ad_banner
އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ "ހައްލެއް ނެތް އަރައިރުމަކަށް" ބަދަލުވަނީހެއްޔެވެ؟ (1)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

18 ނޮވެންބަރު 2026

މިއީ [އަލްޖަޒީރާ]ގައި 2026 ނޮވެންބަރު 17ގައި ޙިބާ ޙަބީބު ލިޔުއްވައިފައިވާ ތަޙުލީލީ މަގާލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މަގާލެކެވެ. މި މަގާލުގެ ސުރުޚީގައި [ހައްލެއް ނެތް އަރައިރުމެއް]ކަމަށް އަޅުގަނޑު ލިޔެފައި އެ ވަނީ [ފްރޯޒަން ކޮންފްލިކްޓު]ގެ މާނައިގައެވެ. އެއީ ސީދާ ހަނގުރާމައެއް ވެސް ނުކޮށް ސުލްޙައެއް ވެސް ގާއިމުނުކޮށް ސުލްހައިގެ މަގުތައް [ތަޅުއެޅުވިފައި] އޮންނަ ޙާލަތެކެވެ. އެހެންކަމުން [ހައްލެއް ނެތް އަރައިރުމެއް] އަޅުގަނޑު ބޭނުންކޮށްފައި ވިޔަސް އެއީ އެ މަފުހޫމުގެ އެންމެ ރަނގަޅު ތަރުޖަމާކަމަށް ނުފެންނާތީ، މި މަގާލުގައި ތިޔަ ބޭފުޅުންގެ އިޒުނަފުޅާ އެކު މީގެ ފަހުން[ފްރޯޒަން ކޮންފްލިކްޓް] މި މަފުހޫމު ބޭނުންކުރާނަމެވެ.

މި ސުވާލު އުފައްދާންޖެހުނީ އެމެރިކާގެ ރައީސް ދައްކާ ވާހަކައިން، ހަނގުރާމަ ނިންމާން އޭނާ ބޭނުންނުވާކަން ދޭހަވާތީއެވެ. އޭނާ ކުރީން އުޅުނީ މިޑްޓަރމް އިންތިޚާބުގެ ކުރީން އެ ކަން ނިންމާށެވެ. މިހާރު އިންތިޚާބު ނިމި ނާކާމިއާ ކުރިމަތިވުމުން ދެން އޭނާ ބޭނުންވަނީ ދެން ހަނގުރާމަ ދިގުދަންމާށެވެ. އެހެނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމައިލުމަށް ވޮޝިންޓަނުން އަވަސްވެގަންނާން ނުޖެހޭކަމަށް ޓުރަންޕު ވަނީ މީސްމީޑިއާގައި އިޝާރާތްކޮށްފައެވެ.

[އަޅުގަނޑުމެންނަށް އީރާނާ އެކު އެއްވެސް އެއްބަސްވުމެއް [މިހާރަކު] ބޭނުމެއް ނޫނެވެ.] ހަފުތާ ބަންދުގެ ކުރިން ޓުރަންޕު އޭނާގެ 'ޓްރޫތު ސޯޝަލް' މަންސައިގައި ލިޔެފައިވެއެވެ. [އެ ދުވަސްތައް މާޒީވެއްޖެއެވެ. އަހަރެމެންގެ އަތުގައި އެ މީހުންގެ ފައިސާ، ސަތޭކަ ބިލިއަނުން ގިނަ ފައިސާ އެބަ ހުއްޓެވެ. އަދި އަހަރެމެންގެ އަތުގައި އެމީހުންގެ ކަނޑުއޮޅި ވެސް އެބައޮތެވެ!] މިއީ ގަލްފު (ފާރިސީ ކޮއްލަވާނި)އާއި ކަނޑުގެ އާންމު ސަރަޙައްދު ގުޅުވައިދޭ ހުރުމުޒު ކަނޑުއޮޅިއަށް ނިސްބަތްކޮށް ލިޔެފައިވާ އެއްޗެކެވެ.

ހަމަ އެ ޕޯސްޓުގައި ޓުރަންޕު ވަނީ، ޑިމޮކްރެޓުންގެ ބާރުގެ ދަށުގައިވާ ސިޓީތަކުގައި ހުރިކަމަށް ބުނާ [ކޮރަޕްޝަނާއި އެކި ޖަރީމާތަކާ]ދެކޮޅަށް ފުރިހަމަ ސަމާލުކަމެއްދިނުމަށް ވަނީ ނައިބު ރައީސް ޖޭ.ޑީ. ވެންސްއަށް އަންގައިފައިކަމަށް ވެސް ބުނެފައެވެ. އީރާނާއެކު މަޝްވަރާތައް ކުރުމުގައި އިސްކޮށް އުޅުނީ ވެންސެވެ. އެ މަޝްވަރާތަކުގެ ސަބަބުން ޖޫން މަހު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެވުނެވެ.

