އަސްމާ އަބޫބަކުރު
8 ނޮވެންބަރު 2026
(2026 ނޮވެންބަރު 01ގެ ޢަދަދާގުޅޭ)
ނާހިދުގެ ތެދުވެރި ލޯބި ދޫކޮށްލައިފައި، އޭނާ މި ވަނީ އަނދަމުންދާ އަލިފާންގަނޑެއްގެ ތެރެއަށް އަމިއްލައަށް ފުންމައިލައިފައެވެ.
ނާހިދު އިނީ އޭނާގެ އޮފީހުގައި މާލީ ރިޕޯޓުތައް ބަލާށެވެ. ސާބިތު ވަކިވުމުން ވިޔަފާރި އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ. ސާބިތުގެ ނަން ހިތަށް އެރުމާ އެކު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ސާބިތުގެ މެސެޖެކެވެ.
[ނާހިދު... އަހަރެމެންގެ އެކުވެރިކަން މާޒީވެއްޖެ. އަދި ކޮއްކޮ ނިހާދާއާ އެކު އޮތް ގުޅުން ވެސް މި ރެއިން ފެށިގެން ނިމުނީ. ކަލޭމެންގެ އާއިލާއިން އަހަންނަށް ދިނީ ހަމައެކަނި ކެހި.]
ނާހިދު ފޯނު މޭޒުމަތީގައި ބާއްވައިލުމަށް ފަހު، ފުން ނޭވާއެއްލިއެވެ. އޭނާގެ ވަށައިގެންވާ ދުނިޔެ މި ވަނީ މުޅިން ބަދަލުވެފައެވެ. އެކުވެރިކަމަށް މި ފަދަ ގޮތަކަށް ބުރޫއަރައިފާނެކަމަށް ހުވަފެނުން ވެސް ނާހިދު ނުދެކެއެވެ. ލޯބީގެ ސިއްރުތަކުން މުޅި އާއިލާގެ ބިންގާ މި ވަނީ ފުނޑުފުނޑުވެފައެވެ.
ސާބިތުގެ އެ ފަހުގެ މެސެޖުން ނާހިދުގެ ހިތުގައި އުފެދުނީ ބަޔާންކުރާން ދަތި ހައިޖާނެކެވެ. އޭނާ ވަގުތުން ސައިކަލު އިސްޓާޓުކޮށްލުމަށް ފަހު، ހަލުވި ދުވެއްޔެއްގައި ގެޔާ ދިމާއަށް މިސްރާބުޖެހިއެވެ. އަމިއްލަ ލޯބި ނާކާމިޔާބުވެ، ވިޔަފާރީގެ ބިންގާ ފުނޑުފުނޑުވެގެން ދިޔަ އިރު ވެސް އޭނާ ހިފަހައްޓައިގެން ހުރި ހަމައެކަނި އުންމީދަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އޭނާގެ އާއިލާގެ ފަރާތުން އުފާވެރިކަމެއް ހޯދައިދިނުމެވެ. ނަމަވެސް، އެ އުންމީދުގެ ހުޅުކޮޅު ވެސް މި ވަނީ ނިވިފައެވެ.
ބާރު ފިޔަވަޅުތަކެއްގައި ގެޔަށް ވަދެ، ނިހާދާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އިރު، ނިހާދާ އިނީ އެނދުމަތީގައި ދެކަކޫ މޭގައި ބާރުކޮށްލައިގެން، ކަރުނުން ފުރިފައިވާ ދެލޮލާ އެކުގައެވެ. މޭޒުމަތީގައި އޮތް ލާހޯރުގެ އެ ހަނދާނީ ފޮތިކޮޅު ފެނުމާ އެކު ނާހިދުގެ ރުޅިގަނޑު ކޮންޓުރޯލުން ނެއްޓުނެވެ.
[ނިހާދާ!] ނާހިދުގެ ބަރު އަޑުން މުޅި ކޮޓަރި ގުގުމައިގެން ދިޔައެވެ.
[އަހަރެން ކޮއްކޮއަށް ކިތައް ފަހަރު އިންޒާރު ދިނިން؟ ސާބިތަކީ ކޮން ކަހަލަ ހިތްދަތި ދުވަސްތަކެއް ހޭދަކުރަމުންދާ މީހެއްކަން އެނގިހުރެ، އޭނާގެ އިހުސާސްތަކާ ތިޔަ ކުޅެލީ ކީއްވެ؟]
ނިހާދާ ރޮމުން ބޯހިއްލައިލިއެވެ.
