އަސްމާ އަބޫބަކުރު
18 އޮކްޓޯބަރު 2026
އިންސާނާގެ ޙަޔާތަކީ ހަމައެކަނި ދުވަސްތަކެއް ފާއިތުވެދިއުމެއް ނޫނެވެ. އެއީ އިޚުތިޔާރަކާ ނުލައި ހިތުގެ ފުންމިނުގައި އުފެދޭ ޖަޒުބާތުތަކާއި، ބުއްދީގެ ނިންމުންތަކުގެ މެދުގައި ކުރެވޭ ދާއިމީ ހަނގުރާމައެކެވެ. ބައެއް ފަހަރު، އަހަރެމެން އަމިއްލައަށް ކަނޑައަޅާ އޮމާން މަގުތަކުގައި، ހީވެސް ނުކުރާ ފަދަ ކުއްލި ލޮޅުންތަކެއް އަރަނީ ބުއްދީގެ ބޭނުން ނަހަމަ ގޮތުގައި ކުރެވޭ ހަނގުރާމަތަކުންނެވެ.
މާލޭގެ ހަލަބޮލި މާހައުލުގައި، ރެސްޓޯރެންޓެއްގެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި ތިބި ތިން ޒުވާނުންގެ މޫނުމަތީން ފެންނަމުންދިޔައީ އުންމީދުން ފުރިގެންވީ ހިނިތުންވުމެކެވެ. ނާހިދާއި އަމާނާއި ސާބިތަކީ އިސްކޫލު ދައުރުން ފެށިގެން އެކުގައި އުޅެމުން އައި، އަދި އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ ތިން އެކުވެރީންނެވެ. ޔުނިވަރސިޓީ ނިންމުމަށް ފަހު، އެމީހުންގެ ހުރިހައި ސޭވިންގްސްއެއް އެއްކޮށްލައިގެން، އަމިއްލަ ލޮޖިސްޓިކްސް އަދި ޓްރޭޑިންގް ވިޔަފާރިއެއް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެ ދުވަހުއެވެ.
[މިއީ ހަމައެކަނި ވިޔަފާރިއެއް ނޫން. މިއީ އަހަރެމެން ތިން މީހުންގެ މުސްތަގުބަލު." ސާބިތު އޭނާގެ ކުރިމަތީގައި އޮތް ލިޔެކިޔުންތައް ތަރުތީބުކޮށްލަމުން ބުންޏެވެ.
[އަހަރެމެން ތިންމީހުންގެ ޝެއަރތައް ހިއްސާވާނީ ފިފްޓީ-ފިފްޓީގެ އުސޫލަކުން ނޫން. ތިންބައިކުޅަ އެއްބަޔަށް. ހުރިހައި ނިންމުމެއް ނިންމާނީ މަޝްވަރާގެ މަތީން.] ނާހިދު އިތުރުކޮށްލިއެވެ.
[ހަމަ ޔަގީނުންވެސް ތިކަން ކުރާނީ ތިހެން.] އަމާން ހިނިތުންވެލަމުން ބުންޏެވެ. [ވިޔަފާރިއެއް ކުރިއަށްދާނީ ހަރުދަނާ އުސޫލުތަކަކާއި މާލީ ހޭލުންތެރިކަން ހުރެގެން. އަހަރެމެން އެބަޖެހޭ ފުރަތަމަ އަހަރު ލިބޭ ފައިދާގެ ބޮޑުބައި އަލުން އިންވެސްޓްކުރަން. އޭރުން ދިގު މުއްދަތަކަށް ވިޔަފާރި ސާބިތުކަމާއެކު ކުރިއަށް ގެންދެވޭނީ.]
