ad_banner
ވަފާތެރިކަމުގެ އަގު

އަސްމާ އަބޫބަކުރު

22 ނޮވެންބަރު 2026

ފެހިކަން ގަދަ ދަނޑުބިމުގެ ތެރެއިން ޖެހެމުންދިޔަ މަޑު ވައިރޯޅީގައި ވަނީ ތާޒާކަމެވެ. އިރުގެ ރަން ދޯދިތައް ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން ބިމަށް އެޅިފައިވާއިރު، އުމުރުން ފަންސަވީސް އަހަރުގެ ޖަލާލު ހުރީ އޭނާގެ ކަރާ ދަނޑުގައި ބުރަކޮށް މަސައްކަތް ކުރާށެވެ. ނިތްކުރީން ފައިބަމުންދިޔަ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ޖަލާލު ހިނިތުންވެލީ އޭނާގެ ޖީބުގައި އޮތް ފޯނު ރީންގުވާން ފެށުމުންނެވެ. ސްކްރީނަށް އަރާފައި އޮތީ "މަގޭ ފުރާނަ" އެވެ. އެއީ އޭނާގެ ލޯބިވެރިޔާ ޒާޔާއެވެ.

"އައްސަލާމް ޢަލައިކުމް ޒާޔާ! ކިހިނެއްތަ؟" ޖަލާލު ފޯނު ނަގަމުން ވަރަށް ލޯތްބާ އެކު އަހައިލިއެވެ.

"ވަޢަލައިކުމުއްސަލާމް ޖަލާލު. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކާންވެގެން މި ގުޅީ. މިއަދު ހަވީރު އަތިރިމައްޗަށް އާދެވިދާނެތަ؟" ޒާޔާގެ އަޑުގައި ވަނީ ނުތަނަވަސްކަމަކާއި އުފާވެރިކަމެއް އެކުވެފައިވާ ކަހަލަ ގޮތެކެވެ.

ޖަލާލާއި ޒާޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މުޅި ރަށަށް ވެސް އެ ދެ ލޯބިވެރީންގެ ލޯބި ވަނީ މަޝްހޫރުވެފައެވެ. ޖަލާލަކީ ތައުލީމީ ގޮތުން މާ މައްޗަށް ކިޔަވާފައި ހުރި ޒުވާނަކަށް ނުވިޔަސް، އޭނާއަކީ ހީވާގި، މުރާލި، އަދި ހިތްހެޔޮ ޒުވާނެކެވެ. ދަނޑުވެރިކަން ކޮށްގެން ލިބޭ އާމްދަނީން އޭނާ އުޅެނީ އަބުރުވެރި ދިރިއުޅުމެކެވެ. އަނެއްކޮޅުން ޒާޔާއަކީ ކިޔަވައިގެން ކުރިއަށްދާން ބޭނުންވާ، ހުވަފެންތައް ގިނަ އަންހެންކުއްޖެކެވެ. ދެމީހުންގެ ކައިވެނީގެ ވާހަކަ ދެކެވެމުން ދަނިކޮށް، އެ ދުވަހު ހަވީރު ޒާޔާ ދެއްކި ވާހަކައިން ޖަލާލުގެ ހިތަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ޖަލާލު. އަހަންނަށް މެލޭޝިއާއިން ޑިގްރީ ކޯހަކަށް ފުރުޞަތު ލިބިއްޖެ. އެއީ ތިން އަހަރުގެ ކޯހެއް. އަހަރެން ބޭނުންވަނީ ކައިވެނި ތިން އަހަރަށް ފަސްކޮށްލަން. ކިޔަވާ ނިންމައިގެން އައިސް ކައިވެނި ކުރަން." ޒާޔާ އިސްޖަހާލަމުން ބުންޏެވެ.

ޖަލާލުގެ ހިތުގައި ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އުފެދުނު ނަމަވެސް ޒާޔާގެ މުސްތަގުބަލަށްޓަކައި އޭނާ އެކަމަށް އެއްބަސްވިއެވެ.

"ޒާޔާ ތިޔަ ކުރިއެރުމަށް އަހަރެން ހުރަހެއް ނާޅާނަން. ތިން އަހަރަކީ އަހަންނަށް އެހާ ދިގު މުއްދަތެއް ނޫން. އަހަރެން އިންތިޒާރު ކުރާނަން. އެކަމަކު ކޯސް ފީއާއި އެކޮޅުގައި އުޅުމުގެ ޚަރަދު ހަމަޖައްސާނީ ކިހިނެއް؟"

ޒާޔާގެ މޫނުމަތި މިލައިގެން ދިޔައެވެ. އޭނާގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. އެކަން ޖަލާލަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޖަލާލު ވަގުތުން ޒާޔާގެ އަތުގައި ހިފާލިއެވެ.

