ad_banner
އުނގަންނައިދިނުމުގައި "މާޒީ"ގެ ބައެއް ތަޖުރިބާ (2)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

9 ސެޕްޓެންބަރު 2026

(2026 ސެޕްޓެންބަރު 08ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

މި ދުވަސްވަރަކީ ވަރަށް ބޮޑު އިޚުތިޔާރެއް އަޅުގަނޑުމެންނަށް، އިސްކޫލުތައް ހިންގާ މީހުންނަށް، އޮންނަ ދުވަސްވަރެކެވެ. އަތޮޅު މަދަރުސާ ފުރަތަމަ ހުޅުވައި ހިންގެވީ މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުންނެވެ. އެހެންކަމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވައިފައި އޮންނަ ފަށާތަޢުލީމުގެ ފަސް އަހަރު ދުވަހުގެ ޤައުމީ މުޤައްރަރަށް ކިޔަވައިދިނުމުގެ ފުރިހަމަ އިޚުތިޔާރު އިސްކޫލްތަކަށް އޮވެއެވެ. ވިއްސާރަވެގެން ނުވަތަ އެހެން ކަމަކަށް ޓަކައި އިސްކޫލު ބަންދުކުރާކަށް ވަކި ތާކުން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. ހަމައެކަނި ޝަރުތަކީ ދިރާސީ ކަލަންޑަރުގައިވާ ދުވަހުގެ ޢަދަދަށް ކިޔަވައިދީ ކޮންމެ މާއްދާއެއްގެ މުޤައްރަރު ފުރިހަމަކުރުމެވެ. އޭރު ބެލެނިވެރީންގެ އެއްބާރުލުން އޮންނަ މިންވަރަކީ ދަރިވަރުން އަދަބުވެރިކުރުވުމަށް ޓަކައި އަޅާ އެއްވެސް ފިޔަވަޅަކާ ދެކޮޅަށް ބެލެނިވެރިޔަކު ޗުއްޕު ވެސް ނުބުނާނެއެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ކުރާ އިޙުތިރާމު އިންތިހާއަށް ބޮޑެވެ. ދަރިވަރަކަށް އަދަބެއް ދޭނީ ދަރިވަރު ކުށެއް ކޮށްގެންކަމަށް ބެލެނިވެރީން ހެޔޮ ހިތުން ގަބޫލުކުރާނެއެވެ. އެހެންކަމުން މިހާރު އަޅުގަނޑު ވެސް ހިނިއަންނަ ޒާތުގެ ކަންކަން ވެސް އޭރު ކުރެވިފައި އެބަ ހުއްޓެވެ.

މުދައްރިސުންގެ ތަޢުލީމު (ޓީޗަރ އެޖޫކޭޝަން) ފުރިހަމަކުރުން:

ހައްދުންމަތީ މާވަށުގައި ހުރި ލ. އަތޮޅު ޕްރައިމަރީ ސްކޫލް/ލ. މާވަށް ޕްރައިމަރީ ސްކޫލް/ލ. އަތޮޅު މަދަރުސާގައި (މި ތިން ނަމުގައި މާވަށުގައި އެ މަދަރުސާ ހިންގިއެވެ.) ޚިދުމަތްކުރި ދުވަސްވަރު، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު (މިހާރު ޑޮކްޓަރ) މުޙައްމަދު ޒާހިރު ޙުސައިން ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި މާވަށަށް ވަޑައިގަތެވެ. އެއީ ހަނދާންވާ ގޮތުން 1980ވަނަ އަހަރެވެ. އަރިހުގައި އަތޮޅުވެރިޔާ އިސްމާޢީލް މުޙައްމަދު (ރަޙިމަހުﷲ) ވެސް ވަޑައިގަތެވެ. އިސްކޫލްގައި އިސްކޮށް ހުރި މުދައްރިސަކީ އަޅުގަނޑުކަމަށް ވާތީ އަޅުގަނޑާ ބައްދަލުވެ ވާހަކަފުޅުދެއްކެވިއެވެ. އެ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ޓީޗަރ ޓްރެއިންގ ހަދާން ޢަބްދުލްޢަޒީޒު ދާންވީ ނޫންހޭ ވިދާޅުވެ އަޅުގަނޑާ ސުވާލުކުރެއްވިއެވެ. އަޅުގަނޑަށް ޖަވާބެއް ނޭރުވިގެން އުޅެނިކޮށް އަތޮޅުވެރީން މިނިސްޓަރަށް ދެންނެވީ އަޒީ އިތުރަށް ތަމްރީނެއް ހަދާން ޖެހޭ ވަރަށް ވުރެ މޮޅުވާނެކަމަށެވެ. އެހެން ދެންނެވީމާ އަޅުގަނޑު ވަރަށް ލަދުގަތެވެ. (ކުރީން އަޅުގަނޑު އަތޮޅުވެރީންގެ އަރިހުގައި ވަޒީފާ އަދާކޮށްފައިވާތީ އަޅުގަނޑުގެ ފެންވަރާއި ތަޖުރިބާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަނެތާއެވެ.) އަތޮޅު ވެރީންގެ އެ ވާހަކަފުޅުގެ ސަބަބުން ޓީޗަރ ޓްރެއިނިންގގެ ފުރުޞަތު ގެއްލުނީކަމަށް ހިތަށް އެރިއެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، ތިމަންމަނިކުފާނު މި ވިދާޅުވީ ޢަބްދުލްޢަޒީޒު ދެރަ ވާހަކައެއް ނޫންކަމަށާއި، ސެޓްފިކެޓެއް އޮންނާނީ ކޯސް ހަދައިގެންކަމަށް ވާތީ އެހެން ވިދާޅުވީކަމުގައެވެ. އަތޮޅުވެރީން ވިދާޅުވީ އެހެންވިއްޔާ އެންމެ ރަނގަޅުކަމަށެވެ. ދެން މިނިސްޓަރު އަޑުގަނޑާ އަނެއްކާ ސުވާލުކުރެއްވިއެވެ. ކޯސްހަދާން ބޭނުންހެއްޔެވެ؟ އަޅުގަނޑު އާދޭހޭ ދެންނެވީމެވެ. ދެން ވިދާޅުވީ ތިމަންމަނިކުފާނު މާލެ ވަޑައިގެންފައި ކޯހުގައި ބައިވެރިވާން އެދޭ ފޯމެއް ފޮނުއްވައިދެއްވާނެކަމަށާއި ފޯމު ފުރިހަމަކޮށް އީޑީސީއަށް ފޮނުވައިދޭށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތަށް އެ ކަން ކުރެއްވިއެވެ. އީޑީސީގެ ސިޓީއަކާ އެކު އަޅުގަނޑަށް ފޯމެއް ލިބި ފޯމު ފުރައި ފޮނުވީމެވެ.

މާތް ﷲގެ ރަޙުމަތްފުޅާ އެކު މުދައްރިސުން ތަމްރީނުކުރާ ކޯހުގެ ފަސްވަނަ ބުރުގައި ބައިވެރިވެ އެ ކޯސް ފުރިހަމަކުރުމުގެ ނަސީބު ލިބުނެވެ. ﷲގެ ވާގިފުޅާއި ތައުފީޤާ އެކު އެ ކޯހުން ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް (ބެސްޓް އޯލްރައުންޑް ސްޓޫޑެންޓަކަށް) ހޮވުނީ ވެސް އަޅުގަނޑެވެ. އަޅުގަނޑުގެ ތަޢުލީމީ ޚިދުމަތަށް ލިބުނު މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަތޮޅުވެރީން އަޅުގަނޑާ ބެހޭ ގޮތުން ކުރީން މިނިސްޓަރަށް ދެންނެވި ވާހަކައަކީ ތެދެއްކަން އެ ހިސާބުން ވަޒީރު ގަބޫލުކުރެއްވިކަމަށް ގަބޫލުކުރެވުނެވެ.)

