އަސްމާ އަބޫބަކުރު
15 ނޮވެންބަރު 2026
ކައިވެނީގެ ގޮށްޖެހުނީ އުފަލާއި އުންމީދުން ފުރިގެންވާ ފޮނި ހުވަފެންތަކަކާ އެކުގައެވެ. ޖާވިދާއި ސާނިޒާގެ ކައިވެންޏަށް އަހަރެއް ފުރޭން ކައިރިވަމުން ދިޔަ އިރު، ޖާވިދުގެ ހިތުގައި ސާނިޒާއަށް އޮތް ލޯތްބާއި އިތުބާރަކީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ލޯތްބެކެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، އާއިލާއާ ވަކިން ހުޅުމާލޭގެ އެޕާޓްމަންޓަކަށް ދިރިއުޅުން ބަދަލުކުރާން ސާނިޒާ އެދުނެވެ.
"ޖާވިދު، އަހަރެމެން ދެ މީހުން ވަކީން އުޅޭން ފަށަމާ ހިނގާ. އޭރުން ދެ މީހުންނަށް ވެސް ވަރަށް ފަސޭހަވާނެ. މިނިވަންކަމާ އެކު އަހަރެމެންގެ ދިރިއުޅުން ބިނާކުރެވޭނެ." ސާނިޒާގެ އެ އެދުމަށް ޖާވިދު ފުރިހަމައަށް އިޖާބަދިނެވެ. ޖާވިދު ދުށީ އެއީ ސާނިޒާގެ އުފަލަށް ޓަކައި އޭނާ ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައެވެ. އަނބިމީހާ ދިރިއުޅޭނެ ތަނެއް ދައްކައި ހިތްހަމަ ޖައްސައިދިނުމަކީ ފިރިމީހާގެ ޒިންމާއެކެވެ. ނަމަވެސް، ސާނިޒާ ބޭނުންވި އެ "މިނިވަންކަމުގެ" ފަހަތުގައި ފޮރުވިފައިވާ ހަގީގަތް ޖާވިދަކަށް ނޭނގެއެވެ.
ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި ދެމަފިރިން ދިރިއުޅެމުން ދިޔަ އިރު، ޖާވިދު ކޮންމެ ދުވަހަކު ހެނދުނު ވަޒީފާއަށް ދަނީ މާލެއަށެވެ. ހެނދުނު އަށެއް ޖެހުމުގެ ކުރީން ގެއިން ނުކުންނަ ގޮތަށް، އާންމުކޮށް އެނބުރި ގެއަށް އާދެވެނީ ހަވީރު ފަހެއް ޖަހައި ބޮޑުވާ ފަހުންނެވެ. ޖާވިދު އޮފީހުގައި އަވަދިނެތި އުޅޭ ވަގުތުތަކުގައި، އެޕާޓްމަންޓުގައި އެކަނިވެރިވެފައި ހުންނަ ސާނިޒާގެ ދިރިއުޅުމަށް އައު މީހަކު ވަދެގެން އައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
އެއީ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ތިރީ ބައިގައި ހުންނަ ކެފޭއަކުން ސާނިޒާއާ ބައްދަލުވި ޒުވާނެކެވެ. ނަމަކީ ރަޔާނެވެ. ރީތި ސިފައަކާއި ފޮނި ވާހަކަތަކެއްގެ ވެރިއެކެވެ. އެކަނިވެރިކަން އިހުސާސްކުރެވެމުން ދިޔަ ސާނިޒާއަށް ރަޔާންގެ ސަމާލުކަމާއި ފޮނި ބަސްތަކުން އުފާވެރިކަން ލިބޭން ފެށިއެވެ. މަޑުމަޑުން ދެ މީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން ސިއްރު ލޯބީގެ ގުޅުމަކަށް ބަދަލުވެގެން ދިޔައެވެ. ޖާވިދު މާލޭގައި އުޅޭ ވަގުތުތަކުގައި ސާނިޒާ ބޭރަށް ދިއުމާއި، ރަޔާނާ އެކު ވަގުތު ހޭދަކުރުން އާންމުކަމަކަށް ވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ސާނިޒާގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ޖާވިދަށް ވެސް ކޮންމެވެސް ވަރަކަށް ފާހަގަކުރެވޭން ފެށިއެވެ. ކުރިއާ ޚިލާފަށް ފޯނަށް ގެއްލިފައި ހުރުމާއި، ޖާވިދު ގެއަށް އަންނަ އިރު ސާނިޒާ ހުންނަ ގޮތުން ހިތުގައި ކުދިކުދި ޝައްކުތައް އުފެދޭން ފެށިއެވެ. ނަމަވެސް، ޖާވިދުގެ ހިތުގައި ސާނިޒާއަށް އޮތް މަތިވެރި ލޯބީގެ ސަބަބުން އެ ޝައްކުތަކަށް ޖާގައެއްނުދެއެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނީ އެއީ އެކަނި ގޭގައި ހުންނާން ޖެހުމުން ސާނިޒާއަށް ވާ ގޮތެއްކަމަށެވެ.