ނާހިދު އެ ވާހަކަތަކަށް ބޯޖަހައިލި ނަމަވެސް، އޭނާގެ ވިސްނުން ހުރީ ކުޑަކޮށް ދުރުގައެވެ. އޭނާއަކީ ވިސްނުން ފުން، އެކަމަކު ހިތުގެ ޝުޢޫރުތައް ފޮރުވަން މާ މޮޅު މީހެކެވެ. އޭނާ އެކުވެރީންގެ އުފަލާ ބައިވެރިވަމުން ދިޔައީ އިޚުލާޞްތެރިކަމާ އެކުގައެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންތައް މާ ފުންކަން އެއިން އެކަކަށް ވެސް އޭރަކު ނޭނގެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް، ވިޔަފާރި ފެށިތާ އަހަރެއްހައި ދުވަސް ވެއްޖެއެވެ. އޮފީހުގެ މަސައްކަތްތައް ނިންމައިލުމަށްފަހު، ހަވީރުގެ ވަގުތެއްގައި ނާހިދު އިނީ އޮފީހުގައި ހަދައިފައިވާ ކުޑަކެފޭގައެވެ. އެ ވަގުތު އެ ތަނަށް ވަދެގެން އައީ އަލްޔާއެވެ. އަލްޔާއަކީ އަމާންގެ ލޯބިވެރިޔާއެވެ. އެ ދެ މީހުންގެ ގުޅުމަށް ދެ އަހަރެއް ވެފައިވާ އިރު، ދެ ފަރާތުގެ ޢާއިލާ އަށް ވެސް އެ ކަން އެނގެއެވެ. އަލްޔާއަކީ ހިތްހެޔޮ، އޯގާތެރި، އަދި ނަފްސާނީ ގޮތުން މީހުން ދަންނަ ނަފްސާނީ ދާއިރާއިން ކުރިއަށްދާ ޒުވާނެކެވެ.
[ނާހިދު، އަމާން އެބަ އުޅޭތަ؟ އޭނާގެ ފޯނަށް ނުގުޅިގެން މި އައީ.] އަލްޔާ މަޑުމައިތިރި އަޑަކުން އެހެނަސް ކަންބޮޑުވުން އެކުލެވޭ ރާގެއްގައި އަހާލިއެވެ.
ނާހިދު އިސްއުފުލައި ބަލައިލިއެވެ. އެ ހިނދު، އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އަލްޔާއާ ދިމާވި ކޮންމެ ފަހަރަކު ނާހިދުގެ ހިތުގައި އުފެދެމުންދިޔަ ޝުޢޫރުތައް މިހާރު ވަނީ ވަރުގަދަ ލޯތްބަކަށް ބަދަލުވެފައެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާއެވެ. އެއީ ދުނިޔެވީ ގޮތުން ވެސް އަދި އަޚުލާޤީ ގޮތުންވެސް ހާސިލުކުރާން ނޭދެވޭނެ ހައްޤެކެވެ. ނަމަވެސް ހިތަކީ އަމިއްލަ ބާރު ހިނގާ އެއްޗެއްހެއްޔެވެ؟ އެ ކަމާ ގުޅިގެން ކިތަންމެ ފަހަރަކު ނާހިދު އަމިއްލަ ނަފްސު ދެކެ ރުޅިއާދެއެވެ. ނަފްސަށް އަޑުލައެވެ.
"އަމާން ވީ މީޓިންގއެއްގައި. ދެންމެ ނިމިދާނެ މާ ލަހެއްނުވެ." ނާހިދު އޭނާގެ ހިތުގެ ހަލަބޮލިކަން ފޮރުވަމުން، ހަމަޖެހިލައިފައި ބުންޏެވެ.
[އަލްޔާ އިށީންނާންވީނުން.]
އަލްޔާ އިށީނދެ، ދިރިއުޅުމުގެ ބައެއް ވާހަކަތައް ދައްކާން ފެށިއެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު، ނާހިދު އިނީ އޭނާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުގައިވާ މައުސޫމްކަމަކީ ނާހިދުގެ ހިތުގެ ހަމަހިމޭންކަން މުޅިން ފުނޑުފުނޑުކޮށްލި އެއްޗެކެވެ. ނާހިދަށް އޭނާ މި ވަނީ ނުރައްކާތެރި ކުށެއްގެ ތެރެއަށް ގެނބޭން ފަށައިފައިކަން އެނގެއެވެ. އެކުވެރިކަމުގެ ހައްޤާއި، ހިތުގެ އެދުމުގެ މެދުގައި އޭނާ ތާށިވަމުން ދިޔައީއެވެ. އޭނާގެ ހިތާ ހަނގުރާމަކުރަމުން ނާހިދު ގެންދެއެވެ.
އެވަގުތު ކެފޭއަށް ވަދެގެން އައި އަމާން، އެ ދެމީހުން އެކުގައި ތިއްބައި ފެނުމުން ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް، ނާހިދު އަވަސް އަވަހަށް ތެދުވެ، އެ ތަނުން ދާން ހިނގައިގަތީ އޭނާގެ އަމިއްލަ ނަފުސަށް އޮތް ބިރެއްގެ ބޮޑުކަމުންނެވެ.