[ބޭބޭ... އަހަރެން މަސައްކަތްކުރިން! ސާބިތަށް ވަފާތެރިވާން އަހަރެން ހާސް ފަހަރު ހިތަށް ވިސްނައިދިނިން! އެކަމަކު... އަސްރާރުގެ ހަނދާންތަކަކީ އަހަރެންގެ ފުރާނައިގެ ބައެއް. އަހަރެން ޕާކިސްތާނުގައި ހުރި އިރު، އަހަރެން ނަފްސާނީ ގޮތުން އެކަނިވެ، ބަލިކަށިވި ވަގުތު އަހަރެން ކޮޅަށް ޖަހައިދިނީ އޭނާ. އަހަރެން ސާބިތާ ކާވެނިކުރި ނަމަވެސް، އެއީ އޭނާއަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތް!] ނިހާދާ ވާހަކައިގައި އެކުލެވިގެން ވަނީ ތެދު ހަގީގަތެވެ.
ނާހިދު ފުން ނޭވާއެއްލިއެވެ. ކޮއްކޮގެ ވާހަކައަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. ނިހާދާ ކަންތައް ކުރީ ގޯސްކޮށޭބުނެވޭކަށް ނެތެވެ. އޭނާގެ ރުޅިވެރިކަން މަޑުމަޑުން ފުން ހިތާމަޔަކަށް ބަދަލުވިއެވެ. އޭނާއަށް ވިސްނުނެވެ. ހިތުގެ މައްޗަށް ބާރު ފޯރުވުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއްނޫނެވެ. އޭނާ އަމިއްލައަށް ވެސް އަލްޔާ ދެކެ ލޯބިވީ ހުރިހައި ހަމަތަކެއް ބޭރުންނެވެ. ނާހިދު އެއްވެސް އެއްޗެއް ނުބުނެ، ކޮޓަރީގެ ދޮރު ލައްޕައިލުމަށް ފަހު، ކޮޓަރީން ނިކުތެވެ. އޭނާއަށް އެނގެއެވެ. މި ހުރިހައި ގުޅުންތަކެއްގެ މިވަނީ އަބަދުގެ އަބަދަށް ފުނޑުފުނޑުވެފައެވެ.
އެވަގުތު، އަމާންގެ ބޮޑު ގޭގެ ހަމަހިމޭންކަމުގެ ތެރޭގައި، އަލްޔާ އިނީ ކޮޓަރީގެ ކަނެއްގައި ހުރި ގޮނޑިއެއްގައެވެ. ގަޑީން ރޭގަނޑު ބާރަ ޖަހައި ބޮޑުވެއްޖެއެވެ. އަމާން އަދި ވެސް ގެޔަކަށް ނާދެއެވެ. އޭނާ ދެއަތްނބަށް އިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އޭނާގެ ދިރިއުޅުން މި ވަނީ ޖަލަކަށް ބަދަލުވެފައެވެ.
އަލްޔާ އޭނާގެ ދެއަތްތިލައަށް ބަލައިލިއެވެ. އޭނާ ބޭނުންވީ ބަދަލުހިފާށެވެ. ނަހުވާއަށް ދެރައެއްދީ، އަމާންގެ މައްޗަށް ބާރުފޯރުވާށެވެ. އެކަމަކު މިއަދު އޭނާގެ އަތުގައި އޮތީ ހަމައެކަނި އެކަނިވެރިކަމެވެ. އަމާންގެ ހަޅޭކުގެ އަޑާއި، ފޫހި ބެލުންތައް ފިޔަވައި އެއްވެސް އެއްޗެއް އޭނާއަކަށް ނުލިބެއެވެ.
އެ ފުން ހިމޭންކަމުގެ ތެރޭގައި، އަލްޔާގެ ހިތަށް ކުއްލިއަކަށް ނާހިދުގެ ހަނދާންތައް އަންނާން ފެށިއެވެ. އޭނާ ބަލިކަށިވެ، ރޮއި ހާސްވި ކޮންމެ ވަގުތަކު، ނާހިދު އޭނާގެ ކައިރީގައި ހުރީ ކޮން ފަދަ އޯގާތެރިކަމަކާ އެކުހެއްޔެވެ؟ ނާހިދު އޭނާގެ ހިތުގެ އަޑު އަހައި، އޭނާގެ ނަފްސާނީ ހަމަޖެހުމަށް ޓަކައި މުޅި ދުނިޔެއާ ހަނގުރާމަކުރާން ތައްޔާރުވިއެވެ.
[އަހަންނަށް ހެދުނީ ބޮޑު ގޯހެއް...] އަލްޔާގެ އަނގަމަތީގައި އަތްއަޅައި ގިސްލައިފައި ރޯންފެށިއެވެ.