"އެއްވެސް ކަމަކާ ފިކުރު ނުކުރޭ. އަހަރެންގެ ދަނޑުބިން އިތުރަށް ފުޅާކުރާނަން. ރެޔާއި ދުވާލު މަސައްކަތް ކޮށްގެންވެސް ޒާޔާގެ ކޯސް ފީއާއި ހުރިހާ ޚަރަދެއް އަހަރެން ބަލަހައްޓާނަން."

އެ ދުވަހުން ފެށިގެން ޖަލާލުގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. ޒާޔާ މެލޭޝިއާއަށް ފުރައިގެން ދިޔުމާއެކު. ޖަލާލު އޭނާގެ އަމިއްލަ އަރާމާއި އުފާތައް ޤުރުބާން ކުރިއެވެ. ފަތިސް ނަމާދަށްފަހު ދަނޑަށް ނުކުންނަ ގޮތަށް އިރުއޮއްސި އަނދިރިވަންދެން އޭނާ އުޅެނީ އަވީގައާއި ވާރޭގައެވެ. ކަރާ، ބަރަބޯ، މިރުސް އަދި ތަފާތު ތަރުކާރީ ހައްދައިގެން މާލެއަށް ފޮނުވައިގެން ލިބޭ ކޮންމެ ރުފިޔާއެއް އޭނާ ޖަމާކުރަމުން ދިޔައީ ޒާޔާގެ އެކައުންޓަށެވެ. ޖަލާލު ލާން ގެންގުޅެނީ ބާވެފައި ހުރި ދެތިން ގަމީހެވެ. ބަލިވިޔަސް ޑޮކްޓަރަށް ދައްކާން ފައިސާ ޚަރަދު ކުރުމުގެ ބަދަލުގައި އޭނާ ބަލަނީ ޒާޔާއަށް މަހުން މަހަށް ފޮނުވަންޖެހޭ ފައިސާ ހަމަވޭތޯއެވެ.

އެއް އަހަރު ފާއިތުވެގެން ދިޔައެވެ. ދެވަނަ އަހަރުވެސް ނިމި، ތިންވަނަ އަހަރަށް އެޅުނެވެ. ފުރަތަމަ ދެ އަހަރު ޒާޔާ ވަރަށް ގަވާއިދުން ޖަލާލަށް ގުޅައެވެ. ޖަލާލުގެ ހާލު އަހައި، އޭނާގެ މަސައްކަތަށް ހިތްވަރު ދެއެވެ. ނަމަވެސް، ތިންވަނަ އަހަރަށް އެޅުމާއެކު ޒާޔާގެ މިޒާޖަށް މަޑުމަޑުން ބަދަލުތަކެއް އަންނަން ފެށިއެވެ. ފޯނު ކުރުން މަދުވިއެވެ. މެސެޖުތަކަށް ޖަވާބު ދެނީ އެތައް އިރެއް ފަހުންނެވެ. ޖަލާލު އެކަމާ ސުވާލު ކުރުމުން ޒާޔާ ބުނަނީ ކިޔެވުމުގެ ޕްރެޝަރު ބޮޑުކަމުން ވަގުތު ނުވަނީ ކަމަށެވެ. ސާފު ހިތެއްގެ ވެރި ޖަލާލު އެ ވާހަކަތައް ތެދު ހިތުން ގަބޫލު ކުރިއެވެ.

ހަގީގަތަކީ މުޅިން އެހެން ކަމެކެވެ. މެލޭޝިއާގެ ޒަމާނީ ދިރިއުޅުމާއި މުއްސަނދިކަމުގެ ތެރެއަށް ޒާޔާގެ ލޯ ހުޅުވުމާއެކު ރަށުގައި ދަނޑުވެރިކަން ކުރާ ޖަލާލު އޭނާއަށް ފެންނަން ފެށީ ވަރަށް ދަށް މީހެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، މެލޭޝިއާއިން ޒާޔާއާ ބައްދަލުވި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ ނީޝާމާ ގުޅުން ބަދަހިވި ހިސާބުން ޒާޔާގެ ޚިޔާލު މުޅިން ބަދަލުވިއެވެ. ނީޝާމަކީ އަގުބޮޑު ކާރުތަކުގައި ދުއްވާ، ފައިސާވެރި، ރީތި ޒުވާނެކެވެ. ޒާޔާ ހީކުރީ އޭނާއަށް ހައްޤުވަނީ ނީޝާމް ފަދަ މުއްސަނދި ފިރިއެއް ކަމަށެވެ.

