އަސްމާ އަބޫބަކުރު
1 ނޮވެންބަރު 2026
(2026 އޮކްޓޫބަރު 25ގެ ޢަދަދާ ގުޅޭ)
އަލްޔާ އެ ހުށަހެޅީ އަމާން ދުވަހަކު ވެސް ދޫކޮށްލާނެ ފުރުސަތެއް ނޫނެވެ.
[އަހަރެމެން މާލޭގެ ކޯޓަކަށް ގޮސް ސިއްރުން ކާވެނިކުރާނީ.] އަމާން އަލްޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ސިއްރުން ނިންމިއެވެ.
[ނަހުވާއަކަށް މި ކަމެއް އެނގިގެންނެއްނުވާނެ. ވިޔާފާރީގެ ކަމެއްގައި ރަށުން ބޭރަށް ދަނީއޭ ބުނެފައި އަހަރެން ނިކުންނާނަން.] ދެ މީހުން ވަކީވީ މާލޭގެ ކޯޓަކުން ބައްދަލުވާން ނިންމައިގެންނެވެ.
ފަތިހުގެ ވަގުތެވެ. އާދައިގެ މަތީން ނަހުވާ ދަރިފުޅު ގޮވައިގެން ނިދައިފައި އޮއްވައި، އަމާން މަޑުމަޑުން ކޮޓަރީން ނިކުތެވެ. އޭނާ ހީކުރީ މުޅި ދުނިޔެއަށް ސިއްރުން އޭނާ ކުރާ މި ކަމަކީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް، ގޭގެ މައިދޮރު ހުޅުވައިލައިފައި ނިކުތް ވަގުތު، އަނދިރީގެ ތެރޭގައި ސައިކަލެއްގެ މަތީގައި އިން ނާހިދު އޭނާއަށް ފެނުނެވެ. ނާހިދުގެ ދެ ލޮލުން ފާޅުވަމުންދިޔައީ ހިތްހަމަނުޖެހުމާއި، ހުރިހައި ސިއްރެއް އެނގިފައިވާ ފަދަ ނުރައްކާތެރި ބެލުމެކެވެ.
އަމާން ނާހިދާ ހަތަރުކަޅި ހަމަކޮށްލުމެއް ނެތް ހާލު، އަވަސް ފިޔަވަޅުތަކެއްގައި ގެސްޓްހައުސްއަކާ ދިމާއަށް މިސްރާބުޖެހިއެވެ. އެ ގެސްޓްހައުސްގައި އޭނާގެ އިންތިޒާރުގައި އަލްޔާ ހުންނާނެއެވެ. އަމާން ދިޔައިރު އެ ތަނުގައި އަލްޔާ ހުރީ ހުދު ވެޑިންޑްރެސްގައި އަމާނަށް އިންތިޒާރުކުރުމުގައެވެ. ކޯޓު ހުޅުވުމާ އެކު ދެ މީހުން ކޯޓަށްގޮސް ނަހުވާއަށް ސިއްރުން، އަމާނާއި އަލްޔާގެ ސިއްރު ކާވެނި ކުރެވިއްޖެއެވެ. އަލްޔާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ އަމާންގެ މިލްކަކަށް ވީއެވެ.
ކޯޓުގެ ފިނި ކޮޓަރީގެ ތެރޭގައި ކުރެވުނު އެ ސިއްރު ކާވެނީގެ ތައްގަނޑު ޖެހި ވަގުތަކީ، ދިރިއުޅުމުގެ އެތައް ފާރެއްގައި ބޮޑެތި ރެނދުތަކެއްލީ ވަގުތެވެ. އަމާން އެނބުރި ގެޔަށް އައީ ވިޔަފާރީގެ ދަތުރަކުން އައި މީހެއް ފަދައިން ހަމަޖެހިލައިގެންނެވެ. ނަމަވެސް، ކޮޓަރިއަށް ވަން އިރު ނަހުވާ އިނީ އެނދުގެ އަރިމަތީގައި އިށީނދެގެންނެވެ. އޭނާގެ އަތުގައި އޮތީ އަމާންގެ ފޯނެވެ. ފޯނުގެ އިސްކިރީނުން ދިއްލިފައި ހުރީ އަލްޔާ ފޮނުވައިފައި އޮތް މެސެޖެކެވެ.
