އަސްމާ އަބޫބަކުރު
25 އޮކްޓޯބަރު 2026
(2026 އޮކްޓޫބަރު 18ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ސާބިތާ އެކު ނުވާ އުފަލެއް އަމާނާ އެކު ނަހުވާ ފަރާތުން ފެންނަމުން ދިޔުމަކީ ސާބިތަށް ކެތްކުރެވޭ ވަރުގެ ކަމެއްނޫނެވެ. އޮފީސް ތެރެއިން ތިން އެކުވެރީންގެ މެދުގައި އުފެދުނު ވިޔަފާރިއާއެކު ހިނަމުން ދިޔަ ލޯބީގެ ކުޅިވަރު އެމީހުންގެ ވިޔަފާރިއާއި އެކުވެރިކަން ދިރުވައިލަން ތައްޔާރުވަމުން ދިޔައެވެ.
އިންސާނާގެ ބުއްދި ކިތަންމެ ހަރުދަނާ ވިޔަސް، ހިތުގެ އެދުންތަކުގެ ކުރިމަތީގައި އެ ބުއްދި ނިކަމެތިވާން ނަގަނީ މަދު ސިކުންތުކޮޅެކެވެ. އަލްޔާ އާއި އަމާންގެ ގުޅުން ދުވަހެއް ދުވަހަކަށް ހީނަރުވަމުން ގޮސް، އެމީހުންގެ މެދުގައި އޮތް އިތުބާރުގެ ވާފަށް އެއްކޮށް ކަނޑައިގެން ދިޔައީ އޮފީހުގެ ލޮބީ ތެރޭގައި ހިނގި ވަރުގަދަ ޒުވާބަކަށްފަހުއެވެ. އަލްޔާގެ ނަޒަރުގައި އަމާންގެ ފިނި ބަސްތަކާއި ފަރުވާކުޑަކަމުން އަލްޔާގެ ހިތް މުޅިން ކުދިކުދިވެއްޖެއެވެ.
"އަހަރެމެންގެ މެދުގައި ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް އަލްޔާ." އަމާން މޫނު އަނބުރާލަމުން މަޑު އަޑަކުން ބުންޏެވެ. "އަހަރެން ބޭނުންވަނީ އަހަރެންގެ ވިޔަފާރިއާއި ދިރިއުޅުން ހަމަހިމޭންކަމާއެކު ކުރިއަށް ގެންދަން. ކަލޭގެ ތިޔަ ޖަޒުބާތީ ކަންތައްތަކަށް ވަގުތުދީފައި އަހަރެން މަސައްކަތެއް ކުރިޔަކަށް ނުގެންދެވޭނެ."
އަލްޔާ ކަރުނުން ފުރިގެންވީ ދެލޮލާއެކު ފަސްއެނބުރި ހިނގައިގަތް ވަގުތު، ނާހިދު ހުރީ އެ ހުރިހާ މަންޒަރެއް ބަލާށެވެ. އޭނާގެ ހިތް ކެކިގަތީ އަމާންގެ ރަހުމު ކުޑަކަމުންނެވެ. ނާހިދަށް ހީވަނީ އަމާން އަލްޔާއަށް ގޮތްގޮތް ހަދަނީ ކަމަށެވެ. މީހެއްދެކެ ލީބި ވެއްޖިއްޔާ އެމީހާ ވާނީ ރަންގަނޑަކަށެވެ. އޭނާގެ ކުށެއް ވެސް ނުފެންނާނެއެވެ. ނާހިދު ވަގުތުން އަލްޔާގެ ފަހަތުން ގޮސް އޭނާގެ ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ. މި ނާޒުކު ދަނޑިވަޅުގައި، ނާހިދުގެ ހިތުގައި އަލްޔާއަށްޓަކައި އޮތް ފުން ލޯތްބާއި ކުލުނު ބޭރުވިއެވެ. އަމާންގެ ފަރާތުން ލިބުނު އަނިޔާގެ ބަދަލުގައި ނާހިދުގެ ހިތްހެޔޮކަން ލިބުމުން، އަލްޔާގެ ހިތް މަޑުމަޑުން ނާހިދާ ދިމާއަށް ލެންބެން ފެށިއެވެ.
ނަމަވެސް، ޒަލްޒަލާގެ އަސްލު ބާނީއަކަށްވީ އަމާނެވެ. އަލްޔާއާ ގުޅުން ކަނޑާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އޭނާ ކުއްލިއަކަށް ނިންމީ ސާބިތުގެ ހިތުގެ ރާނީ ކަމުގައިވީ ނަހުވާއާ ކާވެނިކުރުމަށެވެ. ނަހުވާއަށް ވެސް އަމާންގެ މިޒާޖު ކަމުގޮސްގެން އެ ހުށަހެޅުން ގަބޫލުކުރިއެވެ.