ތިން އަހަރު ފުރިހަމަވެ، ޒާޔާ ކޯސް ނިންމާލުމަށްފަހު އެނބުރި ރަށަށް އައެވެ. އެ ދުވަހު ޖަލާލު ހުރީ އިންތިހާއަށް އުފަލުންނެވެ. އޭނާގެ ތިން އަހަރުގެ ބުރަ މަސައްކަތާއި ކެތްތެރިކަމުގެ މޭވާ ލިބޭ ދުވަސް އައީ ކަމަށް އޭނާ ހީކުރިއެވެ. ޒާޔާއަށް މަރުހަބާ ކިޔުމަށްޓަކައި ޖަލާލު އައު ގަމީހެއް ގަނެ، ރީތި މާބޮނޑިއެއް ހިފައިގެން ބަނދަރުމައްޗަށް ދިޔައެވެ. ނަމަވެސް ބޯޓުން ފޭބި ޒާޔާގެ ފަރާތުން ޖަލާލަށް ފެނުނީ ބީރައްޓެހިކަމެވެ. ޖަލާލު ދިއްކޮށްލި މާބޮނޑީގައި ހިފީވެސް ވަރަށް ފަރުވާކުޑަ ގޮތަކަށެވެ.

ރަށަށް އައިތާ ހަފްތާއެއް ވީއިރުވެސް ޒާޔާ ޖަލާލާ ބައްދަލެއް ނުކުރެއެވެ. އޭނާ ރަށުގެ ސިއްހީ މަރުކަޒުން ވަޒީފާއެއް ހޯދައި، މުޅި ދުވަސް ހޭދަކުރަނީ ފޯނުން ނީޝާމާ ވާހަކަ ދެއްކުމުގައެވެ. ނީޝާމް ހުރީ މާލޭގައެވެ. ޒާޔާ ހުރީ ނީޝާމާ ކައިވެނި ކުރާހިތުން މަރުވާ ވަރުވެފައެވެ. ނީޝާމްގެ މުއްސަނދިކަމާއި، މާލޭގައި ހުރި އޭނާގެ ބޮޑު ގެއާއި، ދޭ އަގުބޮޑު ހަދިޔާތަކަށް ޒާޔާ ހުރީ މުޅިން ހެއްލިފައެވެ. ނަމަވެސް، ނީޝާމަކީ މީހެއްގެ ފިރިއެއްކަމާއި، އޭނާގެ ދެ ކުދިން ތިބިކަން ޒާޔާއަކަށް ކުޑަކޮށްވެސް ނޭނގެއެވެ. ނީޝާމް އެކަން އޮތީ ސިއްރުކޮށްފައެވެ.

އެއްދުވަހަކު ޖަލާލު ޒާޔާގެ ގެއަށް ދިޔައެވެ. އެއީ ޒާޔާގެ ޚަބަރެއް ނުވެގެން ކެތްނުކުރެވިގެންނެވެ.

"ޒާޔާ، ކީއްވެތަ އަހަރެންގެ ފޯނަށް ޖަވާބު ނުދެނީ؟ ކޮން އިރަކުންތަ އަހަރެމެންގެ ކައިވެނީގެ ކަންކަން ހަމަޖައްސާނީ؟ އަހަރެން މިހާރު ގެވެސް މަރާމާތުކޮށް ނިންމައިފިން." ޖަލާލު އާދޭހުގެ ރާގެއްގައި އެހިއެވެ.

ޒާޔާ ފުން ނޭވާއެއް ލުމަށްފަހު ޖަލާލާ ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުގައި ޖަލާލަށްޓަކައި އެއްވެސް ލޯތްބެއް ނެތެވެ. ހުރީ ފޫހިކަމާއި ނުރުހުމެވެ. ޖަލާލު ކައިރީން ސަލާމަތްވާން ޒާޔާ ނިންމީ އެ ވަގުތުއެވެ.

"ޖަލާލު! އަހަރެން ބޭނުންވަނީ ވާހަކައެއް ބުނަން. އަހަންނަކަށް ޖަލާލާ ކައިވެންޏެއް ނުކުރެވޭނެ. އަހަރެމެން ދެމީހުންގެ ފެންވަރު ވަރަށް ތަފާތު. އަހަންނަކީ ޑިގްރީއެއް އޮތް މީހެއް. ޖަލާލަކީ ދަނޑުވެރިއެއް. އަހަރެން މިހާރު ލޯބިވަނީ އެހެން މީހަކު ދެކެ." ޒާޔާ އެއްވެސް ރަހުމެއް ނެތި ބުނެލިއެވެ.

ޖަލާލުގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ.

"ޒާޔާ! ކީކޭތަ ތިޔަ ކިޔަނީ؟ އަހަރެން ތިން އަހަރު ވަންދެން ރެޔާއި ދުވާލު އަވީގައި އަނދައިގެން މަސައްކަތް ކުރީ ޒާޔާއަށްޓަކައެއް ނޫންތަ؟ ކޮންމެ މަހަކު ޒާޔާގެ ކޯސް ފީ ދެއްކީ އަހަރެން ނޫންތަ؟ އަހަރެންގެ ހުރިހާ އުފަލެއް ގުރުބާން ކުރީ މި ދުވަސް ދެކެންތަ؟"

ޖަލާލު ރޮމުން އާދޭސް ކުރަމުން ދަނިކޮށް، ޒާޔާ ކޮޓަރިއަށް ވަދެފައި ނުކުތީ ބޮޑު ސިޓީއުރައެއް ހިފައިގެންނެވެ. ޒާޔާ ވަޒީފާއަށް ނުކުތް ފަހުން އޭނާގެ މުސާރައިގެ ބޮޑުބައެއް ރައްކާކޮށްގެން ހުރީ އެ ދުވަހަށް ޓަކައެވެ. ޖަލާލު އެ ފައިސާ ފެނިގެން ހެއްލޭނެކަމަށް ޒާޔާ ހީކުރިއެވެ.

"މިހިރީ ޖަލާލު އަހަންނަށް ޓަކައި ކުރި ޚަރަދުތަކުގެ އަގު. މީގައި ހުންނާނެ ޖަލާލު ދެއްކި ކޯސް ފީއަށް ވުރެ އިތުރަށް ފައިސާ. މި ހިފައިގެން ދޭ. އަހަރެންގެ ފަހަތުން ދެން ނާންނާތި!" ޒާޔާ އެ ފައިސާ ބޮނޑި ޖަލާލުގެ އަތަށް ދިއްކޮށްލިއެވެ.

އެ ވަގުތު، މާލެއިން އައި ނީޝާމް ޒާޔާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އެ ގޭގެ ދޮރުމައްޗަށް އެރިއެވެ. ޒާޔާއާއި ޖަލާލު ދައްކަމުންދިޔަ ހުރިހާ ވާހަކައެއް ނީޝާމަށް ވަރަށް ސާފުކޮށް އަޑުއިވުނެވެ. ޖަލާލު ޒާޔާއަށް ޓަކައި ވީ ޤުރުބާނީއާއި، ޒާޔާ އެ ފައިސާ ދީގެން ޖަލާލުގެ ލޯބީގައި އަގުޖަހަން އުޅޭ މަންޒަރު ފެނުމުން ނީޝާމަށް ލިބުނީ ކުއްލި ޝޮކެކެވެ. ޒާޔާއަކީ މިހާ އަމިއްލަ އެދުން ބޮޑު، ބޭވަފާތެރި އަންހެނެއްކަން ނީޝާމަށް އެ ހިސާބުން އެނގުނެވެ.

ޖަލާލު އެ ފައިސާ ބޮނޑިއަށް ބަލައިލުމަށްފަހު، ޒާޔާގެ ލޮލަށް ބަލައިލިއެވެ. ޖަލާލުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ.

"ޒާޔާ! އަހަރެން ޒާޔާއަށް ޓަކައި ކުރި މަސައްކަތަކީ ވިޔަފާރިއެއް ނޫން. އަހަރެން ޒާޔާދެކެ ވީ ތެދުވެރި ލޯބި. އެ ލޯބީގެ އަގު ތިޔަ ކަރުދާސްތަކަކުން ނުކުރެވޭނެ. ޒާޔާ ތިޔަ ފައިސާ ބަހައްޓާ. އަހަރެން ޒާޔާއަށް ކުރި ހުރިހާ ޚަރަދެއް ހިތުން ރުހުމުން މާފުކޮށްފިން. ﷲ ޒާޔާއަށް ހެޔޮ ވިސްނުން ދެއްވާށި!" ޖަލާލު އެ ފައިސާގައި އަތް ވެސް ނުލައި އެނބުރި ހިނގައިގަތެވެ.

ދޮރުމަތީގައި ހުރި ނީޝާމް ފެނުމުން ޒާޔާގެ މޫނުމަތި އުޖާލާވިއެވެ. ޖަލާލު ދިޔުމާ އެކު ޒާޔާ ދުވެފައި ގޮސް ނީޝާމްގެ ކައިރިއަށް ހުއްޓުނެވެ."