ޖެހިގެން އައި ހަފުތާގައި، ވިޔަފާރީގެ ކަމެއްގައި އޮފީހަށް ސާބިތު އައީ އޭނާގެ އާއިލާގެ ގާތް ކުއްޖެއް ކަމަށްވާ ނަހުވާއާ އެކުގައެވެ. ނަހުވާއަކީ ހިތްގައިމު، ރީތި، އަދި ހަރުދަނާ އަންހެންކުއްޖެކެވެ. ސާބިތުގެ ހިތުގައި ނަހުވާއަށް ޓަކައި ހާއްސަ ޝުޢޫރުތަކެއް ވެއެވެ. އޭނާ ބޭނުންވީ ނަހުވާ އެ އޮފީހުގެ އެހެން އެކުވެރީންނަށް ތައާރަފުކޮށްދޭށެވެ.
[އަމާން، ނާހިދު... މިއީ ނަހުވާ.] ސާބިތު ފަޚުރުވެރިކަމާ އެކު ބުންޏެވެ.
އަމާން، އިސްއުފުލައި ނަހުވާއާ ދިމާއަށް ބަލައިލިއެވެ. އެ ހިނދު، މާހައުލަށް ފާޑެއްގެ ހިމޭންކަމެއް ވެރިވިއެވެ. އަމާންގެ ދެލޮލުން ނަހުވާއަށް ބަލައިލެވުނު ގޮތުން ނާހިދަށް ކޮންމެވެސް ބަދަލެއް ފާހަގަކުރެވުނެވެ. އަދި ނަހުވާ ވެސް އަމާންގެ ހިނިތުންވުމަށް އިޖާބަދިނީ ތަފާތު ގޮތަކަށެވެ.
އެ ތިން އެކުވެރީންގެ ހިތުގައި އުފެދިފައި އޮތް އުފާވެރިކަމުގެ ފަރުދާގެ ފަހަތުގައި، ނުފެންނަ ރެނދުތަކެއްލާން ފެށީ އެ ދުވަހުއެވެ. އެކަކު އަނެކަކުގެ ލޯބީގެ މައްޗަށް އެހެން މީހެއްގެ ހިތް އެދޭން ފެށުމަކީ، އެ މީހުންގެ ހަރުދަނާ ވިޔަފާރިއާއި، ގާތް އެކުވެރިކަމުގެ ބިންގާ ފުނޑުފުނޑުވެދާނެ ކަމެއްކަން ޔަގީނެވެ. އެކަކު އަނެކަކަށް އެ ދަނީ އެ މީހެއްގެ ހިތުގެ އެދުން ފޮރުވަމުންނެވެ. އެންމެ ހެއްވާ ކަމަކީ އެކަކުގެ ލޯބިވެރިޔާއަށް އަނެކާ ވެސް ހިތްކިއުމެވެ. މިއީ، މިހާރަކަށް އައިސް ބައެއް ޒުވާނުން ފެޝަނަކަށް ހަދައިގެން ކުރާ ކަމެކެވެ.
އިންސާނާގެ ނަފުސަކީ ވަރަށް އަޖާއިބެއް ފަދަ އެއްޗެކެވެ. ބައެއް ފަހަރު ތިމާގެ ބުއްދި ޤަބޫލުކުރާ ހަމަތަކާއި، ހިތުގެ އެދުންތަކާ ދެމެދު އުފެދޭ ރެނދު ބޮޑުވެ، މުޅި ދިރިއުޅުން ބަދަލުކޮށްލައެވެ. ނާހިދުގެ ހާލަކީ ވެސް މިއީއެވެ. އޭނާ ކޮންމެ ދުވަހަކު އޮފީހަށް އަންނަނީ ހިތުގެ ވިންދުތައް ކޮންޓުރޯލުކުރާނެ ހިތްވަރު މޭގައި ފޮރުވައިގެންނެވެ. ނަމަވެސް، އަލްޔާ ފެންނަ ކޮންމެ ފަހަރަކު އެ ހިތްވަރުގެ ބާރު ދެރަވެއެވެ.
[ނާހިދު، މިއަދުގެ ފައިނޭންޝަލް ރިޕޯޓް ބަލައިލީންތަ؟] ސާބިތު އޮފީސް މޭޒުމަތީގައި ފައިލު ބާއްވަމުން އަހައިލިއެވެ.