[އަމާން . . . އަހަރެމެން މިހާރު މިއީ ދެމަފިރިން. އަހަރެން މި އިންތިޒާރުކުރަނީ އަހަރެމެންގެ އަމިއްލަ ދުނިޔެއަށް.] އަމާން އަވަހަށް ދާން ހަދައިގެން ގެއިން ނިކުމެވުނީ ފޯނު ބާއްވައިފައެވެ. ފޯނުމަތީން ހަނދާނެއް ވެސް ނެތެވެ.
ނަހުވާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އޭނާގެ އަތުގައި އޮތް ތުއްތު ދަރިފުޅުގެ ނިދައިފައިވާ މޫނުމައްޗަށް ތިކިޖަހަމުން ދިޔައެވެ. އޭނާގެ ހިތް މުޅީން ކުދިކުދިވެއްޖެއެވެ.
[އަމާން . . . ކަލޭ ތިޔައީ ކޮންކަހަލަ އިންސާނެއް؟ އަހަރެމެންގެ ޙަޔާތަށް ދަރިއަކު އައި ދުވަހު، ކަލޭ ތިޔަ ކުރީ ކޮންކަހަލަ ޚިޔާނާތެއް؟] ނަހުވާގެ އަޑުގައި ހުރީ މުޅި ޙަޔާތް ބަރުބާދުވަމުން ދާތީ އެ ކަމުގެ ވޭނެވެ.
އަމާނަށް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެ މީހުން ރޭވި ސިއްރު ރޭވުން ފަޅައިއެރީ ހީވެސް ނުކުރާހައި އަވަހަށެވެ. އަމާނަށް ހެދުނު ކުޑަކުޑަ ގޯހަކުންނެވެ. އަލްޔާ ބޭނުންވީ ވެސް އެ ކަން އެހައި އަވަހަށް ފަޅައިއަރުވައިލާށެވެ. އެއީ ނަހުވާގެ އުފާވެރިކަން ފުނޑުފުނޑު ކޮށްލުމަށް އޭނާ ރޭވި ރޭވުމެކެވެ.
އަނެއްކޮޅުން، ސާބިތާއި ނާހިދުގެ ކޮއްކޮ ނިހާދާގެ ގުޅުން ކުރިއަށް ދިޔައީ އާދައިގެ ގޮތަކަށެވެ. ސާބިތު ހުންނަނީ ނިހާދާއާ އެކު އައު ދިރިއުޅުމެއް ފެށޭތީ އުފަލުންނެވެ. ނަމަވެސް، ނިހާދާގެ ހިތް އޮތީ މާ ދުރުގައެވެ.
އެ ރޭގެ ވަގުތެއްގައި، ނިހާދާ އޭނާގެ ކޮޓަރީގައި އިނދެގެން ލެޕްޓޮޕުން ކުރަމުންދިޔަ މަސައްކަތް ނިމެން އުޅެނިކޮށް މެއިލެއް އައުމުން އީމޭލު ހުޅުވައިލިއެވެ. އެއީ ޕާކިސްތާނުގައި އޭނާ ކިޔަވަން ހުރިއިރު، ލާހޯރުގެ މަގުތަކުންނާއި ޔުނިވަރސިޓީގެ ލައިބްރަރީގެ ތެރެއިން ދިމާވި އަސްރާރު ފޮނުވާފައި އޮތް ސިޓީއެކެވެ.