އެ ދުވަހަކީ ދެމަފިރިންގެ ކައިވެންޏަށް އެއް އަހަރު ފުރޭ އުފާވެރި ދުވަހެވެ. ސާނިޒާއަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައި ޖާވިދު އޮފީހުން ހުއްދަ ހޯދައިގެން، އާންމުކޮށް އަންނަ ގަޑިއަށް ވުރެ ދެ ގަޑިއިރު ކުރީން ހުޅުމާލެއަށް އައެވެ. ހިތުގައި އޮތީ ސާނިޒާގެ މޫނުމަތީން ފެންނާނެ އުފާވެރި ހިނިތުންވުމުގެ ތަސްވީރެވެ. ޖާވިދު ފުރަތަމަ ވެސް ދިޔައީ ހުޅުމާލޭގައި ހުންނަ ރީތި މާފިހާރައަކަށެވެ. ސާނިޒާއަށް އެންމެ ކަމުދާ ރަތް ފިނިފެންމަލުގެ ބޮޑު މާބޮނޑިއަކާއި، ކުޑަ ހަދިޔާއެއް ގަނެގެން ޖާވިދު ހިނގައިގަތީ އެޕާޓްމަންޓާ ދިމާއަށެވެ.
މެންދުރުފަހުގެ ހޫނުކަން މަޑުވެ، ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކާ އެކު ޖާވިދު އުފަލުން ހުރެ އެޕާޓްމަންޓް ހުންނަ މަގަށް އެޅިއެވެ. އެވަގުތު އެޕާޓްމަންޓްގެ ދޮރުމައްޗަށް މަޑުކޮށްލި ކަޅު ކުލައިގެ ކާރަކަށް ޖާވިދުގެ ނަޒަރު ހުއްޓުނެވެ. ކާރުގެ ކުރީ ދޮރު ހުޅުވައިލައިފައި ފޭބީ ސާނިޒާއެވެ. ސާނިޒާގެ މޫނުމަތީގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ. ހަމަ އެ ވަގުތު ކާރުގެ ޑްރައިވަރު ސީޓުން ފޭބި ޒުވާނާ ފެނުމާ އެކު ޖާވިދުގެ ފިޔަވަޅުތައް ހުއްޓުނެވެ. އެ ޒުވާނާ ސާނިޒާގެ އަތުގައި ހިފައިލައިފައި އެއްޗެކޭ ބުނުމުން ސާނިޒާ ލަދުރަކި ގޮތަކަށް ހީނލިއެވެ.
ޖާވިދުގެ ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. އަތުގައި އޮތް ރަތް ފިނިފެންމަލުގެ މާބޮނޑި ވެސް ބަރު އެއްޗަކަށް ވެގެން ދިޔަ ކަހަލައެވެ. ސާނިޒާ އެނބުރި އެޕާޓްމަންޓަށް ވަންނާން ހިނގައިގަތް ވަގުތު، މަގުގެ އަނެއް ފަރާތުގައި ހުއްޓިގެން ހުރި ޖާވިދު އޭނާގެ ލޮލުގައި އަޅައިގަތެވެ.
ސާނިޒާގެ މޫނުމަތީގައި ހުރި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ބިރާއި ހާސްކަމުން މުޅި މީހާ ތުރުތުރުއަޅާން ފެށިއެވެ. ކައިރީގައި ހުރި ރަޔާނަށް ވެސް ޖާވިދު ފެނުމާ އެކު، އަވަސްއަވަހަށް ކާރަށް އަރައިގެން އެ ތަނުން ދުއްވައިލިއެވެ.