މި ހިސާބުން ތަޢުލީމީ ޚިދުމަތުގެ އާ ބާބެއް ފެށުނީއެވެ. ލ. ގަމު ތުނޑީ އިސްކޫލްގައި ހޭދަކުރެވުނު ކުރު މުއްދަތަކީ ވެސް ވަރަށް ޚާއްޞަ ދުވަސްވަރެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ޚާއްޞަ ރަށެކެވެ. މި ވާހަކަ މިހައި ވަރަށް ދަންނަވައިލުމަށް ފަހު ދެންނެވޭން އޮތީ އަޅުގަނޑު އެ އިސްކޫލްގެ ޚިދުމަތުގައި އުޅުމުގެ ސަބަބުން ބައެއް ކުދީންގެ ތަޢުލީމަށް އައި ބަދަލާއި އޭގެ ސަބަބުން އެ ކުދީންގެ ދިރިއުޅުމުގެ ޙަޔާތަށް އައި ބަދަލަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައެވެ. މިހާ ވަރަށް މި ވާހަކަ ދަންނަވައިލިޔަސް މި ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާނޭ ބޭފުޅުން ތިއްބަވާނެތީ މިހައިވަރުން މި ވާހަކަ ފުއްދައިލާނަމެވެ.

އަތޮޅު ތަޢުލީމީ މަރުކަޒާއި އަތޮޅު މަދަރުސާގައި:

1983ގައި ހައްދުންމަތީ އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައި އެ ތާނގައި ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމުކުރާން އެ ތަނަށް ދާން އަޅުގަނޑަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މެސެޖަކުން އެންގެވުމާ އެކު އަޅުގަނޑުގެ ވަޒީފާ ފޮނަދޫއަށް ބަދަލުވީއެވެ. އަޅުގަނޑުގެ ހަނދާން ބަލިކަމުގައި ނުވާނަމަ، ލ. އަތޮޅު ތަޢުލީމީ މަރުކަޒު ރަސްމީކޮށް ހުޅުވުނީ 1983 މެއި 7ގައެވެ. އޭރު އަޅުގަނޑަކީ (ކުރީން ދަންނަވައިލި ފަދައިން) ޓީޗަރ ޓްރެއިންގ ކޯސް ހަދައިގެން "ޕްރައިމަރީ ޓީޗަރ"ގެ ވަޒީފާގައި ހުރި މީހަކީމެވެ. އިސްކޫލްގެ އިސްވެރިއެއްގެ މަޤާމުގައި އަޅުގަނޑު މަސައްކަތްކުރީ އެ މަޤާމުގައި ހުރެއެވެ. ފަހުން އެސިސްޓެންޓް ހެޑްމާސްޓަރު ކޯހެއް ފުރިހަމަކުރުމުން އެސިސްޓެންޓް ހެޑްމާސްޓަރގެ މަޤާމަށް ބަދަލުކުރެއްވީއެވެ. ތަޢުލީމީ މަރުކަޒުގައި މަސައްކަތްކުރި ދުވަސްވަރަކީ ތަފާތު ގިނަ ތަޖުރިބާތަކެއް ލިބުނު ދުވަސްވަރެކެވެ. ކާމިޔާބު މަސައްކަތްތަކަކާއި ދަތި އުނދަގޫ އަދި އުފާވެރި އެތައް ހާދިސާއެއް ތަޖުރިބާކުރެވުނު ދުވަސްތަކެކެވެ. އެކި ފަހަރު މަތީން އަށެއްކަ އަހަރު އެ މަރުކަޒުގައި ވަޒީފާއަދާކުރީމެވެ. މަރުކަޒު ހުޅުވުމުމަގައި އެންމެ އިސްކޮށް ހުރީ އަޅުގަނޑެވެ. އޭރު ހުރީ ވަގުތީ ގޮތުން ހިންގުމާ ޙަވާލުވެއެވެ. މަރުކަޒަށް ދިހަ އަހަރު ފުރުމުގެ ކުލަގަދަ އިޙުތިފާލުތައް ފާހަގަކުރެވުނު އިރު އަޅުގަނޑު ހުރީ ހެޑްމާސްޓަރުގެ މަގާމުގައި ހަމަ އެ މަރުކަޒުގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. މި ވާހަކައިގެ ކުޑަ ތަފުސީލެއް އަދި ފަހުން އެބަ އާދެއެވެ. އެއް ދުވަސްވަރެއްގައި މާވަށު ސުކޫލާއި ތަޢުލީމީ މަރުކަޒާ (މި ދެ މުއައްސަސާ) ހިންގުމާ އެއް ފަހަރާ ޙަވާލުވެގެން ވެސް އުޅުނީމެވެ.