[އަހަރެން ހަގީގީ ލޯބި ގުރުބާންކޮށްލީ ހަމައެކަނި އަހަރެންގެ ކިބުރިވެރިކަމާއި ހަސަދައަށް ޓަކައި. ނާހިދު... އަހަންނަށް މާފުކުރޭ!]
އަލްޔާ ތުރުތުރުއަޅަމުންދިޔަ އަތުން ފޯނު ނަގައި، ނާހިދުގެ ނަންބަރަށް ބަލައިލިއެވެ. އޭނާ ގުޅާން ބޭނުންވިއެވެ. އެކަމަކު އޭނާގެ އަމިއްލަ ނަފުސަށް އޮތް ލަދުވެތިކަމެއްގެ ބޮޑުކަމުން، އެ ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އޭނާ މި ވަނީ އަމާންގެ އަނދިރި ދުނިޔޭގައި އަބަދުގެ އަބަދަށް ބަންދުވެފައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު، ކުންފުނީގެ މައި އޮފީހަށް ސާބިތު ވަދެގެން އައީ ރަސްމީ ބޭފުޅަކާ އެކުގައެވެ. ނާހިދާއި އަމާން މޭޒުކައިރީގައި މަސައްކަތުގައި ތިއްބެވެ. ސާބިތުގެ މޫނުމަތީން ފެންނަމުން ދިޔައީ އެއްވެސް ރަހުމެއް ނެތް، ބޮޑާކަމުގެ ކުލަވަރެކެވެ.
[މިއީ އަހަރެންގެ ފަރާތުން ލޯޔަރު.] ސާބިތު ފިނި އަޑަކުން ބުންޏެވެ. [އަހަރެން މިއައީ މި ކުންފުނީގެ މާލީ ހިއްސާ އެއްކޮށް ކަނޑައިލައި، އަހަރެންގެ ފައިސާ ނަގާން. ކަލޭމެންގެ ކުންފުނި ބަންގުރޫޓުވިޔަސް، އަހަރެންގެ ފަރުވާލެއް ނެތް. މި ހިސާބުން ހުރިހާ ހިސާބެއް ނިންމައިލާން އަހަރެން ބޭނުން.]
އަމާން ހތްހަމަ ނުޖެހިފައި ކޮޅަށް ތެދުވިއެވެ. [ސާބިތު! ކަލޭ ތިޔަ ކުރަނީ މާ ބޮޑު ކަމެއް.]
[މާ ބޮޑު ކަމެއް ކުރީ ކާކު؟] ސާބިތު އަމާންގެ ދެލޮލަށް ސީދާ ބަލައިލިއެވެ.
"ކަލޭ މަގޭ ހިތް ހަލާކުކޮށްލީމު. ކަލޭގެ އާއިލާއިން މަގޭ އުންމީދުތައް ފުނޑުފުނޑުކޮށްލީ. މި ޒަމާނުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި ކުލުނަކީ އޮންނަންޖެހޭ އެއްޗެއް ނޫންކަން އެނގިއްޖެ. މިއީ އޭގެ ނަތީޖާ.]
ނާހިދު އެއްވެސް އެއްޗެއް ނުބުނެ، ލިޔެކިޔުންތަކުގައި ސޮއިކުރާން ފެށިއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ވިޔަފާރިއާއި، އެކުވެރިކަމާއި، ލޯބީގެ މުޅި ބާބު މި ވަނީ ނިމުމަކާ ގާތްވެފައެވެ.
ސާބިތުގެ ވަކިވުމާއި، ކުންފުނީގެ މާލީ ހިއްސާ އެއްކޮށް ކަނޑައިލުމުގެ އެއްބަސްވުމުގައި ނާހިދު ސޮއިކުރި ހިނދަކީ، ތިން އެކުވެރީންގެ ޒުވާން ޢުމުރުގެ ހުރިހައި ހުވަފެންތަކެއް ސުންނާފަތިވެގެންދިޔަ ހިނދުކޮޅެވެ. ކެޕިޓަލް އެއްކޮށް މަދުވުމުގެ ސަބަބުން، ކުންފުނި ދަރަނިވެރިވެ، ބަންގުރޫޓުވުމުގެ ރަސްމީ އިޢުލާންކުރާން ނާހިދަށް މަޖުބޫރުވިއެވެ. އޮފީހުގެ ބޮޑު ދޮރުތަކުގައި ބަންދު ބޯޑު ހަރުކުރެވުނު އިރު، އަމާން ހުރީ ބަސްހުއްޓިފައެވެ. އޭނާގެ އަމިއްލަ އެދުމާއި ޚިޔާނާތުގެ ސަބަބުން އޭނާގެ ކާމިޔާބީގެ މުޅި ދުނިޔެ މި ވަނީ އަޅިޔަށް ބަދަލުވެފައެވެ.
