އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
19 ނޮވެންބަރު 2026
(2026 ނޮވެންބަރު 18ވަނަ ދުވަހުގެ ނޫހާ ގުޅޭ)
ދޯހާ އިންސްޓިޓިއުޓް ފޮރ ގްރެޖުއޭޓް ސްޓަޑީޒްގެ ކްރިޓިކަލް ސެކިއުރިޓީ ސްޓަޑީޒްގެ އެސިސްޓެންޓް ޕްރޮފެސަރ މުހައްނަދު ސަލޫމް ވިދާޅުވީ، [ސިޔާސީ ގޮތުން ބަލާއިރު، ޖޫން މަހުގެ ފަހުމުނާމާ އުވުނު ޖުލައި މަހުން ފެށިގެން ވެސް އަހަރެމެން ތިބީ އެ ޙާލަތުގައި]ކަމަށެވެ. ނަމަވެސް، އެމެރިކާގެ ކަނޑުގެ ބަންދުކުރުންތަކާއި، ހުރުމުޒު ކަނޑުއޮޅި ސަރަޙައްދުގައި ދުވާލަކު އެއް ޙަމަލައަށް ވުރެ ގިނައިން ދޭ ޙަމަލާތަކާއި، އަދި ދެ ފަރާތުން ވެސް ދޭ ރައްދު ޙަމަލާތައް ހިމެނޭ މި ފަދަ ހަނގުރާމައަކަށް [ދިގުދެމިގެންވާ ހަނގުރާމަ] (ފްރޯޒަން ވޯރ) މި މަފުހޫމު ބޭނުންކުރުމަކީ ހަޤީޤަތަށް ވުރެ މާ ލުއިކޮށް ސިފަކުރާ ސިފަކުރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ވަނީ ޤަޝްމް ޖަޒީރާގައި ހުރި އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކަށް އަމާޒުކޮށްދިން ޙަމަލާތައް ހިމެނޭހެން، [ކުދިކުދި] ޙަމަލާތަކެއް ދީފައެވެ. އީރާނުން ވަނީ ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާން ހުއްދަލިބިފައިނުވާ ކަމަށް އެ ޤައުމުން ބުނާ ބޯޓުފަހަރަށް ޙަމަލާދީފައެވެ. ވިޔަފާރީގެ މަޢުލޫމާތު ފޯރުކޮށްދޭ 'ކުޕުލަރ' ކުންފުނީން ބުނެފައިވާ ގޮތުގައި، އެމެރިކާއިން އެއްގަމު މަގުން ގުޅިގެން އުޅަނދުފަހަރަށް ރައްކާތެރިކަން ދެމުންދާކަމަށް ބުނަމުންދިޔަ ނަމަވެސް، ނޮވެމްބަރު ހަތްވަނަ ދުވަހު ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ފަސް އުޅަނދެވެ. އަދި ޖެހިގެން އައި ދުވަހު އެއްވެސް އުޅަނދެއް ހުރަސްކޮށްފައެއްނުވެއެވެ.
"ހަނގުރާމައިގެ ސިފައާއި ސޫރަ މިހާރު ވަނީ ބަދަލުވެފައެވެ. ވައިގެ ޙަމަލާތަކުގެ ކެންޕޭނަކުން މިހާރު މިއޮތީ ޙިސާރުކުރުމަކަށް ބަދަލުވެފައި،" އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ސަލޫމް ވިދާޅުވިއެވެ. [އަދި ޙިސާރުތައް ނިމޭނީ ޙިސާރުކުރެވިފައިވާ ފަރާތް ބަލިވެގެން، ނުވަތަ އެ ޙިސާރު ފަޅައިލައިފައި ނުކުމެގެންނެވެ.]
އެމެރިކާއަށް އޮތް އިޚުތިޔާރުތަކަކީ ކޮބައިހެއްޔެވެ؟
ޓުރަންޕުގެ ހާލަތަށް ބަލާ އިރު، ހަނގުރާމަ މާ ބޮޑަށް ވަރުގަދަކުރުމަކީ މިވަގުތު ސިޔާސީގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމެކެވެ.