މާވަށު ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުވުން:

މިހާރު ގަބޫލުކުރައްވާން ދަރިފުޅުވިޔަސް އަޅުގަނޑު މި ދެންނެވި ދުވަސްވަރު ކޮންމެ އަތޮޅެއްގައި ވެސް އާންމު ގޮތެއްގައި ހުންނާނީ ސީދާ ސަރުކާރުން ހިންގާ ދެ އިސްކޫލެކެވެ. އެއީ އަތޮޅު ތަޢުލީމީ މަރުކަޒާއި އަތޮޅު މަދަރުސާއެވެ. ދެން ހުންނާނީ ރައްޔިތުން ހިންގާ އިސްކޫލުތަކެވެ. ނަމަވެސް ސަރުކާރުން މުދައްރިސުންނާއި އެހެން އެހީތެރިކަން ދެއްވާނެއެވެ. ހެޑްމާސްޓަރެއް ނުހުންނާނެއެވެ. ވެރިޔެއްގެ ގޮތުން ނާޒިރެއްގެ ދައުރު އަދާކުރައްވާނީ އެ ރަށެއްގެ ކަތީބެވެ.

މާވަށު ސުކޫލަކީ އަތޮޅުގައި ވަރަށް ގިނަ ދުވަހު ހިނގަމުން އައި އިސްކޫލެކެވެ. މަދުރަސަތުއްނާފިޢާއާއި މަކްތަބްލްމުނީރުގެ ނަމުގައި ދިގު ޒަމާންތަކަކަށް އެ ސްކޫލު ހިންގައިފައިވެއެވެ. ނަމަވެސް މާވަށުގައި ހުޅުވުނު (ވަގުތީ) އަތޮޅު މަދަރުސާއަކަށް އެ ސްކޫލު ތަރައްގީވުމަށް ފަހު، ފަހުން މާބައިދޫގައި ޖަޕާނު ސަރުކާރުގެ އެހީގައި ބިނާކުރި އާ ޢިމާރާތަކަށް ބަދަލުވީއެވެ. މި ސުކޫލު ބަދަލުކުރެއްވި އެ ތާގައި ތިއްބެވި މުދައްރިސުންނާ ވެސް އެކީގައެވެ. އެހެންކަމުން މާވަށުގައި ހިނގަމުން އައި ސުކޫލު [ހުއްޓުނީއެވެ.]