[ނިހާދާ . . . އަހަރެން އަދިވެސް މި އިންތިޒާރުކުރަނީ ކަމަނާ އެނބުރި ލާހޯރަށް އަންނާނެ ދުވަހަކަށް. މި ތާނގެ ފިނި މޫސުމުގެ ރޭތަކުގައި އަހަރެން ހަނދާންވަނީ ކަމަނާގެ ހިނިތުންވުންތަކުގެ މަތީން. އަހަރެމެންގެ ލޯތްބަކީ ގައުމުތަކުގެ ބޯޑަރުތަކަށް ވުރެ ވަރުގަދަ އެއްޗެއް.]
ނިހާދާ އެ އީމޭލު ކިޔަމުން ދިޔަ އިރު އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ސާބިތަކީ ހިތްހެޔޮ ޒުވާނެކެވެ. އެކަމަކު ނިހާދާގެ ހިތުގެ ވިންދަކީ އަރުންއެވެ. އޭނާ ސާބިތަށް އޮޅުވައިލަނީއެވެ. އޭނާގެ ހަށިގަނޑު މާލޭގައި ހުއްޓަސް، އޭނާގެ ރޫހު ވަނީ ޕާކިސްތާނުގެ ފިނި ވައިރޯޅިތަކުގެ ތެރޭގައި އޭނާގެ އަސްރާރާ އެކުގައެވެ.
އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލިއެވެ. ނިހާދާ އަވަސްއަވަހަށް ލެޕްޓޮޕް ލައްޕާލިއެވެ. އެތެރެއަށް ވަނީ އޭނާގެ ބޭބެ ނާހިދެވެ. ނާހިދުގެ މޫނުމަތީން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމާއި ރުޅިވެރިކަމެވެ.
[ނިހާދާ... ސާބިތަކީ މަގޭ އެންމެ ގާތް އެކުވެރިޔާ. އޭނާއަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ކޮއްކޮ ކުރާކަށް މަށެއް ނޭދެން.] ނާހިދު ހަރުކަށި އަޑަކުން ބުންޏެވެ.
[އަހަންނަށް އެނގޭ ކޮއްކޮ ބޭރުގައި ހުރި އިރު އުޅުނު ގޮތް. އެކަމަކު މިހާރު ކޮއްކޮ ތިޔައީ ސާބިތުގެ ހައްގެއް. އެ ސިޓީތަކާއި ހަނދާންތައް މިހާރުދެން ހަނދާން ނައްތައިލާން ވެއްޖެ."
ނާހިދު ނިކުމެގެން ދިޔުމާއެކު ނިހާދާ އެނދުމައްޗަށް ވެއްޓި ރޮއިގަތެވެ.
އިންސާނާގެ ޤަދަރާއި ޢިއްޒަތަކީ ހުރިހާ ޖަޒުބާތުތަކަކަށް ވުރެ މަތިވެރިވެގެންވާ އެއްޗެކެވެ. އަމާންގެ ޚިޔާނާތް ފަޅައިއެރުމާ އެކު، ނަހުވާގެ ހިތުގައި އަމާނަށް ޓަކައި އޮތް ކުލުނާއި ލޯބި ވަގުތުން ފިލައިގެން ދިޔައެވެ. އޭނާއަކީ އަނިޔާއަށް ކެތްކޮށްގެން، އަމިއްލަ ނަފުސު ދަށްކޮށްލައިގެން އިންނާނެ ބަލިކަށި އަންހެނެއް ނޫނެވެ.
[މިއަދުން ފެށިގެން މި ގޭގެ ދޮރު އަހަންނަށް ބަންދުވީ.] ނަހުވާ އޭނާގެ ދަބަހަށް ދަރިފުޅުގެ އަންނައުނުތައް އަޅަމުން، ރޮއިރޮއި ހުރި އަމާނާ ދިމާއަށް ބަލައިލުމެއް ނެތް ހާލު ބުންޏެވެ.
