ad_banner
އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ "ހައްލެއް ނެތް އަރައިރުމަކަށް" ބަދަލުވަނީހެއްޔެވެ؟ (3)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

20 ނޮވެންބަރު 2026

(2026 ނޮވެންބަރު 19ވަނަ ދުވަހުގެ ނޫހާ ގުޅޭ)

ޢަބްދުއްރައްޒާޤު ވިދާޅުވީ، [ދުޝްމަނުން އަބަދުވެސް އަމިއްލަ ގޮތްތަކެއް ގެންގުޅޭނެއެވެ... އެމެރިކާގެ ކަނޑުގެ ބަންދުކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމަށް ޓަކައި، ގަލްފުގެ ޢަރަބި ޤައުމުތަކުގެ ތެލުގެ އުފެއްދުންތެރީންނަށް ޙަމަލާދީގެން މުޅި ދުނިޔެއަށް އިގުތިސާދީ ވޭން ޖެއްސުމަށް ޓަކައި އީރާނުން އަމިއްލައަށް އިސްނަގައިގެން ހަނގުރާމަ ވަރުގަދަކޮށްފާނެއެވެ.] އަދި އޭނާ އިތުރަށް ވިދާޅުވީ މިއީ [ބައިނަލްއަގުވާމީ އަދި ދާޚިލީ ސިޔާސީ ފިއްތުންތައް ޓުރަންޕުގެ ސަރުކާރަށް ކުރިމަތިކުރުވައި، އީރާނަށް ފައިދާހުރި އެއްބަސްވުމަކަށް އައުމަށް މަޖުބޫރުކުރުމުގެ ގޮތުން ކޮށްފާނެ ކަމެކެވެ.]

[ފްރޯޒަން ވޯރ]އާ ބެހޭ ގޮތުން ތާރީޚު ކިޔައިދެނީ ކޮން ވާހަކައެއްހެއްޔެވެ؟

މާޒީގައި ހިނގާފައިވާ މިފަދަ [ނުހުއްޓި ނުފެށި] ހިނގާ ހަނގުރާމަ (ފްރޯޒަން ވޯރ)ތަކުން ދައްކައިދޭ ގޮތުގައި، މި ފަދަ މަޑުޖެހުންތައް ނުވަތަ ނިމުމެއް ނުފެންނަ ޙާލަތްތައް އެތައް ދަހަރަކަށް (ދިހަ އަހަރަށްވުރެ ގިނަ ދުވަހަށް) ދެމިގެން ހިނގައިދާނެއެވެ.

އޭގެ އެއް މިސާލަކީ ދެ ކޮރެއާދެ ސަރަހައްދެވެ. ކޮރެއާ ހަނގުރާމަ ނިމުނީ 1953ވަނަ އަހަރުގެ ޖުލައި މަހު ވެވުނު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށެވެ. ނަމަވެސް އެއްވެސް ސުލްހައިގެ މުއާހަދާއެއް ޤާއިމުކުރެވިފައެއް ނުވެއެވެ. އޭގެ ފަހުން 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ވެސް، ދެ ކޮރެއާ އަދިވެސް އޮތީ [ޓެކްނިކަލް ގޮތުން] ބަލާ އިރު  އަދިވެސް ހަނގުރާމައެއްގެ ތެރޭގައެވެ. އަދި އެ ދެ ޤައުމު ވަނީ ވަރުގަދައަށް ސިފައިން ތިބި އަސްކަރީ ސަރަޙައްދަކުން ބައިކޮށްލެވިފައެވެ.

އިރުމަތީ ޔުކްރެއިނަކީ މިއާ އަޅައިބަލާ އިރު މާ ފަހުގެ އަދި ހަމަޖެހުން ކުޑަ މިސާލެކެވެ. 2014 ވަނަ އަހަރު ރަޝިޔާއިން ކްރައިމިއާ ހިފުމާ ގުޅިގެން، ޔުކްރެއިންގެ އިރުމަތީ ޑޮންބާސް ސަރަޙައްދުގައި ޔުކްރެއިނު ސިފައިންނާއި ރަޝިޔާއަށް ތާއީދުކުރާ ވަކިވެގަންނާން އުޅޭ ފަރާތްތަކާ ދެމެދު ހަނގުރާމަ ފެށުނެވެ. 'މިންސްކް' އެއްބަސްވުންތަކުގެ ސަބަބުން ހަނގުރާމަ ހުއްޓައިލެވުނު ނަމަވެސް، އެއްވެސް ދާއިމީ ޙައްލެއް ލިބިފައެއްނުވެއެވެ. ގާތްގަނޑަކަށް އަށް އަހަރު ވަންދެން ހަނގުރާމައިގެ ކުރިމަތިލުމަކަށް އައިސްފައި ނުވި ނަމަވެސް، ބޮމުގެ ޙަމަލާތައް ދިނުން މަދުމަދުން ކުރިއަށްދިޔައެވެ. އެ ހަމަޖެހުން ނިމުމަކަށް އައީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް ސީދާ އަސްކަރީ ޙަމަލާތަކެއްދޭން ފަށައިގަތުމުންނެވެ.