ކޮންމެއަކަސް މާވަށު ސުކޫލަކީ ސަރުކާރު ސުކޫލަކަށް ވުމުގެ ޝަރުޠު ފުރިހަމާ ސުކޫލެއްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ވަކާލާތުކުރުމުން އޭރުގެ ވަޒީރު ވިދާޅުވީ އެ ސުކޫލު މެދުކެނޑިފައިވާ ވާހަކައެވެ. އަޅުގަނޑު ވަކާލާތުކުރީ މެދުކެނޑުނީ ނޫންކަމަށާއި ހަމަ ރަނގަޅަށް ހިނގަހިނގައި ހުއްޓައި ސަރުކާރުން އެ ތަން ހުއްޓުވައިލީކަމަށެވެ. ކޮންމެއަކަސް މި ބަހުސުގައި އަޅުގަނޑުގެ ނުކުތާތައް ވަޒީރު ގަބޫލުފުޅުކުރައްވައި، މާވަށު ސުކޫލަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ހިނގަމުން އަންނަ ސުކޫލެއްކަމަށް ވަޒީރު ގަބޫލުފުޅުކުރައްވައި އެއީ ސީދާ ސަރުކާރުން ހައްދުންމަތީގައި ހިންގަވާ ތިންވަނަ ސުކޫލުކަމުގައި ހަމަޖައްސަވައިދެއްވިއެވެ. މި ކަމުގައި ސަބަބުވެރިވި އެންމެ މުހިންމު ދެ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ. މި ދުވަސްވަރު ތަޢުލީމާ ބެހޭ ވަޒީރަކަށް ހުންނެވީ އަލްއުސްތާޒު (މިހާރު ޑޮކްޓަރ) މުޙަންމަދު ޒާހިރު ޙުސައިނެވެ. އަތޮޅުތަކުގެ އިސްކޫލުތަކާ ބެހޭބައި ހިންގަވާން އިސްވެ ހުންނެވީ އަލްފާޟިލް (މިހާރު ޑޮކްޓަރ) އަޙުމަދު ޢަލިދީދީއެވެ. މި ކަން އެ ބޭފުޅުން ވެސް ހަނދުމަފުޅު ހުންނާނެކަން ޔަގީނެވެ. މި ވާހަކައަކީ މީގެ ކުރީން މާވަށު މީހަކަށް އެނގިފައި ނޯންނާނެ މަޢުލޫމާތަކަށް ވެދާނެއެވެ. ކޮންމެއަކަސް މި ވާހަކަ ވެސް މި ހިސާބަށް ކުރުކޮށްލުމަށް ފަހު މައުޟޫޢާއިގެން ކުރިއަށްދާނަމެވެ.

އިސްކޫލު ހިންގުމުގެ އިތުރަށް އެތައް މަސްއޫލިއްޔަތުތަކެއް:

ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުރި ދުވަސްވަރު، އިތުރު ކިތަންމެ މަސްއޫލިއްޔަތުތަކެއް އަދާކުރާންޖެހުނެވެ. ދުރުންދޭ ތަޢުލީމުގެ އިނގިރޭސި ކޯހުގެ ވިލަރެސްވެރިޔާގެ މަސްއޫލިއްޔަތެވެ. އަދި އޭގެ ފަހުން އާންމު އިމްތިޙާނުތައް ހައްދުންމަތީގައި ބޭއްވުމުގެ މުމްތަޙިނެއް (އެގްޒޭމިނަރ)ގެ ދައުރު ވެސް އަދަކުރާންޖެހުނެވެ. މީގެ އިތުރަށް ޖަމާޢަތުގެ ތަޢުލީމު (ކޮމިއުނިޓީ އެޖޫކޭޝަން)ގެ ދަށުން ބޮޑެތި މީހުންނަށް ތަފާތު ކޯސްތައް ހިންގުމުގެ އިސްވެރިޔާގެ ދައުރު ވެސް އަދާކުރާންޖެހުނެވެ.

