އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
17 ނޮވެންބަރު 2026
މަރުގެ އަދަބު ހުއްޓުމަކަށް ގެންނާން ގޮވައިލާ ގަރާރެއް މެކްސިކޯއިން ހުށަހަޅައިގެން، މި ދިޔަ ހުކުރު ދުވަހު އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ އިރު، 33 ގައުމަކުން މި ގަރާރާ ދެކޮޅަށް ވޯޓުދިނެވެ. އަދި 16 ގައުމަކުން ވަކި ކޮޅަކަށް ވޯޓުނުދީ ހިމޭންނުން ތިބީއެވެ.
މަރުގެ އަދަބު ދިނުން ތަންފީޒުކުރުމުގައި ބައެއް ގައުމުތަކުން ދެމިތިބިކަމަށް ޓަކައި ނުހަނު ކަންބޮޑުވާކަން މި ގަރާރުގައި ހާމަކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން އެކަށީގެންވާ ގާނޫނީ އަދަބުތައް ކަނޑައެޅުން ހިމެނޭހެން، އަމިއްލަ ގާނޫނީ ނިޒާމުތައް ތަރައްގީކުރުމުގެ ހައްގު ހުރިހާ ގައުމުތަކަކަށް ލިބިފައިވާކަން މި ގަރާރުގައި ވަނީ ތަކުރާރުކޮށްފައެވެ.
މަރުގެ އަދަބުދިނުން މުޅިން ހުއްޓައިލުމުގެ މަގުސަދުގައި، އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓައިލާން (މޮރަޓޯރިއަމެއް އިއުލާންކުރާން) މި ގަރާރުގައި ހުރިހައި ގައުމުތަކަށް ގޮވައިލައިފައިވެއެވެ. އަދި މަރުގެ އަދަބު މީގެ ކުރީން އުވައިލައިފައިވާ ގައުމުތަކުން އަލުން އެ އަދަބު އިޢާދަނުކުރާން ވެސް ގޮވައިލައިފައިވެއެވެ. މަރުގެ އަދަބުދިނުން މަދުކުރުމަށް ޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، 2025ވަނަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، މި ގަރާރުގައި އެ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފައިވެއެވެ.
މި ގަރާރުގައި ގޮވައިލައިފައިވަނީ މަރުގެ އަދަބުދޭ މިންވަރު މަޑުމަޑުން މަދުކުރުމަށާއި، 18 އަހަރުން ދަށުގެ ކުދީން ކުރާ ކުށްތަކަށް ނުވަތަ ކުށްކުރި އިރު އުމުރަކީ 18 އަހަރުން މަތިކަން ސާފުކޮށް ކަށަވަރުނުކުރެވޭ މީހުންނަށް މަރުގެ އަދަބުނުދިނުމަށެވެ. މީގެ އިތުރަށް، މާބަނޑު އަންހެނުންނަށާއި، ނަފުސާނީ ނުވަތަ ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށް މަރުގެ އަދަބުދިނުން ހަނިކުރުމަށާއި، ކޮންމެހެން މަރުގެ އަދަބު ދޭންޖެހޭ ކުށްތަކުގެ ލިސްޓުން ބައެއް ކުށްތައް އުނިކޮށްގެން މަރުގެ އަދަބު ދެވޭ ކުށްތަކުގެ އަދަދު މަދުކުރުމަށް ވެސް ގަރާރުގައި ގޮވައިލައިފައިވެއެވެ.
އިންޑިއާގެ އިތުރަށް ބަޙުރައިނާއި ޗައިނާއާއި، މިޞްރާއި، އީރާނާއި، ޢިރާޤާއި، ޖަޕާނާއި، ކުވެއިތާއި، ދިވެހިރާއްޖެއާއި، ޢުމާނާއި، ޕާކިސްތާނާއި، ޤަޠަރާއި، ސުޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން ވެސް ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ.
މި ގަރާރު ފާސްކުރާން ޖުމުލަ 49 ގައުމަކުން ވޯޓުނުދީ އޮތް ނަމަ ވެސް، މި ގަރާރަ ދެކޮޅަށް އިންޑިއާއިން އިދިކޮޅަށް ވޯޓުދިންކަމަށް ހަމައެކަނި ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ ކީއްވެގެންހެއްޔެވެ؟ ކޮށްލާން ރަނގަޅު ސުވާލެކެވެ.
އާދޭހެވެ! މަރުގެ އަދަބުދިނުން ހުއްޓުވާން ގޮވައިލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅުނު ގަރާރާ ދެކޮޅަށް އިންޑިއާއިން ވޯޓުދިނުމުން، އެ ކަން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރުމުގައި މުހިންމު ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.
ފުރަތަމަ ސަބަބަކީ އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޑިމޮކްރެސީކަމަށްވެފައި، ބައިނަލްއަގްވާމީ މައިދާނުގައި އެ ގައުމުގެ ސިޔާސީ އަދި ގާނޫނީ މަގާމަށް މީޑިއާތަކާއި ބައިނަލްއަގްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް ސަމާލުކަންދޭކަމެވެ.