އޮކްޓޯބަރު މަހު، ޝިކާގޯ ކައުންސިލް އޮން ގްލޯބަލް އެފެއާޒްއިން ހެދި ސާވޭއަކުން ދައްކާގޮތުގައި، އެމެރިކާގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން ދެކޭ ގޮތުގައި މި ހަނގުރާމައަކީ ކުރާންޖެހޭ ހަނގުރާމައެއް ނޫނެވެ. އަދި އީރާނަށް ސިފައިން ފޮނުވުމާ މެދު ރައްޔިތުންގެ ބޮޑު ނުރުހުމެއް އޮތްކަން ވޯޓު ނެގުންތަކުން ތަކުރާރުކޮށް ފާހަގަވެފައިވެއެވެ.
މިޑް ޓަރމް އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ މައްޗަށް އޮތް ބާރު ރިޕަބްލިކަން ޕާޓީއަށް ގެއްލި ޑިމޮކްރެޓިކް ޕާޓީގެ އަތްމައްޗަށް ދިއުމާ އެކު، ވެންސް އެކްސް (ކުރީގެ ޓުވީޓަރ)ގައި ލިޔެފައިވަނީ، [ކޮންގްރެސްގެ ސެނެޓުގެ އަޣުލަބިއްޔަތު ކުރިއަށް އޮތް ހަ އަހަރަށް ގެއްލިދިޔުމަކީ ކުރާންޖެހޭވަރުގެ ކަމެއް]ކަމަށް ޤަބޫލުކުރާ ކޮންމެ މީހަކު އެ ކަން ފާޅުގައި ބުނާންޖެހޭނެ ކަމަށެވެ.
[ހަނގުރާމައަށް އޮތް ތާއީދު 31 އިންސައްތައަށް ވެއްޓިފައިވުމާއި، އަދި ކޮންގްރެސްގެ ބާރު ގެއްލިފައިވުމާ އެކު، އެއްގަމު މަގުން ލަޝްކަރު ފޮނުވުމުގެ ޚިޔާލަކީ މި ވަގުތު އެއްވެސް ބަޔަކު ބަލައިގަންނާނެ އަދި ގަބޫލުކުރާނެ ޚިޔާލެއް ނޫން]ކަމަށް ސަލޫމް ވިދާޅުވިއެވެ.
ނަމަވެސް، މިހާރު އޮތް ޙާލަތުގެ މައްޗަށް ބިނާކޮށް ހަނގުރާމަ ނިންމައިލުމަކީ ވެސް އެމެރިކާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
އީރާނުގެ ބަނދަރުތައް ބަންދުކުރުން ނިމުމަކަށް ގެނައުމާއި (މިއީ ތެލުގެ ބޭރު ޤައުމުތަކަށް އެކްސްޕޯޓުކުރުން ހުއްޓުވައި، އީރާނުގެ އިގުތިސާދު އިތުރަށް ބަލިކަށިކޮށްލުމަށް ރޭވިގެން ކުރި ކަމެކެވެ.) އަދި ހުރުމުޒް ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށުގައި އޮތް ގޮތަށް ދޫކޮށްލުމަކީ، އަށް މަސްދުވަހުގެ ހަނގުރާމައަކަށްފަހު ޓުރަންޕަށް ދެއްކޭނެ އެއްވެސް ނަތީޖާއެއް ނެތްކަން ހާމަވާނެ ކަމެކެވެ. ހަނގުރާމަ ފެށުމުގެ ކުރީން ކަނޑުއޮޅި އެންމެންނަށް މިނިވަންކަމާ އެކު ހުޅުވިފައި އޮތުމާ އަޅައިބަލާ އިރު، މި ގޮތަށް ކަންތައް ވުމަކީ މާ ގޯސް ޙާލަތަކަށް ވެގެންދާނެއެވެ.
އެސޯސިއޭޓެޑް ޕްރެސް ނޫސް އޭޖެންސީގެ ރިޕޯޓުތައް ބުނާގޮތުގައި، އީރާނުގެ މިހާރުގެ ސަރުކާރު އެ ގޮތުގައި ދެމި އޮއްވައި މި ކަމުން ބޭރުވެއްޖެ ނަމަ، އެއީ [ބަލިވުން]ކަމަށް ޓުރަންޕު ވަނީ ޤަބޫލުކޮށްފައެވެ.