[ކަލޭ އަހަރެންގެ ގާތުން ހޯދި ހުރިހައި އުފަލެއްގެ އަގަކީ މިއީހެއްޔެވެ؟ ދެއަތްނބަށް އިންނާނެ ފިރިއެއްގެ ހިޔަނީގައި އުޅުމަށް ވުރެ، މަގޭ ދަރިފުޅު ގޮވައިގެން އެކަނި ދިރިއުޅުން މާ ހިތަށް ފަސޭހަވާނެ.]
އަމާން ނަހުވާގެ އަތުގައި ހިފައި ހުއްޓުވާން އުޅުނެވެ.
[ނަހުވާ! ވިސްނައިލަބަލަ! މިއީ އަހަންނަށް ހެދުނު ގޯހެއް. ކުއްލިއަކަށް ކުރެވުނު ކަމެއް. އަހަރެން ނަހުވާ ދޫކޮށްލާކަށް ބޭނުމެއް ނޫން.]
ނަހުވާ ބާރަށް އަމާންގެ އަތް ފޮޅުވައިލިއެވެ. އަދި އޭނާގެ ތުއްތު ދަރިފުޅު މޭގައި ބާރުކޮށްލަމުން، އަމާންގެ ގެއިން ނިކުމެގެން ހިނގައިގަތެވެ. އޭނާ ދިޔައީ އޭނާގެ ބައްޕަގެ ގެޔަށެވެ. އެއީ އަމާންގެ ދިރިއުޅުމާއި އުފާވެރިކަމުން އޭނާގެ ވަކިވެގެން ދިޔަ ހިނދުކޮޅެވެ.
ޖެހިގެން އައި ދުވަހު، އަލްޔާ ބޮޑާކަމާއި ކާމިޔާބީގެ ހިނިތުންވުމަކާ އެކު އަމާންގެ ގެޔަށް ބަދަލުވެއްޖެއެވެ. ނަހުވާ ފުރަގަސްދީފައި ދިޔަ މާހައުލު މިހާރު އޮތީ އަލްޔާގެ ބާރުގެ ދަށުގައެވެ. އޭނާ ހީކުރީ އޭނާގެ ބަދަލުހިފުން ފުރިހަމަވީކަމަށެވެ. އަމާން އޭނާގެ ހައްގަކަށްވީކަމަށެވެ.
ނަމަވެސް، ގެއަށް ވަދެވުމާ އެކު، އަލްޔާއަށް ކުރިމަތިވީ ހީކުރި ވަރަށް ވުރެ ބިރުވެރި މާހައުލެކެވެ. އަމާން އިނީ ސޯފާގައި އިށީނދެގެން ބޮލުގައި ދެއަތުން ހިފަހައްޓައިގެންނެވެ. އޭނާގެ މޫނުމަތީގައި ލޯބީގެ އެއްވެސް އަސަރެއް ނެތެވެ. އޮތީ ހަމައެކަނި ދަރިފުޅާއި ނަހުވާ ވަކިވުމުގެ ހިތާމައާއި މާޔޫސްކަމެވެ.
[އަމާން... ކިހިނެއްވެފައި ތިޔަ އިންނަނީ؟ އަހަރެން މިއައީއެއްނު.] އަލްޔާ އަމާންގެ ކައިރީގައި އިށީނދެލިއެވެ.
އަމާން ފޫހިކަމާއެކު ތެދުވިއެވެ.