ނާހިދު ސިހިފައި ބޯޖަހައިލިއެވެ.
"އާނ. ބަލައިފިން. ވިޔަފާރީގެ ކޭޝް ފްލޯ މިވަގުތު ހުރީ ވަރަށް ރަނގަޅަށް. އެކަމަކު އަހަރެމެން އެބަޖެހޭ އިމަޖެންސީ ފަންޑުގެ ގޮތުގައި ވަކި ބައެއް ބަހައްޓާން. ދިރިއުޅުމާއި ވިޔަފާރިއަކީ ކޮންމެ ފަދަ ލޮޅުމެއް ވެސް އަތުވެދާނެ އެއްޗެއް." ނާހިދު މިހެން ބުނިއިރު އޭނާގެ ހިތަށް އަރަމުންދިޔައީ އޭނާގެ ދިރިއުޅުމަށް އަންނާން އުޅޭ ލޮޅުމުގެ ވާހަކައެވެ.
އެ ވަގުތު އޮފީހަށް ވަދެގެން އައީ އަމާނެވެ. އޭނާގެ މޫނުމަތީން ފެންނަމުންދިޔައީ މާޔޫސްކަމެވެ. އޭނާ އައިސް ގޮނޑީގައި ބާރަށް އިށީނދެ، ފުން ނޭވާއެއްލިއެވެ.
[ކިހިނެއްވީ އަމާން؟] ސާބިތު އަހައިލިއެވެ.
[އަލްޔާއާ މައްސަލައެއް ޖެހުނީ.] އަމާން ނުރުހިފައި ބުންޏެވެ.
[އޭނާ އަބަދު ބޭނުންވަނީ އަހަރެންގެ ވަގުތު. އަހަރެން މި އުޅެނީ ވިޔަފާރި ކޮޅަށް ޖަހާންވެގެން ރެއާއި ދުވާލު މަސައްކަތުގައި. އޭނާއަށް އެ ކަން ވިސްނައެއް ނުގަނެވޭ. އަބަދު ޖަޒުބާތީ ވާހަކަދައްކާނީ.] މި ޒަމާނުގައި އަންހެން ކުދީން ބޭނުންވާ ގޮތް އަމާނަށް ނޭނގެނީއެވެ. ގިނަ ކުދީން އެންމެ ބޭނުންވާނީ ކޮންމެ ރެއަކު ރެސްޓޯރެންޓް ކެއުމާއި، ސައިކަލު ބުރުޖެހުމާއި، ގިނަ ވަގުތު އެކުގައި ހޭދަކުރުމެވެ. އަދި މަހަކު އެއް ފަހަރު ނަމަވެސް އަންހެން ކުދިން ހިތް އުފާވާ ކަހަލަ ހަދިޔާއެއް ދޭންޖެހޭނެއެވެ. އަމާންގެ ވާހަކަ އަޑު އިވުމުން ގޮތްވީ ނާހިދަށެވެ.
ނާހިދުގެ ހިތަށް ތޫނު ތަދެއް އިހުސާސްވިއެވެ. އަލްޔާ ފަދަ އޯގާތެރި، ނަފްސާނީ ގޮތުން މީހުން ދަންނަ ކުއްޖަކަށް އަމާން އެ ގޮތަށް ކަންތައް ކުރާތީ އޭނާގެ ހިތް ކެކިގަތެވެ. އަމާނަށް އަލްޔާގެ އަގު ނޭނގެނީއެވެ.
އެރޭގެ ވަގުތެއްގައި، އަލްޔާ އިނީ އޭނާގެ ގޭގެ ބެލްކަނީގައި ނެގިމަޑުވެ ހިމޭންވެފައެވެ. އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ނާހިދުގެ މެސެޖެކެވެ. އޮފީހުގެ ކަމެއްގައި އަހައިލި އަހައިލުމެކެވެ. ނަމަވެސް، އަލްޔާ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލާން ނާހިދަށް ގުޅިއެވެ.
[ނާހިދު... އަހަރެން. . . ނޭނގެ ދެން ހަދާނެ ގޮތެއް.] އަލްޔާގެ އަޑުގައި ހުރީ ރޮވޭ ފަދަ އަސަރެކެވެ.