މި ޚަބަރު އޮފީހަށް ލިބުނު ދުވަހަކީ ސާބިތުގެ މުޅި ދުނިޔެ ބަދަލުވި ދުވަހެވެ. އޭނާ ލޯބިވި ނަހުވާ، އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އަތްމައްޗަށް ދިޔުމަކީ ސާބިތަށް ދުވަހަކުވެސް ހިތުން ފިލުވައި ލެވޭނެ ކަމެއް ނޫނެވެ.
ސާބިތު ބާރު ފިޔަވަޅުތަކެއްގައި އަމާނާއި ނާހިދު ތިބި މީޓިންގް ރޫމަށް ވަދނެވެ. އޭނާގެ ދެލޯ ހުރީ ރުޅިން ރަތްވެފައެވެ. އޭނާގެ އަތުގައި ހުރި ހުރިހާ ފައިލްތަކެއް މޭޒުމައްޗަށް ބާރަށް ޖެހިއެވެ.
"މިއީ މަގޭ ފަހުގެ ނިންމުން." ސާބިތުގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.
"އަހަރެން މި ވިޔަފާރީގެ ޝެއަރތައް ވަކިކުރަނީ. މިރެއިން ފެށިގެން އަހަރެމެންނަކީ ހިއްސާދާރުންނެއް ނޫން. އަހަރެންގެ އިންވެސްޓްމަންޓްތަކާއި ފައިސާ އަހަރެން ވަކިކުރާނަން."
"ސާބިތު! ވިސްނާލާބަލަ! ވިޔަފާރީގެ މެދުތެރެއިން ފައިސާ ވަކިކުރުމަކީ ކެޕިޓަލްމަދުވެ މުޅި ކުންފުނި ބަންގުރޫޓުވެދާނެ ކަމެއް!" ނާހިދު މަސައްކަތް ކުރީ ސާބިތު ހުއްޓުވާށެވެ.
"އަހަރެންގެ ފަރުވާލެއް ނެތް!" ސާބިތު އަމާނާ ދިމާއަށް އިނގިލި ދިއްކުރިއެވެ.
"މަގޭ ހިތް ހަލާކުކޮށްލި މީހަކާއެކު އެންމެ ލާރިއެއްވެސް ހިއްސާކުރާކަށް އަހަރެން ބޭނުމެއް ނޫން. އެކުވެރިކަން މިހިސާބުން ނިމުނީ." ވާނީވެސް އެހެންތާއެވެ. އެކަކު ރައްޓެހިވާ އަންހެން ކުއްޖަކު ކުއްލިއަކަށް އަނެކަކު އެބަ ބޭނުންވެއެވެ. އެކުވެރިކަމަށް ޓަކައި ވެސް ވިސްނާލަން ޖެހެއެވެ.
ސާބިތު ދޮރު ބާރަށް ލައްޕާފައި ނިކުމެގެން ދިޔައެވެ. އަހަރެމެންގެ މަސައްކަތުން ކޮޅަށް ޖެހި ވިޔަފާރީގެ ބިންގާ، އެންމެ ހިނދުކޮޅެއްގެ ތެރޭގައި ގުޑާލައި، ތިން އެކުވެރީންގެ މެދުގައި އޮތް ގުޅުން އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ.
އިންސާނާގެ ބައެއް ނިންމުންތަކަކީ އޭގެ ނަތީޖާ މުޅި ޙަޔާތަށް ހިތިކަން ގެނެސްދޭ އެއްޗެހި ކަމުގައި ވިޔަސް، ބަދަލުހިފުމާއި ޖަހާލަތުގެ ވަގުތުގައި އެކަން ވިސްނައެއް ނުގަނެވެއެވެ. ސާބިތުގެ ވަކިވުމާއެކު ވިޔަފާރީގެ މާލީ ބިންގަލަށް ބޮޑު ލޮޅުމެއް އަޔެވެ. ނާހިދު އޭނާގެ ހުރިހާ މާލީ އުކުޅުތަކެއް ބޭނުންކޮށްގެން ކުންފުނި ސަލާމަތްކުރަން މަސައްކަތް ކުރަމުންދިޔައިރު، އަމާން ހުރީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ.