[އަލްޔާ... ކަލޭ ބޭނުންވި ކަންތައް ތިޔަވީއެއްނު؟ މަގޭ އާއިލާ ފުނޑުފުނޑުވެއްޖެ. މަގޭ ދަރިފުޅު ގެއިން ނިކުމެގެން ހިނގައްޖެ. ކަލެއަށް ހީވޭތަ މި ފަދަ ހާލަތެއްގައި އަހަންނަށް އުފާވެވޭނެހެން؟] އަމާންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
އަލްޔާގެ ހިތުގައި ހީވީ މީހަކު ޖެހިހެންނެވެ. ނާހިދު ކަހަލަ މާތް އިންސާނަކު ދޫކޮށްލާފައި އާދެވުނުކަމާ މެދު ހިތާމަކުރާންޖެހޭ ދުވަސް އައީއެވެ. އޭނާ ސިއްރުން ކުރި ކާވެނީގެ ބިންގަލަކީ ލޯތްބެއް ނޫނެވެ. އެއީ ހަމައެކަނި ހަސަދައާއި ބަދަލުހިފުމެވެ. ނަމަވެސް ބަދަލު ހިފުމަށް ވުރެ މާ ނުބައި ގޮތެއް ދިމާވުމުން އަލްޔާ ބޮލުގައި ރިއްސާން ފަށައިފިއެވެ. އަމާން އޭނާ ދެވަނަ އަތްނބަކަށް ބެލި ނަމަވެސް، އޭނާގެ ހިތް އޮތީ ނަހުވާއާއި ދަރިފުޅުގެ ގާތުގައެވެ. އަލްޔާއަށް ވިސްނޭން ފެށިއެވެ. އޭނާ މި ވަނީ އަމިއްލައަށް ކޮނުނު އަނދިރި ވަޅުގަނޑަކަށް ވެއްޓިފައެވެ.
އަނެއްކޮޅުން ނިހާދާ އޭނާގެ ބޭބެއާ ބައްދަލުކޮށް ރީތިގޮތުގައި ކާވެނި ހުއްޓުވޭތޯ މަސައްކަތް ފަށައިފިއެވެ.
[އަހަރެން ސާބިތާ ކައިވެނިކުރާކަށް ބޭނުމެއް ނޫން. ބޭބެ އެދުނީތީ އަހަރެން މި ކާވެންޏަށް އެއްބަސްވީ. އެކަމަކު އަހަރެންގެ ހަނދާންތަކުން ... ލާހޯރުގެ އެ ދުވަސްތަކުން އަހަންނަކަށް ނުނިކުމެވުނު.] އެ ވަގުތަކީ ސާބިތު އައިސް ނާހިދުގެ ގަތުގައި ވާހަކަދައްކާން އިން ވަގުތެކެވެ. ސާބިތަށް ވެސް އަޑުއިވޭ ގޮތަށް ނިހާދާ އެ ވާހަކަ ދައްކަމުން ދިޔައެވެ.
ސާބިތު ގޮނޑިން ތެދުވެ، ޕްރިންޓް ކޮށްގެން ގެނައި ކާޑު އެއްލައިލިއެވެ.
[މި ކާވެންޏެއް ދެނެއްނުވާނެ. އަހަރެން ބޭނުމެއް ނޫން އެހެން މީހެއްގެ ހަނދާންތަކާ އެކު ދިރިއުޅޭ އަންހެންކުއްޖެއްގެ ފިރިއަކަށް ވާކަށް.] ސާބިތު ބާރު ފިޔަވަޅުތަކެއްގައި ނިހާދާގެ ގެއިން ނިކުމެގެން ހިނގައްޖެއެވެ. އޭނާގެ ޙަޔާތަށް އައި ދެވަނަ ލޮޅުމާ އެކު، އޭނާގެ ހިތް މުޅިން ބަދަލުވެއްޖެއެވެ.
އަނެއްކޮޅުން، އަމާންގެ ގޭގެ ތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ނަހުވާއާއި ދަރިފުޅު ދިޔުމަށް ފަހު، އެ ގޭގެ ހަލަބޮލިކަމާއި ބަރަކާތް ކެނޑިފައިވާ ފަދައެވެ. އަލްޔާ ބަދިގޭގައި ސައި ތައްޔާރުކޮށްގެން ކޮޓަރިއަށް ވަން އިރު، އަމާން އިނީ އެނދުގެ އަރިމަތީގައި އިށީނދެގެން ފޯނުން ދަރިފުޅުގެ ފޮޓޯއަކަށް ބަލާށެވެ.