ޖާވިދު މަޑުމަޑުން ހިނގައިފައި އައިސް ސާނިޒާގެ ކުރިމައްޗަށް ހުއްޓުނެވެ. ސާނިޒާ އިސްޖަހައިލައިގެން ހުރި އިރު، އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ޖާވިދުގެ މޫނުމަތީން ފެންނަނީ ރުޅިވެރިކަމަށް ވުރެ ބޮޑަށް ފުން ހިތާމައާއި މާޔޫސްކަމެވެ.
"ޖާވިދު... އަހަރެން... އަހަރެންނަށް މާފުކުރޭ..." ސާނިޒާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
ޖާވިދު އެއްވެސް އެއްޗެކޭ ނުބުނެ، އަތުގައި އޮތް މާބޮނޑިއަށް ބަލައިލިއެވެ. އެއަށްފަހު ސާނިޒާގެ އަތަށް އެ މާބޮނޑި ދިއްކޮށްލިއެވެ. ސާނިޒާ ތުރުތުރުއަޅާ އަތަކުން އެ މާބޮނޑީގައި ހިފިއެވެ.
"ހެޕީ އެނިވަރސަރީ ސާނިޒާ." ޖާވިދުގެ އަޑުގައި ވަނީ ކުރަކިކަމެކެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފަހައްޓާން މަސައްކަތްކުރަމުން ޖާވިދު ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ސާނިޒާ ވަކިން އުޅޭން ބޭނުންވީ މިނިވަންކަން ހޯދާންކަމަށް ބުނީމާ އަހަރެން އެ ކަމަށް އިހުތިރާމުކުރިން. އަހަރެންގެ ހިތުގައި އުފެދުނު ހުރިހާ ޝައްކުތަކެއް އެއްފަރާތް ކުރީ ސާނިޒާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން. އަހަރެން ހީކުރީ ލޯތްބަކީ އެކަކު އަނެކަކަށް ކުރާ އިތުބާރު ކަމަށް."
ސާނިޒާ ގިސްލަމުން ރޯން ފެށިއެވެ. "ޖާވިދު، އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ. އެކަނިވެރިކަމުގައި ހުއްޓައި އަހަރެންނަށް މަގު އޮޅުނީ. އަހަރެންނަށް މާފުކުރޭ. އަލުން ފުރުސަތެއް ދީ."
ޖާވިދު ފުން ނޭވާއެއް ލުމަށްފަހު ސާނިޒާގެ މޫނަށް ބަލައިލިއެވެ.
"ސާނިޒާ. ބިއްލޫރި ތަށްޓެއް ތަޅައިގެން ދިޔައީމާ، ކިތަންމެ ވަރަކަށް ތަތްކުރިޔަސް އޭގައި ހުންނަ ރެނދުތަކެއް ނުފިލާނެ. އިތުބާރަކީ ވެސް ހަމަ އެ ފަދަ އެއްޗެއް. އެއް ފަހަރު ގެއްލިއްޖެ ނަމަ، އަލުން އެ އިތުބާރު އުފެއްދުމަކީ ކުރެވޭނެ ކަމެއްނޫން. އަހަރެން ސާނިޒާ ދެކެ ވަރަށް ލޯބިވިން. އެކަމަކު އިތުބާރު ނެތް ތަނެއްގައި ލޯތްބަކަށް ދިރުމެއް ނޯންނާނެ."
އެހެން ބުނުމަށްފަހު ޖާވިދު އެޕާޓްމަންޓާ ދިމާއަށް ހިނގައިގަތީ މަގުމަތީ ހުރެ ޒުވާބުނުކުރާން ވެގެންނެވެ. ހަމައެހެންމެ މަގުމަތީ ތިބެ ދެމީހުންގެ ލޮލުން ކަރުނަ ފައިބާ ތަން މީހަކަށް ފެންނާކަށް ވެސް ޖާވިދު ނޭދެއެވެ. ސާނިޒާ އަތުގައި އޮތް ރަތް ފިނިފެންމަލުގެ މާބޮނޑީގައި ބައްދައިލައިގެން ހުރެ، އޭނާގެ އަމިއްލަ އަތުން ފުނޑުފުނޑުކޮށްލި އުފާވެރި ދިރިއުޅުމާ މެދު ހިތާމަކުރަމުން ދިޔައެވެ. ވަގުތީ އުފަލަކަށް ޓަކައި އޭނާއަށް ގެއްލުވައިލެވުނީ މުޅި އުމުރަށް ލިބޭން އޮތް އެންމެ ތެދުވެރި ލޯތްބާއި އިތުބާރެވެ.