އެކްސެޓަރ ޔުނިވަރސިޓީގެ ސްޓްރެޓަޖީ އެންޑް ސެކިއުރިޓީ އިންސްޓިޓިއުޓްގެ މުޙައްލިލެއްކަމަށްވާ ޠަލްޙާ ޢަބްދުއްރައްޒާޤު ވިދާޅުވީ، [އެއްގަމު މަގުން ސިފައިން ނުފޮނުވައި، އަސްކަރީ ގޮތުން މި ކަމަށް އެއްވެސް ޙައްލެއް ނުލިބޭނެ]ކަމަށެވެ. އެއްގަމު މަގުން ސިފައިން ފޮނުވާކަށް ޓުރަންޕު ބޭނުމެއްނުވެއެވެ. އަދި ޢާންމުން ވެސް ތިބީ [ޢިރާޤު ހަނގުރާމަ ނުވަތަ އަފްޣާނިސްތާނު ހަނގުރާމަ ފަދަ އިތުރު ހަނގުރާމައަކާ ކުރިމަތިލާން ބިރުންނެވެ.] މި ސަބަބާ ހުރެ، ޢަބްދުއްރައްޒާޤު ވިދާޅުވީ [ދެ ފަރާތުން ވެސް އެ މީހުންގެ މަޝްވަރާގެ މަޤާމުތަކުން ދޫދޭން ބޭނުންނުވާތީ، މި ހަނގުރާމަ މި ގޮތަށް ދިގުލައިގެންދާނެ]ކަމަށެވެ.
ޢަބްދުއްރައްޒާޤު ވިދާޅުވީ ޓުރަންޕު ބޭނުންވަނީ ރައީސް ބަރަކް އޮބާހާ ވެރިކަމުގައި އީރާނާއެކު 2015 ވަނަ އަހަރު ހެދުނު ނިޔުކުލިއަރު އެއްބަސްވުމަށްވުރެ މާ ވަރުގަދަ މާ ފުޅާ އެއްބަސްވުމަކަށެވެ. ކުރީގެ އެ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ ޔޫރޭނިއަމް ފައްކާކުރުން ޙުދޫދުކޮށް، ބައިބަލްއަގުވާމީ އިންސްޕެކްޝަންތަކަށް އެއްބަސްވެފައެވެ.
ނަމަވެސް ޓުރަންޕުގެ ފުރަތަމަ ދައުރުގައި އެމެރިކާ ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ. [އޭނާއަކަށް އެ ފަދަ އެއްބަސްވުމެއް ޤަބޫލުކުރުމުގެ ސިޔާސީ އެއްވެސް ޖާގައެއްނެތެވެ. އަދި އީރާނުން ވެސް ތިބީ އެފަދަ ޝަރުޠުތަކަކާ ދެން އެއްބަސްވާ ގޮތަކަށްނޫނެވެ.] ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ.
މި ކަމުގެ ސަބަބުން ޓުރަންޕު ހުރީ [ހަތަރު އުދަރެސް ފެނަށްޖެހިފައި]ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސަށް އޮތް ގޮތަކީ ކޮންމެވެސް އެއް ގޮތަކުން ހަނގުރާމަކޮށްގެން ކާމިޔާބުކުރާން އުޅުމެވެ. ނުވަތަ ކުދި ޝަރުޠުތަކެއް ޤަބޫލުކުރުމެވެ. ނޫން ނަމަ، ހަނގުރާމަ އޮންނާނީ [ދެ ފަރާތުން ދޭތެރެދޭތެރެއިން ދޭ ރައްދު ޙަމަލާތަކާ އެކު ދިގުލައިފައެވެ.]
ޢަބްދުއްރައްޒާޤު އިތުރަށް ވިދާޅުވީ، އެމެރިކާއިން އިސްނަގައިގެން ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަދަކޮށްފާނެކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައެވެ. އެއީ އެމެރިކާގެ ކޮންގްރެސް ރަސްމީކޮށް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް ދިއުމުގެ ކުރީންނެވެ.
ޖެނުއަރީ މަހާ ހަމައަށް، ހިނގަމުންދާ ކޮންގްރެސްގެ ކުޑަ އަޣުލަބިއްޔަތެއް އޮތީ ރިޕަބްލިކަނުންގެ އަތުގައެވެ. ޢަބްދުއްރައްޒާޤު ވިދާޅުވި ގޮތުގައި މިއީ ޓުރަންޕަށް ލިބިފައިވާ [ކުޑަ ފުރުޞަތެއްގެ ދޮރެކެވެ.] ޚާއްޞަކޮށް ޑިސެންބަރު މަހުގެ ނިޔަލަށް އެމެރިކާގެ ހަނގުރާމަމަތީ ތިން މަނަވަރެއް ސިފައިންނާ އެކު، އެ ސަރަޙައްދުގައި ގާއިމުވެ އޮންނާނެކަމަށް ބެލެވޭތީއެވެ.