[އަމާން މިހާރު އަހަންނަކަށް އަޅައެއްނުލާ. އަހަރެން ބޭނުންވަނީ ހަމައެކަނި ލޯތްބާއި ސަމާލުކަން. އެއީ މާ ބޮޑު އެދުމެއްތަ؟]
ނާހިދު ފޯނު ހިފަހައްޓައިގެން ހުރި އިރު، އޭނާގެ ދެ އަތް މުށްކެވުނެވެ.
[އަލްޔާ... ކަންބޮޑުނުވޭ. އަމާން ބިޒީވީމާ ވާގޮތް އެއީ. އެކަމަކު... އަލްޔާގެ އޯގާތެރި ހިތަށް ތަދުކުރާކަށް އެއްވެސް މީހަކަށް ހައްގެއް ނެތް.] ނާހިދުގެ އަޑުގައި ހުރި ފުން އަސަރު އަލްޔާއަށް އިހުސާސްވިއެވެ. ނާހިދު ވާހަކަދެއްކީ އަމާންގެ ދިފާޢުގައެއް ނޫނެވެ. އޭނާ ވާހަކަދެއްކީ އަލްޔާގެ ހިތުގެ ރައްކާތެރިކަމަށް އެދިއެވެ.
އެ ރޭގެ ފޯން ކޯލަށްފަހު، އަލްޔާގެ ހިތުގައި ނާހިދާ މެދު ތަފާތު އިހުސާސެއް އުފެދޭން ފެށިއެވެ. އަމާންގެ ފަރާތުން ނުލިބޭ އަޅައިލުމާއި ހިތްވަރު ނާހިދުގެ ފަރާތުން ލިބެމުން ދިޔުމަކީ، ނުރައްކާތެރި ގުޅުމެއްގެ ފެށުމެވެ. މަޑުމަޑުން އަލްޔާ ބަދަލުވާން ފަށައިފިއެވެ. ނާހިދުގެ ކޯލްތަކަށް ކޮންމެ ރެއަކު ވަގުތު ހޭދަކުރެވެން ފެށީ އަމިއްލަ ހިތަށް ވެސް އެ ކުރެވޭ ކަމެއް ނޭނގޭ ހާލުގައެވެ.
އަނެއްކޮޅުން، އަމާންގެ ހިތް މަޑުމަޑުން އަލްޔާއާ ދުރަށް ދާން ފެށިއެވެ. އޮފީހަށް އަންނަ ނަހުވާގެ ހިތްގައިމު މިޒާޖާއި، ސާދާކަން އަމާންގެ ހިތް އަތުލަމުން ދިޔައެވެ. ނަހުވާއަކީ ސާބިތުގެ ހިތުގެ ރާނީއެވެ. ސާބިތު އޮފީހުގައި ނޫޅޭ ވަގުތުތަކުގައި، އަމާން ނަހުވާއާ ވާހަކަދައްކައި، ގާތްކަން އުފައްދާން ފެށިއެވެ. ނަހުވާއަށް ވެސް އަމާންގެ ސަމާލުކަން ކަމުދާން ފެށިއެވެ.
އެއްދުވަހު ހަވީރު، ސާބިތު އޮފީހަށް ވަން އިރު، އަމާނާއި ނަހުވާ އެކީގައި ހީނހީނފައި ވާހަކަދައްކާން ތިއްބައި ފެނުނެވެ. ސާބިތުގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާގެ ހިތަށް އެރިއެވެ؛ މިއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އޭނާ ލޯބިވާ އަންހެންކުއްޖާއެވެ. އެ ދެ މީހުންގެ މެދުގައި އުފެދެމުންދާ ގާތްކަމަކީ ސާބިތުގެ ހިތް ހަލާކުކޮށްލި ކަމެކެވެ.
ސާބިތު އެއްވެސް އެއްޗެއް ނުބުނެ، ފަސް އެނބުރި ހިނގައިގަތެވެ. އޭނާގެ ހިތުގައި އަމާނާ މެދު ނަފުރަތުގެ ފުރަތަމަ އޮށް އިންދުނީ އެ ދެ މީހުން ތިބި ގޮތް ފެނުމުންނެވެ. ސާބިތާ އެކު ނުވާ އުފަލެއް އަމާނާ އެކު ނަހުވާ ފަރާތުން ފެންނަމުން ދިޔުމަކީ ސާބިތަށް ކެތްކުރެވޭ ވަރުގެ ކަމެއްނޫނެވެ.
(ނުނިމޭ)