ސާނިޒާ އަތުގައި އޮތް މާބޮނޑި ހިފައިގެން ޖާވިދުގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެޕާޓްމަންޓަށް ވަނެވެ. އޭރު ޖާވިދު އިނީ ސިޓިންގރޫމްގެ ސޯފާގައި އިށީނދެ، ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. ޖާވިދުގެ މޫނުމަތީން ފެންނަނީ ހިތްދަތިކަމާއި މާޔޫސްކަމެވެ.
ސާނިޒާ މަޑުމަޑުން އައިސް ޖާވިދުގެ ކުރިމަތީގައި ކަކޫ ޖަހައި އިށީނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ތުރުތުރުއަޅާ އަޑަކުން ވާހަކަ ދައްކަން ފެށިއެވެ.
"ޖާވިދު... އާދޭސްކޮށްފައި މި ބުނީ، އަހަރެން ދައްކާ ވާހަކަ އަޑުއަހާން އެންމެ ފުރުސަތެއް ދީ. ޕްލީޒް ޖާވިދު، އެންމެ ފަހަރަކު ނަމަވެސް އަހަރެންނަށް ވާހަކަ ދައްކާން ފުރުސަތު ދީ." ސާނިޒާ ރޮމުން އާދޭސް ކުރިއެވެ.
ޖާވިދު އިސްއުފުލައި ސާނިޒާގެ މޫނަށް ބަލައިލިއެވެ. އެ ދެލޮލުގައި ވެސް ވަނީ ކަރުނައިގެ އަސަރެވެ. ފުން ނޭވާއެއް ލުމަށްފަހު ޖާވިދު މަޑުމައިތިރި އަޑަކުން ބުންޏެވެ.
"ބުނޭ ސާނިޒާ. ކީކޭ ބުނާން ތިޔަ އުޅެނީ؟ އަހަރެންނަށް މިއަދު ފެނުނު މަންޒަރަށް ވުރެ ބޮޑު ހަގީގަތެއް ދެން އެބަ އޮތްތަ؟"
"އާނ ޖާވިދު. ޖާވިދު ތިޔަ ހީކުރާ ކަހަލަ ގޮތަކަށް ނޫން އެކަން ހިނގީކީ. އަހަރެން ދުވަހަކު ވެސް ޖާވިދަށް ބޭވަފާތެރިވާކަށް ނޫނީ ޖާވިދު ދޫކޮށްފައި ދާކަށް ނޫޅެން!" ސާނިޒާ އަވަސްއަވަހަށް ބުންޏެވެ.
"އެކަނި ގޭގައި ހުންނަން ޖެހުމުން އުފެދުނު ފޫހިކަމާއި އެކަނިވެރިކަމުގެ ތެރެއިން އަހަރެންނަށް ވާހަކަ ދައްކައިލެވުނު މީހެއް އެއީ. އޭނާގެ ފޮނި ވާހަކަތަކުގައި ޖެހި، ވަގުތީ ގޮތުން އަހަރެންނަށް މަގު އޮޅުނީ. އެކަމަކު އަހަރެންގެ ހިތުގައި އަބަދުވެސް އޮތީ ހަމައެކަނި ޖާވިދު. އަހަރެން ލޯބިވަނީ ޖާވިދު ދެކެ." ޖާވިދު ހިތްދަތި ގޮތަކަށް ހީނލިއެވެ.
"ސާނިޒާ، އަހަރެން ސާނިޒާ ދެކެވީ ލޯބީގައި އެއްވެސް އުނިކަމެއް ހުރިތަ؟ ސާނިޒާ ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދިނިން. އަހަރެންގެ ހިތުގައި ޝައްކުތައް އުފެދުނު އިރު ވެސް އަހަރެން އިސްކަންދިނީ ސާނިޒާއަށް ކުރާ އިތުބާރަށް. އެކަމަކު މިއަދު އެ އިތުބާރު."