އަދި ފަހުން ހެޑްމާސްޓަރުގެ މަގާމުގައްޔާއި އަދި އޭގެ ފަހުން އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމުގައި ހުރެގެން ވެސް ވަރަށް ގިނަ ތަފާތު މަސްއޫލިއްޔަތުތައް އަދާކުރާންޖެހުނެވެ. އެސްއެސްސީ އިމްތިޙާނުގެ ވިލަރެސްވެރިއެއްގެ ގޮތުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގައި ވެސް ދުވަސްގަނޑަކު މަސައްކަތްކުރާންޖެހުނެވެ. މީގެ އިތުރަށް މިނިސްޓަރާއި ޑިރެކްޓަރ ސްކޫލް ސިސްޓަމްސްގެ މަޝްވަރާއާ އެކު އިހާމަދަރުސީ ނިޒާމު (ކްލަސްޓަރ ސްކޫލް ސިސްޓަމް) ފަރުމާކޮށް އެ ކަމުގެ އަތްމަތީ ފޮތެއް ތައްޔާރުކުރާންޖެހުނީ ވެސް އަޅުގަނޑަށެވެ. އަދި ދަރިވަރުންގެ ނާރެހި މަދުރަސީ ނިޒާމު (ޗައިލްޑް-ސެންޓަރޑް/ޗައިލްޑް ފްރެންޑްލީ ސުކޫލް)ގެ ތަޖުރިބާ މަޝްރޫޢު (ޕައިލެޓް ޕްރޮޖެކް)ގައި މައިދާނީ މުރާގިބެއްގެ ގޮތުން އެ މަޝްރޫޢު ނިމެންދެން މަސައްކަތްކުރީމެވެ. ކަން ދިމާވި ގޮތުން މި މަޝްރޫޢު ހިންގާންޖެހުނީ ހައްދުންމަތީ ފަސް އިސްކޫލެއްގައްޔާއި މާލޭ މުޙުޔިއްދީން ސްކޫލާއި ޣިޔާޘުއްދީނު ސްކޫލުގައެވެ. ފުރަތަމަ މަސައްކަތްކުރީ ޔުނިސެފްގެ ދެ މާހިރުންނާ އެކީގައެވެ.

މި ނޫނަސް މި ބާވަތުގެ ކިތަންމެ ކަންކަމެއްގައި ޝާމިލުވެއުޅުނީމެވެ. މިއީ އުނގަންނައިދިނުމާ ގުޅޭ ކަންކަންކަމަށް ވިޔަސް ސީދާ ކުލާހުގައި އުނގަންނައިދިނުމާ ސިދާ ބެހޭ ކަމަކަށްނުވާތީ މި ވާހަކަ ކުރުކޮށްލުމަށް ފަހު، އިސްކޫލުތަކުގައި ކިޔަވައިދިނުމުގެ ޚިދުމަތުގެ ދާއިރާއަށް ޖެހިލާނަމެވެ.

އަމިއްލަ ޗާޕު މެޝީން:

މި ދުވަސްވަރު ސުކޫލުގެ އިމްތިޙާނުގެ ކަންކަން ކުރިޔަށް ގެންދާން އަމިއްލަ އީޖާދެއްކޮށް ޓެސްޓްޕޭޕަރ ޗާޕުކުރާން ފެށީމެވެ. ޗާޕުކުރާ ގޮތަކީ އިސްޓެންސިލް ލިޔެ، އަމިއްލަޔަށް ތައްޔާރުކޮށްފައި އޮންނަ، އިސްޕަންޖާއި ފޮތީން ހަދައިފައި އޮންނަ ފޯއްޔެއްގައި (ނުވަތަ ދަނޑި ފޮޔެއްގައި) ޗާޕު ދެލި އުނގުޅައި އިސްޓެންސިލު މަތީގައި "ފުޑަނީ"އެވެ. އެޔަށް އަޅުގަނޑުމެން ކިޔަނީ ގޮނޑިފޮއި ޗާޕެވެ. ބުރަ މަސައްކަތަކަސް ޓެސްޓް ކަރުދާސްތައް "ޗާޕުކޮށްލެވުނީމާ" ވަރަށް ހިތްހަމަޖެހެއެވެ. ވަރަށް ފަހުން ގެސްޓެޓްނާރ ބްރޭންޑްގެ އަތުން އަނބުރާ ޗާޕު މެޝިނެއް ލިބުނީމާ މި ދަތިކަން ފަސޭހަވީއެވެ.