އަރުމީނިއާއާއި އަޒަރުބައިޖާނާ ދެމެދު 1994 ވަނަ އަހަރު ހިނގި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ކާލު ގަރުނަކަށް (25 އަހަރަށް) ދެމިގެންދިޔައެވެ. ދެން 2020ވަނަ އަހަރު ބާރުގަދަވި އަޒަރުބައިޖާނުން އަލުން ހަނގުރާމަ ފެށިއެވެ. އަދި 2023ވަނަ އަހަރު މައްސަލަޖެހިފައިވާ އެ ސަރަޙައްދު މުޅިން އަނބުރައި އަތުލިއެވެ.

ނަމަވެސް ތަޙުލީލުކުރާ ފަރާތްތަކުން ވިދާޅުވަނީ، ކޮރެއާއާއި ރަޝިޔާ-ޔުކްރެއިން ފަދަ ބިންތަކުގެ މައްސަލައިގައި އުފެދޭ ހަނގުރާމަތަކަކީ އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ އެއް ފަދަ ހަނގުރާމަތަކެއް ނޫންކަމަށެވެ.

ސަލޫމް ވިދާޅުވީ މިއާ މާ ބޮޑަށް އެއްގޮތްވަނީ 1991 އާއި 2003 އާ ދެމެދުގެ ޢިރާޤުގެ ޙާލަތު ކަމަށެވެ. [އެއީ ހަނގުރާމައަކުން ސަލާމަތްވި ވެރިކަމެވެ. ފަހުން 12 އަހަރު ވަންދެން ކާނާއާއި މުދާ އެތެރެކުރުން މަނާކުރުމާއި ދޭތެރެދޭތެރެއިން ދިން ޙަމަލާތަކާ ކުރިމަތިލާންޖެހުނު ވެރިކަމެކެވެ.]

ޢަބްދުއްރައްޒާޤު މިއާ ޚިލާފަށް އިޝާރާތްކުރައްވަނީ އީރާނުގެ މާޒީއަށެވެ. އެއީ 1980ގެ އަހަރުތަކުގެ އީރާނު-ޢިރާޤު ހަނގުރާމައެވެ. އެ ހަނގުރާމައިގައި ކޮންމެ ޤައުމަކުން ވެސް މަސައްކަތްކުރީ އަނެއް ޤައުމުގެ ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވައި ބަލިކަށިކޮށްލާށެވެ. އެކަމުގެ ސަބަބުން އުފެދުނު [ޓޭންކަރު ހަނގުރާމަ] ސިފަވެގެންދިޔައީ ކަނޑުދަތުރުފަތުރަށް ޙަމަލާދިނުމާއި، ހަކަތައިގެ ވަސީލަތްތަކަށް މިސައިލު ޙަމަލާދިނުމާއި، އަދި އިގުތިސާދީ ގޮތުން އެއް ގައުމުން އަނެއް ގައުމު ބަލިކަށިކުރުމުގެ ކެންޕޭނެއްގެ ގޮތުގައެވެ.

އީރާނާ ދެކޮޅަށް ކުރެވޭ [ފްރޯޒަން ވޯރ] ތަފާތުވަނީ ކިހިނެއް؟

މާޒީގައި ހިނގައިފައިވާ މި ފަދަ ގިނަ [ހަނގުރާމަތައް] (ފްރޯޒަން ވޯރ) ބިނާވެފައިވަނީ ބިންބިމުގެ މިލްކުވެރިކަމާ މެދު އުފެދޭ ޚިޔާލުތަފާތުވުންތަކާއި، ދެ ގައުމެއްގެ ދެމެދުގައި ކަނޑައެޅިފައިވާ ވަކި އިންސަރަހައްދެއްގެ މައްޗަށެވެ. ނަމަވެސް އެމެރިކާއާއި އީރާނާ ދެކޮޅުވެރިކަން މިހާރު މި ދަތުރުކުރަނީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނިޒާމުތަކާއި، އަދި ހަކަތައިގެ (ތެލާއި ގޭހުގެ) ބާޒާރުތަކުގެ ތެރެއިންނެވެ.