ނަމަވެސް ފަހަކަށް އައިސް ޓްރަމްޕްގެ ފަރާތުން ފެންނަމުންދަނީ އެކި ފަހަރު އެކި ކަހަލަ ތަފާތު އިޝާރާތްތަކެކެވެ.

ފާއިތުވި ހަފުތާގެ ކުރީކޮޅު އޭނާ ބުނެފައިވަނީ، އަސްކަރީ ގޮތުން ބަލާއިރު ހަނގުރާމަ [މިހާރު ނިމިފައިވާ]ކަމަށެވެ. ނަމަވެސް، ސިޔާސީ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަލުން ޙަމަލާތައް ފަށަން [ފަސްނުޖެހޭނެ]ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޓުރަންޕުގެ މި ފަދަ ތަފާތު ވާހަކަތައް މި އިވޭންފެށީ ނޮވެމްބަރު 3ގައި ބޭއްވުނު މެދު ދައުރުގެ އިންތިޚާބުގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ. ވެންސް ބުނެފައިވާ ގޮތުގައި، މި ނާކާމިޔާބީއާއި ޚާއްޞަކޮށް ތެލުގެ އަގު އުފުލިގެންދިއުމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމަކީ، އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުރުހުމުގެ ސަބަބުން ވީ ކަމެކެވެ.

މި ހަނގުރާމަ މިހާރު މިސްރާބުޖަހާފައިވަނީ ކޮން ދިމާއަކަށްކަމާއި، އަދި [ފްރޯޒަން ކޮންފްލިކްޓްތައް] ނިމެނީ ކޮންކަހަލަ ގޮތަކަށްކަން ތާރީޚުން ދައްކައިދެނީ ކޮން ވާހަކައެއްހެއްޔެވެ؟ މި މަގަލުގެ ފަހުބައިގައި އެ ކަމާ ބެހޭ ގޮތުން ވެސް ހިސާބަކަށް ބާހަކދައްކައިލާނެމެވެ.

އެމެރިކާއާއި އީރާނުން މިހާރު ބޭނުންވަނީ ކޮން ކަމެއް؟

ޓުރަންޕު ދައްކަމުން ގެންދާ ތަފާތު ވާހަކަތަކާއި، ހަނގުރާމައަށް ފާޑުކިޔަމުން ނާއިބު ރައީސް ވެންސް ދައްކާ ވާހަކަތަކުން ދައްކުވައިދެނީ ޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަންކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަދި ސަރުކާރުގެ މަދު ބައެއް އޮފިޝަލުންނަށް މި ހަނގުރާމަ ނުނިމި، އެ ގޮތަށް އޮތުމަކީ މާ ބޮޑަށް ފަސޭހަ ކަމަކަށްވެފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

އެހެންކަމަށްވާ ނަމަ، އީރާނުގެ ބަނދަރުތައް ބަންދުކޮށް އެމެރިކާއިން ކަނޑުގެ ސަރަޙައްދުން ހިންގާ ދަތުރުފަތުރުގެ ހުރަސްތަކާއި، އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓޭނެއެވެ. މިއީ އީރާނުން ދެކޭ ގޮތުގައި އެ ޤައުމުގެ ރަތްރޮނގެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، މި ފިޔަވަޅުތައް ނައްތައިނުލަނީސް ހުރުމުޒް ކަނޑުއޮޅި އަލުން ނުހުޅުވާނެކަމަށާއި، އަދި އެހެނިހެން ކަންކަމުގެ އިތުރަށް މި ކަންކަން ޙައްލުނުވެ ސުލްހައިގެ މަޝްވަރާތަކަށް ނުދާނެކަމަށެވެ.

ނޮވެމްބަރު 9 ވަނަ ދުވަހު ރައީސް މަޙުމޫދު ޕެޒެޝްކިޔާން ވިދާޅުވީ، [ހަނގުރާމައެއްވެސް ނޫން، އަދި ސުލްހައެއްވެސް ނޫން]ގެ މި ޙާލަތު ނިމުމަކަށް ގެނައުމަށް އެ ޤައުމުގެ އެންމެ އިސް ވެރިޔާ (ރޫޙީ ލީޑަރު) މުޖްތަބާ ޚާމަނާއީ އޮފިޝަލުންނަށް އަންގަވައިފައިވާކަމަށެވެ.

