞަލާހުއްދީނެވެ. ދިވެހީންގެ ސިކުނޑިތައް ދީނީ މަޢުލޫމާތުން އަދި ޚާއްޞަކޮށް ޢިބާދާތާ ބެހޭ ފިޤުހުން މުއްސަނދިކޮށްދެއްވުމަށް ޓަކައި [އިރްޝާދުލްއަނާމި ފީ އަހަންމި އަޙުކާމިލްއިސްލާމި] އާއި [ތަޢުލީމުއްދިޔާނާ] (1،2،3)އާއި [ދީނިއްޔާތު] (ސިލްސިލާއެއް)އާއި [ނަމާދުގައި ކިޔާ ތަކެތީގެ މާނަ]އާއި އިތުރު އެތައްއެތައް ފޮތެއްގެ މުޞައްނިފު އައްޝައިޚު މުޙަންމަދު ޖަމީލު ދީދީ (އުސްތާޒުލްޖީލު)އެވެ.
މި ލިސްޓު ވަރަށް ދިގުވެދާނެތީ މި ވަރުން ފުއްދައިލުމަށް ފަހު، އޭގެ ކުރީން ވެސް އޭގެ ފަހުން ވެސް، ދާދި ފަހަކާ ޖެހެންދެން ރާއްޖޭގައި އުޅުއްވި ކޮންމެ ޢިލްމުވެރިއަކީ ދިވެހިބަހާއި ޤައުމިއްޔަތަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދެއްވި އަދީބެކޭ ނުވަތަ ޝާޢިރެކޭ ދަންނަވައިލުމުން މި ވަގުތައް ފުއްދައިލާނަމެވެ. އާދޭހެވެ! އެއީ ޢިލްމުވެރި ބަސްވާރުންނެވެ.
މި ދެންނެވި ފަދަ ބޭބޭފުޅުންގެ ލިޔުއްވުންތަކުގައި ވަރަށް ޚާއްޞަ އަދަބީ ބަސްކޮށާރެއް ގެންގުޅުއްވިއެވެ. ދީނީ ލިޔުންތަކުގައި ޚާއްޞަކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް ބަސްމަގު ގެންނަވައިފައި ހުންނަ ގޮތާއި ކީރިތި ރަސޫލާ r އަށް ނިސްބަސްކުރާ ބަސްމަގާއި ޢަރަބި އެކި ކަލިމަތައް ދިވެހިބަހުގެ ސަގާފަތާއި ޠަބީޢަތާ އެއް ގޮތަށް ތަރުޖަމާކުރެއްވުމާއި، މި ހުންނަނީ އެ ބޭފުޅުން ފިސާރި ރަނގަޅަށް އެނގިވަޑައިގެން ދިރާސާކުރައްވައިގެން ކުރައްވައިފައިވާ ކަންކަމެވެ.
މި ފަދަ ބަސްމަގުގައި ބޭނުންކުރައްވައިފައި ހުރި ބައެއް މަފުހޫމުތަކުގެ ކުރު ބަސްކޮށާރެއް ލިސްޓުކޮށްލާނަމެވެ.
1. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ
2. ކަށަކުޅަދުންވަންތަ
3. އަރަހުށި ހުސްޠާހިރުވަންތަ
4. ޔަދުޤުރުރަތްޕުޅު
5. ތަޖައްލީވެވޮޑިގަތުން
6. ރުހިވޮޑިގަތުން
7. ފާފަފުއްސަވައި ރަޙުމަތްލައްވާނދޭވެ!
8. ކުއްތަންވެވޮޑިގަތުން،
9. އަޅަމެންގެ ވެރި ރަސްކަލާކޮ!
މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ލިސްޓުކޮށްލި ލަފުޒު ލިސްޓެކެވެ. މި ފަދަ ސިޔާގެއްގައި ބޭނުންކުރާ ވަކި ބަސްކޮށާރެއް ދިވެހިބަހުގައި އޮވެއެވެ. އެ ފަދަ ބައިވަރު ލަފުޒުތައް ދިވެހިބަހުގައި ހުރެއެވެ. މި ލަފުޒުތައް އަޅުގަނޑުމެންގެ ޢިލްމުވެރި ކާބަފައިން ބޭނުންކޮށްފައިވަނީ ނޭނގިގެން ނުވަތަ އޮޅިގެންނެއް ނޫނެވެ. އެނގިވަޑައިގެން ދެނެވަޑައިގެން ތިއްބަވައެވެ. ރަނގަޅަށް ދިރާސާކުރައްވައިގެން ރަނގަޅު ގޮތް ބައްލަވައިގެންނެވެ.
މި ހުރިހައި ލަފުޒުތަކަކަށް، އެ ލަފުޒުތައް ކާބަފައިން ޚިޔާރުކުރެއްވީ ކީއްވެގެންތޯ، ބަލައިލުމަކީ އުނދަގޫ ކަމެކެވެ. އަމުދުން މި ފަދަ ކުރު މަގާލެއްގައި އެއީ ނުވާނެ ކަމެކެވެ. އެހެންކަމުން މިއަދު އަޅުގަނޑު ވާހަކަދައްކައިލާން މި ގަސްތުކުރަނީ [الّلهم] މި މާތް ކަލިމަފުޅުގެ ބަދަލުގައި ދިވެހިބަހުން (އޭގެ ތަރުޖަމާއެއްގެ ގޮތުގައި) ބޭނުންކުރާ [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ] މި މާތް ކަލިމަފުޅަށެވެ. މި ގޮތަށް އަޅުގަނޑުމެންގެ ޢިލްމުވެރި ކާބަފައިން ބޭނުންކުރެއްވީ ކުރީން ވެސް ދެންނެވި ފަދައިން އަސްލަކާއި ސަބަބެއްގެ މައްޗަށް ރިޢާޔަތްކުރައްވައިގެންނެވެ.
ނަމަވެސް އަޅުގަނޑުމެންގެ ބައެއް ދަންނަބޭކަލުން، އެ ބޭފުޅުންނަށް ބަހުގެ ޢިލްމުން ލިބިވަޑައިގެންފައިވާ މަދު މަޢުލޫމާތުކޮޅެއްގެ އަލީގައި، މިއީ ކަމުދާ ކަލިމަފުޅެއް ނޫންކަމަށް ނިންމަވައި، އެ ގޮތަށް ބޭނުންފުޅުކުރައްވައިފައިވަނީ ކުރީގެ ޢިލްމުވެރީންނަށް އެނގިވަޑައިނުގަންނަވާތީ (ޖާހިލުކަމުން)ކަމަށް ބައްލަވައި އޭގެ ބަދަލުގައި [ހައްދަވައި ގެންގުޅުއްވާ އިލާހު] މި ގޮތަށް ބޭނުންފުޅުކުރައްވާކަން ތިޔަ ބޭފުޅުންނެކޭ ވެސް އެއް ފަދައިން އަޅުގަނޑަށް ވެސް ފާހަގަކުރެވެއެވެ. ނަމަވެސް ކުރީގެ ޢިލްމުވެރީން ބޭނުންފުޅުކުރައްވަމުން ގެންދެވި [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ] މި ކަލިމަ މާފުރިހަމަކަން އެ ދެ ކަލިމައަށް ފުންކޮށް ވިސްނައިލުމުން އެނގެއެވެ.
ދެން [ހައްދަވައި ގެންގުޅުއްވާ އިލާހު] މި ކަލިމައަށް ވުރެ، [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ] މި ކަލިމަ މާ އެކަށީގެންވާ ސަބަބު ދަންނަވައިލަންތޯއެވެ! (ގަބޫލުފުޅުކުރެއްވުމާއި ނުކުރެއްވުމަކީ އެހެން ކަމެކެވެ.)
އާދޭހެވެ! ކުރީން ވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ ޢިލްމުވެރި ކާބަފައިން [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ] މި ކަލިމަ ބޭނުންފުޅުކުރައްވައިފައި އެ ވަނީ ވަރަށް މުހިންމު ސަބަބަކާ ހުރެއެވެ.