މަދު ހަފުތާތަކެއްގެ ތެރޭގައި، މުޅި ރަށަށް ގުގުމާލި ބޮޑު ޙަފުލާއަކާއެކު އަމާނާއި ނަހުވާގެ ކާވެނި ކުރެވިގެން ދިޔައެވެ. އެއީ ނަހުވާއަށްޓަކައި ހިތް ކަރުނުން ފުރިފައިވާ ސާބިތުގެ މޭގައި ފުން ޒަޚަމެއް ލެވިގެން ދިޔަ ރެއެކެވެ. ނަހުވާ ހުރީ ރަންކުލައިގެ ރީތި ހެދުމެއްގައި ހިނިތުންވެފައެވެ. ހީވަނީ ރީތި ފިނފެންމާގަހުގައި ފޮޅިފައިވާ ރަތްކުލައިގެ މަލެއް ހެންނެވެ. އަމާންގެ ކާމިޔާބީގެ ކުލަވަރުން އޭނާގެ ދެލޯ ވަނީ ހުޅުވެން ވާވަރަށް ނުހުޅުވިއެވެ.
ނަމަވެސް، އެ ކާވެނީގެ ސަބަބުން އެންމެ ބޮޑު ވޭނެއް ލިބުނު އަނެއް އިންސާނަކީ އަލްޔާއެވެ. އޭނާގެ އެތައް އަހަރެއްވީ ލޯބިވެރިޔާ އެހެން މީހެއްގެ ޙައްޤަކަށް ވީތަން ބަލަން އޭނާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ކޮޓަރީގެ އަނދިރި ކަނެއްގައި އިނދެ ރޮމުންދިޔައިރު، ހަމައެކަނި ސަލާމަތަކަށްވީ ނާހިދެވެ.
ނާހިދު ކޮންމެ ދުވަހަކު އަލްޔާގެ ހާލު ބަލަމުން ދިޔައެވެ. އޭނާ އަލްޔާއަށް ދެމުންދިޔަ ސަމާލުކަމާއި އޯގާތެރިކަމަކީ، އަމާންގެ ފަރާތުން ދުވަހަކުވެސް އަލްޔާއަށް ލިބުނު އެއްޗެއް ނޫނެވެ.
"އަލްޔާ... މާޒީގެ ސަފުހާ ލައްޕާލާ." ނާހިދު މަޑުމައިތިރި އަޑަކުން އަލްޔާގެ އަތްތިލައިގާ ހިފާލަމުން ބުންޏެވެ.
"އަހަރެން އަލްޔާގެ ހިތް އަލުން ފުރިހަމަކޮށްދޭނަން. އަހަރެންގެ ހިތުގައި އަލްޔާއަށް ޓަކައި އޮތް ލޯތްބަކީ ކޮންމެފަދަ ތޫފާނަކަށްވެސް ކެތްކުރާނެ އެއްޗެއް."
އަލްޔާ ކަރުނަ ފޮހެލަމުން ނާހިދާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިތުގައި އަމާނާ މެދު އޮތް ހަމްދަރުދީ ވެސް މިހާރު އެ ހިތުން ނެރެން މަސައްކަތްކުރާން ޖެހުނީއެވެ. އަމާންގެ ކައިވެނީގެ ސަބަބުން އަލްޔާގެ ހިތުގައި ލޯބި ނުވާ ނަމަ ރޯން އިނީ ކީއްވެހެއްޔެވެ؟ އެ ހުރިހައި ހިތި ހަނދާންތަކެއް ފޮހެލާން އަލްޔާ ބޭނުމެވެ. ނާހިދުގެ އަތުގައި ހިފާން އަލްޔާ ނިންމީ އެރެއިން ފެށިގެންނެވެ. ނާހިދުގެ އިޚުލާޞްތެރިކަމަށް އޭނާގެ ހިތް ހުޅުވައިލާން ނިންމީ، އަމާންގެ މައްޗަށް ބަދަލުހިފުމުގެ ނުބައި ޢަޒުމެއް ވެސް ހިތުގައި ފޮރުވައިގެންނެވެ.
އަނެއްކޮޅުން، ވިޔަފާރީން ވަކިވި ސާބިތު ހުރީ މުޅިން އެކަނިވެފައެވެ. އޭނާގެ ހިތާމަތަކުން ދުރުވުމަށް ޓަކައި، ގިނަ ވަގުތު ހޭދަކުރާން ފެށީ ނާހިދުގެ އާއިލާއާ އެކުގައެވެ. ނާހިދުގެ ކޮއްކޮ، އުމުރުން އެކާވީސް އަހަރުގެ ނިހާދާއަކީ ނުހަނު ލޫޅާފަތި، ސާދާ މިޒާޖެއްގެ ކުއްޖެކެވެ. ސާބިތުގެ މޫނުމަތީގައިވާ ހިތާމަތައް ފެނި، ނިހާދާގެ ހިތުގައި ސާބިތާ މެދު ހަމްދަރުދީ އުފެދުނެވެ. ސާބިތު ވެސް އޭނާގެ ހިތުގެ ހުސްކަން ފުރައިލުމަށް ޓަކައި، މަޑުމަޑުން ނިހާދާއާ ގާތްވާން ފެށިއެވެ.