ކުންފުނި ބަންދުވުމާ އެކު، އަމާންގެ ގެޔަށް ވެރިވީ ފުން މާޔޫސްކަމެކެވެ. މާލީ ދަތިކަމާއި ހިތުގެ ހަމަހިމޭންކަން ގެއްލުމުގެ ސަބަބުން އަމާނާއި އަލްޔާގެ މެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ބަދަލުވީ ހޫނު ޒުވާބުތަކަށެވެ. އަލްޔާއަށް ވިސްނުނީ އޭނާ އަމާންގެ ދެއަތްނބަށް އައީ ހަމައެކަނި ބަދަލުހިފުމުގެ ޖަޒުބާތެއްގައިކަމެވެ. އެ ތަނުގައި އެއްވެސް ލޯތްބެއް ރަޙުމެއް ވެސް ނެތެވެ.
[އަހަރެމެންގެ މެދުގައި ދެން އިތުރަށް ދިރިއުޅެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތް. އަމާން.] އަލްޔާ އޭނާގެ ކުޑަ ދަބަސް ހިފައިގެން ކޮޓަރީން ނިކުންނަމުން ފިނި އަޑަކުން ބުންޏެވެ.
[އަހަރެން މި ދަނީ. ކަލޭގެ މި އަނދިރި ޖަލުގައި އިންނާކަށް އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ.]
އޭނާ ހުއްޓުވާކަށް އަމާން މަސައްކަތެއް ނުކުރެއެވެ. އޭނާގެ ހިތް މިހާރު ވަނީ ބޮޑު ހައިޖާނެއްގައެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ނަހުވާއާއި އޭނާގެ ތުއްތު ދަރިފުޅުގެ މަޢާފެވެ. ނަމަވެސް، ނަހުވާ އޭނާގެ ދަރިފުޅު ގޮވައިގެން ރަށުން ބޭރަށް ބަދަލުވެ، އަމާންގެ ދިރިއުޅުމުން އަބަދުގެ އަބަދަށް ވަކިވެގެން ހިނގައްޖެއެވެ. އުޅޭތަނެއް ދިޔަ ތަނެއްވެސް އަދި ނުހޯދެއެވެ.
އަނެއްކޮޅުން، ނިހާދާގެ ކާވެނި ރޫޅުމުގެ ހިތާމައިގެ ތެރޭގައި އިން ނާހިދަށް ލިބުނީ ހައިރާންކުރުވަނިވި ޚަބަރެކެވެ. ނިހާދާ އަމިއްލައަށް އިސްނަގައިގެން، އޭނާގެ ހިތުގެ ވެރިޔާކަމުގައިވީ އަސްރާރާ ދެމެދު އޮތް ގުޅުން އާއިލާއަށް ކިޔައިދިނެވެ. ނާހިދު ފުން ވިސްނުމަކަށް ފަހު، ކޮއްކޮގެ ހަގީގީ އުފަލަށް ޓަކައި އެ ގުޅުމަށް ހުއްދަދިނެވެ.
މަދު ދުވަސްތަކެއްގެ ތެރޭގައި، ޕާކިސްތާނުގެ ލާހޯރުގެ ފިނި ވައިރޯޅިތަކުގެ ތެރޭގައި، ނިހާދާއާއި އަސްރާރުގެ ކާވެނިކުރެވުނެވެ. ނިހާދާ އޭނާގެ ހުވަފެންތަކުގެ ބިމުގައި، އަސްރާރުގެ އަތުގައި ހިފައިގެން ހިނގަމުން ދިޔަ އިރު އޭނާގެ ދެލޮލުން ފައިބަމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ދިރިއުޅުން އޭގެ ހަގީގީ މިސްރާބު ހޯދީއެވެ.
ސާބިތު ވެސް އެކަނިވެރިކަމުގެ ތެރެއިން ދިރިއުޅުމުގެ ބޮޑެތި ފިލާވަޅުތައް ދަސްކޮށް، އަމިއްލަ މިނިވަން ވިޔަފާރިއެއް ފަށައިގެން ކުރިއަށް ދިޔައީ ހިތުގެ ޒަޚަމްތައް ފޮރުވައިގެންނެވެ.