"އެނގޭ ޖާވިދު، އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން. އަހަރެން އަމިއްލަ ނަފްސަށް ވެސް މަޢާފެއް ނުކުރާނަން." ސާނިޒާ ޖާވިދުގެ އަތުގައި ހިފައިލަމުން ބުންޏެވެ.
"އެކަމަކު ޖާވިދު، އަހަރެން މިއަދު ރަޔާންއާ ބައްދަލުކުރީ ވެސް އޭނާއާ އޮތް ހުރިހާ ގުޅުމެއް އެއްކޮށް ކަނޑައިލާންވެގެން. އަހަރެންނަށް އަހަރެންގެ ކުށް އިހުސާސްވެއްޖެ. އަހަރެންނަށް އެނގިއްޖެ ޖާވިދުގެ ލޯތްބާއި އަޅައިލުމުގެ އަގު. ޖާވިދު ނެތި އަހަރެންނަކަށް އެންމެ ހިނދުކޮޅަކު ވެސް ނޫޅެވޭނެ. އަހަރެންނަކީ ޖާވިދުގެ މީހެއް، ދުވަހަކުވެސް އެހެން މީހެއްގެ ހިޔަނި ވެސް އަހަރެމެންގެ ދިރިއުޅުމަށް އެޅުނަކަ ދެނެއް ނުދޭނަން."
ސާނިޒާގެ ވާހަކަތަކުގައި ހުރި ތެދުވެރިކަމާއި ހިތާމަ ޖާވިދަށް އިހުސާސް ކުރެވުނެވެ. ސާނިޒާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނާ ހަގީގަތުގައި ވެސް ދެރަވެ، ދެން އެ ގޮތަށް ނޫޅޭނެކަން ޖާވިދުގެ ހިތް ބުނެދިނެވެ. އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު، ޖާވިދު ސާނިޒާގެ ކޮނޑުގައި ހިފައި ނެގިއެވެ.
"ސާނިޒާ، އިންސާނުންނަކީ ކުށް ކުރެވޭނެ ބަޔެއް. އަހަރެން ސާނިޒާ ދެކެ ވަރަށް ލޯބިވޭ. އެ ލޯތްބަކީ އެހާ ފަސޭހައިން ހަނދާން ނައްތައިލެވޭނެ އެއްޗެއް ނޫން." ސާނިޒާގެ ލޮލުން ޖާވިދު ކަރުނަ ފުހެދެމުން ބުންޏެވެ. "އަހަރެން ސާނިޒާގެ ލޯތްބަށް އިތުބާރުކޮށް، އަހަރެމެންގެ މި ކައިވެންޏަށް ޓަކައި ސާނިޒާއަށް ދެވަނަ ފުރުސަތެއް ދޭނަން. އެކަމަކު ހަނދާންކުރާތި މިއީ އެންމެ ފަހު ފުރުސަތު. ދެނެއް މި ހިތަކަށް މި ފަދަ ވޭނެއް ތަހައްމަލެއްނުކުރެވޭނެ."
ޖާވިދުގެ އެ ބަސްތަކާއެކު ސާނިޒާއަށް އުފަލުން ރޮވުނެވެ. އަދި ޖާވިދުގެ ގައިގައި ބާރަށް ބައްދާލަމުން ޝުކުރުއަދާކުރިއެވެ.
"ޝުކުރިއްޔާ ޖާވިދު، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ވައުދުވަން. ދުވަހަކު ވެސް ޖާވިދުގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ދެނެއް ނުކުރާނަން."
އެ ދުވަހަށްފަހު ސާނިޒާ އޭނާގެ ވައުދު ފުރިހަމައަށް ހިފެހެއްޓިއެވެ. ޖާވިދު ދިން ދެވަނަ ފުރުސަތުގެ އަގު ވަޒަންކޮށް، ދެމަފިރިންގެ ދެމެދުގައި އޮތް ލޯތްބާއި އިތުބާރު ކުރިއަށް ވުރެ ވެސް ވަރުގަދަކޮށް، އުފާވެރި ދިރިއުޅުމެއް ބިނާކުރިއެވެ. (ނިމުނީ)