އެ ފުރުޞަތުގެ ބޭރުން، އެމެރިކާއިން މާ ބޮޑަށް ބޭނުންވާނީ [ހަނގުރާމަ ނުހުއްޓި ނުފެއްޓި] އޮންނަ ޙާލަތެއްކަމަށް ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި، އީރާނަށް ވުރެ ބޮޑަށް އިގުތިސާދީ ވޭން ތަހައްމަލުކުރުމުގެ ޤާބިލުކަން އެމެރިކާގެ ކިބައިގައި އެބަ ހުރިކަމަށް އެމެރިކާއިން ޤަބޫލުކުރާކުރުން [ރަނގަޅެވެ.]
ނަމަވެސް ދޯހާ އިންސްޓިޓިއުޓްގެ ސަލޫމް އިންޒާރުދެއްވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި އެއާ ކައިރި ސަރަޙައްދުތަކުގައި ހިންގާ ޙިސާރު ދެމި އޮންނާނީ އޭގެ ސަބަބުން ކުރާ ޚަރަދު މާ ބޮޑުނުވާ ނަމައެވެ. [އެމެރިކާގެ ގިނަ މީހުން މަރުވުމާއި، ތެލުގެ އަގު އަނެއްކާ ވެސް އުފުލިގެންދާ ފަދަ ހާލަތެއް އައުމަކީ ޓުރަންޕަށް ވެސް އުނދަގޫ ކަމަކަށްވާނެއެވެ. އަދި އީރާނުން އެ މީހުންގެ އަތުގައިވާ 440 ކިލޯގްރާމުގެ ޔުރޭނިއަމް މަތީ ފެންވަރަކަށް ތަރައްގީކޮށްފި ނަމަ ދެން ވާނެ ގޮތަކާ މެދު ވެސް ޓުރަންޕު ކަންބޮޑުވެއެވެ.
އީރާނުގެ އަންދާޒާކުރުން މިހާރު ހުރީ ކިހިނެއް؟
އީރާނު ވެސް އޮތީ އެ ޤައުމުގެ އަމިއްލަ ނުތަނަވަސްކަމެއްގައެވެ. ރަސްމީކޮށް ހަނގުރާމަ ހުއްޓައިލުމާއި، ކަނޑުއޮޅި އަލުން ހުޅުވުމާއި، އަދި ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި އީރާނުން ވަނީ ހަތް ޝަރުޠެއް ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އެމެރިކާއިން ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައިވާ ބަންދުކުރުން އުވައިލުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓައިފައިވާ ފައިސާ ދޫކޮށްލުމާއި، އަދި އިޒުރޭލުން ލުބުނާނުގައި ދޭ ޙަމަލާތަކާއި (ޔަމަނާއި ޢިރާޤަށް އަމާޒުކޮށްދޭ ޙަމަލާތައް ހިމެނޭހެން) ހުރިހައި ދިމާއަކުން ހަނގުރާމަ ހުއްޓައިލުން ހިމެނެއެވެ. ޤާލިބާފް ވިދާޅުވެފައިވާ ގޮތުގައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވިދާނެއެވެ. ނަމަވެސް، ހަނގުރާމައިގެ ކުރީން އޮތް ފަދައިން އެއްވެސް ފީއެއް ނުނަގާ ގޮތަށް [އެ ކަން ދުވަހަކު ވެސް ކުރިއަކަށްނުދާނެއެވެ.]
ނަމަވެސް، ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައި އޮތުމާއި، އެތައް އަހަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަދި ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއިން އީރާނާ އެކު ވިޔަފާރިކުރާ ޤައުމުތަކާއި ފަރާތްތަކާ ދެކޮޅަށް އަޅާން ފެށި އިގުތިސާދީ އާ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤުތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އީރާނުގެ ރަސްމީ ތަފާސްހިސާބު އާންމުކުރާ އިދާރާއިން ބުނިގޮތުގައި މާރިޗު މަހާއި ޖޫން މަހާ ދެމެދު އެ ޤައުމުގެ އިގުތިސާދު ވަނީ 10.1 އިންސައްތަ ދަށަށް ގޮސްފައެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި ސެޕްޓެންބަރު މަހު އަހަރީ ލާދަ (އިންފްލޭޝަން) ހުރީ 83.8 އިންސައްތައިގައެވެ. އަދި އީރާނުގެ ފައިސާ (ރިޔާލު)ގެ އަގު ވަނީ އެކި ފަހަރުމަތިން އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ.