"ސާބިތު... ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް." ނިހާދާ އެއް ދުވަހަކު އަތިރިމަތީގައި ތިބެފައި ބުންޏެވެ.
ސާބިތު ނިހާދާގެ މޫނަށް ބަލައިލުމަށް ފަހު، ހިނިތުންވެލިއެވެ. އޭނާ ނިންމީ ނިހާދާއާ ރައްޓެހިވުމަށެވެ. އޭނާއަށް ހީވީ ދިރިއުޅުމުގެ އާ ބާބެއް ފެށުނީ ހެންނެވެ. ނަމަވެސް، ސާބިތަށް ނޭނގޭ ބޮޑު ސިއްރަކީ، ނިހާދާގެ ހިތް މުޅީން އެހެން ދިމާއަކަށް މިސްރާބުޖަހައިފައިވާ ކަމެވެ.
ޕާކިސްތާނުގައި ނިހާދާ ކިޔަވާން ހުރި އިރު، އޭނާގެ ހިތް ވަނީ އެ ތަނުން ދިމާވި ޒުވާން ތޫނުފިލި އަސްރާރުގެ މައްޗަށް ދޫކޮށްލެވިފައެވެ. ނިހާދާ ސާބިތާ ރައްޓެހިވީ ހަމައެކަނި އާއިލާގެ ރުހުމަށާއި ސާބިތަށް ހަމްދަރުދީވުމުގެ ގޮތުންނެވެ. އޭނާގެ ހުވަފެންތަކުގައި އަދިވެސް ރަސްކަންކުރަނީ ދުރުގައި ހުރި އަސްރާރެވެ.
ތަޤުދީރުގެ މި ނާޒުކު ރާޅުތައް ދެން ބިންދައިލާނީ ކޮން ދިމާއަކަށްހެއްޔެވެ؟ އަމާނާއި ނަހުވާގެ ކާވެންޏަށް އަހަރެއްވެ، އެ މީހުންނަށް ފުރަތަމަ ދަރިފުޅު ލިބުމާ ހަމައަށް ދިރިއުޅުން އޮމާންކޮށް ދިޔަ ނަމަވެސް، އެ ދަރިފުޅުގެ އުފަންވުމާ އެކު މުޅި ދިރިއުޅުން އަނބުރައިލާނެ ތޫފާނެއް އަންނާން އުޅޭކަމުގެ ނިޝާންތައް ފެންނާން ފަށައިފިއެވެ.
އިންސާނާގެ ހިތަކީ ބަދަލުހިފުމުގެ އަލިފާނުން އަނދާން ފަށައިފި ނަމަ، ބުއްދީގެ ހުރިހައި ދޮރުތަކެއް ބަންދުކޮށްލާ އެއްޗެކެވެ. އަމާނާއި ނަހުވާގެ ކާވެންޏަށް އަހަރެއްވެ، އެ މީހުންގެ އުފާވެރި ދުނިޔެއަށް ފުރަތަމަ ފިރިހެން ކުއްޖާ އުފަންވީ ދުވަހަކީ މުޅި އާއިލާއަށް ބޮޑު އުފާވެރިކަމެއް ގެނެސްދިން ދުވަހެކެވެ. ނަމަވެސް، އެ ހޮސްޕިޓަލުގެ ކޮޓަރީގެ ދޮރުމަތީން ފެނުނު އެ އުފާވެރި މަންޒަރަކީ، ނާހިދާ އެކު އާ ދިރިއުޅުމެއް ފަށާން ތައްޔާރުވަމުން ދިޔަ އަލްޔާގެ ހިތުގައި އަނދަމުންދިޔަ ހަސަދައިގެ ދަރުތަކަށް ޕެޓުރޯލު އެޅުންފަދަ ކަމެކެވެ. [
[ނާހިދު... އަހަރެމެންގެ މެދުގައި ދެން އިތުރަށް ގުޅުމެއް ނުބޭއްވޭނެ.] ޖެހިގެން އައި ދުވަހު އަލްޔާ ނާހިދާ ބައްދަލުކޮށް، މޫނު އަނބުރައިލަމުން ފިނި އަޑަކުން ބުންޏެވެ.