ނީޝާމް! ކޮން އިރަކު އައީ؟ އަހަރެން މިހާރު އެ ޖަލާލު ކައިރީން ސަލާމަތްވެއްޖެ. ދެން އަހަރެމެންގެ ކައިވެނީގެ......."

ޒާޔާގެ ޖުމްލަ ފުރިހަމަ ނުވަނީސް ނީޝާމް އަތް އުފުލާލަމުން ޒާޔާ ހުއްޓުވިއެވެ. ނީޝާމްގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމާއި ފޫހިކަމެވެ.

"ހުއްޓާލާ ޒާޔާ! އަހަންނަށް ހުރިހާ އެއްޗެއް އަޑުއިވިއްޖެ. އަހަރެން ހީކުރީ ޒާޔާއަކީ ވަރަށް މާތް ކުއްޖެއް ކަމަށް. އެކަމަކު ތިން އަހަރު ވަންދެން ޒާޔާއަށް ޓަކައި ދިރިއުޅުން ޤުރުބާންކުރި ފިރިހެނަކަށް ބޭވަފާތެރިވި މީހަކު، މާދަމާ އަހަންނަށް ވަފާތެރިވާނެކަމުގެ އޮތީ ކޮން ޔަގީންކަމެއް؟" ނީޝާމް ހަރުކަށި ރާގެއްގައި ބުންޏެވެ.

"ނީޝާމް، އަހަރެން ލޯބިވަނީ ނީޝާމް ދެކެއޭ. އަހަރެން ބޭނުންވަނީ ނީޝާމާ ކައިވެނިކުރާން،" ޒާޔާ ރޮމުން ބުންޏެވެ.

"ކައިވެންޏޭ؟ ޒާޔާ. އަހަންނަކީ މީހެއްގެ ފިރިއެއް! އަހަރެންގެ އަނތްބަކާއި ދެ ކުދީން މާލޭގައި އެބަތިބި. އަހަރެން ޒާޔާއާ ގުޅުނީ މަޖަލަކަށް. އެކަމަކު މިއަދު ޒާޔާގެ އަސްލު ސިފަ ފެނުމުން އަހަރެން ޒާޔާ ދެކެ ފޫހިވެއްޖެ. ދެން ދުވަހަކު ވެސް އަހަންނަށް ނުގުޅާތި!"

ނީޝާމްގެ އެ ބަސްތަކާ އެކު ޒާޔާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މުޅި ދުނިޔެ އޭނާގެ ވަށައިގެން އެނބުރޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ނީޝާމަކީ މީހެއްގެ ފިރިއެއްކަން އެނގުމާއި، އޭނާގެ އުންމީދުތައް ފުނޑުފުނޑުވުމުގެ ސަބަބުން ލިބުނު ކުއްލި ސިހުމުގައި ޒާޔާ އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ.

ޒާޔާ ވެއްޓުނު މަންޒަރު ފެނިފައި ވެސް ނީޝާމު އޭނާއަށް އެހީވާކަށް ނޫޅުނެވެ. ނީޝާމް އެ ގެއިން ނުކުމެގެން ދިޔައީއެވެ. އިރުކޮޅަކުން ޒާޔާގެ މަންމަ އައިސް ޒާޔާ ހޭއެރުވިއެވެ.

ހޭއެރިއިރު ޒާޔާ އޮތީ އެކަނި މާއެކަންޏެވެ. އޭނާގެ އަތުގައި ހުރި ފައިސާ ބޮނޑި އޭރު ވެސް ތަޅުންގަނޑުމަތީގައި އޮތެވެ. ނަމަވެސް އެ ފައިސާއިން އޭނާއަށް ގަނެވޭނެ އެއްވެސް އުފަލެއް ނެތެވެ. ތެދުވެރި ލޯތްބާއި، ވަފާތެރިކަމުގެ އަގު ވަޒަން ނުކުރެވުމުގެ ސަބަބުން، ޒާޔާއަށް މިއަދު ޖަލާލާއި ނީޝާމު ވެސް ގެއްލިއްޖެއެވެ. އަމިއްލަ އެދުމާއި ދުނިޔަވީ ދަޅަތަކަށް ހެއްލުމުގެ ނަތީޖާއަކަށް ވީ، އުމުރު ދުވަހުގެ ހިތާމައާއި އެކަނިވެރިކަމާ ކުރިމަތިލާން ޖެހުމެވެ. (ނިމުނީ)

ކޮމެންޓު