މާބައިދޫގައި

ލ. އަތޮޅު މަދަރުސާ މާބައިދޫގައި ޢިމާރާތްކޮށް 1986 ގައި އެތަން ހުޅުވަން ކުރާންޖެހޭ ތައްޔާރީތައްކޮށް މަދަރުސާ އިންތިޒާމުކުރުމުގެ މަސްއޫލިއްޔަތު އަޅުގަނޑާ ޙަވާލުކުރެއްވުމުން އެ މަސައްކަތުގައި އެ ރަށަށް ދިޔަ ގޮތަށް އަތޮޅު މަދަރުސާ ހިންގުމުގައި ދޮޅު އަހަރެއްހާ ދުވަހު އެ ރަށުގައި ހޭދަކުރާންޖެހުނެވެ. ހިތް ހެޔޮ އެކުވެރި ރައްޔިތަކު ދިރި އުޅުނު ރަށެކެވެ. އެ ރަށުގައި ވަޒީފާ އަދާކުރި ދުވަސްވަރު އަލްފާޟިލް އިބްރާހީމް އާދަމް ފުޅުގެ ފަރާތްޕުޅުން ލިބުނު އެހީތެރިކަމާއި އޭނާގެ އަނބިކަނބަލުން ޢާއިޝަތު ދީދީގެ ފަރާތްޕުޅުން ލިބުނު އާދަޔާ ޚިލާފު އެހީތެރިކަން ފާހަކަކޮށްލުމަކީ އެހެން ރައްޔިތުންނަށް ކުޑައިމީސްކަމެއްކަމުގައި ހީނުކުރައްވާނޭކަމަށް އުންމީދުކުރަމެވެ. ރަށުގެ ކުދި ބޮޑު އެންމެންގެ ފަރާތުން ވެސް ލިބުނީ އާދަޔާ ޚިލާފު އެހީތެރިކަމެކެވެ. މިއީ ހަނދާނުން ފިލައިގެން ނުދާނޭ އުފާވެރި ދުވަސްވަރެކެވެ. އަސާސީ ތަޢުލީމުގެ ދުވަސްވަރު ވެސް މެއެވެ. އެހެންކަމުން މެންދުރު ފަސް މުޅީން އޮންނަނީ އަސާސީ ތަޢުލީމުގެ ކުލާސްތަކަށް ޚާއްޞަކުރެވިފައެވެ.