[އަހަންނަށް ވިސްނިއްޖެ، އަހަރެންގެ ހިތް އަދިވެސް އޮތީ އަމާނާ އެކުގައިކަން. އަހަރެން ހިތުގައި ނާހިދަށް އޮތީ ހަމްދަރުދީ. ލޯތްބެއް ނުއުފެދުނު.]
ނާހިދުގެ މުޅި ދުނިޔެ އެ ހިނދުކޮޅުގެ ތެރޭގައި އެ ފުށް މި ފުށަށް ޖެހުނު ކަހަލައެވެ.
[އަލްޔާ! ތިޔަ ކުރަނީ ކޮންކަހަލަ ސަމާސާއެއް؟ އޭނާ އެ އޮތީ އެހެން އަންހެނަކާ އިނދެ، ދަރިއަކު ލިބިފައި! ކަލޭ ތިޔަ ހަލާކުކޮށްލަނީ އަހަރެމެންގެ މުސްތަގުބަލު!] ނާހިދު ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާ މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ވެފައިވާ ހުރިހާ ޤުރުބާނީއެއް ވެއްޔާ މޮޑެވިގެން ދިޔައީއެވެ. ނަމަވެސް އަލްޔާ އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އޭނާ ނާހިދާ މުޅިން ރުޅިވިއެވެ. އޭނާ ބޭނުންވާ ކަމެއް ނޫނީ ނުކުރާނެކަން މިއަދު ނާހިދަށް އެނގިއްޖެއެވެ. މީގެ ކުރީން ނާހިދު ހީކުރީ އަލްޔާގެ ރީތިކަމަށް ބަލައިފައި އަލްޔާއަށް ލަނޑުދިނީ އަމާންކަމުގައެވެ. ނަމަވެސް މިއަދު ނާހިދަށް އެ ފެނުނީ އޭގެ އިދިކޮޅެވެ. އަލްޔާއަކީ ނާހިދު ހީކުރި ކަހަލަ އަންހެން ކުއްޖެއް ނޫނެވެ.
އޭގެ ހަފުތާހެއް ފަހެވެ. އަލްޔާ އަމާނަށް ސިއްރުން ގުޅައި، ބައްދަލްކުރާން އެދުނެވެ. އެ ދުވަހަކީ އަމާން ބޯގޮވައިފައި ހުރި ދުވަހެކެވެ. އަލްޔާ ގުޅުމާ އެކު އަމާން ހިތަށް އުފާވެރިކަން ލިބުނެވެ. ދެ މީހުން ބައްދަލުކުރީ އެހެން ރަށަކަށް ގޮސްގެންނެވެ. އަމާން އައީ ނަހުވާއާއި ދަރިފުޅުގެ ޒިންމާތަކުން ބޯ ހާސްވެފައި ހުރި ވަގުތެއްގައި އައި ފޯނު ކޯލަކަށް އެހާމެ ފަސޭހައިން އަމާން އެނބުރިއްޖެއެވެ.
[އަމާން... އަހަރެން ދުވަހަކު ވެސް ކަލޭގެ ހަނދާންތަކާ ދުރެއްނުވަން.] އަލްޔާ ކަރުނުން ފުރިގެންވީ ދެލޮލުން އަމާންގެ އަތުގައި ހިފައިލިއެވެ.
[ނަހުވާ ދިނީ ހަމައެކަނި ދަރިއެއް. އެކަމަކު ކަލޭގެ ހިތުގެ ހަމަހިމޭންކަން އޮތީ މަގޭ ގާތުގައި. އަހަރެން ތައްޔާރު ދެއަތްނބަށް ވިޔަސް އަމާންއާ އިންނާން. އެކަމަކު... ނަހުވާއަށް ސިއްރުން.]
އަމާންގެ ހިތް ބާރަށް ތެޅިގަތެވެ. ނަހުވާއާ އެކު އުޅުނު ނަމަވެސް، އަލްޔާގެ ޖަޒުބާތީ އަޅައިލުން އޭނާ އަބަދު ވެސް މިސްވެއެވެ. އޭނާގެ ފިރިހެންވަންތަ ހަށިގަނޑު އެދެނީ އަލްޔާ ފަދަ އަންހެނަކަށެވެ. އަލްޔާ އެ ހުށަހެޅީ އަމާން ދުވަހަކު ވެސް ދޫކޮށްލާނެ ފުރުސަތެއް ނޫނެވެ. (ނުނިމޭ)