އަހަރެއްހައި ދުވަސް ފާއިތުވެގެން ދިޔައެވެ.
ހަވީރު ވަގުތު ނާހިދު އިނީ އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި އިށީނދެގެން ކަނޑުގެ ރާޅުތަކަށް ބަލަހައްޓައިގެންނެވެ. އޭނާގެ ވިޔަފާރި ހުއްޓުނަސް އޭނާ މިހާރު ވަނީ މާލީ ގޮތުން އަލުން ކޮޅަށް ތެދުވެ، އާ ފެށުމަކުން ދިރިއުޅުން ބައްޓަންކުރާން ފަށައިފައެވެ.
އެވަގުތު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނީ އަލްޔާއެވެ. އަލްޔާގެ މޫނުމަތިން ކުރީގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ އެއްވެސް އަސަރެއް ނެތެވެ. އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. މޫނުމަތީން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ލަދުވެތިކަމުގެ އަސަރެވެ.
[ނާހިދު...] އަލްޔާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.
[އަހަންނަށް އެނގޭ އަހަރެން ނާހިދަށް ދިނީ ހަމައެކަނި ދެރައާއި ހިތްދަތިކަންކަން. އަހަންނަށް ހަގީގީ ލޯބީގެ އަގު ނޭނގި، އަލިފާނުގެ ފަހަތުން ދުވެ، މަގޭ ދިރިއުޅުން އަމިއްލަ ދެއަތުން ހަލާކުކޮށްލީ. އަހަރެން މިރޭ މިއައީ ހަމައެކަނި ނާހިދުގެ ކިބައިން މަޢާފަށް އެދެން.]
ނާހިދު މަޑުމަޑުން ޖޯލިން ތެދުވިއެވެ. އޭނާ އަލްޔާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. އޭނާގެ ހިތުގައި އަލްޔާއަށް ޓަކައި އޮތް ފުން ލޯބި އަދިވެސް އޭގެ ތަޒާކަންމަތީ އެބަ އޮތެވެ. ނަމަވެސް، މިއަދު އޭނާގެ ބުއްދި ވަނީ މާ ހަރުދަނާވެފައެވެ. އިންސާނާގެ ޙަޔާތުގައި ބައެއް ސަފުހާތަކަކީ އަލުން ހުޅުވާންނުވާނެ ސަފުހާތަކެކެވެ.
[އަލްޔާ... އަހަރެން އަލްޔާއަށް މަޢާފްކޮށްފިން.] ނާހިދު މަޑުމައިތިރި އަޑަކުން ބުންޏެވެ.
[އަހަރެންގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތް. އެކަމަކު... އަހަރެމެންގެ މާޒީގެ އެ ރޯނު މިހާރު ވަނީ އަބަދުގެ އަބަދަށް ކަނޑައިގެން ގޮސްފައި. އަލްޔާގެ ދިރިއުޅުމުގެ އާ ބާބެއް ފަށައި، ނަފްސާނީ ހަމަޖެހުން ހޯދާން އަހަރެން އަބަދުވެސް ދުޢާކުރާނަން.]
ނާހިދު އަވަސްއަވަހަށް އެންމެ ފުރަތަމަ ޖެހުނު މަގުން ހިނގައިގަތެވެ. އަލްޔާ އެ ތަނުގައި ކޮޅަށް ހުރެ، ނާހިދު ދާތަން ބަލާން ރޯން ހުއްޓެވެ. އޭނާއަށް އެނގުނެވެ. ލޯބީގެ ހަނގުރާމައިގައި އޭނާ މިއަދު މި ވަނީ މުޅިން ބަލިވެފައެވެ.
އިރުއޮއްސި، މުޅި ޖައްވަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ވިންދާއި ހިތުގެ އެ ބޮޑު ހަނގުރާމަ ނިމި، ފަރުދާގެ ފަހަތުގައި ހުރި ހުރިހައި ސިއްރުތަކެއް މި ވަނީ އަބަދުގެ އަބަދަށް ހިމޭންވެފައެވެ. ތިން އެކުވެރީން ފެށި ވިޔަފާރި ވެސް ނިމުމަކަށް އައީ އެ ލޯބީގެ ސަބަބުންނެވެ. އެކަކު ހިތުގައި ޖެހީ އަނެކާގެ ބައިވެރިޔާގެ ވިންދެވެ. އެ ކަމުގެ ސަބަބުން އެންމެންގެ ދިރިއުޅުން ވެސް ހަލާކުވިއެވެ. ދެންއޮތީ އަލުން އާ ސަފުހާއެއް ފެށުމެވެ. (ނިމުނީ)