ޕެޒެޝްކިޔާން އިތުރަށް ވިދާޅުވީ، މަޝްވަރާކުރުމަށް އީރާނު އޮތީ ތައްޔާރަށްކަމަށެވެ. ނަމަވެސް އެއްވެސް ބިރުދެއްކުމަކަށް ނުވަތަ މަޖުބޫރީ ޙާލަތަކަށް އީރާނު ނުގުޑާނެކަމަށެވެ. އީރާނުގެ މަޝްވަރާކުރާ އިސް މަންދޫބު ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، [މަޝްވަރާތަކަށް އީރާނުން ހުށަހަޅާ ޝަރުޠުތައް ޤަބޫލުކުރުން ނުވަތަ ހަނގުރާމަ ކުރިއަށް ގެންދިއުން މި ދެ ގޮތުން ކުރެ ގޮތެއް ޚިޔާރުކުރާން އެމެރިކާއަށް ހުށަހަޅައިފައިވާތީ މިހާރު ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި]ކަމަށެވެ.

[ފްރޯޒަން ކޮންފްލިކްޓް]އަކީ ކޮބާ؟

މި އިސްތިލާހަށް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ ވަކި އެއް ތަޢާރަފެއް ނެތެވެ. އާންމުކޮށް މި މަފުހޫމު ބޭނުންކޮށް އުޅެނީ، ބޮޑެތި ހަނގުރާމަތައް ހުއްޓިފައި ނުވަތަ ވަރަށް ބޮޑަށް މަޑުޖެހިފައިވީ ނަމަވެސް، އެއްވެސް ސުލްހައިގެ އެއްބަސްވުމަކަށް ނުވަތަ ސިޔާސީ ޙައްލަކަށް އާދެވިފައިނުވާ ހަނގުރާމަތަކަށެވެ. ހަނގުރާމަ އުފެދޭން މެދުވެރިވި އަސްލު ސަބަބުތައް ވެސް އޭރު އޮންނަނީ ޙައްލުނުކުރެވިފައެވެ.

އެއަށްފަހު ހަނގުރާމައިގެ ކުރިމަތިލާ ސަރަޙައްދުތައް ނުވަތަ ބާރު ހިންގާ ފަރާތްތަކުގެ ކޮންޓުރޯލު ހަރުދަނާވެ، ޢަމަލީ ގޮތުން ވުޖޫދުގައިވާ ޙާލަތަކަށް ބަދަލުވެގެންދެއެވެ. މިސާލަކަށް، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމާއި، ހުއްދަ ލިބިފައިނުވާކަމަށް ބުނެ ހުރުމުޒް ކަނޑުއޮޅީން ދަތުރުކުރާ މަނަވަރާއި ބޯޓުފަހަރަށް އީރާނުން އަމާޒުކުރުމާއި އަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް މިސައިލް ޙަމަލާދިނުން ފަދަ ކަންކަން ހިމެނެއެވެ.

ދެ ފަރާތުން ވެސް އެ މީހުންގެ އަސްކަރީ ލަޝްކަރުތައް ކުރީން ތިބި ތަންތަނުގައި އެބަ ތިބެއެވެ. އާންމުކޮށް މި ފަދަ ތަންތަން ވަކިކޮށްދެނީ ހަނގުރާމަ ހުއްޓައިލައިފައިވާ ރޮނގަކުން (ނުވަތަ ބަފަރ ޒޯނަކުން)ނެވެ. ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ނުގެނެސް، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ނުވަތަ ޞުލްޙައިގެ ވަގުތީ ފިޔަވަޅުތަކަށް އެއްބަސްވެދާނެއެވެ. ޕާކިސްތާނުގެ އިސްލާމާބާދުގައި ޖޫން މަހު ސޮއިކުރެވުނު ފަހުމުނާމާ (އެމްއޯޔޫ) ފަދަ ލިޔުންތަކަކީ ހަފުތާތަކެއްގެ ތެރޭގައި ބޭކާރުވެ، އޭގެ ތަބީއަތުގައި އުވިފައިވާ ލިޔުންތަކެވެ.