[އަމާން. ސައި ބޮއިބަލަ! މިއަދު ހަތަރުދަމު ވެސް އެއްޗެއް ނުކައި ތިޔަ ހުރީ.] އަލްޔާ މަޑުމައިތިރި އަޑަކުން ބުންޏެވެ.
އަމާން ފޯނު ނިވައިލުމަށްފަހު ފޫހިކަމާއެކު އަލްޔާއާ ދިމާއަށް ބަލައިލިއެވެ.
[އަލްޔާ. ކަލޭ މި ގެޔަށް ތިޔަ އައީ މަގޭ ހިތްހަމަޖެހުން ނަގައިލާންތަ؟ ކަލެއަށް ހީވޭތަ ސިއްރުން ކާވެނިކޮށްގެން. މަގޭ އަސްލު އާއިލާ ބޭރުކޮށްލައިފައި އަހަންނަށް އުފަލުގައި އުޅެވިދާނެހެން؟]
އަލްޔާގެ ހިތަށް އަސަރެއްކުރިއެވެ. އޭނާގެ ދެލޯ ރަތްވިއެވެ.
[އަމާން! ކަލޭ ތިޔަ ހުރިހައި ކަމެއްގެ ކުށް އަހަރެންގެ ބޮލުގައި ތިޔަ އަޅުވަނީ ކީއްވެ؟ ކާވެނިކުރާން ކޯޓަށް ދާން ނިންމީ ހަމައެކަނި އަހަރެން އެކަންޏެއް ނޫން. ކަލޭ ވެސް އަމިއްލަ އެދުމަށް ޓަކައި އެ ކަމަށް އެއްބަސްވީ! މިހާރު ނަހުވާ ދިޔުމުން އަހަރެން ތިޔަ ބާކީކޮށްލަނީ ކީއްވެ؟]
[އެއީ ކަލޭގެ ހަސަދައިގެ ސަބަބުން ވީކަމެއް!] އަމާން ތެދުވެ ބާރަށް ހަޅޭއްލަވައިގަތެވެ.
[ކަލޭ ބޭނުންވީ ނާހިދާ ރުޅިވެގެން، އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާން. ކަލޭގެ ތިޔަ ނަފުސާނީ މަކަރުވެރިކަން އަހަންނަށް މިހާރު ވިސްނިއްޖެ. އަހަރެން ކަލެއަށް ދެއަތްނބަށް އިން ނަމަވެސް، މިގޭގައި ކަލެއަށް އޮންނާނީ ހަމައެކަނި ކޮޓަރިއެއް. މަގޭ ހިތުން ކަލެއަށް އެއްވެސް ޖާގައެއް ނެތް!]
އަމާން ކޮޓަރީގެ ދޮރު ބާރަށް ލައްޕާފައި ނިކުމެގެން ދިޔައީއެވެ. އަލްޔާ ބިމަށް ތިރިވެ، ދެއަތުން މޫނުގައި އަތްއަޅައިގެން އިނދެ ގިސްލަގިސްލައިފައި ރޮއިގަތެވެ. އޭނާގެ ބަދަލުހިފުމުގެ ނަތީޖާއަކީ މިއީހެއްޔެވެ؟ އޭނާ ހޯދި ކާމިޔާބީއަކީ ހަމައެކަނި ފާރެއްގެ ބަންދެއްހެއްޔެވެ؟ އޭނާއަށް ވިސްނުނެވެ. ނާހިދުގެ ތެދުވެރި ލޯބި ދޫކޮށްލައިފައި، އޭނާ މި ވަނީ އަނދަމުންދާ އަލިފާންގަނޑެއްގެ ތެރެއަށް އަމިއްލައަށް ފުންމައިލައިފައެވެ. (ނުނިމޭ)