އިންޑިއާއިން މި ގަރާރާ ދެކޮޅަށް ވޯޓުދިން ސަބަބު ބަޔާންކުރަމުން، އެ ގައުމުން ބުނެފައިވަނީ އެ ގައުމުގައި މަރުގެ އަދަބު ދެމެހެއްޓެނީ ވަރަށް މަދު ހާލަތެއްގައި، އެންމެ ނުރައްކާތެރި ކުށްތަކުގައި އެކަނި ކަމަށެވެ. އަދި ގާނޫނީ ފުރިހަމަ އިންތިޒާމަކާއި އެންމެ މަތީ ކޯޓުތަކުން އިސްކިރީނުކުރުމަށް ފަހު ނޫނީ އެފަދަ ހުކުމެއް ތަންފީޒުނުކުރެވޭނެ އިންތިޒާމެއް ކޯޓުގެ ނިޒާމުގައި އޮންނާނެތީ، އެއީ ގައުމުގެ އަމިއްލަ ސިޔާދަތީ ބާރުގެ ތެރޭގައި ނިންމަންޖެހޭ ކަމެއްކަމަށް އިންޑިއާއިން ދެކެއެވެ. މިއީ ވެސް އިންޑިއާގެ ވާހަކަ ފަލަސުރުޚީއަށް އެރި ސަބަބަކަށް ވެދާނެއެވެ.
ސުޢޫދީ އަރަބިއްޔާއާއި އެމެރިކާއާއި ޗައިނާ ފަދަ ގައުމުތަކަކީ މަރުގެ އަދަބު އާންމުކޮށް ނުވަތަ ގަވާއިދުން ދަމަހައްޓާ ގައުމުތަކެއްކަމަށް ކުރީން ވެސް އެނގޭތީ، އެ ގައުމުތަކުން އެ ގޮތަށް ވޯޓުދިނުމަކުން މީޑިއާއަށް މާ ބޮޑު ހައިރާންކަމަކަށް ނުވެއެވެ. ނަމަވެސް އިންޑިއާއިން މި ކަމާ ދެކޮޅަށް ވޯޓުދޭނެކަމަކަށް ކުރީން ލަފާކުރެވިފައެއް މީޑީއާއަކަށް ނެތެވެ. އަދި އިންޑިއާ ފަދަ ގައުމުތަކުން މި ފަދަ ވޯޓުތަކުގައި ނަގާ ކޮޅެއް، މީޑިއާތަކުން ޚާއްސަ ސުރުޚީތަކުގައި ފާހަގަކުރަނީ ދުނިޔޭގެ މަސްރަޙުގައި އެ ގައުމުގެ އިގުތިޞާދީ އަދި ސިޔާސީ ބަރުދަން ހުންނަ މިންވަރުންނެވެ.
ދިވެހިރާއްޖެއާއި އެމެރިކާއާއި ޕާކިސްތާނު ފަދަ އެހެން ގައުމުތަކުން ވެސް މި ގަރާރާ ދެކޮޅަށް ވޯޓުދީފައިވީ ނަމަވެސް، އިންޑިއާ ވަކިން ފާހަގަކޮށް ފަލަ ސުރުޚީއަށް އެރީ އެ ގައުމުގެ ޢަދުލުއިންސާފުގެ ސިޔާސަތާއި ބައިނަލްއަގްވާމީ މައިދާނުގައި އެ ގައުމަށް އޮންނަ ބޮޑު ސަމާލުކަމާ ހުރެއެވެ.
ކުރީން ވެސް ދަންނަވައިލެވުނު ފަދައިން އިންޑިއާގެ އިތުރަށް ބަހްރެއިނާއި ޗައިނާއާއި، މިޞްރާއި، އީރާނާއި، ޢިރާޤާއި، ޖަޕާނާއި، ކުވެއިތާއި، ދިވެހިރާއްޖެއާއި، އުމާނާއި، ޕާކިސްތާނާއި، ޤަޠަރާއި، ސުޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން ވެސް ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ. ނަމަވެސް މިއީ މީޑީއާއިން ކުރީން ވެސް ލަފާކޮށްފައި އޮތް ގޮތެވެ. ނަމަވެސް އިންޑިއާއިން ވޯޓުދޭނެ ގޮތަކާ މެދު ތިބީ ބަލަބަލައެވެ. މި ވޯޓުގައި އިންޑިއާ ވަކީން ފާހަގަކޮށް އިންޑިއާއިން މި ގަރާރަށް ވޯޓު ނުދިންކަމަށް މީޑިއާގެ ފަލަ ސުރުޚީތަކަށް އެރީ މި ދެންނެވި ފަދަ ކިތަންމެ ސަބަބަކާ ހުރެއެވެ.