ސަލޫމް ވިދާޅުވީ ޢިރާޤުގެ މިސާލު ހުރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި ނުހިނގާނެ ކަމަށެވެ. "ސައްދާމު ޙުސައިންގެ ވެރިކަން ހިސާރުކުރެވިފައި އޮތީ ޢިރާޤުގެ އަމިއްލަ ބިމުގައި ނަމަވެސް މި ފަހަރު މި [ހަނގުރާމަ] މި އޮތީ ހަނގުރާމައިގެ ކުރީން ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލަމުން ދިޔަ 'ފެންގަނޑެއް'ގެ މަތީގައެވެ.] ޢިރާޤުގެ ކުރީގެ ރައީސް ސައްދާމު ޙުސެންގެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

މި ކަމުގެ ސަބަބުން ހަނގުރާމަ ހުއްޓިފައި އޮންނަ ޙާލަތެއް ދެމެހެއްޓުން މާ ބޮޑަށް ދައްޗެވެ. ތެޔޮ އުފުލާ ބޯޓަކަށް ޙަމަލައެއް އަންނަ ކޮންމެ ފަހަރަކު، ހަނގުރާމަ އިތުރަށް ހޫނުވެގެންދިއުމުގެ ނުރައްކާ އޮވެއެވެ. މި ފަދަ (ފްރޯޒަން ވޯރ) ހަނގުރާމައެއް ވައްތަރުވާނީ ކޮރެއާގެ ޙަލަތަށް ވުރެބޮޑަށް، 2022 ވަނަ އަހަރުގެ ކުރީން އޮތް ޔުކްރެއިންގެ ޑޮންބާސް ސަރަޙައްދުގެ ޙާލަތާއެވެ.

ޢަބްދުއްރައްޒާޤު ވިދާޅުވީ، މި ފަދަ މުހިންމު ކަނޑުއޮޅިއެއްގެ މައްސަލައިގައި ހިނގާ މާނައެއް ނެތް މި ފަދަ [ހަނގުރާމައަކީ] މުޅި ދުނިޔޭގެ އިގުތިސާދަށް އެއްވެސް ހުދޫދެއް ނެތި ނެތި އަބަދަށް ކެތްކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ވިޔަފާރީގެ މަގުތައް އެހެން ދިމާއަކަށް ބަދަލުކުރުމަށް ވަރަށް ގިނަ ވަގުތާއި އެތައް ބައިވަރު ފައިސާއެއް ބޭނުންވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު އެމެރިކާއާއި އީރާނު އޮތީ، އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ، އަދި ޔުކްރެއިނާއި ރަޝިޔާއަށް ނުޖެހޭ ފަދަ އިގުތިސާދީ ގޮތުން "ވަގުތު ކުޑަތަންވަމުންދާ" ޙާލަތެއްގައިކަމަށެވެ.

ގަލްފުގެ ޢަރަބި ޤައުމުތަކާއި، ބޯޓުފަހަރު ދުއްވާ ކުންފުނިތަކާއި، އަދި ހަކަތަ އެތެރެކުރާ ޤައުމުތައް ވަނީ މި ކަމުގެ ނުރައްކަލަށް ހުށަހެޅިފައެވެ. މިއީ ޤަޠަރާއި ޕާކިސްތާނު ފަދަ މެދުވެރީންނަށް މި މަޝްވަރާތައް ކާމިޔާބުކުރުމަށް ބޮޑު ޝައުޤުވެރިކަމެއް ލިބިދޭ މައިގަނޑު ސަބަބެވެ. މި ވަގުތަށް ބަލާއިރު، އެމެރިކާއާއި އީރާނުންވެސް ބުނަމުންދަނީ ވަގުތު އޮތީ އެ މީހުންގެ ކޮޅަށްކަމަށެވެ. ނަމަވެސް ތާރީޚުން ދައްކާ ގޮތުގައި، މި ފަދަ ހަނގުރާމަތައް (ފްރޯޒަން ވޯރ) އާންމު ގޮތެއްގައި ނިމިފައި ވަނީ އެ ކަންކަން ހުއްޓުމަކަށް ގެނައުމަށް ފުރުޞަތު ދިން ވެރީންގެ ވެރިކަމުގެ މުއްދަތަށް ވުރެ ވެސް މާ ފަހުންނެވެ. (ނިމުނީ)

ކޮމެންޓު