[އީރާނަށް އޮތް އަސްކަރީ ނޫން އެންމެ ރަނގަޅު ގޮތަކީ ޤަޠަރު ފަދަ ސަރަޙައްދީ މެދުވެރީން މެދުވެރިކޮށް ސިޔާސީ މަޝްވަރާތައް ކުރުމެވެ.] ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ. [ނަމަވެސް އެމެރިކާގެ ޝަރުޠުތަކުގެ މައްޗަށް އެއްބަސްވުމަކަށް ދާން އީރާނު ބޭނުމެއް ނުވެއެވެ. އެހެންކަމުން އިގުތިސާދީ ފިއްތުންތަކުގެ ސަބަބުން ވެރިކަން ކުރާ ފަރާތަށް އިތުރަށް ނުރައްކާތެރި އަދި ނުތަނަވަސް ޙާލަތަކާ ކުރިމަތިލާންޖެހިދާނެއެވެ.]
އޭނާ އިތުރަށް ވިދާޅުވީ، ޗައިނާއަށް ތެޔޮ ވިއްކުން އިތުރުކޮށްގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އީރާނުން [މަސައްކަތްކުރަމުންދިޔަ ނަމަވެސް، ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ކަމަށް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައި]ކަމަށެވެ.
[އީރާނަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ސަލާމަތީ މަގުތަކުގެ ޒަރީޢާއިން ފާޅުނުވާ ގޮތަށް ކަންކަން ކުރުމެވެ.] ސަލޫމް ވިދާޅުވިއެވެ. [ޤަޠަރުގެ ހުށަހެޅުމުގެ ދަށުން، ކަނޑުގެ ބަންދުކުރުން އުވައިލާ ފަދައިން، ބޮމުގެ ޙަމަލާތައް ލިބިފައިވާ ތަންތަނަށް އިންސްޕެކްޓަރުން އަނބުރައި ގެންދެވިދާނެއެވެ.]
އޭނާ ވިދާޅުވި [އަނެއް ގޮތަކީ 1973 ޢަސްކަރީ ޙާލަތުގައި މިޞްރުން 'ހަނގުރާމައެއް ވެސް ނޫން، އަދި ސުލްހައެއްވެސް ނޫން'ގެ ޙާލަތު ބަދަލުކޮށްލަން ބޭނުންކުރި 'ސާދާތު އިޚުތިޔާރު'ކަމަށްވާ، މަޝްވަރާތަކަށް މަޖުބޫރުކުރުމަށް ޓަކައި ކުޑަ ހަނގުރާމައެއް ފެށުމެވެ. ޣާލިބާފް ދައްކަވާ 'ދެމެހެއްޓެނިވި ދިފާޢު'ގެ ވާހަކަތަކުން ދައްކުވައިދެނީ އީރާނުގެ ބައެއް ވެރީން އެ ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާކަމެވެ.]
ޢަބްދުއްރައްޒާޤު ވިދާޅުވީ، [ދުޝްމަނުން އަބަދުވެސް އަމިއްލަ ގޮތްތަކެއް ގެންގުޅޭނެއެވެ... އެމެރިކާގެ ކަނޑުގެ ބަންދުކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމަށް ޓަކައި، ގަލްފުގެ ޢަރަބި ޤައުމުތަކުގެ ތެލުގެ އުފެއްދުންތެރީންނަށް ޙަމަލާދީގެން މުޅި ދުނިޔެއަށް އިގުތިސާދީ ވޭން ޖެއްސުމަށް ޓަކައި އީރާނުން އަމިއްލައަށް އިސްނަގައިގެން ހަނގުރާމަ ވަރުގަދަކޮށްފާނެއެވެ.] އަދި އޭނާ އިތުރަށް ވިދާޅުވީ މިއީ [ބައިނަލްއަގުވާމީ އަދި ދާޚިލީ ސިޔާސީ ފިއްތުންތައް ޓުރަންޕުގެ ސަރުކާރަށް ކުރިމަތިކުރުވައި، އީރާނަށް ފައިދާހުރި އެއްބަސްވުމަކަށް އައުމަށް މަޖުބޫރުކުރުމުގެ ގޮތުން ކޮށްފާނެ ކަމެކެވެ.] (ނުނިމޭ)