އިންސާނާއަކީ މަލާއިކަތުންނާ ޚިލާފަށް ދެ މަގަށް މަގުދައްކަވައި ބިމުގައި ޚަލީފާވެރިކުރައްވައި މިނިވަންކަމާ އެކު އުޅުމަށް މި ބިމަށް ދޫކުރައްވައިފައިވާ ޝަރަފުވެރި މަޚުލޫޤުންތަކެކެވެ. ފުރިހަމަ އިޚުތިޔާރާ އެކީގައެވެ. ސުވަރުގެ ދާން ބޭނުން މީހަކު ހެޔޮ މަގުން ހިނގައި ހެޔޮގޮތުގައި ދުނިޔެ ތައުމީރުކުރުމަށް ފަހު ކާމިޔާބު އިންސާނެއްގެ ގޮތުން ސުވަރުގޭގެ މަތިވެރި ނިޢުމަތަށް ދާންވީއެވެ. މީގެ އަނެއް ކޮޅުން ﷲ ބަޔާންކުރައްވައިފައިވާ ނުބައިކަމުގެ މަގުން އިންސާނާ ހިނގައިފި ނަމަ، އޭނާ ދާނީ ނަރަކައަށެވެ. މިއިން އެއްވެސް މަގަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އޭނާ ގެންދެވީކީ ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ޚަލްޤުކުރައްވައި އެކި ނިޢުމަތްތައް ދެއްވައިފައި އޭނާގެ އިޚުތިޔާރަށް ދޫކޮށްލެއްވީއެވެ. ދާންވީ މަގު އިޚުތިޔާރުކުރަނީ އޭނާ އަމިއްލައަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަކި ދިމާއަކަށް އަޅުގަނޑުމެންނެއް ނުގެންދަވައެވެ. މަގުދައްކަވައި އިޚުތިޔާރުދެއްވީއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ގެންގުޅުއްވާ ނަމަ، އަޅުގަނޑުމެން ނުބައިމަގުން ދާން ދޫކޮށްލައްވާނެތޯއެވެ! ނުވަތަ އެ ގޮތަށް އެކަލާނގެ އަޅުގަނޑުގެން ގެއްގުޅުއްވާ ނަމަ، އަޅުގަނޑުމެން އިޚުތިޔާރުގައި ކުރާ ޢަމަލުތަކެއް ހުންނާނެތޯއެވެ! އަޅުގަނޑުމެންގެ އަމިއްލަ އިޚުތިޔާރެއް ނެތި ކުރާ ޢަމަލުތަކަކަށް އެކަލާނގެ ސަވާބާއި ޢަޒާބުދެއްވާނެތޯއެވެ!
އާދޭހެވެ! އަޅުގަނޑުމެންނަށް އެ ކަލާނގެ އިޚުތިޔާރުދެއްވީއެވެ. ގުނައި ޢަދަދުނުކުރެވޭ ފަދަ ނިޢުމަތްތައް ފަހިކޮށްދެއްވީއެވެ. އުޅޭނެ ގޮތެއް ޚިޔާރުކުރާނީ އަޅުގަނޑުމެން އަމިއްލައަކަށެވެ. އެހެންވީމާ [ހައްދަވައި ގެންގުޅުއްވާ] މި ކަލިމަ ކަމުނުދާކަމާއި [ހައްވައި ބޮޑުކުރެއްވި] މި ގޮތަށް ބޭނުންކުރުން މާ ބޮޑަށް ވެސް ރަނގަޅުކަން ވިސްނެއެވެ.