އަތޮޅު މަދަރުސާ ހުޅުވުމުގެ ޚާއްޞަ ރަސްމިއްޔާތާ ބެހޭ ޚައްޞަ ހަނދާނެއް ވެސް މިހާ ހިސާބުން އާކޮށްލާހިތް ވެއްޖެއެވެ. އަޅުގަނޑަކީ އިސްކޫލް ހުޅުވުމާބެހޭ އެންމެހައި ކަންކަން މިނިސްޓްރީއާ ގުޅިގެން ހިންގާން ހަވާލުކޮށްފައި ހުރި އެންމެ އިސް މީހާ އެވެ. އެޑިޔުކޭޝަނުން މި އިންތިޒާމުތައް ހަމަޖައްސަވާން ވަޑައިގެން ހުންނެވީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ (ރަޙިމަޙުﷲ)އެވެ. އަތޮޅު މަދަރުސާ ހުޅުވުމުގެ ރަސްމީ ޖަލްސާގެ ކަމާކެމި (ޕްރޮގްރާމް) ތައްޔާރުކުރީ އަޅުގަނޑެވެ. އަޅުގަނޑަކީ އިސްކޫލް ހިންގާން ހުރި އިސްމީހާކަމަށް ވާތީ، ރަސްމިއްޔާތު ތަޢާރުފުކުރާން ހަމަޖައްސައިފައި އޮތީ އަޅުގަނޑަށެވެ. އަދި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފައްޓަވައިދެއްވާން ކަނޑައަޅައިފައި އޮންނާނީ ފޮނަދޫ އަލްޙާފިޡު އިބްރާހީމް މުޙައްމަދު ދީދީއެވެ. ކަމާކެމި ތައްޔާރުކޮށް އޭގެ ކޮޕީއެއް ލުޠުފީ އަތްޕުޅަށް އެރުމާ އެކު އަޅުގަނޑުގެ ގާތަށް ވަޑައިގެން ހިސާބަކަށް ހިތްޕުޅު ހަމަޖެހިވަޑައިއިނުގަތުމާ އެކު ވިދާޅުވެއްޖެއެވެ. [ޢަބްދުލްއަޒީޒު ޤުރުއާން ކިޔަވާ ގޮތަށް ހަމަނުޖެއްސީ ކީއްވެހެއްޔެވެ؟] އަޅުގަނޑު ދެންނެވީމެވެ. [އަޅުގަނޑަށް ޖަލްސާ ތަޢާރުފުކުރުމުގެ ނަންބަރު އޮތީމައެވެ.] ލުޠުފީ ދެއްވީ އަޅުގަނޑު ހީހުރި ފަދަ ޖަވާބެއްނޫނެވެ. [ބަލަ އެ ދެ ކަންތައް އެއް ފަހަރާ ކުރާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ޤުރުއާން ކިޔަވައިފައި ތަޢާރުފެއް ނުކުރެވޭނެހެއްޔެވެ؟ ޤުރުއާން ކިޔަވާންޖެހޭނީ ޢަބްދުލްޢަޒީޒެވެ.] އެއީ މިނިސްޓްރީއިން އެޑްވާންސް ޓީމުގެ ފަރާތުން ވަޑައިގެން ހުންނެވި އެންމެ އިސް ވެރިޔާކަމަށްވާތީ އަޅުގަނޑު ދެން ދަންނަވާނީ ކީކޭތޯއެވެ؟ އަޅުގަނޑަށް ޖެހުނީ ކަމާކެތްމަށް އެ ބަދަލު ގެންނާށެވެ. ޖަލްސާއެއް ފަށާން އަޅުގަނޑު ޤުރުއާން ކިޔެވި ފުރަތަމަ ޖަލްސާއަކީ އަޅުގަނޑު ހަނދާންވާ ގޮތުން އެއީއެވެ. ހެއްވާ ކަމެއްކަމަށް ތިޔަ ބޭފުޅުން ދެކެވަޑައިގަތަސް ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފަށައި ޖަލްސާ ތަޢާރުފުކުރީ ވެސް އަޅުގަނޑެވެ. (އުސްތާޛު ލުޠުފީއަކީ އަޅުގަނޑުމެންގެ ޓީޗަރ ޓްރެއިނިންގ ކޯހުގައި ކިޔަވައިދެއްވި ޓީޗަރ އެޑިޔުކޭޓަރެއްކަމަށް ވާތީ އެ ދުވަސްވަރު މަޢުހަދުން އަޅުގަނޑު ހެދި ޤުރުއާން ކިޔަވައިދިނުމުގެ ކޯހުން ވެސް އަޅުގަނޑަށް އެއްވަނަ ލިބިފައިވާތީ އަޅުގަނޑު ޤުރުވާން ކިޔަވާ އަޑު އައްސަވާ ހިތްޕު މާ ގަދަޔަށް އޮތީކަމަށް ވެދާނެއެވެ.) މާބައިދޫގެ އިތުރު ބައެއް ވާހަކަތައް ފަހުން އަދި އެބަ އާދެއެވެ. (ނުނިމޭ)

ކޮމެންޓު