[ފްރޯޒަން ވޯރ ނުވަތަ ފްރޯޒަން ކޮންފްލިކްޓް] މި މަފުހޫމު އާންމުވެގެންދިޔައީ 1990 އާއި 2000އާ ދެމެދުގެ އަހަރުތަކުގައި، ކުރީގެ ސޮވިއެޓް ޔޫނިއަންގެ ސަރަޙައްދުތަކުގައި ހިނގަމުންދިޔަ ހަނގުރާމަތައް ސިފަކުރުމަށެވެ. އޭގެތެރޭގައި މޮލްޑޯވާގެ ޓްރާންސްނިސްޓްރިއާ، ޖޯޖިއާގެ އަބްޚާޒިއާ އަދި ދެކުނު އޮސެޝިއާ، ހިމެނެއެވެ.

[ފްރޯޒަން ކޮންފްލިކްޓް]ގެ ޙާލަތަކީ ނުވަތަ [ނުފެއްޓި ނުހުއްޓި] އޮންނަ ހަނގުރާމައިގެ ޙާލަތަކީ ކޮންމެހެން ސުލްހަވެރި ޙާލަތެއް އޮންނަ ކަމެއްނޫނެވެ. ކުދިކުދި ކުރިމަތިލުންތަކާއި، ބަނދަރުތައް ބަންދުކުރުމާއި، އިޤްތިޞާދީ ހަނގުރާމަތަކާއި، އަދި ދޭތެރެދޭތެރެއަށް ހަނގުރާމައިގެ އަލިފާންގަނޑު ފަޅައިގެންދިއުމަކީ އާންމުކޮށް ހިނގާ ކަންކަމެވެ. މި ފަދަ ޙާލަތެއްގެ އެންމެ ބޮޑު ސިފައަކީ، އެއްވެސް ފަރާތަކަށް މުޅިން ފުރިހަމަ ކާމިޔާބީއެއް ހޯދައިނުދެވުމާއި، އަދި ދާއިމީ ސުލްހައަކަށް ޓަކައި ބޭނުންވާ ފަދަ ދޫދިނުންތަކެއް ދޭން އެއްވެސް ފަރާތަކުން ބޭނުންނުވުމެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ [ފްރޯޒަން ވޯރ]އަކަށް ބަދަލުވެދާނެ ހެއްޔެވެ؟

މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހު، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ޙަމަލާތަކާއެކުއެވެ. އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވި މަޝްވަރާތަކަށްފަހު ޖޫން މަހު ވަނީ ފަހުމުނާމާއެއްގައި (އެއްބަސްވުމެއްގައި) ސޮއިކޮށްފައެވެ. އޭގެ ސަބަބުން ހަނގުރާމަ ހުއްޓި، އެމެރިކާއިން ބަންދުކޮށްފައި އޮތް ބަންދުކުރުން ވަގުތީގޮތުން އުވައިލެވުނެވެ. ނަމަވެސް، ޚާއްޞަކޮށް ހުރުމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، މާގިނަ ދުވަހެއް ނުވެ އެ އެއްބަސްވުން ނެތިގެންދިޔައެވެ. އަދި ޖުލައި 14ވަނަ ދުވަހު ވޮޝިންޓަނުން ވަނީ އަނެއްކާ ވެސް ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައެވެ.

ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ކްރިޓިކަލް ސެކިއުރިޓީ ސްޓަޑީޒްގެ އެސިސްޓެންޓް ޕްރޮފެސަރ މުހައްނަދު ސަލޫމް ވިދާޅުވީ، [ސިޔާސީ ގޮތުން ބަލާއިރު، ޖޫން މަހުގެ ފަހުމުނާމާ އުވުނު ޖުލައި މަހުން ފެށިގެން ވެސް އަހަރެމެން ތިބީ އެ ޙާލަތުގައި]ކަމަށެވެ. ނަމަވެސް، އެމެރިކާގެ ކަނޑުގެ ބަންދުކުރުންތަކާއި، ހުރުމުޒު ކަނޑުއޮޅި ސަރަޙައްދުގައި ދުވާލަކު އެއް ޙަމަލައަށް ވުރެ ގިނައިން ދޭ ޙަމަލާތަކާއި، އަދި ދެ ފަރާތުން ވެސް ދޭ ރައްދު ޙަމަލާތައް ހިމެނޭ މި ފަދަ ހަނގުރާމައަކަށް [ދިގުދެމިގެންވާ ހަނގުރާމަ] (ފްރޯޒަން ވޯރ) މި މަފުހޫމު ބޭނުންކުރުމަކީ ހަޤީޤަތަށް ވުރެ މާ ލުއިކޮށް ސިފަކުރާ ސިފަކުރުމެއްކަމަށް އޭނާ ވިދާޅުވިއެވެ. (ނުނިމޭ)

 

ކޮމެންޓު