ދެން އޮތީ ކަލިމައިގެ ދެވަނަ ބައެއްގެ ގޮތުގައި ބޭނުންފުޅުކުރައްވައިފައިވާ [ކަލާކޮ]އާއި [އިލާހު] މި ދެ ލަފުޒެވެ. [إله] މި ކަލިމަ ދީނީ ސިޔާގުގައި މުޅީން ވެސް ބޭނުންކުރެވިފައި ހުއްޓަތީ އަޅުގަނޑަށް ފެންނަނީ ނަފީގެ ޙާލަތްތަކުގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ޙައްޤުވަންތަ [إله]ކަމަށް ވިޔަސް އަބޫޖަހުލު ވެސް ބައިވަރު (ބާޠިލު) އިލާހުން ގެންގުޅުނެވެ. އެހެންވީމާ، ސިޔާގުން ބޭރުން ހަމައެކަނި [إله] މި ލަފުޒު ބޭނުންކޮށްފި ނަމަ، އެއީ ބާޠިލު ކަލާނގެއަކަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ ލަފުޒަކަށް ވެސް ވެދާނެއެވެ. ނަމަވެސް ޙައްޤުވަންތަ، ރަސްވަންތަ އިލާހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.
މާފުކުރެއްވުން އެދެމެވެ. އަޅުގަނޑު ތައުބާވާން އަންގަވައި އިންޒާރުގެ ފޯނުތަކާއި މެސެޖުތައް އަންނާނެކަން އެނގިހުރެ ދަންނަވަމެވެ. [ރަސްކަލާކޮ]އިން ދޭހަވަނީ [مالك الملك]ގެ ފުރިހަމަ މާނައެވެ. ވަނިވިހައި އެއްޗަކާއި ތަނަކާއި ކަމެއްގެ މިލްކުވެރިފަރާތަކީ އެ ކަލާނގެ ކަމެވެ. އަދި ހުރިހައި ތަނަކާއި އެއްޗަކާއި ކަމެއްގެ މައްޗަށް ވެރިކަމާއި އިޚުތިޔާރާއި ބާރު ލިބިވޮޑިގެންވަނީ ހަމަ އެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށްކަމެވެ. މި ކަލިމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދިވެހިބަހުގައި ބޭނުމެއްނުކުރެވޭނެއެވެ.
އެހެންވީމާ [الّلهم] މި ކަލިމައިގެ ދިވެހި ތަރުޖަމާއެއްކަމުގައި ބޭނުންކުރާން [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ]އަށް ވުރެ، ވަކި ފުރިހަމަ ލަފުޒެއް ދިވެހިބަހުން ފެންނާކަށް ނެތެވެ. އަޅުގަނޑުމެންގެ ޢިލްމުވެރި ކާބައިން މި ކަލިމަ ބޭނުންފުޅުކުރައްވައިފައިވަނީ އެނގިވަޑައިގެން ތިއްބަވައިގެން ގަސްތުގައެވެ.
ވީމާ، އަޅުގަނޑުމެން މަސައްކަތްކުރާންވީ ކާބައިންނަކީ ޖާހިލުންކަމަށް ކަނޑަނާޅައި، އަޅުގަނޑުމެންގެ ޢިލްމުވެރި ކާބައިން ކުރައްވައިފައިވާ ތަރުޖަމާތަކާއި ލިޔުއްވައިފައި ލިޔުންތައް ދިރާސާކޮށް އެ ފަދަ ޢިލްމުވެރި ބަޔަކަށް ވެވޭތޯއެވެ. އެ ބޭބޭފުޅުންގެ ރީތި އޮމާން ފަށުވި ބަހުރުވައާއި ޢިބާރާތްތައް ނަކަލުކޮށް އެ ފަދަ ޢިލްމުވެރި އަދީބުންނާއި ބަސްވާރުންނަށް ވެވޭތޯއެވެ. އެ ފަދަ ޢިލްމުވެރި އަދީބުންނަށް ވެވޭތޯއެވެ. އަޅުގަނޑުމެން އަބަދު މަސައްކަތްކުރާންވީކީ ޢަމްރު ބްނު ލުޙައްޔު ފަދައިން އާ ގޮތެއް ހަދައިލެވޭތޯއެއްނޫނެވެ.
ލަފުޒެއްގެ މާނަ:
ސިޔާގު ނ. ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު. context